November 22, 2024 13:20
Advertisement

-Advertisement-

ގދ.ފަރެސްމާތޮޑާގައި އޮށްވަޅުގޮނޑި ކުޅެނީ/ ފޮޓޯ: ޝަޒޫ

ރޯދަމަސް: އޮށްވަޅުގޮނޑިއާ ފަސްއޮށް ކުޅުނު ޒަމާން ހަނދާންވޭތަ؟

ރޯދަމަސް ފެށުނީއެވެ. ގުރޫޕުހަދާފައި މާހަފަން ދިޔަ ގުރޫޕުތައް ދެންދާނީ ރޯދަވީއްލުންތަކަށެވެ. ފަހަކަށް އައިސް ކޮންމެ ރޯދަމަހެއްގައިވެސް މި ފޯރި ވަރަށް ގަދައެވެ. އެކި ރެސްޓޯރެންޓަތަކުގެ ބުކިންތައް އެހާއަވަހަށް ފުރެމުންދެއެވެ. ރޯދަވީއްލަން 'އިފްތާރު މެނޫ ' ބަލައިގެން ރެސްޓޯރެންޓްތަކަށް ދާން ފެށި ދިވެހިން މީގެ އެތައް އަހަރެއް ކުރިން ރޯދަމަސް ހޭދަކުރީ މުޅިން ތަފާތު ގޮތަކަށެވެ. ރޯދައަށް ތައްޔާރުވުމަށް މަގަށް ރީތި ދޮންވެލި ލައެވެ. ގޭތެރޭގެ ފެންޑާގެ ބޭރާއި އުނދޯލިގެއާއި ބަދިގެ ދޮރު މައްޗަށްވެސް ދޮންވެލި ލައެވެ. އެ ފޯރި ނަގަނީ ހުރިހާ އުމުރު ފުރައެއްގެ މީހުން އެކުވެގެންނެވެ.
އެކަކަށްވުރެ ކުރިން އަނެކަކު އަތިރިމައްޗަށް ގޮސް ކަށިވެލި އޮންނަ ތަންތަން ހޯދައިގެން ވެލިފުނިތައް ޖަހައެވެ. އެކަކު ޖަހާ ވެލިފުނި ރިޒާވްކޮށްފައިވާނަމަ އެހެން މީހަކަށް އެވެލި ފުނިން ވެލި ނެގުމުގެ ހުއްދައެއްވެސް ނޯވެއެވެ. މި ގޮތަށް ގޮސް އެތައް ވެލި ފުންޏެއް ޖަހައިގެން ބަރޯ ފުރައިގެންނާއި ގޯނިގޯނީގައި ދަމާ ގާޑިއާއަށް އަރުވައިގެންވެސް ވެލި ގެންދާނެއެވެ.

ވެލިލުމަށްފަހު ދެން ހޯދާނީ އޮށްވަޅުގޮނޑިއަކާއި ފަސްއޮށްބައިތަކެވެ. ކެރަމްބޯޑާއި ތިންހަމަ ސެޓްތަކެވެ. ބޮއްޔާއި މަދޮށްޓެވެ. އަދި ލާގުޅަވެސް ހޯދައެވެ. ވެޔޮގަނޑެއްހެން ހެދޭ ކަށިގިނަ ގަހެއްގައި އަޅާ މި އޮށަށް ބައެއް ރަށްރަށު މީހުން ކިޔަނީ ޅާގުޅައެވެ. އެކި ރަށްރަށުގައި މި ތަކެއްޗަށް ކިޔާ ނަންނަމާއި މި ކުޅިވަރުތައް ކުޅޭ ގޮތްވެސް ތަފާތުވެދާނެއެވެ.

ގދ.ގައްދޫގައި ދެޒުވާނުން އޮށްވަޅުގޮނޑި ކުޅެނީ/ ފޮޓޯ: ލަބީބު

ދޮންވެލި ލާފައި އޮންނަ ތަންތަނުގައި ކުދިވެރިން ދެފައި ވައްކޮށްގެން ތިބެއެވެ. ބައެއްފަހަރު އަކުން ބަކުންވެސް ކުޅޭނެއެވެ. ފަސްއޮށް ކުޅޭނެވެ. ބައެއްފަހަރު ކުނާ އަޅައިގެން އޮށްވަޅުގޮނޑި ކުޅޭނެއެވެ. ބޮޑެތި މީހުން ބަދިގެއަށް ވަނުމުގެ ކުރިން ފަސްއޮށް ކުޅެން ވެލިގަނޑުގައި އިރުކޮޅެއް ވަންދެން ތިބޭނެއެވެ. މިއީ އިހުގައި ދިވެހިންގެ ރޯދަމަހެވެ. ފެންވަރާ ނަލަހެދިގެން ޤުރުއާން ކިޔެވުމަށްފަހު ދެން އޮންނާނީ ކުޅިވަރުތަކެވެ. ބައެއް މީހުން އިށީންނާނީ ކެރަމްބޯޑު ދޮށުގައެވެ. ކެރަމްބޯޑުގެ ހަތަރު ފަރާތަށް މީހުން ހަމަކޮށްލުމަށް ބައެއްފަހަރު އަވަށްޓެރި ގޭގެއިންވެސް ކުދިން ގެންނާނެއެވެ.
ދޮށީ ފިރިހެން ވެރިން އުޅޭނީ ކުޑަ ރޭޑިއޯއެއް ހިފައިގެން ހޮޅުއަށިތަކުގައެވެ. ހޮޅުއަށިތަކުގައި އޮށޯވެގެންނާއި އިށީނދެގެން ތިބެ އެއްބަޔަކު އެކި ކަންކަމާއި ސައްލާ ކުރާނެއެވެ. އަނެއްބަޔަކު ތާސްބައި ހިފައިގެން އައިސް ތާސްގަނޑެއްގައި އިނދެފާނެއެވެ. އަސުރަށް ކައިރިވުމުން އަންހެންވެރިންނަށް ކުޅިވަރުތައް ނިމުނީއެވެ. ދެން އޮންނާނީ ނަމާދުކޮށްގެން ބަދިގެއަށް ވަނުމެވެ.

Advertisement

ބަދިގޭގައި ކައްކަން މަޖުބޫރު ބައެއް ބާވަތްތައް ހުންނާނެއެވެ. ބަތްޕެން ކެއްކުމާއި ރޮށި ފިހުމާއި މަސް ފިހުން، މަސްކުރޮޅިފަދަ ތައްޔާރުކުރުމުގައި އަވަދިނެތިއުޅެ ރޯދަވީއްލަންވާއިރަށް ބަދިގޭގެ މަސައްކަތްތައް ނިންމާލާނެއެވެ. އަދި މޭޒު ތައްޔާރު ކުރާނެއެވެ. އެންމެ ފުރަތަމަ ކާނީ ފިރިހެނުންނެވެ.

ހުޅުމާލެ ގޮނޑުދޮށުގައި ރޯދަމަހުގެ ފުރަތަމަ ދުވަހުގެ ހަވީރު ބަޔަކު މަޑުކޮށްގެން

އިހުގައި އޮތް މިއާދަކާދަތައް މިއަދު މިވަނީ މުޅިން ބަދަލުވެފައެވެ. ދިވެހިންނަށް ރޯދަމަހެއް އަންނަކަން އެނގޭނީ އުކާލާފައި ހުންނަ ފަރުނީޗަރުތަކުންނެވެ. އަދި ފިހާރަތަކުންވެސް ރޯދަސޭލް އަޅުވާ ނަސީބު ކޫޕަންވެސް ދޫކުރެއެވެ. ނަސީބު ކޫޕަން ފުރާލަން ނަމަވެސް ސޭލުތަކުން އެއްޗެއް ނުގަނެއެއް ނުވެއެވެ. ހަލާކު ނުވިޔަސް ބާވެފައި ހުންނަ ފަރުނީޗަރުތައް އުކާލައެވެ. މިހާރަކަށް އައިސް އަންހެންވެރިންނާއި ރޯދަމަސް ބައްދަލުކުރަނީ ގެއަށް ތަކެތި ގަނެ އާކުރަން ލިބޭ ފުރުސަތެއްގެ ގޮތުގައެވެ. ތެލިތައްޓާއި ސަމުސަލާއި ފެންބޯ ތަށިތައްވެސް އާކުރާނެއެވެ. އުނދުންވެސް އާކުރާ މީހުން އުޅެއެވެ. ރަނގަޅު އަވަނެއް ހުރިތޯ އާއި ބަދިގޭ ކަބަޑުސެޓްގައި މައްސަލައެއް އުޅޭތޯވެސް ބަލާނެއެވެ.
ކެއިން ބުއިމުގައި އިސްރާފް ގިނަ ނުކުރުމަށާއި ދިވެހި ވަންތަ ކެއުންތައް ތައްޔާރުކުރުމަށް އިހުގައި އުޅުނު މީހުން ވަރަށް އިސްކަންދެއެވެ. އިހުގެ އެ އާދަކާދަތައް މިވަނީ އުވިފައެވެ. ދިރިއުޅުމުގެ ވައްޓަފާޅިއާއި އިލެކްޓްރޯނިކް އާލާތްތައް ތަރައްޤީވެ ކުރިއަރާފައިވާ މިންވަރުގެ ސަބަބުން ދިވެހިންގެ ދިރިއުޅުމާއި ވައްޓަފާޅިއަށް ވަނީ ބަދަލުތައް އައިސްފައެވެ. އިހުގައި ކުޅުނު ކެރަމް ބައެއް މީހުން ކުޅެނީ އަތުގައި އޮންނަ ސްމާޓްފޯނުންނެވެ. ފޯނުން އެއްބަޔަކު ކެރަމް ކުޅުނަސް މިހާރުވެސް ގޭގެއަށް ކެރަމްބޯޑު ގަންނަ މީހުން އުޅެއެވެ. އިހުގައި ބޮޑެތި ޚަތިމުތަކުން ކިޔަވަމުން އައި ޤުރުއާންވެސް މިއަދު އެ ކިޔަވަނީ ފޯނުންނާއި ޓެބްލެޓުން ބަލައިގެންނެވެ.
ރޯދަވީއްލުމަށް ތައްޔާރުކުރާ އިހުގެ ބާވަތްތައްވެސް ވަރަށްބޮޑަށް އުވިގެން ހިނގައްޖެއެވެ. މިހާރު ރޯދަވީއްލުންތަކުގައި ހެދިކާވެސް ހިމެނެއެވެ. ކުރީ ޒަމާނުގައި ބައެއް ރަށްރަށުގައި ރޯދަވީއްލާ ގަޑީގައި މޭޒުމައްޗަށް ހެދިކާއެއް ނުގެންނާނެއެވެ. ހެދިކާ ކެއުން އޮންނާނީ ތަރާވީޙް ނަމާދަށް ފަހުއެވެ. އެއަށް ކިޔަނީ ތަރާވީސް ދަމުގެ ކެއުމެވެ. ތަރާވީޙް ނަމާދުން ފައިބައިގެން އަންނައިރު ބައެއް ރައްޓެހިން ގޮވައިގެންވެސް ކެއުމަށް އާދެއެވެ.

+1
0
+1
3
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް