September 20, 2024 14:28
Advertisement

-Advertisement-

ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ މީހުންގެ ދަފްތަރުގަ 183 މީހުން: ބައެއް މީހުން ގޭބަންދުގައި!

ލޮލުގެ ކޮއިފަދައިން ގެންގުޅޭ ލޯބިވާ ދަރިންނަށް ޖިންސީގޯނާކޮށް އެކުދިންގެ މުޅި ދިރިއުޅުން ނުތަނަވަސްކަމެއްގެ ތެރެއަށް ވައްޓާލަން ފަސްނުޖެހޭ މީހުން މި މުޖުތަމައުގައި ވެސް އެބައުޅެއެވެ.

ބައެއް ފަހަރަށް މިނުބައި އަމަލު ހިންގަނީ ކުއްޖާގެ އާއިލީ މީހެކެވެ. ހިމާޔަތްދޭން ހުރި އަތުން ކުއްޖާއަށް އިހާނެތިވަމުންދާއިރު މިފަދަ ކަންތައްތައް ސިއްރުކުރާ އާއިލާތައް އުޅޭކަމީ ހިތާމަހުރިކަމެކެވެ.

މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ މީހުންގެ ދަފްތަރުގައި ބުނެފައިވާގޮތުން މިހާރުވެސް 172 މީހަކު ދަނީ ހުކުމް ތަންފީޒު ކުރަމުންނެވެ.

Advertisement

މީގެތެރޭގައި މާފުށި ޖަލު، އައްސޭރި ޖަލު، ހުޅުމާލެ ޖަލު، މާލެ ޖަލު އަދި ގޭބަންދުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުން ހިމެނެއެވެ. 

މިމީހުން ކޮށްފައިވާ ކުށުގެ ތަފްސީލަށް ބަލާއިރު:

  • ކުޑަކުދިންނާ ބަދުއަހްލާގީ އަމަލު ހިންގުން
  • ޖިންސީ އަމަލެއް ހިންގުމަށް ގެއަކަށް ވަނުން
  • ޖިންސީ އަމަލެއް ހިންގަމުންދާ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކުން
  • ބާލިޢުނުވާ އުފަން ދަރިއަކާމެދު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގުން
  • ކުޑަކުއްޖަކަށް ޖިންސީ ގުނަވަނެއް ދެއްކުން
  • އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގުން

މިއަހަރުގެ ޖެނުއަރީ މަހު 20 ވަނަ ދުވަހު އަޕްޑޭޓްކުރި ކަމަށް ބުނާ ދަފްތަރުގައި ހުކުމް ތަންފީޒުކޮށް ނިމިފައިވާ 8 މީހެއްގެ މައުލޫމާތުވެސް ހިމަނާފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަދަބު ލުއިކޮށްދެއްވާފައިވާ 3 މީހަކު ދަފްތަރުގައި ފާހަގަކޮށްފައިވެއެވެ. މީގެތެރޭގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ މާފްދެއްވާފައިވާ އިބްރާހީމް ރަޝީދު/ ހއ. ހޯރަފުށި، ކްލެމެންސީގެ ދަށުން ދޫކޮށްފައިވާ މުހައްމަދު ޖަމީލު/ ށ.މަގޫދޫ، އަދި އަފްރާހު ހުސައިން ހދ. މާވައިދޫއެވެ. މީގެތެރެއިން އިބްރާހީމް ރަޝީދު އާއި، މުހައްމަދު ޖަމީލު އަށް ހުކުމްކޮށްފައިވަނީ 10 އަހަރަށެވެ. އަދި އަފްރާހު އަށް ހުކުމްކޮށްފައިވަނީ 14 އަހަރަށެވެ.

14 މީހަކު ގޭބަންދުގައި:

ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ މީހުންގެ ދަފްތަރުގައި ބަޔާންކޮށްފައިވާގޮތުން 14 މީހަކު މިވަގުތު ހުކުމް ތަންފީޒު ކުރަމުންދަނީ ގޭބަންދުގައެވެ. 2031 އާއި ހަމައަށް ހުކުމުގެ މުއްދަތު ހަމަވާ މީހެއްވެސް މީގެތެރޭގައި ހިމެނެއެވެ.

އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާއިމެދު ޖިންސީ އަމަލެއް ހިންގި ޢަބްދުލް ޢަފޫރު ޤާސިމް/ ބުލޫހެވަން، ށ.ފޭދޫ ވެސް ހުރީ ގޭބަންދުގައި ކަމަށް ފާހަގަކޮށްފައިވެއެވެ. 18 އަހަރުގެ ހުކުމެއް ކޮށްފައިވާ މިމީހާގެ ހުކުމުގެ މުއްދަތު ހަމަވާނެ ތާރީޚެއް ކަމަށް ބަޔާންކޮށްފައިވަނީ 2031 ވަނަ އަހަރުގައެވެ. 

ދަރިންނާމެދު ވިސްނަމާ

މުޖުތަމައުގައި މިފަދަ ބޮޑެތި ކުށްތައް ތަކުރާރުވަމުންދާ މަންޒަރު ދުވަހެއް ދުވަހަކަށް ފެންނަމުންދާއިރު ދަރިންގެ ޒިންމާތައް ފުރިހަމައަށް އަދާކުރުމަށް އިތުރަށް ވިސްނަންވެއްޖެއެވެ. ދަރިފުޅަށް ރަނގަޅު ނުބައި ވަކިކޮށްދޭންޖެހެއެވެ. މީހަކު އަނިޔާއެއް ދިނަސް އެކަން ސިއްރުނުކޮށް ބުނެދޭން ދަރިފުޅަށް ހިތްވަރު ލިބޭނެގޮތަށް ކުޑައިރުއްސުރެ ކިޔައިދޭންޖެހެއެވެ.

ހަށިގަނޑުގައި މީހަކު ނުރަނގަޅުގޮތަކަށް އަތްޖައްސާނީ ކިހިނެއްކަމާ އަދި އެކަން ހުއްޓުވަން އަމަލުކުރަންޖެހޭ ގޮތް އެންމެ ކުޑައިރުއްސުރެ ދަރިފުޅަށް ބުނެދޭށެވެ. މައިންބަފައިންނަށް ނުވަތަ ދަރިފުޅު އިތުބާރުކުރެވޭ މީހަކަށް އެވާހަކަ ހިއްސާކުރަންޖެހޭކަން ވިސްނަދޭށެވެ. ރައްކާތެރިކަން ލިބޭނީ ކިހިނެއްކަން ދަރިފުޅަށް ވިސްނަދޭށެވެ. މަންމަވިއަސް ބައްޕަވިއަސް ކުރަން ނުޖެހޭ ކަންކަމަކީ ކޮބައިކަން ބުނެދޭށެވެ. ކަމެއް ދިމާވިއަސް ހަގީގަތް ކިޔައިދިނުމުން ދަރިފުޅަށް ހިމާޔަތް ހޯދައިދޭނެކަމުގެ ޔަގީންކަން ދޭށެވެ. އެއިރުން އެކުށް ކުރީ އާއިލާ މީހަކު ކަމުގައިވިއަސް ދަރިފުޅަށް އެވާހަކަ ކިޔައިދިނުމުގެ ހިތްވަރު ލިބޭނެއެވެ.

މައިންބަފައިންނޭވެ! މިފަދަ ކުށްތައް ސިއްރު ނުކޮށް ރިޕޯޓްކުރާށެވެ. އެހެންނޫނީ ފަހުން ކުރަންޖެހޭ ހިތާމަ ބޮޑުވެދާނެއެވެ. އަދި މާދަމާ އެފަދަ މީހެއްގެ ފަރާތުން އަނިޔާ ލިބޭނީ ކިތައް މީހުންނަށް ކަމެއް ނޭނގޭނޭއެވެ. އެންމެންގެ ސަލާމަތަށް މުސްތަގުބަލުގެ ޖީލަށް ރައްކާތެރިކަން ހޯދަމާހިގާށެވެ. 

ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ މީހުންގެ މައުލޫމާތު އާންމުކުރުމަށް ހަދާފައިވާ އޮފެންޑަރސް ޑޮޓް އެމްވީ ވެބްސައިޓް މިވަގުތު މެއިންޓެނެންސަށް ބޭނުން ނުކުރެވޭގޮތް ހަދާފަހުރިކަމުގައިވިއަސް، ޖެންޑަރ މިނިސްޓްރީގެ ވެބްސައިޓްގައިވާ ޕީޑީއެފް ލިންކަކުން ދަފްތަރު ފެންނަން އެބަހުއްޓެވެ. މި ދަފްތަރުގައި ބައެއް މީހުންގެ ފޮޓޯ އާންމުކޮށްފައިވާއިރު ފޮޓޯ އާންމުނުކުރާ މީހުންވެސް އެބަތިއްބެވެ.  

+1
0
+1
0
+1
2
+1
0
+1
2
+1
0
+1
3

Advertisement

ޖުމްލަ 2 ކިޔުންތެރިންގެ ހިޔާލު

  1. Mohamed Naafiz Jamaal vanee merge 1aharu Kirin jalugai I’ve kidney fail vegen male genes faruvaa dhemun dhanikoh niyaavefaeve

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް