November 23, 2024 00:24
Advertisement

-Advertisement-

އެވޭލާ ހާދިސާ: ދަރިއަކަށް ދޮންމަންމައެއްގެ ނުބައިކަން

ހަވީރު ހަތަރެއްޖަހައިފިއެވެ. އޭނަ އެއިނީ އެކަނި ކުނަހަންދޫ ގޮނޑުދޮށުގައެވެ. ގޮނޑުދޮށަށް ބީއްސަމުންދާ ކުދިކުދި ރާޅުތަކާއި ކުޅެލަކުޅެލައެވެ. އޭނައެއިން ހިސާބާއި މާދުރުނޫން، އެހެންނަމަވެސް 50 ފޫޓް ދުރުގައި ކާޅުތަކާއި ކުކުޅުހާ އެއެއްޗެހީގެ ރޭގަނޑުގެ ކެއުން ހޯދުމަށްޓަކާ ކުކުރަމުން ދެއެވެ. މަދުންނަމަވެސް އަންހެންވެރިން ޑަސްޓްބިން އުކާފަދާ މަންޒަރުވެސް އެބަފެނެއެވެ. ކިރިޔާ ލޮލަށް ފެންނަހިސާބުގައި ނަނުއެއްލައިގެން ކުއްޖަކު ހުއްޓެވެ. ހީވަނީ މިރަށު ކުއްޖެއް ނޫންހެނެވެ. މިރަށުގެ ކުދިން ދުވަހަކުވެސް ހަވީރުގަޑީގައި ފުއްޓަރު ފަރާތައް ނަނު އުކަން ނުދާނެއެވެ.

ކުއްލިއަކަށް ނޭފަތުގައި އެޖެހުނީ މޮޅު ސެންޓެއްގެވަހެވެ. މަސްބާނަން ހުރިމީހާ މިހާރު އަހަންނާއި ވަރަށް ކައިރިވެއްޖެއެވެ. އޭނަ ސަލާމް ގޮވާލިއެވެ. އަހަރެން ބޯހިއްލާ ބަލާލީމެވެ. އަދި ސަލާމުގެ ޖަވާބު ދިނީމެވެ. ޝައުޒީން ކުޑަކޮށް މަޑުކޮށްލިއެވެ. ތިއީ ކޮންކުއްޖެއްތޯ އަހާލިއެވެ. އަހަރެން ބުނީމެވެ. މިއީ ސާދާ. ސާދާ އެކަނިވެފައި ފުއްޓަރު އަތިރީގައި ތިއިނީ ކީއްވެތަ.؟

ސާދާ: އަހަންނަކީ އަބަދުވެސް އެކަނިވެރިއަކީމުއެވެ. އަޅާލާނެ ވާލެއް އިޔާރެއްނެތި ބިކަވެފައިވާ މީހަކީމެވެ. ވަރަށް ކުޑައިރު މަންމަ ނިޔާވެއްޖެއެވެ. އުޅެމުން އަންނަނީ އަނިޔާވެރި ދޮންމަންމައެއްގެ ގާތުގައެވެ. ބައްޕަގެ އެހީތެރިކަމެއްވެސް ނުލިބެއެވެ. ގޭގައި ކުރާހާމަސައްކަތެއް ކުރުމަށްފަހު އަނިޔާވެރި ދޮންމަންމަގެ އަތުން ލިބެނީ ހަމައެކަނި ކާއެތިކޮޅެވެ. ކާއެތިކޮޅުވެސް ލިބެނީ ހަމަކިރިޔާ މޭހޫނުފިލާވަރުގެ އެތިކޮޅެކެވެ. ބައެއްފަރު އެއެތިކޮޅުވެސް އިރުންއިރަށް އޮންނަނީ ނުލިބިފައެވެ. ބައެއްދުވަހު ހާންތިވެސްވެއެވެ. ގޭގެ މަސައްކަތް ކުރަންޖެހުމުން ބޭރަށް ނުކުމެއުޅޭނެ ވަގުތެއްވެސް ވަރަށް ނުލިބެއެވެ. މިއަދު ވަގުތެއް ލިބުނީމާ އައިސް މިތަނުގައި އިނދެވުނީއެވެ.

Advertisement

ޝައުޒީނަކީ ކޮންރަށެއްގެ ކުއްޖަކީމުތަ؟ އަހަންނަކީ ގަމު މުކުރިމަގު ކުއްޖަކީމެވެ. ރައްޓެއްސަކާއެކު ކުނަހަންދުއަށް އައިސްގެން އުޅެނީއެވެ. ޝައުޒީން ބުނެލިއެވެ. އަދި ސާދާގެ ތިވާހަކަ ތަކަށް އަހަރެން ހަމްދަރުދީވަމެވެ.

ސާދާ: އަހަރެންދެކެ މީހަކުވާނީ ކޮން ހަމްދަރުދީއެއްތަ؟ އަހަންނަކީ ދުނިޔޭގައި ނިކަމެތިވެފައިވާ ޢަރީބަކީމެވެ. ބައްޕަ އާއި ދޮންމަންމަ ނުވި ހަމްދަރުދީއެއް ދެންވާނީ ފަހެ ކާކުބާވައޭ.؟ ﷲ އިރާދަކުރެއްވި މުއްދަތަކަށް މިޙާލުގައި އުޅޭނަމެވެ. ކެތްކުރާނަމެވެ. މިއީ ތަޤުދީރުގައި މިއަޅާއިމެދު މެދުވެރި ކުރެއްވިގޮތެވެ. އިރާދަކުރެއްވިއްޔާ ދޮންމަންމަގެ ވަކިތަކުން މިއަޅާއަށް ސަލާމަތްކަން ދެއްވާށިއެވެ. މިއަޅުގެ ދުޢާއަކީ އެއީއެވެ. އަނިޔާލިބިފައިވާ މީހާގެ ދުޢާ އާއި ﷲގެ ހަޟުރަތާއި ދެމެދު އެއްވެސް ހުރަހެއް ނުވޭ ނޫންތޯއެވެ. އަނިޔާކުރުމުގައިވެސް ދޮންމަންމައާއިއެކު ބައްޕަގެ ގޮއްމުށުގެ ބާރު އަހަންނަށް ދައްކައެވެ. ޝައުޒީންއަށް މިކިޔާދެވުނީ އަހަރެންގެ ހަޔާތުގެ ބައެއް ވާހަކަތަކެވެ. ހަމަޔަގީނުންވެސް މިދުވަސްތައް އަހަރެންގެ ހިތުން ދުވަހަކުވެސް ނުފުހެވޭނެއެވެ.

މަންމަ ދެއްވި ނަސޭހަތަކީ އަބަދުވެސް ކެއްތެރިވުމަށެވެ. އަދި ބޮޑެތިމީހުންނަށް އިހްތިރާމް ކުރުމަށެވެ. ކުޑަކުދިންނަށް އޯގާތެރިވުމަށެވެ. ދައްކާވާހަކަ ތަކުގައި ތެދުވެރިވުމަށެވެ. ދޮގުހެދުމާއި މަކަރު ހެދުމަކީ އަހަރެންގެ ގާތުގައި އެއީ އިންސާނާ މަގުފުރައްދާ ދެކަމެވެ. މަންމަ ދެއްވި އިރުޝާދު މިއަދުވެސް އަހަރެންގެ ސިކުނޑީގައި ވަނީ ބިންވަޅުނެގިފައެވެ. މިހެންބުނުމާއެކު ސާދާއަށް ރޮވިއްޖެއެވެ. ޝައުޒީން ބުންޏެވެ. ސާދާއެވެ. ނުރޯށެވެ. ސާދާއަށްވެސް ކޮންމެވެސް ހެޔޮރަހުމަތެއް ލައްވާފާނެކަން ނޭނގެއެވެ. ދެންއަވަހަށް ގެއަށްދާށެވެ. މިހާރު އެއޮތްގެން އިރުއޮއްސެނީއެވެ. އާނ! ދެންދާންވީދޯއެވެ. ކިޔާފާ ސާދާ ހިނގާގެންފިއެވެ. އެކަނިވެރިކަމާއި ބިރުވެރިކަން އެކުލެވިގެންވާގޮތަކަށް ހިނގަމުންގޮސް ގެއަށް ވަންނަންދެން ޝައުޒީން ސާދާގެ ފަހަތުން ދިޔައެވެ. އެދިޔަ މަގުމަތީގައި ޝައުޒީން ބުނެލިއެވެ. އަހަރެން ސާދާ އާއި ބައްދަލުކޮށްލަން ބޭނުމެވެ. ފުރުސަތެއްދެވިދާނެ ތޯއެވެ.؟ ސާދާ ބުނެލިއެވެ. މިރެއަކު ނޫނެވެ. މާދަމާ ހަވީރު ހަމައެތަނުން (އަތިރިމަތިންނެވެ.) ޝައުޒީންވެސް ގަބޫލުވެއްޖެއެވެ.

ސާދާ އަކީ ބަލާބެލުމަށް ހަޑިކުއްޖެއް ނޫނެވެ. ދިގު އިސްތަށިގަނޑެކެވެ. ރީތި ދެލޮލެކެވެ. ކޯތާފަތް ރީތިވެފައި ޖަޒުބާތީ ގޮތެއްހުރި ކުއްޖެކެވެ. ހަށިގަނޑަށް ބޭނުންވަރަށް ކާއެތިކޮޅު ނުލިބުމުން ހަށިގަނޑުގެ ރޫފަ އެހާރަނގަޅެއް ނޫނެވެ. ޝައުޒީންގެ ހިތުގައި ސާދާ އާއިމެދު ކޮންމެވެސްވަރެއްގެ އޯގާވެރިކަމާއި ކުލުނެއް ހިނގާފިއެވެ. ސާދާ އެއްބަސްވެއްޖެނަމަ އޭނާ ގެންދާނީ އަހަންނާއެކު ގަމަށެވެ. އެއިރުން ދޮންމަންމަގެ އަނިޔާވެރިކަމުން އޭނާ ސަލާމަތްވެދާނެއެވެ. އޭނަ ރުހޭކަމަށްވަންޏާ އަހަރެމެންގެ ގޭގައި ހުރެވިދާނެއެވެ. ދެންއައީ ޝައުޒީން އިންތިޒާރުކުރި ވަގުތެވެ. އަނެއްދުވަހު ހަވީރެވެ. ކަންވާރު ދަބަސް ކޮޑުއަޅުވައިގެން ކުރީދުވަހެކޭ އެއްގޮތަށް އަތިރިމައްޗަށް ހިނގައްޖެއެވެ. ކުރީދުވަހު ސަދާ އިން ދިމާއަށް ބަލާލެވުނެވެ. ހަމަ އޭނައެވެ. ސާދާއެވެ. ކުރީދުވަހެކޭ އެއްގޮތަށް އޭނަ އެއިނީ ހަމައެތާގައެވެ. މަޑުމަޑުން ޝައުޒީން ކައިރިވެލިއެވެ. ސާދާ ވެސް ތެދުވެގޮސް މަގޫ ގަހަކާއި ނިވާވެލީއެވެ. އެއީ އެހެންމީހުނަށް ފެނިދާނެތީއެވެ. މީހެއްގެ ފަރާތުން ދޮންމަންމަ އަށް އެނގިއްޖެނަމަ މިއަށްވުރެ ގިނަ އަނިޔާލިބޭނެކަން ކަށަވަރުވާތީއެވެ. ޝައުޒީންވެސް މަގޫގަހާއި ކައިރިވެލީއެވެ. އަދި އޭނަގެ ހިތުގައިވާ ޝުޢޫރުތައް ސާދާއަށް ކިޔާދިނެވެ. އަހަރެން މިއުޅެމުންދާ ދޮންމަންމަގެ އަނިޔާވެރިކަމުން ސަލާމަތްކޮށްގެން އަހަރެންގެ ޟައީފްކަންދަނެ އަހަންނަށް ހަމްދަރުދީވަންޏާ ހިނގާދާނަމެވެ. ނަމަވެސް ވަރަށް ސިއްރުން ދޮންމަންމަ އާއި ބައްޕައަށް ނޭނގޭގޮތަށް ދާނެގޮތެއް ޖެހޭނީ ރާވާށެވެ. ސާދާ ބުނެލިއެވެ. ޝައުޒީން ތިއީ މާއުދަގޫ ކަމެއް ނޫނެވެ. އަހަރެން ބުނާގޮތަކަށް ސާދާ ކަންތައްކުރީމާ ދެވިދާނެއެވެ. އަހަރެން މިއުޅެނީ މާދަމާރޭ ފަތިހު ހަތަރެއް ޖަހާއިރު ފުރަންވެގެންނެވެ. އެވަގުތަށް ސާދާ ބަލާ އަހަރެން އަންނާނަމެވެ. އިންތިޒާރު ކުރާށެވެ.

ޝައުޒީންގެ ރައްޓެހި މީހާ ކައިރީގައި ސާދާ ގެންދަން އުޅޭވާހަކަ ބުނުމުން އޭނާވެސް ސާދާގެ ހާލުގެމައްޗަށް ހަމްދަރުދީވެ ސާދާ ގެންދަން އެއްބަސްވިއެވެ. ޖެހިގެން އައިރޭ ޝައުޒީން ފުރަން ތައްޔާރުވުމުން ސާދާ ބަލާ ހިނގައްޖެއެވެ. އެވަގުތު ސާދާ ކޮތަޅަކަށް ބާވެފައި އޮތް ދެހެދުން އަޅައިގެން ދޮރޯށިކައިރީގަ ހުއްޓެވެ. ޝައުޒީން ފެނުމާއެކު ކައިރިއަށް ޖެހިލާފައި އެ އަނިޔާވެރި ދޮންމަންމަ އާއި ބައްޕަ ތެދުވުމުގެ ކުރިން މިރަށުން ފުރޭތޯ އުޅެމާހިނގާށެވެ. ޝައުޒީން ބޮއްކުރައަށް ސާދާ ގޮވައިގެން އެރުމާއެކު ބޮއްކުރާ ފުރައިފިއެވެ. ހެނދުނު ހަތެއްޖެހިއިރު ގަމަށް ވަދެއްޖެއެވެ.

ޝައުޒީން ގެއަށް ދިޔައިރު ގޭގައި ނުދަންނަ ދެމީހަކުވެސް އުޅުނެވެ. ބައްޕަ ސަމަދު ކުރެން އެއީ ކޮންބައެއްތޯ އަހާލިއެވެ. ސަމަދު: ދަރިފުޅާ އެއީ ބައްޕަގެ ރައްޓެހި ކަޅައިދޫ މީހަކާއި އޭނަގެ ރައްޓެހި މަލިކު މީހެކެވެ. ދަރިފުޅާ މިއީ ކޮން އަންހެން ކުއްޖެއްތަ؟ ބައްޕަ މިއީ ބައްޕައަކާއި ދޮންމަންމައެއްގެ އަނިޔާވެރި ކަމުގައި އުޅެމުން އަންނަ ނިކަމެތި ކުއްޖެކެވެ. އޭނަގެ ވާހަކަތަކުން އަހަރެންގެ ހިތަށް ކެތްނުކުރެވިގެން އޭނަ މިރަށަށް ގެނައީއެވެ. ބައްޕަގެ އިޒުނަ އޮތިއްޔާ މިގޭގައި އޭނަ ބަހައްޓަން ކަމަށެވެ. ނޫންނަމަ ކޮންމެވެސް އެހެން ގެއެއްގައެވެ. ދަރިފުޅު އެދޭކަމަކަށް ބައްޕަ އިންކާރެއް ނުކުރާނަމެވެ. ދަރިފުޅުގެ ކޮޓަރިއާއި ޖެހިގެން ހުރި ކޮޓަރީގައި ސާދާ ބަހައްޓާށެވެ.

