September 20, 2024 10:46
Advertisement

-Advertisement-

އެވޭލާ ހާދިސާ: ރަފީގުގެ އުއްމީދީ ހުޅުކޮޅު

އިރު އޮއްސި އަނދިރިވަމުން ދިޔަ ވަގުތެވެ. ޖެހެމުން ދިޔަ މަޑު ފިނި ވައިރޯޅީގެ ތެރެއަށް ގެއްލި ފިކުރު ކުރަމުން އެދަނީ އޭނާ އެކަންޏެއްނޫނެވެ. އެއުމުރުގެ އެތައްބަޔެކެވެ. ދުވާލާއި ރޭގަނޑު އަނދިރީގައާއި އަލީގައި އެކިކުދިންގެ ތަފާތު ފިކުރުތައް އެކިކުދިންނާއި ނުވަތަ ބައިވެރިންނާއި ހިއްސާކުރުމަށް އިރު އޮއްސޭވަގުތާއި ފަތިސްވަގުތު ހޭދަކުރުމަކީ ގިނަ ކުދީންގެ އާދައެކެވެ. ކޮންމެ ކުއްޖަކުވެސް މިވަގުތު ހޭދަކުރަމުން ދަނީ ކޮންމެވެސް ބައިވެރިއަކާއިއެކުގައެވެ. ނަމަވެސް އޭނާ އެއިނީ އެކަންޏެވެ. ބައިވެރިއަކު ނެތެވެ. އެއީ އޭނާގެ ނަސީބުގައި ބައިވެރިއަކު އެވަގުތު ލިބިފައި ނެތުމުންނެވެ. އެގޮތަށް އުމުރު ހޭދަކުރަނީ ހަމަ އޭނާ އެކަންޏެއްނޫނެވެ. ކިތަންމެ ކުދިންނެއްވެސް މިނަސީބުން މަހުރޫމުވެފައި ވެއެވެ.

ރަފީގު އެކަނި އިނދެ މިޚިޔާލީ ކަނޑުގައި ފަތަމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ. ނަމަވެސް އޭނާގެ އުއްމީދެއް އޮވެއެވެ. ނުގުޑާފަދަ ވަރުގަދަ އުއްމީދެކެވެ. އެހެން ކުދީންވެސް އުފާވެރި ވަގުތު ހޭދަކުރަމުން ދަނީ އެކުދިންގެ ބައިވެރިޔާއާއިއެކުގައެވެ. އެނަސީބު އަހަންނަށްވެސް އަދި ލިބޭނެއެވެ. އަހަރެންގެ ނަސީބުގެ ހުޅުކޮޅު ދިއްލިފައިވާތަން އަދި ފެންނާނެއެވެ. އެއުއްބައްތި އިރާދަކުރެއްވިއްޔާ އަހަރެންގެ އަތުން ދިއްލާނަމެވެ. މިވަގުތު އަހަރެންނަކީ މައިންބަފައިން ތިއްބަސް އެކަނިވެރިއެކެވެ. އެމީހުންނަކީ ޚަރަދުކޮށް އަހަރެން ބަލަހައްޓާ އެންމެ އޯގާތެރި ދެމީހުންނެވެ. ނަމަވެސް އަހަންނަށް އެންމެ ބޭނުންވާކަމެއް ނުވަތަ އެއްޗެއް އެދެމީހުންނަށްވެސް ހޯދައެއް ނުދެވެއެވެ. އެދެމީހުންގެ ކައިރީގައި އެވާހަކަ ބުނަން ނުކެރޭނެއެވެ. އަހަރެން އަމިއްލައަށް އެކަމެއްކުރަން ކުރިމަތިލާނަމެވެ. މިހާރުވެސް އަހަރެންގެ ހިތުގެ އުއްމީދު (ކަސަބުގެ ދޮންދީދީ) ގެ ހަނދާންތައް އާވެއާވެ ހުރެއެވެ. އޭނައަކީ ރީތި ޅަދޮޅުކުއްޖެކެވެ. އޭނަ ބައެއްފަހަރު އަހަންނަށް މައްލަވަ ކުރެއެވެ. ޖެއްސުމުގެ ބަސްތައް ބުނެލައެވެ. ލާނެއްގޮތަކަށް ތިއީ "ބޮޑުފިނޑިއެކޭ" ބުނަލައެވެ. މިހުރިހާ ޚިޔާލުތައް ރަފީގު ވަޔާއި ހަވާލުކޮށް ޖައްވަށް ދޫކޮށްލިއެވެ. އަޑުއަހާނެ ނުވަތަ ހެކިވާނެ ފަރާތެއް ނެތެވެ. ހަމައެކަނި ވޭނީ ކަރުނަ ތަހައްމަލު ކުރަން އިނީވެސް އޭނަ އެކަންޏެވެ.

އޭގެ ފަސްދުވަސްފަހެވެ. ރަފީގުގެ ބަންދު ކުރެވިފައިވާ ހިތް ހުޅުވާލެވުނީ ހަމަ ދެތިން ޖުމްލައަކުންނެވެ. ކަސަބު ބޯވަޅުއެޅި ލިބާހެއްގައި ހުރި ރީތިކުއްޖެއްގެ ފުރިހަމަ އިބާރާތްތަކުންނެވެ. ރަފީގު ހުރީ އޭނާގެ ގޭގެ ދޮރާށި ކައިރީގައެވެ. އަތުގައި އޮތީ ހިމަ ދަނޑިކޮޅެކެވެ. ބިމުގައި އެދަނޑިކޮޅުން ވިއަކުރު ޖަހަމުން ދަނީއެވެ. އެއާއެކު ކޮންމެވެސް ކަމެއްގެ މައްޗަށް ފިކުރުހިންގާލުމަށްފަހު ބޯ މައްޗަށް ހިއްލާލިއެވެ. އެވަގުތު ރަފީގަށް ފެނުނީ ކަސަބުން ބޯވަޅު އެޅި ލިބާހެއްލައިގެން ހުރި ފަރި "ދޮންދީދީއެކެވެ." އޭނަ އެއްޗެއް ބުނެލިއެވެ. މަޑުމަޑުންނެވެ. ކީކޭތަ ތިބުނީ؟ ރަފީގު އަހާލިއެވެ. ދޮންދީދީ ކޮބާ އަޑުނުއިވުނުތަ! "އަހަރެން ބުނީ ތިހާ ފިނޑިވެގެން ނޫޅޭށެވެ. ކެރިގެން ކަމަކަށް ކުރިމަތިލާންވީ ނޫންހެއްޔެވެ؟ ނުކެރި ހުއްޓާ އަތުނުޖެހި ބީވެދާނެއެވެ. އެހެންވެއްޖެނަމަ ދެވަނަފަހަރަށް ޚިޔާލީ ކަނޑަކަށް ފެތިދާނެއެވެ. އޭގެފަހުގައި އެކަމުގެ ޒިންމާ މައިންބަފައިންގެ ބޮލުގައި ނާޅުވާށެވެ. ތިމަންނައަށް ނުކެރޭ ކަމުގެ މައްޗަށް ހިތާމަކޮށް ދެރަވާން ޖެހިދާނެއެވެ. މިއީ މިފަދަވާހަކައެއް ފިރިހެންކުއްޖެއްގެ ކައިރީގައި އަންހެން ކުއްޖަކު ދެއްކި ފުރަތަމަ ފަހަރު ކަމަށްވެސް ވެދާނެއެވެ." މިހެންބުނެލުމަށްފަހު ދޮންދީދީ ހިނގައްޖެއެވެ.

Advertisement

ރަފީގު އެވަގުތުން ފެށިގެން ދޮންދީދީގެ ޖުމްލަތަކަށް ފުންކޮށް ވިސްނުމަށްފަހު ހިތަށް އެރިއެވެ. "މިފަހަރު މިއޮތީ މުށުތެރޭގައެވެ." ދެންޖެހޭނީ "އުއްމީދުގެ ހުޅުކޮޅުން" ހަޔާތް ރޯޝަންކުރާށެވެ. އަހަރެންނަކީ މީހެއްކަން ދޮންދީދީއަށް އަންގާލަދޭނަމެވެ. ފިނޑިވެ ނުކެރި ނުހުންނާނަމެވެ. އަހަންނަކީވެސް ފިރިހެނެކެވެ. ދެތިން ދުވަސްފަހުން ދޮންދީދީ ފެންނަތާކުން މައްލަވަކުރަން ފަށައިފިއެވެ. ދޮންދީދީ ފެންނަ ކޮންމެތާކުން ރަފީގު ފެންނަން ފަށައިފިއެވެ. ނަތީޖާއަކީ ދެމީހުން އެކަކު އަނެކަކާއި ގުޅިލާމެހިއްޖެއެވެ. ރަފީގުގެ ހިތުގެ މުރާދު ހާސިލްވާނެކަމުގެ އުއްމީދު އާވެއްޖެއެވެ. ނުސީދާގޮތުން ކަމުގެ ހަގީގަތް ދެކުދިންގެ މައިންބަފައިންނަށް އެގިއްޖެއެވެ. "ރަފީގު މަންމަ: އަހަރެން ނޫނެކޭ ބުނެފިނަމަ ދަރިފުޅަށްވާނީ ކިހިނެއްހޭ؟." ރަފީގުގެ މަންމަ ބުނުއްވިއެވެ. "ރަފީގު: އެހެންވެއްޖެނަމަ އަހަރެންގެ އުއްމީދުގެ ހުޅުކޮޅު ނިވިދާނެއެވެ. އެކަކުވެސް މިކަމަށް ހުރަސް އަޅާނެކަމަށް އަހަރެން ނުދެކެމެވެ. މިއީ އަހަރެންގެ ހަޔާތުގައި ދިއްލާލެވޭ ވޮށެއްކަމުގައި މަންމަމެންހައްދަވާދެއްވާށެވެ." ރަފީގުގެ މަންމަ: ދަރިފުޅާ އެއީ މަންމަ އެހެންބުނި ވާހަކައެއް ނޫނެވެ. ދަރިފުޅުގެ ހިތްވަރު ހުރިއްޔާ ތިކަމުގައި ކުރިޔަށްދާށެވެ. ދޮންދީދީގެ ރީތިކަންދެކެ އޭނަގެ މައިންބަފައިން ފަޚުރުވެރިވާ ވަރު މަންމަމެންނަށް އެނގެއެވެ. ދަރިފުޅުގެ ހަޔާތަށް އޭނާ އައުމަކީ ނާދިރު ކަމެއްކަމަށް މަންމައަށް ހީވާތީ އެހެން ބުނެވުނީއެވެ. ރަފީގު: މަންމާ! ވުން އެކަށީގެންނުވާ ކަންތައް ދުނިޔޭގައި ވަރަށްމަދެވެ. ގަދައަޅާ މަސައްކަތްކުރީމާ ކޮންމެކަމެއްވެސް ވާނެއެވެ.

ރަފީގުއާއި މަންމަ މިވާހަކަ ދައްކަމުން ދަނިކޮށް ދިލާވަރުގޭ ދޮރޯށި ކައިރީގައި ބަޔަކު އުޅޭހެންހީވެ ރަފީގު ނުކުމެ ބަލާލިއިރު ދޮންދީދީއާއި އޭނަގެ މަންމަ ތިއްބާ ފެނުމުން ލަދުރަކިގޮތަކަށް ކަމަކުތޯ ތިއުޅުއްވަނީ. ރަފީގު އަހާލިއެވެ. ދޮންދީދީގެ މަންމަ ޚާލިދާ: ރަފީގުގެ މަންމަ ކޮބައިތަ.؟ ރަފީގު: އެބައުޅުއްވާ. އެތެރެއަށް ވަންނަވަންވީނޫންތޯއެވެ.

ޚާލިދާއި ދަރިފުޅު(ދޮންދީދީ) އެތެރެއަށް ވަދެއްޖެއެވެ. ޚާލިދާއި ޙަސީނާ(ރަފީގުގެ މަންމަ) ދުރަށްޖެހިލާފައި މިދެކުދީންގެ ގުޅުންބަދަހިވެފައިވާ މިންވަރު ޚާލިދާ ހަސީނާ އަށް ކިޔާދީފިއެވެ. މިއީ ދެކުދިންވެސް ވަރަށްރުހޭ ކަމެއްކަމަށް ދެފަރާތަށްވެސް އެނގިހާމަވިއެވެ. ލަސްތަކެއްނުވެ ދެކުދިން އެއްބަސްވާ ތާރީޚެއްގައި ކައިވެނިކޮށް ނިންމުމަށްވެސް އެއްބަސްވިއެވެ. ދުވަސްތައް މާޒީއާއި އެކުވެގޮސް އެދެމީހުންގެ ކާވެނީގެ ދުވަސް އައިސް ޖެހިއްޖެއެވެ. ދުވަހަކީ 1930 ވަނަ އަހަރު ޖުލައިމަހު 20 ވަނަ ދުވަހެވެ. ދަރިފުޅުގެ ހަޔާތަށް އާރޯޝަންކަމެއް ލިބެން އުޅޭތީވެ ރަފީގުގެ އާއިލާވަނީ އުފަލުން ފޮޅިފައެވެ. އެއާއެކު ދޮންދީދީގެ އާއިލާގެވެސް މިކަމާއި ދެބަސްވާ ހަމައެކަކުވެސް ނެތެވެ.

ކާވެނީގެ ރަނަކީ 20 ކުޅަދުގެ ރަންކަމުގައި ހަމަޖެހި ކައިވެނި އަގުދުކޮށް ނިމުނީ އެރޭގެ ނުވަގަޑިބައިގައެވެ. ޙާޟިރީންނަށް ސައިފޮދުދީ ނިމުނުއިރު އެގާރަ ޖަހައިފިއެވެ. ރަފީގުގެ ހަޔާތަށް އަލިކުރާ ވޮށެއްކަމުގައިވި ދޮންދީދީ އޭނާގެ މިލްކަކަށްވީއެވެ. އުފަލާއި ހިތްހަމަޖެހުމުގެ ފުރުސަތު ލިބުނީއެވެ. މިގޮތުން އުފަލާއި މަޖަލުގައި ހަތްއަހަރު ވޭތުކުރިކަމުގައިވިއެވެ. އެއްދުވަހަކު މިދެކުދިން އެހެންކުދިން ފަދައިން ހިނގާލަންދިޔަ ދުވަހެކެވެ. އެއްފަރާތު އަތިރިމަތީން އަނެއްފަރާތުގެ އަތިރިމައްޗަށެވެ. އެއްތުނޑިން އަނެއް ތުނޑިއަށެވެ. މިގޮތަށް ދޮންވެލި ތުނޑީގައި ދުވެ މަޖާކުރަމުން ދަނިކޮށް ރަފީގު ވެއްޓިއްޖެއެވެ. ނުތެދުވެ މޫނު ވަތަށް ވާގޮތަށް އޮންނަތާ އިރުކޮޅެއްވެއްޖެއެވެ. އޭގެ ފަހުގައި މަގޭ ދޮންދީދީއޭ ކިޔާފައި ބާރަށް ގޮވާލިއެވެ. ދޮންދީދީ ހިކުރީ ރަފީގު ސަމާސާ ކުރަނީ ކަމަށެވެ.

ފުރަތަމަ ފަހަރު ގޮވީމާ ދޮންދީދީ ނައެވެ. ދެތިންފަހަރު ގޮވީމާ ދޮންދީދީ އައިސް ބަލާލިއިރު ކަމަކުދާކަށްނެތެވެ. ރަފީގުގެ މޭ ފޫއަޅުވާފައި މިހިރީ މަޑިކައްޓެއް ހެރިފައެވެ. ރަފީގުގެ ހުވާސްވެސް ނެއްފަދައެވެ. އަނގައިންނާއި ނޭފަތުން ލޭ އަންނަނީއެވެ. ދޮންދީދީ ހާސްވެ ކަންބޮޑުވެއްޖެއެވެ. ދުވެގޮސް ގޭގެ މީހުން ގޮވައިގެން އައިސް ބެލިއިރު ތެދެކެވެ. ވަރަށް ފުނަށް މިހިރީ މަޑިކައްޓެއް ހެރިފައެވެ. އެއީ ދޮންވެލިގަނޑުގައި އޮތް ކައްޓެކެވެ. ދެއާއިލާގެ މީހުން ރަފީގު ނަގައިގެން ގެންދިޔައީ ހަކީމީ ބޭސްވެރިއެއްގެ ގާތަށެވެ. ނަމަވެސް ވަގުތު ފާއިތުވެއްޖެއެވެ. ކަށި ހެރިފައި ހުރީ ހިތަށެވެ. ހިތުގެ ވިންދު ހުއްޓުމާއެކު ރަފީގު ދުނިޔެއަށް އަލްވަދާޢު ކިޔާފިކަން ހަކީމު ބުނުއްވިއެވެ. "އިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖިއޫން." ރަފީގުގެ ހަޔާތަށް އަލިކުރި އުއްބައްތި ނިވި އެއުއްބައްތި އެހެންމީހެއްގެ ހަޔާތާ ދިމާއަށް ދިޔައީ ތިންއަހަރާއި އެއްމަސް ފަހުންނެވެ. މިއީ މިހާދިސާ ނިމުނުގޮތެވެ.

   

ނޯޓް: މިއީ މަލިކު ހަސަންބޭގެ ހދ. އަތޮޅުގެ ތިންވަނަ ހާދިސާ އެވެ.

+1
0
+1
0
+1
3
+1
0
+1
0
+1
0
+1
1

Advertisement

ގުޅުންހުރި ލިޔުންތައް