November 23, 2024 01:51
Advertisement

-Advertisement-

ރަސޫލުﷲ ﷺ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުން

ރަސޫލުﷲ ގެ ސީރާ ހަވަނަބައި

ޖާހިލިއްޔަ ޒަމާނުގެ ޢަރަބީންގެތެރޭގައި އޮތް އެންމެ އާދަޔާއިޚިލާފް ސިފަޔަކީ ބުދަށް އަޅުކަން ކުރަމުންދިޔައިރުވެސް ﷲ ގެ އެއްކައުވަންތަކަމާމެދު އެމީހުން ދެބަސްނުވުމެވެ. އެމީހުން ﷲ ގެ ނަމުގައި ބުދެއް ނުހަދައެވެ. އެއްވެސް ބުދަކަށް ﷲ ގެ ނަމުން ނަންދީފައިވެސްނުވެއެވެ. މިގޮތަށް އެމީހުން ކަންކުރި މައިގަނޑު ސަބަބަކީ ހައްދަވައި ގެންގުޅުއްވާ އިލާހަކީ ﷲ ކަން އެމީހުންނަށް ކަށަވަރުވާތީއެވެ. ޤުރައިޝުންގެ މިޢަޤީދާ ﷲ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވައެވެ. މިކަން ޒުމަރު ސޫރަތުގެ 38 ވަނަ އާޔަތުން އެނގެއެވެ.

އަދި ހަމަކަށަވަރުން އުޑުތަކާއި، ބިން ހެއްދެވީ ކާކުހޭ ކަލޭގެފާނު އެއުރެންނާ ސުވާލުކުރައްވައިފިނަމަ، އެއުރެން ބުނާނެކަން ކަށަވަރެވެ. ﷲ އެވެ.

Advertisement

އެމީހުން ބުދަށް އަޅުކަން ކުރަނީ ﷲ އަށް ބޮޑަށް ކުއްތަންވާންކަމަށް އެމީހުން ބުންޏެވެ. މިކަންވެސް ކީރިތި ޤުރްއާންގައި ﷲ ބަޔާންކުރައްވައެވެ. މިކަން އެނގެނީ ޔޫނުސް ސޫރަތުގެ 18 ވަނަ އާޔަތުންނެވެ.

އެއުރެން ﷲ ފިޔަވައި އަޅުކަންކުރަނީ، އެއުރެންނަށް ގެއްލުމެއްވެސް ނުދެވޭ، އަދި އެއުރެންނަށް މަންފާއެއްވެސްނުދެވޭ ތަކެއްޗަށެވެ. އަދި އެއުރެން ބުނެތެވެ. މިތަކެއްޗަކީ، ﷲ ގެ ޙަޟުރަތުގައި ތިމަންމެންނަށް ޝަފާޢަތްތެރިވާނޭ ތަކެއްޗެވެ.

ބުދަށް އަޅުކަންކުރުމުގެ ސަބަބުން ޤުރައިޝުން މުސްލިމުންނަކަށް ނުވެއެވެ. އެމީހުންވީ ބުދަށް އަޅުކަންކުރާ ޣައިރު މުސްލިމުންނަށެވެ. މިއަދުގެ މުސްލިމުންވެސް މާބޮޑަށް ފާފަކުރެވުމުން އެކަމުން މިންޖުވުމަށް މެދުވެރިން ހޯދައެވެ. އޭގެތެރޭގައި ޝައިޚުންނާއި އެކުގައި މަސައްކަތްކުރާ މީހުން ހިމެނެއެވެ. މިގޮތަށް މީހުން މެދުވެރިކޮށް ﷲ ގެ ޙަޟުރަތުން މަދަދަށް އެދުމަކީ ޝިރުކުގެ ވައްތަރެކެވެ. މިއަދު ދުނިޔޭގައި މިގޮތަށް އެންމެގިނަ މީހުން އަޅުކަން ކުރާ ފަރާތަކީ ޢީސާ ޢަލައިހި ސަލާމްއެވެ.

ރަސޫލުﷲ ޢަރަބިކަރައަށް ފޮނުއްވުމުގައި ގިނަ ޙިކުމަތްތަކެއްވެއެވެ. އޭގެތެރޭގައި ޢަރަބިކަރަ އޭރު ދުނިޔޭގައި އޮތް އެންމެބޮޑު ދެބާރުގެ މެދުގައިވުން ހިމެނެއެވެ. މިގޮތަށް ރޫމީންނާއި ފާރިސީންނާއި ކައިރީގައި އޮތުމުން އެމީހުންނާއި ގުޅުމަށް ފަސޭހަވެދެއެވެ. ފަހުން މުސްލިމުންނަށް ރޫމީންނާއި ފާރިސީން ބަލިކުރަން ފަސޭހަވި ސަބަބަކީ ޙަޤީޤަތުގައި އެތަންތަން ކައިރީގައިއޮތުމެވެ.

ޢަރަބީންނަކީ އެއްވެސް އިރެއްގައި ބޮޑެތި ބާރުތަކާއި ދެކޮޅަށް ހަމަނުޖެހުން އުފެއްދި ބައެއްނޫނެވެ. އެމީހުން ތެޅީ އެމީހުންނާއެވެ. ނަތީޖާއަކީ އެހެން މީހުންނާއި ތަޅަން އެމީހުންނަށް ފުރުސަތު ނުލިބުމެވެ. ފަހުން މުސްލިމް ޢަރަބި ލަޝްކަރު ރޫމީންނާއި ފާރިސީންނާއި ދިމާއަށް މިސްރާބުޖެހި ޚަބަރު އެމީހުންނަށް ލިބުމުން އެމީހުންނަށް އެކަންވީ ހެއްވާމަޖާ ވާހަކައަކަށެވެ. އެމީހުން ދުށްގޮތުގައި ޢަރަބިންނަކީ ކުޑަކުދީންނެވެ. މިސަބަބަށްޓަކައި ޢަރަބީންނަށް ބޮޑެތި ބާރުތަކުގެ މައްޗަށް ފަތަހަ ހޯދަން ފަސޭހަވިއެވެ.

ޢަރަބީންނަކީ ޙަޟާރަތެއް އޮތްބައެއްނޫނެވެ. އެމީހުންގެ މެދުގައި އެންމެކުޑަމިނުން ދައުލަތެއްވެސްނުވެއެވެ. އެކަމަކު ﷲ މިންވަރުކުރެއްވީ އެމީހުންނަށް ހުރިހައިކަމެއް ދެއްވުމަށެވެ. އެއީ ޢިއްޒަތާއި ޝަރަފާއި ޙަޟާރަތާއި ދައުލަތެވެ. މިކަން ކީރިތި ޤުރްއާނުންވެސް އެނގެއެވެ. (އަންބިޔާ ސޫރަތް 10 ވަނަ އާޔަތް)

ކަންވީވެސް އެހެންނެވެ. އިސްލާމް ދީނުގެ ސަބަބުން ދުނިޔޭގައި ނަން ހިނގާ ބަޔަކަށް ޢަރަބީންވިއެވެ.

ޢަރަބި މުޖުތަމަޢުއޮތީ ބައިވަރު ކުދި ގަބީލާތަކުގެ މައްޗަށް އެކުލެވިގެންނެވެ. އެހެންވެ އެމީހުންގެ މެދުގައި ގަބީލާ އަރައިރުމާއި ހައިޖާނު އިންތިހާއަށްއޮތެވެ. މިކަމުގެ ސަބަބުން ޢަރަބީންގެ މެދުގައި ދައުލަތެއް އުފެދި އެމީހުންނަށް ސިޔާސީ ބާރު ލިބުމަކީ ބަޔަކު ހީކުރިކަމެއްވެސް ނޫނެވެ. މިކަމުންވެސް އެނގެނީ އިސްލާމް ދީނަކީ ޙައްޤު ދީންކަމާއި ރަސޫލުﷲ އަކީ ޙައްޤު އެންމެފަހުގެ ރަސޫލާކަމެވެ.

ﷲ އަށް އަޅުކަންކުރަން ބިމުގައި ފުރަތަމަ އާރާސްތުކުރެވުނު ބިނާއަކީ ކަޢުބާއެވެ. އެހެންކަމުން ނަބީކަމާއި ރަސޫލުކަން ޚަތިމުކުރައްވައި އިސްލާމް ދީން ފުރިހަމަކުރައްވާ ބޭކަލަކު މައްކާއިން ވަޑައިގަތުމަކީ އެންމެ އައުލާކަންބޮޑު ގޮތެވެ. އަދި އެދީނުގެ އެންމެ މާތް މިސްކިތަށް މަސްޖިދުލްޙަރަމްވުމަކީ އެކަން ވާންޖެހޭގޮތްވެސްމެއެވެ. ކަންމިހެންހުރިއިރު ރަސޫލުﷲ މިބިމަށް ފޮނުއްވުމުން ހައިރާންވާންޖެހޭ ސަބަބެއްނެތެވެ.

ޢަރަބީންނަކީ އެމީހުންގެ ކިބައިގައި ރީތި އިންސާނީ ސިފަތައްހުރި ބައެކެވެ. ހަމައެގޮތަށް އެމީހުންނަކީ ނުހަނު ސާދާ ބައެކެވެ. އެމީހުންނަކީ ހިތްވަރުގަދަ ދަތިހާލުގައި އުޅެން ދަންނަ ބައެކެވެ. އެފަދަ ބަޔަކު ބަދަލުކުރަން ފަސޭހަވެދެއެވެ. ނުވަތަ އެފަދަ ބައެއްގެ މެދަށް ބަދަލު ގެންނަން ފަސޭހަވެދެއެވެ. އިސްލާމް ދީން އައުމަށްފަހު ކުރެވުނު ހަނގުރާމަތަކުގައި މުސްލިމުންނަށް ފަސޭހައިން ކާމިޔާބު ލިބުމުގެ ސިއްރަކީ އެމީހުންގެ ހިތްވަރާއި ކެރުމުގެ ބޮޑުކަމެވެ.

ޖުމުލަގޮތެއްގައި ޢަރަބީންނަކީ ތެދުވެރި ބައެކެވެ. އެމީހުން ޢަހުދުވެއްޖެނަމަ ޢަޙުދުފުއްދާނެއެވެ. އެމީހުންނަކީ އަސްދުއްވަން މަޝްހޫރު ބައެކެވެ. މިހާރުވެސް އެމީހުންގެ އަހަކީ ދުނިޔޭގައި މަޝްހޫރު ދުވެލި ބާރު އަހެކެވެ. ދުނިޔޭގައި އޮތް އެންމެ ހިތްގައިމު ބަހަކީ ޢަރަބި ބަހެވެ. ރަސޫލުﷲ ޢަރަބީންގެ ގާތަށް ފޮނުއްވުމުގެ ޙިކުމަތްތަކުގެތެރޭގައި މިކަންކަންވެސް ފާހަގަކޮށްލެވެއެވެ.

ގެފުޅު ބިނާކުރެއްވި އިރު އިބުރާހީމް ޢަލައިހި ސަލާމް ދެ ދުޢާއެއް ކުރެއްވިއެވެ. އެއް ދުޢާއަކީ މައްކާއަކީ ރައްކާތެރި އަމާންތަނެއްކަމުގައި ލައްވައި އެތަނަކީ ތިޔާގިތަނެއްކަމުގައި ލެއްވުމަށް ކުރެއްވި ދުޢާއެވެ. މިކަން ކީރިތި ޤުރްއާނުން އެނގެއެވެ.

އާޔަތް (ބަޤަރާ 126)

އަނެއް ދުޢާއަކީ އެދަރިކޮޅުން ރަސޫލަކު ފޮނުއްވުމަށް އެދި ކުރެއްވި ދުޢާއެވެ.

އާޔަތް (ބަޤަރާ 129)

ރަސޫލުﷲ އަކީ އިބުރާހީމްގެފާނުގެ ދުޢާގެ އިޖާބައެވެ.

ޢަބުދުﷲ ޤުރްބާންކުރައްވަން ކުރެއްވި މަސައްކަތްޕުޅު ނިމުމާއެކު އެކަލޭގެފާނުގެ ކައިވެނީގެ އިންތިޒާމްތައް ޢަބުދުލްމުއްޠަލިބު ފެއްޓެވިއެވެ. އޭރު ޢަބުދުﷲ ގެ އުމުރުފުޅަކީ ސަތާރަ ނޫނީ އަށާރަ އަހަރެވެ. ޢަބުދުލް މުއްޠަލިބު ދަރިކަލުންނަށް ހޯއްދަވައިދެއްވި ކަނބަލަކީ ބަނޫ ޒުހުރާ ގަބީލާގެ ވެރިޔާ ވައްޙާބުގެ ދަރިކަނބަލުން އާމިނަތުއެވެ. މިކައިވެންޏަށްފަހު މޫސުމުގެ ވިޔަފާރި ދަތުރުތައްފެށުނެވެ. އަދި ވިޔަފާރި ގާފިލާއެއްގައި ޢަބުދުﷲ ގެފާނު ޝާމްއަށް ދަތުރުފެއްޓެވިއެވެ. އޭރު އެދެކަނބަލުންގެ ކައިވެންޏަށް ހަފުތާއެކެވެ.

ޝާމްކަރައަށް ކުރެއްވި މިވިޔަފާރި ދަތުރުގައި ޢަބުދުﷲ ގެފާނަށް އާލާސްކަންފުޅެއް ޖެހިވަޑައިގަތެވެ. އާލާސްކަނފުޅު ބޮޑުވެގެން އެކަލޭގެފާނު މަދީނާގައި މަޑުކުރަން ނިންމެވިއެވެ. މަދީނާގައި ޢާއިލީ މީހުން ކައިރީގައި ހުންނަވަނިކޮށް އާލާސްކަންފުޅުގައި ޢަބުދުﷲ އަވަހާރަވިއެވެ. އެކަލޭގެފާނު ވަޅުފުޅުލެވިފައިވާ ތަނެއްވެސް ތާރީޚުން އެނގޭކަށްނެތެވެ. ދާދިއަވަހަށް މިޚަބަރު އާމިނަތުގެފާނަށް ލިބިވަޑައިގަތެވެ. އޭރު އެކަމަނާ އިންނެވީ ރަސޫލުﷲ އަށް ބަލިވެއެވެ. އެކަމަނާ އުމުރުން އެންމެ އަށާރަ އަހަރުގައި ހުވަފަތްވިއެވެ. ރަސޫލުﷲ އުފަންވެވަޑައިގަތީ އެތުގެ އަހަރުއެވެ. އެއީ ގެފުޅު މުގުރާންވެގެން އަބުރަހާ އެތުގެ ލަޝްކަރާއެކު މައްކާއަށް އެރި އަހަރެވެ.

ރަސޫލުﷲ ގެ މައިކަނބަލުންނާއި ބަފައިކަލުންގެ ހަޔާތްޕުޅާއިބެހޭ މާގިނަ ތަފުސީލީ މަޢުލޫމާތެއް ތާރީޚުން އެނގޭކަށްނެތެވެ. މިގޮތަށް ދިމާވި ސަބަބަކީ ޢަބުދުﷲ ގެފާނު ވަރަށް ޒުވާން އުމުރުފުޅެއްގައި އަވަހާރަވުމެވެ. އަނެއް ސަބަބަކީ އެކަލޭގެފާނަށް ވަކިން އިތުރު ޚާއްޞަކަމެއް ލިބިވަޑައިގެންފައިނުވާތީއެވެ. އަދި އެކަލޭގެފާނުގެ ދަރިކަލުން ރަސޫލަކަށް ވާނޭކަން ކުރިއްސުރެ އެނގިފައިނުވާތީއެވެ. އަނެއްކޮޅުން އާމިނަތުގެފާނު ރަސޫލުﷲ ތުއްޕުޅުއިރު އަވަހާރަވުމާއިގުޅިގެން އެކަމަނާގެ ތަފުސީލީ ވާހަކަތަކެއްވެސް ތާރީޚުން ފެންނާކަށްނެތެވެ.

ރަސޫލުﷲ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ދުވަހާއިގުޅޭ ތަފާތު ގިނަ ރިވާތައް ވެއެވެ. އެގޮތުން ހުރި ރިވާގެ އަދަދަކީ ދިހައެކެވެ. އާންމުކޮށް މީހުންނަށް އެނގިފައި އޮންނަނީ  އެކަލޭގެފާނު ބާރަ ރަބިއުލްއައްވަލުގައި އުފަންވެވަޑައިގަތްކަމަށެވެ. ގިނަ މުސްލިމުން ގަބޫލުކުރަނީވެސް މިގޮތަށެވެ. މިގޮތަށް މެދުވެރިވި މައިގަނޑު ސަބަބަކީ އިބުނު އިސްޙާޤު ލިޔުއްވި ސީރާގައި އެކަލޭގެފާނުގެ އުފަންދުވަހަކަށް 12 ރަބީއުލްއައްވަލް ހޯމަ ލިޔުއްވުމެވެ. މިގޮތަށް ލިޔުއްވިއިރު އިބުނު އިސްޙާޤު މިމަޢުލޫމާތުގެ މަސްދަރެއް ނުދެއްވައެވެ. އޭނާއަށް މިތާރީޚު ހޯދުނުގޮތެއް ނުވަތަ ލިބިވަޑައިގެންނެވިގޮތެއް ބަޔާނެއް ނުކުރައްވައެވެ. އިބުނު އިސްޙާޤު މިގޮތަށް ތާރީޚެއް ޖެއްސެވުމުން ސީރާ ލިޔުއްވި ގިނަ ޢިލްމުވެރިން މިތާރީޚު ބޭނުންކުރެއްވިއެވެ.

12  ރަބީއުލްއައްވަލް ރަސޫލުﷲ ގެ ޢީދު މީލާދުގެގޮތުގައި ހިޖުރައިން 570 ވަނަ އަހަރު މިސްރުގެ ފާޠިމީދުން ފާހަގަކުރަންފެށިއެވެ. މިއީ ޢަރަބީން ކުރި ކަމެއްނޫނެވެ. އުފަން ދުވަސް ފާހަގަކުރުމަކީ ހުޅަނގުގެ އާދަކާދައިގެ ތެރޭގައި އޮތް ކަމެކެވެ. މިސްރުގެ ޝިޢައީ ދައުލަތުން ވަރަށްކުލަގަދަކޮށް ރަސޫލުﷲ ގެ ޢީދު މީލާދު ފާހަގަކުރަން ފެށުމުން މިކަން ވަރަށް ބާރަށް މުޅި އިސްލާމީ ދުނިޔެއަށް ފެތުރުނެވެ.

ރަސޫލުﷲ އުފަންވެވަޑައިގަތް ތާރީޚުގެ ތަފާތު ގިނަ ރިވާތައްވެއެވެ. ޞަޙީޙް މުސްލިމުގައި ވާ ޙަދީޘްފުޅެއްގައިވެއެވެ. އެކަލޭގެފާނު ހޯމަ ދުވަހު ރޯދައަށް ހުންނަވާ ސަބަބު ހޯއްދަވަން މީހަކު ސުވާލުކުރެއްވިއެވެ. ޖަވާބުގައި ރަސޫލުﷲ ޙަދީޘްކުރެއްވީ އެކަލޭގެފާނު އުފަންވެވަޑައިގަތީ ހޯމަ ދުވަހު ކަމަށާއި އެކަލޭގެފާނަށް ވަޙީ ބާވައިލައްވަންފެއްޓެވީ ހޯމަދުވަހު ކަމަށެވެ. މިސަބަބަށްޓަކައި އެކަލޭގެފާނު އުފަންވެވަޑައިގަތީ ހޯމަދުވަހުކަން ކަށަވަރެވެ.

ރަސޫލުﷲ އުފަންވެވަޑައިގަތް އަހަރާއިގުޅޭގޮތުން ޢުޘްމާނީ ބިން ޢައްފާން ޢުމުރުން އެންމެ ދުވަސްވީ ޤުރައިޝުންގެތެރޭގައި ހިމެނޭ ޤުބާޘް އިބުނު އައްޝަމްސް ގާތު އެސުވާލު ކުރެއްވިއެވެ. ޖަވާބުގައި ޤުބާޘް ވިދާޅުވީ ރަސޫލުﷲ އަށްވުރެ އޭނާ ދޮށީކަމުގައެވެ. އަދި އެކަލޭގެފާނު އުފަންވެވަޑައިގަތީ އެތުގެ އަހަރުކަމަށް ވިދާޅުވިއެވެ. އަދި އިތުރަށް ވިދާޅުވިގޮތުގައި އޭނާގެ މަންމަ އޭނާ ގޮވައިގެން ދާއިރު މައްކާގެ ބޭރުން ހިކިހަރުވެފައިހުރި އެތުގެ ނަޖިސް އޭނާ ދެކެވަޑައިގަތްކަމުގައެވެ. ގިނަ ތާރީޚީ ޢިލްމުވެރިން އެއްބަސްވަނީ މިގޮތަށެވެ.

ތާރީޚު ލިޔުންތެރިޔާ އިބުނު ޞަޢުދު ލިޔުއްވި ކިތާބު އަލް ތަބަޤާތުގައި ރަސޫލުﷲ އުފަންވެވަޑައިގަތް ތާރީޚަކީ ރަބީއުލްއައްވަލް މަހުގެ 10 ވީ ހޯމަ ދުވަހެވެ. މިއީ ހިޖުރައިން 230 ހާތަނުގައި ލިޔެވުނު ފޮތެކެވެ. އިބުނު ޢައްބާސް ވިދާޅުވާގޮތުގައިވެސް ރަސޫލުﷲ ގެ އުފަންދުވަހަކީ ރަބީއުލްއައްވަލް މަހުގެ 10 ވީ ހޯމަ ދުވަހެވެ. މަޝްހޫރު ޢިލްމުވެރިޔާ އިބުނު ކަޘީރު އޭނާގެ ފޮތް އަލް ބިދާޔާ ވަނިޙާޔާގައި ބަޔާންކުރައްވާގޮތުގައި ހުރިހާ ޢިލްމުވެރިން  ކަހަލަގޮތަކަށް އެއްބަސްވަނީ ރަސޫލުﷲ ރަބީއުލްއައްވަލް މަހުގައި އުފަންވެވަޑައިގަތްކަމަށެވެ. އެކަމަކު އެކަލޭގެފާނުގެ އުފަން ތާރީޚާއިމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފުތައް ހުރިކަމަށެވެ. އޭނާ ވިދާޅުވާގޮތުގައި އަބޫ މައުޝަރުއްސިންދީއާއި އިބުނު ޢަބުދުލް ބައްރުއާއި އަލްވާޤިދީ ލިޔުއްވާގޮތުގައި އެއީ ރަބީއުލްއައްވަލް ދޭކެވެ.

އިބުނު ކަޘީރު ބަޔާންކުރައްވާގޮތުގައި އިބުނު ޙަޒަމްއާއި އިމާމް މާލިކާއި އައްޒުހުރީއާއި މުޙައްމަދު އިބުނު ޖުބައިރު އިބުނު މުޠުޢިމްގެ ޚިޔާލުގައި އެދުވަހަކީ ރަބީއުލްއައްވަލް މަހުގެ 8 ވަނަ ދުވަހެވެ. ތިންވަނަ ބައެއްގެ ނަޒަރުގައި އެދުވަހަކީ ރަބީއުލްއައްވަލް މަހުގެ ދިހައެކެވެ. މިގޮތަށް ބަޔާންކުރައްވަނީ އިބުނު ޢަސާކިރުއާއި ޖަޢުފަރުއައްޞާދިޤުއެވެ. ހަތަރުވަނަ ޚިޔާލުގައި މިދުވަހަކީ ރަބީއުލްއައްވަލް މަހުގެ 12 ވަނަ ދުވަހެވެ. މިގޮތަށް ބަޔާންކުރައްވަނީ އިބުނު އިސްޙާޤުއެވެ. އިބުނު ކަޘީރު ވިދާޅުވާގޮތުގައި ރަސޫލުﷲ ގެ އުފަން ދުވަހުގެގޮތުގައި އޭނާގެ ހަޔާތުގައި އެންމެ މަގުބޫލު ތާރީޚަކީ 12 ރަބީއުލްއައްވަލްއެވެ.  އިބުނު ކަޘީރު އަވަހާރަވީ ހިޖުރައިން 774 ވަނަ އަހަރުއެވެ. އަނެއްބަޔަކު ބަޔާންކުރިގޮތުގައި އެއީ 17 ވަނަ ދުވަހެވެ. އެހެން ބަޔަކު ބުނިގޮތުގައި އެއީ 22 ވަނަ ދުވަހެވެ. އަދި ބަޔަކު ބުނިގޮތުގައި އެކަލޭގެފާނު އުފަންވެވަޑައިގަތީ ރަމަޟާން މަހެއްގައެވެ.

ކޮންމެއަކަސް ރަސޫލުﷲ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ދުވަސް ޝައްކެއްނެތް މިންވަރަށް ކަނޑައެޅިގެން ބުނަން ނޭގެއެވެ. އެހެންނަމަވެސް އެންމެކުރީގެ ޢިލްމުވެރިން ބުރަވެވަޑައިގަތީ ރަބީއުލް އައްވަލް މަހުގެ 2 ވަނަ ދުވަހަށާއި 8 ވަނަ ދުވަހަށާއި 10 ވަނަ ދުވަހަށެވެ.

ރަސޫލުﷲ އުފަންވެވަޑައިގަތް ވަގުތު ހިނގާދިޔަކަމަށް ބުނާ ބައިވަރު ފުލޯކު ވާހަކަ ހުރެއެވެ. އެއިން އެއްވެސް ވާހަކައެއްގައި ޙަޤީޤަތަށް ބިނާކޮށްފައިވާ ތެދު އެއްވެސް ވާހަކައެއްނުވެއެވެ. އަދި އެގޮތަށް އެކަލޭގެފާނަށް ތަޢުރީފްކުރުމަށްޓަކައި ނުވަތަ އެކަލޭގެފާނު މަތިވެރިކުރުމަށްޓަކައި ދޮގު ވާހަކަތައް ފެތުރުމަކީ ކުރަންޖެހޭ ކަމެއްނޫނެވެ. އެހެނީ އެކަލޭގެފާނަށް އަރުވަންޖެހޭ ޢިއްޒަތާއި ޝަރަފާއި މަތިވެރިކަން ﷲ އެކަލޭފާނަށް މިންވަރުު ކުރައްވާފައިވާތީއެވެ. އެކަލޭގެފާނުގެ ސީރާގެ އެންމެ ފުރަތަމަ ފޮތްތަކުގައި މިބާވަތުގެ ދޮގު ވާހަކަތަކެއް ލިޔެފައެއްނުވެއެވެ. އެކަމަކު ދުވަސްވީވީހެން އެފަދަ ވާހަކަތައްވީއިތުރެވެ. އެހެންގޮސް ފަހުން ލިޔެވުނު ސީރާ ފޮތްތަކުގައި ފޮނިތޮށި ކާފޫރުތޮޅި އަޅައި ވާހަކަތައް މީރުކުރިއެވެ.

ބައެއް ޔޯލަ ވާހަކަތަކަށް ބަލާލުމަކީ ސީރާގައި މުހިންމުކަމެކެވެ. މިސާލަކަށް ރަސޫލުﷲ އުފަންވެވަޑައިގަތްއިރު ޚިތާނުކުރެވިފައިވާ ވާހަކައެވެ. އުފަންވެވަޑައިގަތުމުން އެކަލޭގެފާނު ސަޖިދައަށް ވަޑައިގަތް ވާހަކައެވެ. އެކަލޭގެފާނު އުޑާއި ދިިމާއަށް ޝަހާދަތް އިނގިލި ދިއްކުރައްވާ ޝަހާދަތް ވިދާޅުވި ވާހަކައެވެ. މިކަހަލަ ވާހަކަތައް އުފެއްދުމަކީ ޙަޤީޤަތުގައި ދީނަށް ފުރައްސާރަކުރުމެވެ. ސީރާގެ އެންމެ ފުރަތަމަ ފޮތް އިބުނު އިސްޙާޤު ލިޔުއްވި ސީރާގައި މިބާވަތުގެ ބުހުތާނު ވާހަކަތަކެއްނުވެއެވެ.

ރަސޫލުﷲ އުފަންވެވަޑައިގަތުން އެކަލޭގެފާނުވަނީ ޙަދީޘްފުޅަކުން ބަޔާންކޮށްދެއްވާފައެވެ. އިމާމް އަޙުމަދު ރިވާކުރެއްވިއެވެ. ރަސޫލުﷲ ޙަދީޘްކުރެއްވިއެވެ. 'ތިމަންކަލޭގެފާނުގެ މައިކަމަނާ ތިމަންކަލޭގެފާނާއިގެން ރައްކައުވެވަޑައިގަތް ވަގުތު އެކަމަނާގެ ހަށިކޮޅުން އަލިކަމެއް ނިކުމެ ޝާމް ކަރައިގެ ބުސްރާއާއި ދިމާއަށް އެއަލިކަން ހުރިތަން އެކަމަނާއަށް ފެނިވަޑައިގަތެވެ. އަދި އެއަލިކަމުން ބުސްރާގެ ގަނޑުވަރުތައް ދިއްލިފައިވަނިކޮށް ދެކެވަޑައިގަތެވެ'.

ބައެއް ޢިލްމުވެރިންގެ ރިވާގައި އެކަމަނާއަށް ފެނިވަޑައިގަތީ ހުވަފެންފުޅަކަށްވެސް ވެދާނެއެވެ. ކޮންމެއަކަސް މީގެ މާނަޔަކީ ކުރިމަގުގައި މުސްލިމުން ޝާމްކަރަ ފަތަހަކުރާނެ ވާހަކައަށްވެސް ވެދާނެއެވެ. ކަންވީވެސް އެހެންނެވެ. ޢަރަބިކަރައިގެ ބޭރުން މުސްލިމުން ފުރަތަމަ ފަތަހަކުރީ ޝާމްކަރައެވެ.

ވަރަށްގިނަ ޢިލްމުވެރިންގެ ރައުޔުގައި ރަސޫލުﷲ ނަބީކަމާއިގެން ވަޑައިގަތުމާއެކު ޖިންނީންނަށް އުޑުތައް ބަންދުކުރެވުނެވެ. އޭގެކުރިން ޖިންނި އުޑުތަކަށް ގޮސް މަލާއިކަތުން ދައްކަވާ ވާހަކަ އަޑުއަހާކަމުގައިވިއެވެ. ސޫރަތުލްޖިންނިން އެނގޭގޮތުގައި މިއީ ޙަޤީޤަތެކެވެ.

އިބުނުއިސްޙާޤު ބަޔާންކުރައްވާގޮތުގައި ރަސޫލުﷲ ޚިތާނުކުރެވުނީ އެކަލޭގެފާނުގެ އުމުރުފުޅުން ހަތް ދުވަހުގައެވެ. ޚިޠާނުގެ ކަންކަން ހިންގެވީ އެކަލޭގެފާނުގެ ކާފައިކަލުން ޢަބުދުލްމުއްޠަލިބުއެވެ. އެއަށްފަހު އެކަލޭގެފާނުގެ ކާފައިކަލުން ބޮޑު ޖަފާތެއް އިންތިޒާމްކުރެއްވިއެވެ. އަދި ޢަބުދުލްމުއްޠަލިބު ކާފަދަރިކަލުންނަށް މުޙައްމަދުގެ ނަމުން ނަންދެއްވިއެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި މިނަމަކީ ޢަރަބީންގެ މެދުގައި ވަރަށް ތަދު ނަމެކެވެ. ރަސޫލުﷲ އަށް މިނަންފުޅު ދެވުނުއިރު މުޙައްމަދުގެ ނަން ލިބިފައިވާ ދެވަނަ މީހަކު މައްކާގައި ނޫޅެއެވެ.

އާންމުކޮށް ޤުރައިޝުން ކިޔައިނޫޅޭ ނަމަކުން ރަސޫލުﷲ އަށް ނަންދެއްވުމުން މީހުން އެކަމާއި ޢަބުދުލްމުއްޠަލިބަށް ސުވާލުދެންނެވިއެވެ. ޖަވާބުގައި އެކަލޭގެފާނު ވިދާޅުވީ ބިމުގެ އަހުލުވެރިންނާއި އުޑުތަކުގެ އަހުލުވެރިން އެދަރިކަލުންނަށް ތަޢުރީފުކުރުމަށް އެކަލޭގެފާނު އެދިވަޑައިގަންނަވާތީ ދެއްވި ނަމެއްކަމުގައެވެ.

ރަސޫލުﷲ އުފަންވެވަޑައިގަތް ޚަބަރު އެކަލޭގެފާނުގެ ބޮޑުބޭބެ އަބޫލަހަބަށް ދިނީ އޭނާގެ އަޅު އަންހެންކުއްޖެއް ކަމުގައިވާ ސުވައިބާއެވެ. މިސުވައިބާ މިވާހަކަދެންނެވުމުން ލިބުނު އުފަލުގައި އަބޫލަހަބު އެކުއްޖާ މިނިވަންކޮށް އެކަން އެކުއްޖާއަށް އެންގިއެވެ.

ނުނިމޭ...

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

+1
0
+1
0
+1
3
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް