September 21, 2024 03:04
Advertisement

-Advertisement-

ރަސޫލާ ﷺ ގެ ސީރާ ދަސްކުރަންޖެހޭ ސަބަބު

ރަސޫލާ ގެ ސީރާ ތިންވަނަބައި

ސީރާ މިބަހަކީ ޢަރަބި ބަހެކެވެ. މިބަސް އައިސްފައިވަނީ ސާރަ، މަސީރު، ސައިރަން މިބަހުންނެވެ. އަދަބީގޮތުން މިބަހުގެ މާނަޔަކީ މަގެވެ. މީހަކު ދަތުރުކުރަން އިޚްތިޔާރުކުރާ މަގެވެ. އެހެންވެ ސީރާއަކީ ވަކި މަގަކުން ދަތުރުކުރުމެވެ. މަސީރު މިބަހުގެ މާނަޔަކީ ހިނގުމެވެ. ނުވަތަ އެއީ ހިނގަން އޮންނަ ތަނެވެ. މިސާލަކަށް ދުވާރަކީވެސް މަސީރުއެވެ.

ސީރާ މަޖާޒީގޮތުގައި ބޭނުންކުރަނީ މީހެއްގެ ހަޔާތަށެވެ. މީހަކު ދަތުރުކޮށްފައިވާ މަގަށެވެ. ކީރިތި ޤުރްއާނުގެ ޠާހާ ސޫރަތުގައި ސީރާ މިބަސް ނަންގަނެވިފައިވެއެވެ. (21 ވަނަ އާޔަތް، ޠާހާ ސޫރަތް)

Advertisement

ޤުރްއާނުގައި މިބަސް ބޭނުންކުރައްވާފައިވަނީ އެއްޗެއް އޮތް ޖިސްމާނީ ހާލަތު ނުވަތަ ގޮތަށެވެ. އެހެންކަމުން މީހެއްގެ ސިފަވެސް އޭނާގެ ސީރާއަށްވެދެއެވެ. ވީމާ ސީރާއަކީ މީހާގެ ހަޔާތުގެ ހުރިހައި ކަމެކެވެ. އޭގެތެރޭގައި އޭނާގެ ސިފައާއި އުޅުމާއި އަޚުލާގާއި މިޒާޖާއި ކުރިކަންކަން ހިމެނެއެވެ.

މީހެއްގެ ޙަޔާތަށް ސީރާ މިބަސް ބޭނުންކުރެވެނީ މިބަހުން އެމީހެއްގެ ހަޔާތުގައި ތިމާއަށް ދަތުރުކުރެވޭތީއެވެ. ނުވަތަ އެމީހާގެ ފިޔަވަޅުމަތިން ނުވަތަ އެމީހާގެ މަގުން ތިމާއަށް ދަތުކުރުކުރެވޭތީއެވެ.

ސީރާ މިބަހަކީ އަދަބީ ބަހެކެވެ. އެގޮތުން މިބަހުގެ އިނގިރޭސި ނަމަކީ ބަޔޮގްރަފީއެވެ.

ރަސޫލުﷲ ﷺ ގެ ޙަޔާތްޕުޅާއި އެޒަމާން ދަސްކުރާއިރު ތިމާއަށް އެކުރެވޭ ކަމަކީ އެކަލޭގެފާނުގެ ފިޔަވަޅުގެ ފަހަތުން ދިއުމެވެ. ނުވަތަ އެކަލޭގެފާނު ހިންގެވި މަގުން ހިނގުމެވެ. ރަސޫލުﷲ ﷺ އާ ހަމައިން ޢަރަބީން ސީރާ އެހެން މީހުންނަށް ބޭނުންކުރުން ހުއްޓިއެވެ. ސީރާއަކީ ހަމައެކަނި ރަސޫލުﷲ ﷺ ގެ ހަޔާތްޕުޅަށް ބޭނުންކުރާ ބަހަކަށް ހެދިއެވެ. އެހެންކަމުން މިއަދު ސީރާއަކީ އެކަލޭގެފާނުގެ ހަޔާތްޕުޅަށް ދެވިފައިވާ ޚާއްޞަ ނަމެކެވެ. އެއީ ސީރަތުއްނަބަވިއްޔާއެވެ.

ޢިލްމުވެރިން ވިދާޅުވާގޮތުގައި ސީރަތުއްނަބަވިއްޔާއަކީ ރަސޫލުﷲ ގެ ހަޔާތްޕުޅާއި ގުޅޭގޮތުން އަހަރެމެންނާއި ހަމައަށް އައިސްފައިވާ ހުރިހާ ވާހަކައެކެވެ. އެގޮތުން އެކަލޭގެފާނުގެ ދިރިއުޅުއްވުމާއި ގެންގުޅުއްވި އާދަތަކާއި ޚުލްގުފުޅާއި އެކަލޭގެފާނުގެ ހަޔާތްޕުޅުގެ ކޮންމެ ވަގުތަކީ ސީރާގެ ބައެކެވެ. ހަމައެގޮތަށް އެކަލޭގެފާނާއި ސީދާ ގުޅުންހުރި ކޮންމެކަމަކީ ސީރާގެ ބައެކެވެ.