ސާދާ ޝައުޒީނުމެންގެ ގޭގައި އުފަލުގައި އުޅެން ފަށައިފިއެވެ. ސާދާގެ ބައްޕައާއި ދޮންމަންމަ އޭނަ ގެއްލިގެން ހޯދަންވެސް ނޫޅެއެވެ. އެރަށުގެ މީހެއްގެ ފަރާތުން އެނގުނީ ސާދާ ގަމަށް ދިޔަ ވާހަކައެވެ. ދޮންމަންމަގެ ބަހަކީ އަޅާނުލާށެވެ. އޭނާ އުޅޭނެގޮތަކަށް އުޅެން ދޫކޮށްލާށެވެ. އޭގެ ހަމަސްފަހުން ޝައުޒީން އޭނާގެ ބައްޕަ ގާތުގައި ސާދާ އާއި ކައިވެނި ކުރަން އެދޭވާހަކަ ބުންޏެވެ. އަދި ކުނަހަންދޫ އަށް ގޮސް ސާދާގެ ބައްޕަ ކައިރިން ވަލީ ހޯދުމަށް އެދުނެވެ. ޝައުޒީންގެ ބައްޕަ ސަމަދު ރައްޓެހިބަޔަކު ގޮވައިގެން ގޮސް ސާދާގެ ބައްޕަ މުފީދު ގާތުގައި މިވާހަކަ ދައްކާ އޭނަގެ ރުހުންބަސް ހޯދައިފިއެވެ. އަދި ކައިވެންޏަށް ބޭނުންވާ ކުދިކުދި ސާމާނު ގަނެގެން ގަމަށް އަތުވެއްޖެއެވެ.

އޭގެ ދެދުވަސް ފަހުން ޝައުޒީން އާއި ސާދާގެ ކައިވެނީގެ ހަފްލާ ކުރިއަށްދަނިކޮށް ކަޅައިދޫ އަޒީޒުއާއި ހަސަންބެ އެހަފްލާއަށް އައިސް އެދެކުދިންނަށް މަރުހަބާކިޔާ ބައެއް ސާމާނު އެކުދިންނަށް ވެދުންކުރިއެވެ. އޭގެފަހުގައި ސާދާ އެގޭގައި އުޅެމުން އައީ އަމިއްލަ ގެކަމަށް ދެކި ގޭގެ އަންހެނުންކުރާ ހުރިހާ ކަމެއްކުރުމުގައި އޭނާގެ ކެރޭކަމާއި މުރާލިކަން ދައްކަމުންނެވެ. ރަށުގެ ގިނަމީހުންވެސް ސާދާގެ މުރާލިކަމާއި މެދު ތައުރީފް ކުރަމުންދެއެވެ. ޝައުޒީންގެ ރައްޓެހީންނާއި ތިމާގެ މީހުން އެގެއަށް އައުމުންވެސް ސާދާގެ ހިތްހެޔޮކަން ދެކެ އަޖާއިބުވެތިބެ، މިއީ ހާދަ ރަނގަޅު ކުއްޖެކޭ ބުނަމުން ދެއެވެ. ޝައުޒީންގެ ބައްޕަވެސް ބުނަމުންދަނީ ޝައުޒީން މިގެއަށް ގެނައީ ހަމަ ޖަވާހިރެއްފަދަ ކުއްޖެކެވެ.

ޝައުޒީން އާއި ސާދާގެ ދެކުދީން ނުލާހިކު އުފަލުގައި ދިރިއުޅުން ވޭތިކުރަމުން ދަނިކޮށް އެއްދުވަހަކު ކުނަހަންދޫ އޮޑިއެއް ގަމަށް އައިސްގެން އުޅޭތަން ސާދާގެ ދެމަފިރިންނަށް ފެނިއްޖެއެވެ. ސާދާ، ރަށު އޮޑިއަކަށްވާތީ ރައްޓެއްސަކުވެސް ހުރެދާނެކަމަށް ހީކޮށް އަތިރިއަށްގޮސް ބަލާލިއިރު އެއޮޑީގައި ސާދާގެ ބައްޕައާއި ދޮންމަންމަ އިންދާ ފެނުނެވެ. ވަރަށް މަޑުމޮޅި ކަމާއިއެކު ސާދާ އޭނާގެ ބައްޕައަށް ގޮވާލިއެވެ. އެވަގުތު ދޮންތުއްތު (ސާދާގެ ބައްޕަ) އޮޑިން ފައިބައިފަ ތިއީ ކޮންކުއްޖެއްތޯ އަހާލިއެވެ. ބައްޕަ! މިއީ ބައްޕަގެ ސާދާ އެވެ. ދަރިފުޅާ! ތިއީ ހަމަ މަގޭ ސާދާތޯއެވެ. އެވަގުތު ބައްޕަގެ ލޮލުން ކަރުނަ ފައިބަންފަށައިފިއެވެ. ގިސްލަމުން ދޮންތުއްތު ބުނެލިއެވެ. ދަރިފުޅާ ދޮންމަންމަ މިއޮތީ އެއްފަޅީގައި ވާގިނެތިފައެވެ. އޭނައަށް ފަރުވާއެއް ލިބޭތޯ މިރަށު ބޭސްދައިތަ ކައިރިއަށް އައީއެވެ. އެހެންބުނުމާއެކު ޝައުޒީން އެނދަކަށް ދޮންމަންމަ އަރުވައިގެން ޝައުޒީނުމެންގެ ގެއަށް ގެންގޮސް ފަރުވާދޭން ފަށައިފިއެވެ.

ރަށުތެރޭން ހޯދަންޖެހޭ ބޭހެއް ހޯދަނީ ޝައުޒީން އެވެ. ސާދާ ދޮންމަންމަގެ ޚިދުމަތުގައި ކައިރީގައި ހުންނަނީއެވެ. ދޮންމަންމަ އާއި ބައްޕައަށް ދަތިވާނެ އެއްވެސްކަމެއް އެގެއަކު ނެތެވެ. ދޮންމަންމައަށް ކާންދިނުމާއި ފެންވެރުވުމާއި ތެޔޮދެމުމާއި ފެންގަނޑުގައި ބޭންދުންފަދަ ކަންތައްތައް ސާދާ ކުރަމުން ގެންދަނީ އުފަން މައްމައަކަށް ކޮއްދޭ ފަދައިންނެވެ. އޭގެ ހަމަސް ފަހުން ދަނޑިގަނޑު ޖަހައިގެން ދޮންމަންމައަށް ހިނގާލެވޭވަރު ވެއްޖެއެވެ. އެއްރެއަކު ސާދާ މަންމައަށް ކާންދޭން ހުއްޓާ ދޮންމަންމަގެ ލޮލުން ކަރުނަ އަންނާތީ ފެނިގެން ސާދާ އަހާލިއެވެ. މަންމަ ރޮނީ ކީއްވެތޯއެވެ.؟ މަޑުމަޑު ވައިއަޑަކުން ދޮންމަންމަ ބުނެލިއެވެ. ދަރިފުޅާ މަޢާފް ކުރާށެވެ. ތިއީ އަސްލުގަވެސް މަންމަގެ ދަރިއެކެވެ. މަންމައަށް ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން މިހާރު މަންމައަށް ވިސްނިއްޖެއެވެ. މަންމަ އަށް ހިތްބުރަނުކުރާތި ދަރިފުޅާ. ސާދާ ގިސްލަމުން ބުނަންފެށިއެވެ. މަންމާ އެއީ ސާދާ ކުޑައިރު ކާންނުދީ ތަޅާ އަނިޔާކޮށް ގެއިންބޭރުކުރި ވާހަކަތޯއެވެ. މިހާރު އެކަމުގެ އެއްވެސް ޝަކުވާއެއް ނެތެވެ. ބައްޕަ އާއި މަންމައަށް މަޢާފް ކޮއްފީމެވެ. މަންމަ އާއި ބައްޕަ ބޭނުމީ މިރަށު މިގޭގައި އުޅެންތޯއެވެ. ނޫނީ ރަށަށް ދާންތޯއެވެ.؟ ދަރިފުޅާ މަންމަމެން ބޭނުންވަނީ މިރަށުގައި އުޅޭށެވެ. ޝައުޒީން އާއި ސާދާ އަދި ސާދާގެ ދޮންމަންމަ އާއި ބައްޕަ ލ. ގަމުގައި ދިރިއުޅެން ފަށައިފިއެވެ. މީހަކަށް އަނިޔާވެރިވެފައި ތިމާމީހާ އުފަލުގައި އުޅެވޭނެކަމަށް ހީނުކުރާށެވެ. މިހާހިސާބުން ހަސަންބޭގެ މިހާދިސާގެ ވާހަކަ ނިމުނީއެވެ.

 

ނޯޓް: މިއީ މަލިކު ހަސަންބޭގެ ލ. ގަމު ދަތުރުގެ ހާދިސާ އެކެވެ. އަސްލު ނުގެއްލޭގޮތަށް ވާނީ ބަދަލުގެނެވިފައެވެ.

+1
4
+1
2
+1
1
+1
0
+1
4
+1
0
+1
3

Advertisement

ގުޅުންހުރި ލިޔުންތައް