September 20, 2024 15:48
Advertisement

-Advertisement-

ރަމަޟާންމަހަށް ތައްޔާރުތަ؟

ރަމަޟާންމަހަކީ މުސްލިމުންނަށް ޚާއްޞަ މަހެކެވެ. މި މަސް ޚާއްޞަވުމުގައި ވަރަށް ގިނަ ސަބަބުތައްވެއެވެ. މިއީ ރަޙުމަތުގެ މަހެކެވެ. ފާފަ ފުއްސެވުމުގެ މަހެކެވެ. ތަޤްވާގެ މަހެކެވެ. މި މަހަކީ ތިބާގެ ޙަޔާތުގައި ހޭދަވާ އެގާރަ މަސްދުވަހުގައި ކުރެވޭ ފާފަތައް ފުހުލުމަށް ލިބޭ ކުރު މަގެކެވެ. އިބްނު ޖައުޒީ ރަޙިމަހުއްﷲ، އެކަލޭގެފާނުގެ " بستان الواعظين " މި ފޮތުގައި ވިދާޅުވެފައިވެއެވެ. "އަހަރުގެ ބާރަ މަސްދުވަސް ޔަޢުޤޫބުގެފާނުގެ 12 ދަރިންފަދައެވެ. 12 މަސްދުވަހުގެ ތެރެއިން ރަމަޟާން މަސް، ޔަޢުޤޫބުފާނުގެ ބާރަ ދަރިންގެ ތެރެއިން ޔޫސުގެފާނު ފަދައެވެ. ޔަޢުޤޫބުފާނުގެ ދަރިންގެ ތެރެއިން ޔޫސުފުގެފާނު އެކަލޭގެފާނަށް ޚާއްޞަވީ ފަދައިން އަހަރުގެ 12 މަސް ދުވަހުގެ ތެރެއިން ރަމަޟާންމަސް ޣައިބު ދެނެވޮޑިގެންވާ ރަސްކަލާނގެއަށް ޚާއްޞަވެވޮޑިގެންވެއެވެ." 

މި މާތް މައްސަރަށް މަރުޙަބާ ކިޔުމަށްޓަކައި މުސްލިމުން ދަނީ ތައްޔާރުވަމުންނެވެ. ބައެއް މީހުން މިމަހަށް ތައްޔާރުވަމުން ދަނީ ރަޖަބު މަހުން ފެށިގެންނެވެ. އަނެއް ބަޔަކު ޝަޢުބާންމަހަށް އެޅުމުން މިމަހަށް ތައްޔާރުވާން ފެއްޓިއެވެ. ހުރިހައި އެންމެންވެސް ކުރަނީ އެއްކަމެކެވެ. އެއީ މި މަތިވެރި މަހަށް ތައްޔާރުވުމެވެ. މިމަހުގެ ބަރަކާތް ޙާޞިލު ކުރުމެވެ. މިމަހުގެ ފާފަ ފުއްސެވުމަށް އުއްމީދުކުރުމެވެ. ނަމަވެސް، މި މަހަށް އެކި މީހުން ތައްޔާރުވަނީ އެކި ގޮތަށެވެ. އެއްބަޔަކު ރަމަޟާންމަހަށް ތައްޔާރުވުމަށްޓަކައި ގޭގެ ފަރުނީޗަރުތައް ބަދަލު ކުރެއެވެ. އައު ގޮނޑި ސެޓެވެ. އައު ތަށި ސެޓެވެ. އަނެއްބަޔަކު ގެއަށް ކާބޯތަކެތި ވައްދައެވެ. ރަމަޟާންމަހުގައި ކާނެތަކެތި ގެއަށް ގަނެ ތައްޔާރުވެއެވެ. އަދި މީގެ ތެރޭގައި ތިންވަނަ ބަޔަކު އުޅެއެވެ. އެއީ މިމަހުގެ ދަރުމައާއި ޘަވާބަށް އެދި ތިމާގެ ނަފްސު ތައްޔާރު ކުރާ މީހުންނެވެ. އެމީހުން އިސްކަންދެނީ މި މަހުގައި ހެޔޮ ޢަމަލުކުރާނެ ގޮތަކާއިމެދު ވިސްނުމުގައެވެ. އަދި ކަންކަން ރާވައި އެކަމަށް ޓޭބަލެއް ތައްޔާރު ކުރެއެވެ. ހެޔޮ ޢަމަލުތައް ކުރާނެގޮތުގެ ތާވަލެއް ހިތުތެރޭގައި ރާވާލައެވެ. އަދި އެމަހުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފޭނީ ކިހިނެތްތޯ ބަލައި ހޯދައެވެ. މިފަދަ މީހުން، އެމީހުންގެ މަސައްކަތް އޮންނަގޮތުން ލިބޭނެ ހުސްވަގުތުތަކާއި އަދި ހުސްކުރެވޭނެ ވަގުތުތައް ރާވައެވެ. އަދި ދުވާލަކު ޤުރްއާން ކިޔަވާނެ މިންވަރެއް ކަނޑައަޅައެވެ. ރޯދަވެރިންނަށް ރޯދަ ވިއްލުން ދިނުމަށް ތައްޔާރުކުރާނެ ކާތަކެތި ހަމަޖައްސައެވެ. ރަމަޟާންމަހުގައި ޞަދަޤާތް ކުރާނެ މިންވަރުވެސް ކަނޑައަޅައެވެ. ހަޤީޤީ މާނައިގައި ރަމަޟާންމަހަށް ތައްޔާރުވާ މީހުންނަކީ މިއީއެވެ. މި މަހުގެ ބޭނުން ރަނގަޅު ގޮތުގައި ހިފޭނެ މީހުންނަކީވެސް މިއީއެވެ.

ރަމަޟާންމަހުގެ ޙަޤީޤީ މަޤްޞަދަކީ ތަޤްވާވެރިވުމެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. “يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ"  (ބަޤަރާ 183). މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟު ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟު ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން ތަޤްވާވެރި ވުމަށްޓަކައެވެ."

Advertisement

އިސްވެދިޔަ އާޔަތުން އެނގެނީ ރަމަޟާން މަސް ފަރުޟު ކުރެއްވުނީ އެކަލާނގެއަށް ތަޤްވާވެރިވުމަށްޓަކައިކަމެވެ. ތަޤްވާވެރިވުމަކީ މާތްﷲގެ އަމުރުފުޅުތަކަށް ކިޔަމަންތެރިކަން އަދާ ކުރުމެވެ. އަދި އެކަލާނގެ ނަހީ ކުރައްވާފައިވާ ކަންކަމުން ދުރުވުމެވެ. އަދި ތިބާގެ ނަފްސު މާތްﷲ އަށް ބިރުވެތިވެ އެކަލާނގެ ޙަރާމް ކުރައްވާފައިވާ ކަންކަމުން ދުރުކުރާ މީހުންނެވެ. ހަމަމިފަދައިން ތިބާގެ ނަފްސު ހެޔޮ ކަންކަމަށް ގެންދިއުމަށް މަސައްކަތް ކުރާ މީހުންނަކީ ތަޤްވާވެރިންނެވެ. ހެޔޮ ޢަމަލުތައް ކުރުމުގައި ޘާބިތުވާ މީހުންނެވެ. މާތްﷲ އަށް ބިރުވެތިވާ މީހުންނެވެ.

ބައެއް މީހުންނަށް ހީވެފައި އޮންނަނީ ރަމަޟާން މަހަކީ މަޖަލާއި ސަކަރާތުގެ މަހެއްގެ ގޮތުގައެވެ. މިއީ ޓީވީ ބެލުމާއި، ކުޅިވަރު ކުޅުމުގެ މަހެއްގެ ގޮތުގައެވެ. މިއީ ފިނި ބުރު ޖަހައި ރަހުމަތްތެރިންނާއިއެކު މަޖާކުރަން ޖެހޭ މަހެއްގެ ގޮތުގައެވެ. ބައެއް މީހުންގެ ރަމަޟާންމަސް ހޭދަވަނީ މިފަދަ ގޮތަކަށެވެ. ރޭގަނޑު ހަތަރުދަމު ހޭލައި ހުރެ އެކި ކުޅިވަރާއި ޓީވީ ޕްރިގްރާމްތަކުގައި ވަގުތު ހޭދަކުރުމަށްފަހު ފަތިސް ނަމާދުގެ ބަންގިއަށް ނިދަނީ ކިތަށް މީހުން ހެއްޔެވެ؟ އަދި އަނެއް ބަޔަކު ހޭދަކުރަނީ މީރު ކާބޯތަކެތި ކެއުމުގައެވެ.

އަހަރެމެން ކޮންމެ މީހަކުވެސް މަސައްކަތް ކުރަންވީ މިމަހުގެ ބޭނުން ހެޔޮގޮތުގައި ހިފޭތޯއެވެ. މި މާތް މަހުގައި މާތް ﷲ ނަހީ ކުރައްވަފައިވާ ކަންކަމުން ދުރުވެ ހުރެވޭތޯއެވެ. ތިބާގެ ވަގުތުތައް ހެޔޮ ޢަމަލު ކުރުމުގައި ހޭދަ ކުރަން މަސައްކަތް ކުރާ ބަޔަކަށް ވޭތޯއެވެ. މި މަހަކީ ކުޅި ވަރާއި މަޖަލުގެ މަހެއް ނޫނެވެ. ބޭކާރު ކަންކަމަށް ވަގުތު ދޭންވީ މަހެއް ނޫނެވެ. ޓީވީ ބެލުމާއި، ސިލްސިލާ ފަދަ ތަކެތި ބެލުމަށް ވަގުތު ހޭދަ ކުރަންވީ މަހެއްނޫނެވެ. މިމަހުގެ ޘަވާބާއި ދަރުމަ ލިބޭނީ އޭރުންނެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. "إِنَّمَا يَتَقَبَّلُ اللَّهُ مِنَ الْمُتَّقِينَ" "اللَّه ޤަބޫލު ކުރައްވާކަން ކަށަވަރީ ތަޤްވާވެރިންގެ ކިބައިންނެވެ." އެބަހީ މާތްﷲ އަށް ބިރުވެތިވެ އެކަލާނގެ ޙަރާމްކުރެއްވި ކަންކަމުން ދުރުވެ، އަމުރުކުރެއްވި ކަންކަން ކުރުމެވެ.

ރަމަޟާންމަހުގެ ރޯދައިގެ ޘަވާބާއި ދަރުމައަށް އެދޭ މީހާ ރޯދައިގެ ޙުކުމްތައް އެނގެން ޖެހެއެވެ. ޙުކުމްތައް އެނގޭ މީހާއަށް ތިމާއަށް މިކުރެވެނީ ކޮންކަމެއްކަން އެނގޭނެއެވެ. މިއީ ތިބާގެ ރޯދަ ފާސިދުވާނެ ފަދަ ޢަމަލެއްކަން އެނގޭނެއެވެ. ރޯދަ މަހުގައި ކުރަންވީ ކަންކަމާއި ނުކުރާންވީ ކަންކަން އެނގޭ މީހާ ރަމަޟާންމަހަށް ތައްޔާރުވެއްޖެ މީހެކެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވަނީ:" مَنْ صَامَ رَمَضَانَ وَعَرَفَ حُدُوْدَهُ وَتَحَفَّظَ ممَّا كَانَ يَنْبَغِى أَنْ يَتَحَفَّظَ مِنْهُ كَفَّرَ مَا قَبْلَهُ" މާނައީ: " ރަމަޟާންމަހުގެ ރޯދަހިފައި، ރޯދައިގެ ޙުކުމްތައް ރަނގަޅައް ދަނެހުރެ، ރަމަޟާންމަހުގެ ރޯދައަށް ރައްކާތެރިވެއްޖެ މީހެއްގެ ކުރިންދިޔަ ފާފަތައް ފޮހެވިއްޖެއެވެ.

ރަމަޟާންމަހަށް ތައްޔާރުވުމަށްޓަކައި ތިބާ ކުރަންވީ ކޮންކަމެއް ހެއްޔެވެ؟ ރޯދައިގެ ޙުކުމްތައް ދެނެގަންނަންވީއެވެ. އެކަމާއި ގުޅުންހުރި އޯޑިއޯ އަޑު އަހަންވީއެވެ. އިޚްލާޞްތެރިކަމާއެކު ތައުބާވާންވީއެވެ. ނަމާދަށް ރައްކައުތެރިވާންވީއެވެ. އަދި ތިބާގެ ދޫ ރައްކާތެރިކުރަންވީއެވެ. ގިނަގިނައިން ޤުރްއާން ކިޔަވަންވީއެވެ. ތިބާގެ ހަވާނަފްސުގެ ގޮވުންތަކަށް ބީރު ކަންފަތެއް ދޭންވީއެވެ. މާތްﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވާންވީއެވެ. ރަމަޟާންމަހުގައި ހެޔޮ ޢަމަލުތައް ކުރާނެގޮތުގެ ތާވަލެއް ކަނޑައަޅަންވީއެވެ. ރަމަޟާންމަހަށް ތައްޔާރުވުމަކީ މިއީއެވެ.

11 މަސްދުވަހު ވާރޭ ނުވެހި ފެންފޮދެއް ނުލިބި ހުއްޓައި ވާރޭ ވިލާތައް ފެންނަފަށަށް އައުމުން ފެން ނަގަން ތައްޔާރު ނުވާ މީހަކީ މޮޔައެކެވެ. 11 މަސްދުވަހުގައި ފެން ނުބޮވި ކަރު ހިއްކައިގަނެފައިވާ ހާލު ކުރިއަށްއޮތް މަހު ވާރޭ ވެހޭނެކަން އެނގި ފޫ ގޮސްފައިވާ ބާލިދީއެއް ހިފައިގެން ވާރޭ ވެހޭނެ ވަގުތަކަށް އިންތިޒާރުކުރާނީ މޮޔައެކެވެ. ހަމަމިފަދައިން 11 މަސްދުވަހުން ތިބާއަށް ލިބުނު ޘަބާވާއި ދަރުމަ އެންމެ މަހެއްގެ ތެރޭގައި ކުރާ ޢަޅުކަންތަކުން ލިބެންއޮތް މީހާ، އެ ދަރުމައާއި ޘަވާބު ހޯދަން މަސައްކަތް ނުކުރުމަކީވެސް މޮޔައިންގެ ޢަމަލެކެވެ.  

+1
0
+1
0
+1
3
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް