September 20, 2024 11:51
Advertisement

-Advertisement-

އެވޭލާ ހާދިސާ: ޝުހާގު އެބިރުވެރި ޖަންގަލީގައި

ހިތަށް ނުގެނެވޭހާ ބިރުވެރި ކަމެއްގެތެރޭ ބިޔަ ބޮޑު ޖަންގައްޔެއްގައި ހިނގަމުންދާއިރު ކުރެވޭނެ އުދަނގޫ އިހުސާސްތައް އެކަނިހުރެގެން ބަޔާންކުރުމަކީ އެކަކަށްވެސް ފަސޭހަކަމަކަށް ނުވާނެއެވެ. އަހަރެންނަށް މިބިރުވެރި ޖަންގައްޔަށް ވަދެވުނީ ކީއްވެގެންހެއްޔެވެ.؟ އަހަންނަށް މިބޮޑު ފަޅުރަށަށް އާދެވުނީ އަހަރެންގެ ވިސްނުން ކޮށިކަމުންނެވެ. އޭނާ ބުނުމުން އަހަރެން އައުމާއި ނައުމުގެ އިޚުތިޔާރު އޮތެވެ. ނަމަވެސް އަހަރެންގެ ކޮށިވިސްނުން އަހަންނަށް އެންގީ މިދަތުރުގައި އައުމަށެވެ. ދެންހަމަ މިފަޅު ޖަންގަލީގެ ތެރެއަށް ވަދެވުނީވެސް ޟަމީރު އަހަންނަށް މަޖުބޫރު ކުރުވީމައެވެ.

ލަބީބު އަކީ ގޯސް ކުއްޖެއްނޫނެވެ. ރައްޓެހީންނަށް ދުވަހަކުވެސް އަނިޔާވެރިވި ކުއްޖެއް ނޫނެވެ. އަހަންނަށް މިހާލުޖައްސާފަ އޭނާ ނުދާނެއެވެ. އޭނަ އަހަރެން ހޯދާނެއެވެ. އެންމެފަހުވަގުތާ ޖެހެންދެންވެސް އޭނައަށް އިތުބާރު ކުރަމެވެ. އެއީ ތެދުވެރި ރަހުމަތްތެރިއެކެވެ. ބޮޑަށް ބިރުވެރިކަން އިހުސާސްވަނީ މިބިޔަ ޖަންގަލީގައި މަގުއޮޅި ނިކުމެވޭނެ ގޮތެއް ނެތުމުންނެވެ. އެއާއެކު އިރުއޮއްސި އަނދިރިވަމުން ދާތީއެވެ. ޝުހާގުގެ ހިތަށް މިހުރިހާ އެއްޗެއް އަރަމުންދާއިރު ބައެއްފަހަރު ދެރަވެ ރޯންވެސް ރޮވެއެވެ. އެކަމަކު އެރުއިމުގެ އަޑު އަހާނެ މީހަކު އެޖަންގަލީގައި ނެތެވެ.

މީހަކަށް އަޑު އިވޭތޯ ވަރަށްބާރަށް ގޮވަންވެސް ގޮވަމެވެ. އަޑު އިވޭނީ ފަހެ ކާކަށްތޯއެވެ. އަހަރެން ކޭލަކުނަށް އައީ ލަބީބު އާއި އަދި ދެކުދިންނާއެކުގައެވެ. އަތިރިމަތީގައި ވަރަށް މަދިރި އުޅޭ ރަށެކެވެ. މަޅި ލުމަށްޓަކައި ލަބީބު މެންނާއެކު ހިކި ފަން ހޯދަން ވަލަށްވަދެ އުޅުމުގެތެރޭގައި އަހަންނަށް މަގު އޮޅުނީއެވެ. މިހާރު އެމީހުންވީ ކިހާ ހިސާބެއްގައި ކަމެއްވެސް ނޭނގެއެވެ. އަހަންނަށް މިހުރެވުނީ ޖަންގަލީގެ ކިހާ ހިސާބެއްގައިކަމެއް ނޭނގެއެވެ. އެވޭލާ މީހުން ބުނާގޮތުން ކޭލަކުނަކީ ވަރަށް ނާމާން ރަށެކެވެ. ހުރިހާ މީހުންނަށްވެސް މިނާމާންކަން އޮންނަނީ ގަބޫލު ކުރެވިފައެވެ. މިވާހަކަ ހިތަށް އަރާފައި ލަބީބުމެން އަހަރެން ހޯދަން ވަރަށް މަސައްކަތް ކުރާނެއެވެ.

Advertisement

"މިވީ ކިހާދެރަކަމެއް ހެއްޔެވެ. ޝުހާގު ނުފެނުނެވެ. މިރަށު ވަކި ކޮންތާކަށްބާ އަހަރުމެން އޭނަ ހޯދަން ދާނީ. މިހާރު މިއޮތްގެން އަނދިރިވަނީއެވެ. އެފަކީރު ކޮންފަދަ ހާލެއްގައި އުޅޭނެބާވައެވެ. ލަބީބު އެހެންކުދިންނާ ވާހަކަ ދައްކަމުން ބުނެލިއެވެ." ލަބީބު އެރަށުގަ ހުރެފައި ދެކުއްޖަކު އެންމެކާރީގައި މީހުންއުޅޭ ރަށަށް ފޮނުވިއެވެ. އެއީ ކުޅުދުއްފުއްޓެވެ. އެކުދިން އެރަށަށް ގޮސް ޝުހާގު ކިޔާ ކުއްޖަކު ކޭލަކުނަށް ގެއްލިގެން އުޅޭ ޚަބަރު ދީފިއެވެ.

އެކުދިން އެޚަބަރު ދިނުމާއެކު އެރަށު މީހުންގެ ޖަމާއަތެއް ކޭލަކުނަށް ގޮސް ފަންހުޅު ބަދެގެން ޝުހާގު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. އެއިރުވެސް ލަބީބު ހުރީ ޝުހާގުގެ ޚަބަރެއްވޭތޯ އެރަށުގައެވެ. އެއީ ވަރަށް ބޮޑު ރަށެކެވެ. ދެފަރާތަށް މީހުން ފަންހުޅު ރޯކޮށްގެން ބާރަށް ގޮވަމުން ދާން ފަށައިފިއެވެ. ލަބީބުވެސް އެތަނުން އެއްގުރޫޕުގައި ދިޔައެވެ. އެއިރު ގަޑިން 7:30 ވެދާނެ ކަމަށް ލަފާވެއެވެ. އެކަކު އަތުގައިވެސް ގަޑިއެއް ނެތެވެ. މިއީ ކޮންރަށެއްގެ ކުދިބައެއް ކަމެއްވެސް އެރަށަށް ދިޔަ ބޭނުމެއްވެސް ކުޅުދުއްފުށިން އެރަށަށް ދިޔަމީހުންނަކަށް ނޭނގެއެވެ. އެމީހުން ޝުހާގު ފެނޭތޯ މަސައްކަތް ކުރަނީއެވެ. ޝުހާގު އެބިޔަ ޖަންގަލީގައި ގައިން ލޭ ކޮށަމުން ހިނގަމުން ދެއެވެ. އަނދިރި ވުމުން ތަނެއް ނުފެނެއެވެ. މުޅި ޖަންގަލީ ގުގުމާ ލާފައިވަނީ ތަފާތު ފަނިފަކްސާގެ އަޑުންނެވެ. ގަންނާކުރައްވާ ބިރުން ހުރެވެނެކީއެއްނޫނެވެ. ވެއްޓެމުން ފިރުކެމުން ޝުހާގު ވެސް ހާމަ ތަނަކަށް ނުކުމެވޭތޯ ވަރަށް ހިތްވަރު ކުރެއެވެ. ލަފާކުރެވޭ ގޮތުގައި މިހާރު ވަރަށް ދަންވެދާނެއެވެ.

ބިރުވެރި ކަމުން ފުރިގެންވާ ބޮޑު ޖަންގެއްޔެއްގައި ފަތަމުން ދިޔަ ޝުހާގް ހޭޅިފަށަށް ނުކުމެވިއްޖެއެވެ. މުޅިގައިން އޮހޮރެނީ ލެޔެވެ. ވަރުބަލިކަމާއި ބަޑުހައިވުމުން ޝުހާގު އަށް ހިނގައިނުގަނެވި ހޭޅިފަށުގައި އޮށޯވެވިއްޖެއެވެ. އެނގުނުހާ ހެޔޮ އެއްޗެއް ކިޔަވައިގެންނެވެ. މިހާ ދަންވަރު ދާންވީ ކޮޅެއްވެސް ނޭގުމުންނެވެ. ބޯމައްޗަށް މަގޫފަތް ކޮޑިތަކެއް އަޅައިގެން ދޮންވެލިގަނޑުގައި އޮށޯތުމަށްފަހު ގައިގައި ރިއްސާތީވެ ނުވެސް ނިދުނެވެ. އެއާއެކު ބޮޑު ފަޅުރަށެއްގައި ދަންވަރު އެކަނިވީމާ ވަރަށް ބިރުވެރިކަން ބޮޑެވެ. ލަބީބު މަތީންވެސް އެހާހަނދާންވެއެވެ. އެގޮތަށް އެކިއެކި ޚިޔާލުގައި އޮއްވާ ކުޑަކޮށް ލޯމެރިއްޖެއެވެ.

އިރުކޮޅަކުން ވަރަށްގަދަ އަޑުތަކެއް އިވޭން ފަށައިފިއެވެ. އެއާއިއެކު އަލިފާނުގެ ކަނިތަކެއް ފެންނަމުންދެއެވެ. މިއަޑުތަކާއި އަލިފާނުގެ ކަނިތައް ކައިރިވުމުން ޝުހާގު ތެދުވެ ދުއްވައިގަތެވެ. އޭނާ ހީކުރީ މިފަހަރު އޭނާ ސަލާމަތް ނުވާނެކަމަށެވެ. ފުރޭތަ އައިސް އޭނާ ކާލާނެކަމަށްވެސް ހީކުރެވުނެވެ. ފަހަތުން އައި އަޑުތައް ޝުހާގު ވަށައިލިއެވެ. ތަންކޮޅަކަށް ނުދެވެނީސް ޝުހާގު ވެއްޓިއްޖެއެވެ. ޝުހާގު ރަނގަޅަށް ލޯހުޅުވައި ބަލާލިއިރު މިއީ މީހުން ތަކެކެވެ. އަތުގައި ހުރީ ފަންހުޅުތަކެކެވެ. އިރުކޮޅަކުން ލަބީބު ފެނިގެން ޝުހާގު ގޮވާލިއެވެ. ލަބީބުއާއި އެމީހުން އައިސް ޝުހާގު އާއި ކައިރިވެލިއެވެ. އަދި ޝުހާގު ޖަންގަލީގެ ތެރެއަށް ގެއްލުނުގޮތް އޮޅުންފިލުވިއެވެ. "އަހަރެން ހިކިފަންތަކެއް ހޯދަން ޖަންގަލީގައި އުޅެނިކޮށް މަގު އޮޅުނީއެވެ. ދެވޭނުދެވޭ ތަނެއް ނޭނގި މެންދަންވީ ފަހުން މިހޭޅިއަށް ނުކުމެވުނީއެވެ. މިއީ އަހަރެންގެ ހަޔާތުގައި މިފަދަ ހާދިސާ އަކާއި ދިމާވި ފުރަތަމަ ފަހަރެވެ." ޝުހާގު ގިސްލަމުން ބުނެލިއެވެ.

ލަބީބު ކުރިކަމަކީ ދަބަހުން ހުނިހަކުރު ފަތަފޮޅިއަކާއި ފެންފުޅިއެއް ޝުހާގުއަށް ދިނީއެވެ. ކާންއިން ވަގުތު ލަބީބު ބުނެލިއެވެ. މިތިބި މީހުންނަކީ ޝުހާގު ގެއްލުނުވާހަކަ ބުނުމުން ޝުހާގު ހޯދަންއައި ބަޔެކެވެ. ދެން އަވަހަށް ދަމާހިނގާށެވެ. މިހާރު ހީވަނީ ހަތަރެއްޖަހަން ކައިރިވަނީހެންނެވެ. ލަބީބު މިހެން ބުނުމާއެކު ޝުހާގު ގޮވައިގެން އެމީހުންގޮސް ބޮއްކުރައަށް އެރީއެވެ. ފަލިޖަހާފަ އައިސް ކުޅުދުއްފުށީ އަތިރިމަތީ ހުރި ހޮޅުއައްޓެއްގައި ނޭކުރެންދޫގެ ހަތަރު ކުދިން ބައިތިއްބާފަ ދެންތިބިމީހުން އެމީހުންގެ ގޭގެއަށް ދިޔައީއެވެ. ހެނދުނު އަށެއްޖެހިއިރު ދެމީހަކު އައިސް އެހަތަރު ކުދިންގެ ވަނަވަރު ސާފުކޮށްފައި ދެންވެސް ފަޅު ރަށްރަށަށް ނުދާން ނަސޭހަތް ދިނުމަށްފަހު އެކުދިން ނޭކުރެންދޫއަށް ފޮނުވާލިއެވެ. އެއިރު މިކުދިން ވީތަނެއް ނޭނގިގެން ކައިރި ފަޅުރަށްތަކަށް ގޮސް ނުފެނުމުން އެނބުރި އަންނަނިކޮށް ބޮއްކުރައެއް އަންނަތަން ފެނުމުން އެއީ މިގެއްލިގެން އުޅޭ ކުދިންކަން އެނގުނެވެ. އެއިރު ގަޑިން ނުވަގަޑި ބައިވީއެވެ. މިކުދިންނާއި ބައްދަލުވުމުން އެކުދިންނާއި ދިމާވި ކަންތަކުގެވާހަކަ ޝުހާގު ގިސްލަމުން ކިޔާދިނެއެވެ.

 

މިއީ މަލިކު ހަސަންބޭގެ ހދ. އަތޮޅުގެ ފުރަތަމަ ހާދިސާ އެވެ. އަސްލު ނުގެއްލޭގޮތަށް ބަދަލު ގެނެސްފައިވާނެއެވެ.

+1
1
+1
0
+1
3
+1
4
+1
4
+1
2
+1
1

Advertisement

ގުޅުންހުރި ލިޔުންތައް