ރަސޫލުﷲ ﷺ ގެ ސީރާ ފުރިހަމައަށް ދެނެގަތުމަށްޓަކައި ފަށަންޖެހެނީ އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވިއިރު ދުނިޔެ އޮތް ހާލަތުންނެވެ. އޭރު ދުނިޔޭގެ މަސްރަޙު އޮތް ހިސާބުންނެވެ. އެހެންވެ ސީރާގެ ހުރިހާ ފޮތެއްގައިވެސް އެދުވަސްވަރުގެ ހާލަތު ބަޔާންކޮށްފައިވެއެވެ. މިކަމުގައި ސީރާގެ އެންމެ ބޯދާ ފޮތުން ފެށިގެން މިހާރު ނެރެވޭ ފޮތްތައް އިސްތިސްނާނުވާކަން ފާހަގަކުރަންޖެހެއެވެ. މިކަމުން ކަށަވަރުވަނީ ރަސޫލުﷲ ﷺ ދުނިޔެއަށް ފޮނުއްވިއިރު ދުނިޔެ އޮތްގޮތް އެނގެންޖެހޭކަމެވެ.

ރަސޫލުﷲ ﷺ ގެ ސީރާ ކިޔައި ސީރާ އަޑުއަހަންޖެހެނީ ކީއްވެގެން ހެއްޔެވެ. އެއީ ކޮން ސަބަބަކާހުރެ ކުރަންޖެހޭ ކަމެއް ހެއްޔެވެ. މިސުވާލުތަކަށް ހުރި ޖަވާބުތައް ބައިވަރެވެ. އެންމެފުރަތަމަ ﷲ ވަނީ އަހަރެމެންނަށް ރަސޫލުﷲ ﷺ ދަސްކުރުމަށް އަމުރު ކުރައްވާފައެވެ. އެކަލޭގެފާނު ނަމޫނާއަކަށް ބެލުމަށް ކީރިތި ޤުރްއާނުގެ 50 އާޔަތުގައި ﷲ އަހަރެމެންގެ މައްޗަށް އަމުރުކުރައްވައެވެ. އާޔަތް (އަޙުޒާބު ސޫރަތް 21) 

ސީރާ އުނގެނެންޖެހޭ ދެވަނަ ސަބަބަކީ ﷲ އަށް އެންމެ ފުރިހަމަގޮތުގައި ބިރުވެތިވެ ތަޤުވާވެރިވާނެގޮތް ދެނެގަތުމަށެވެ. އެހެނީ އެންމެ ފުރިހަމަގޮތުގައި ﷲ އަށް ކިޔަމަންވެ ބިރުވެތިވެ ތަޤުވާވެރިވި އަޅަކީ ރަސޫލުﷲ ﷺ ކަމުގައިވާތީއެވެ. އެހެންކަމުން މިކަން ދެނެގަތުމަށްޓަކައި އެކަލޭގެފާނުގެ ސީރާ ދެނެގަތުން އަސާސީކަމަކަށްވެދެއެވެ.

ދުނިޔޭގައި ތިމާ އުޅޭއިރު ތިމާގެ ފަރާތުން އަނެކުންނަށް ހުންނަންޖެހޭ ރަޙުމާއި ކުލުނާއި އޯގާވެރިކަން ދަންނަންޖެހެއެވެ. ސުލްހަވެރިކަމާއި އަމާންކަމުގައި އިންސާނުންނަށް އުޅެވެނީ އެމީހުން އެކަކު އަނެކަކަށް ލޯބިވެ މަޑުމައިތިރިކަމާއެކު ޢަމަލުކޮށްގެންނެވެ. މިކަން އެންމެ ފުރިހަމަގޮތުގައި ދެއްކެވި ސާހިބާއަކީ ރަސޫލުﷲ ﷺ އެވެ. މިކަން ދަސްވާނީ އެކަލޭގެފާނުގެ ސީރާ އުނގެނިގެންނެވެ.

ކާމިޔާބު މީހަކަށްވުމަށްޓަކައި ތިމާގެ ކިބައިގައި ލީޑަރޝިޕް ހުންނަންޖެހެއެވެ. އެމީހެއްގެ ކިބައިން އެންމެ ފުރިހަމަ ލީޑަރޝިޕް އެންމެ މަތީފެންވަރުގައި ފެނިގެންދިޔައީ ރަސޫލުﷲ ﷺ ގެ ކިބައިންނެވެ. އެހެންވެ ކާމިޔާބު ލީޑަރަކަށްވުމަށްޓަކައި ރަސޫލުﷲ ﷺ ގެ ސީރާ ދަސްކުރުމަކީ ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތެކެވެ.

ކާމިޔާބު ޢާއިލާއަކީ މުޖުތަމަޢުގެ ކުރިއެރުމެވެ. ކާމިޔާބު ޢާއިލާއެއް ބިނާކުރުމަށްޓަކައި އެންމެ މުހިންމު ދައުރެއް އަދާކުރަންޖެހޭ މީހަކީ ފިރިމީހާއެވެ. އެންމެ ހެޔޮ ލަފާ އަދި ނަމޫނާ ފިރިއަކީ ކީރިތި ރަސޫލާ އެވެ. ހަމައެފަދައިން ދަރިން ތަރުބިއްޔަތު ކުރުމުގައި ކާމިޔާބު ބައްޕައަކަށް ވާނެގޮތް އެނގެންޖެހެއެެވެ. މިކަމުގައިވެސް އެންމެ ފުރިހަމަ މިސާލަކީ މާތް ނަބިއްޔާ އެވެ. އެހެންވެ ކާމިޔާބު ޢާއިލާއެއް ބިނާކުރުމަށްޓަކައި ރަސޫލުﷲ ﷺ ގެ ސީރާ ދަސްކުރުމަކީ އަހަރެމެންގެ މައްޗަށް އޮތް ބޮޑުވެގެންވާ ވާޖިބުކަމެކެވެ.

ﷲ ރަސޫލުން ފޮނުއްވުމުގެ އެއް ބޭނުމާއި ޙިކުމަތަކީ އެބެއިކަލުންގެ ޙަޔާތްޕުޅުން ރިސާލަތުގެ ދިރިހުރި ނަމޫނާ ދެއްކެވުމެވެ. ކީރިތި ޤުރްއާންގައި ﷲ އަންގަވާފައިވާގޮތުގައި އެކަލާނގެ އެދިވޮޑިގެންވާނަމަ ރިސާލަތާއިގެން މަލާއިކަތުން ފޮނުއްވީހެވެ. އެކަމަކު މަލާއިކަތުން ފޮނުއްވިނަމަ އިންސާނުން ބަހަނާއެއްގެ ގޮތުގައި ދައްކާނީ ތިމަންމެންނަށް މަލާއިކަތުންނަށް ނުވެވޭނެ ވާހަކައެވެ. އާޔަތް (އަންޢާމް ސޫރަތް 111) އިސްރާ ސޫރަތް 95

ރަސޫލުﷲ ﷺ ދެކެ ލޯބިވެވޭނީ އަދި އެލޯބި އިތުރުކުރެވޭނެ ހަމައެކަނި ގޮތަކީ ތިމާއަށް ރަސޫލާ އެނގި ދަސްވެގެންނެވެ. ރަސޫލުﷲ ﷺ ގެ ސީރާއިން ތިމާއަށް އެކަލޭގެފާނު ދަސްވެ އެކަލޭގެފާނާއި ގުޅައިލެވޭނެއެވެ. އެހެންކަމުން އެކަލޭގެފާނުދެކެ ލޯބިވުމަށްޓަކައި އަހަރެމެން މުސްލިމުން ކުރަންޖެހޭ އެއްކަމަކީ އެކަލޭގެފާނުގެ ސީރާ އުނގެނުމެވެ. އެކަލޭގެފާނު އުޅުއްވި ޒަމާން ދިރާސާކޮށް ދެނެގަތުމެވެ.

އަހަރެމެން މުސްލިމުންގެ އަދުގެ ހާލަތަކީ ޣާފިލުކަމާއި ޖާހިލުކަމެވެ. ދީން ނޭނގުމުގެ ސަބަބުން މުސްލިމުންނަށް ދެވެނީ ދީނާއި ދުރަށެވެ. ދީން ގެނެސްދެއްވި ރަސޫލުﷲ ﷺ އަކީ އަހަރެމެންނަށް ބީރައްޓެއްސެކެވެ. އެކަލޭގެފާނުގެ ދަރިކަލުންނާއި ދަރިކަނބަލުންގެ ނަން އަހަރެމެން މުސްލިމުންނަށް ނޭގެއެވެ. އެކަލޭގެފާނުގެ އަނބިކަނބަލުންނަކީ ކޮބައިކަން ނޭގެއެވެ. އެކަލޭގެފާނުގެ ޢާއިލާ ބެއިކަލުންނާއި ބެއިކަނބަލުންވެސް ނުމެ އެނގޭމެއެވެ. އެކަމަކު ބޮލީވުޑާއި ހޮލީވުޑުގެ މަޝްހޫރު އެންމެންގެ ފަތިފުށް އަހަރެމެންނަށް އެނގެއެވެ.

ކަން މިހެން ހުރުމާއެކު މިއަދުގެ މުސްލިމުން އެންމެބޮޑަށް ކުރަންޖެހިފައިވާ ކަމަކީ ރަސޫލާގެ ސީރާ ދަސްކުރުމެވެ.

ނުނިމޭ... 

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

+1
0
+1
1
+1
5
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް