September 20, 2024 23:41
Advertisement

-Advertisement-

ރަސޫލުﷲ ﷺ ގެ ތުއްޕުޅު ހަޔާތްޕުޅު: އެކަލޭގެފާނުގެ މޭފުޅު ފެޅުއްވި ވާހަކަ!

ރަސޫލުﷲ ގެ ސީރާ ހަތްވަނަބައި

ރަސޫލުﷲ އުފަންވެވަޑައިގަތުމުން އެކަލޭގެފާނު ހާމައަށް އޮންނަ ސަހަރާގައި ބޮޑުކުރުމަށްޓަކައި އެކަލޭގެފާނުގެ މައިކަމަނާ އެކަލޭގެފާނު ބަޔަކާއި ހަވާލުކުރެއްވިއެވެ. 

ދަރިއަކު އުފަންވުމާއެކު އެދަރި ބޮޑުކުރުމަށްޓަކައި އެހެންބަޔަކާއި ހަވާލުުރަނީ ކީއްވެތޯއެވެ؟ މިއީ އަހަރެމެންގެ ހިތަށް އަރާނެ ސުވާލެކެވެ. ޤުރައިޝުންގެ ބޮޑުންގެ މެދުގައި މިގޮތަށް ކަންކުރެވުނެވެ. މިއީ އެމީހުންގެ އާދަކާދައިގެތެރޭގައި އޮތް މުހިންމު ކަމެކެވެ. ދަރިއަކު އުފަންވުމާއެކު އެދަރި ސަހަރާގައި ބޮޑުކުރަން ދޫކުރުމަކީ އެމީހުންގެ ޢިއްޒަތާއި ޝަރަފާއި ގުޅިފައިވާ ކަމެކެވެ.

Advertisement

ސަހަރާއަކީ ދިރިއުޅުމަށްޓަކައި ހިތްވަރާއި ކެރުމާއި ކެތްތެރިކަން ނިހާޔަތަށް ބޭނުންވާ ޤުދުރަތީ މާހައުލެކެވެ. އަހަރުގެ ބޮޑު ބަޔަކީ ހޫނު މޫސުމެވެ. މިމޫސުމުގައި އިންތިހާއަށް ހޫނު ގަދަވާނެއެވެ. ފިނި މޫސުމުގައި އެވަރަށް ފިނިވާނެއެވެ. ދެމޫސުމުގައިވެސް ތޫފާނަކީ މޫސުމީ ނިޒާމުގެ އާންމު ސިފައެކެވެ. ވެއްޔާއި ހިރަފުހުގެ ތޫފާންތައް ތަހައްމަލުކުރުމަކީ ފިސާރިބޮޑުކަމެކެވެ. ސަހަރާގެ ދިރިއުޅުން ކާމިޔާބުކުރުމަށްޓަކައި ދުޅަހެޔޮ ވަރުގަދަ މީހަކަށް ވާންޖެހެއެވެ. އެގޮތަށް މީހާ ހާނުވަންޖެހެއެވެ.

ޤުރައިޝުންގެ ބޮޑުން އެމީހުންގެ ދަރިން ހާމައަށް އޮންނަ ސަހަރާގައި ބޮޑުކުރުމަށް ދޫކޮށްލާ މައިގަނޑު ސަބަބަކީ އެމީހުންގެ ދަރިން ޠޯހިރު އަދި ޞިއްޙީގޮތުން ރައްކާތެރި މާހައުލެއްގައި ބޮޑުކުރުމެވެ. ޅަފަތުގައި ކުދިން މަރުވުމަކީ ވަރަށް ފަހަކާއިޖެހެންދެން އާންމުކަމެކެވެ. ކަންމިހެން އޮތް އިރު އެޒަމާނުގައި ބަލިމަޑުކަން މާބޮޑުވާނެކަމަށް ބަލަންޖެހެއެެވެ. އެހެންވެ ދަރިންނަކީ ދުޅަހެޔޮ ވަރުގަދަ ބަޔަކަށް ހެދުމަށްޓަކައި ދަރިން އާންމުންނާއި ވަކިކުރަންޖެހުނީކަމަށް ބަލަންޖެހެއެވެ. ދަރި ގޭގައި އޮންނައިރު ގެއަށް އެތައް ބަޔަކު އަންނާނެއެވެ. އަދި އަންނަ މީހުންނާއެކު ޖަރާސީމް ފެތުރި ބަލި ޖެހުމުގެ ފުރުސަތު އޮންނާނެއެވެ. އެހެންވެ ދަރިން ބަލިމަޑުކަމުން ސަލާމަތްކޮށް ދަރިން މަރުން ސަލާމަތްކުރުމަށްޓަކައި ދަރިން ހަވާލުކުރެވުނީ ސަހަރާގައި ފޭލިގެތަކުގައި އުޅޭ ކުދި ޢާއިލާތަކާއެވެ.

ޤަދީމީ ޒަމާނުގައި އެންމެން ދިރުއުޅުނީ އެކުގައެވެ. އެހެންވެ މާމައިންނާއި ކާފައިންގެ ފުށުން ދަރިން ހަލާކުވާން ފަސޭހަވާނެއެވެ. ޤުރައިޝުންގެ ބޮޑުން އެމީހުންގެ ދަރިން އެހެން މީހުން ލައްވައި ބެލުމުގެ އެއް ބޭނުމަކީ އެކުދިންނަކީ ރަނގަޅަށް ތަރުބިއްޔަތު ލިބިފައިވާ ބަޔަކަށް ހެދުމެވެ.

ބައެއް ތާރީޚީ އިލްމުވެރިން ލިޔުއްވާގޮތުގައި ޤުރައިޝުންގެ ބޮޑުން ދަރިން އެހެންމީހުންނާއި ހަވާލުކުރި އެއްސަބަބުކަމުގައި ބެލެވެނީ އެމީހުންގެ އަސްލު ބަސް ހިމާޔަތްކުރުމެވެ. އެއީ މީހުން ގިނައިން އުޅޭ ސިޓީގައި ބަސް ތަޢައްޔަރުވެފައި އޮތީމަކަމަށް ބަލެވެއެވެ. ސަހަރާގެ ފޭލިގެތަކުގައި ގިނިކަންޏާއުޅޭ މީހުން ވާހަކަދައްކާނީ ސާފު އަސްލު އަރަބި ބަހުންނެވެ. އެހެންވެ ދަރިންނަށް އެންމެ ސާފު އަދި ރީތި އަރަބި ބަހުން ވާހަކަދައްކަން ދަސްކޮށްދިނުމަށްޓަކައި ސަހަރާތެރޭ އުޅޭ ޢާއިލާތަކާއި ދަރިން ހަވާލުކުރީއެވެ.

ރަސޫލުﷲ އަކީ ކޮންބޭކަލެއްތޯ އެކަލޭގެފާނަށް ދެންނެވުމުން ޙަދީޘްފުޅުކުރެއްވިކަމަށްވެއެވެ.

ތިމަންކަލޭގެފާނަކީ ބަފައިކަލުން އިބުރާހީމްގެ ދުޢާގެ އިޖާބައެވެ. ތިމަންކަލޭގެފާނަކީ ބޭބޭކަލުން ޢީސާ ލަފާކުރެއްވި އުފާވެރިކަމުގެ ޚަބަރެވެ. ތިމަންކަލޭގެފާނު ބެލެހެއްޓެވީ ބަނީ ސަޢުދު ބިން ބަކުރު އާއިލާއެވެ. ބަނީ ސަޢުދު ބިން ބަކުރަކީ ޤުރައިޝުންގެ ޅަދަރިން ބެލުމުގައި އަރާހުރި އާއިލާއެކެވެ. ރަސޫލުﷲ ގެ ކިރުމައިކަނބަލަކީ ހަލީމާ ބިންތި ސަޢުދިއްޔާއެވެ. އާއިލާތަކުން މިގޮތަށް ބޮޑުންގެ ދަރިން ބަލައިދިނުމުގެ މައިގަނޑު ބޭނުމަކީ އާމްދަނީ ހޯދުމެވެ. ސަހަރާގައި ދިރިއުޅޭ ބަދަވީންނަކީ ފަގީރުބައެކެވެ. އެހެންވެ ދިރިއުޅުމުގެ މުހުތާދުތައް ފުއްދުމުގައި އެމީހުންނަކީ އަބަދުވެސް އަނެކުންގެ އެހީއަށް ބޭނުންޖެހިފައިތިބޭ ބައެކެވެ.

ރަސޫލުﷲ ގެ ކިރުމައިކަމަނައަކަށް އެކަމަނާވީގޮތުގެ ވާހަކަ ސަޢުދިއްޔާ ވިދާޅުވެދެއްވިއެވެ. އެކަމަނާ ވިދާޅުވިގޮތުގައި ދުވަސްވަރަކީ އެކަމަނާގެ އާއިލާއަށް ތަދު ދަތި ދުވަސްވަރެކެވެ. އެހެންވެ ބެލުމަށްޓަކައި ޤުރައިޝުންގެ ބޮޑުންގެ ދަރިޔަކު ހޯދަންޖެހޭކަމަށް ފިރިމީހާއަށް ވިސްނައިދީ އެކަމާ އާދަކާދައިގެމަތިން ދަތުރުކުރީއެވެ. މިއީ ދަރިން ބަލައިދޭ އާއިލާތަކުގެ މެދުގައި އޭރުއޮތް އާދައެއްވެސްމެއެވެ. ހަލީމާ މައްކާއަށް ދަތުރުކުރިއިރު އޭނާގެ އެވަރުގެ ތުއްތު ކުއްޖަކު އޮތެވެ. ކިރުމަޔަކަށް ވެވޭނީ އެމީހާގެ ވެސް އެވަރުގެ ދަރިޔަކު އޮވެގެންނެވެ.

އާންމުކޮށް ދަރިން ބަލައިދޭ ކިރުމައިން މައްކާއަށް ދާނީ ބައިބަޔަށެވެ. ހަލީމާ ބުނިގޮތުގައި އެމީހުން ހައެއްކަ އަންހެނުން މައްކާއަށް ދަރިން ހޯދަންދިއުމުން ޔަތީމްކުއްޖެއްގެ ޔަޢުނީ ރަސޫލުﷲ ގެ ޚަބަރު ލިބުނެވެ. އެކަމަކު ޔަތީމު ކުއްޖަކު ގެންގޮސްގެން ކުރާނެ ފައިދާއެއް ނޯންނާނެތީ އެއްވެސް ކިރުމަޔަކު އެކަލޭގެފާނު ނުގެންދިޔައެވެ. ހަލީމާވެސް އެކަލޭގެފާނުގެ ޚަބަރު ބެއްލެވުމަށްފަހު އެކަލޭގެފާނު ގެންދަވަން ބޭނުންފުޅެއްނުވިއެވެ. އެކަމަކު ހަލީމާ ފިޔަވާ އެހެންހުރިހާ ކިރުމައިންނަށް ކުދިން ލިބި އެކަމަނާއަށް ބަލާނެ ކުއްޖަކު ނުލިބުމުން އެކަމަނާ މިކަމާ ފިރިމީހާއާއި ޝަކުވާކުރެއްވިއެވެ. ދެން ފިރިމީހާ އެދުނީ ޔަތީމް ދަރިފުޅު ޔަޢުނީ ރަސޫލުﷲ ނެންގަވުމަށެވެ. އެއީ އެކަލޭގެފާނުގެ ސަބަބުން އެމީހުންނަށް ﷲ ހެޔޮ ރަޙުމަތްލައްވާނެކަމަށް އުއްމީދުކޮށްގެންނެވެ.

ތާރީޚުގެ ޢިލްމުވެރިން ބަޔާންކުރައްވާގޮތުގައި ހަލީމާ ރަސޫލުﷲ އާއި ހަވާލުވެވަޑައިގަތުމާއެކު މުޢުޖިޒާތްތައް ހިނގަންފެށިއެވެ. އެކަލޭގެފާނު ގެންދެވިއިރު ހަލީމާގެ ދެކުދިން ތިބެއެވެ. ދޮށީ ދަރިކަނބަލުން ޝައިމާއަށް އޭރު ހައަހަރުވެއްޖެއެވެ. ކުޑަ ދަރިފުޅަކީ ރަސޫލުﷲ އާއި އެއް އުމުރުގެ ބޭފުޅެކެވެ. އޭރު އެދެމަފިރިން އަތުގައި އޮތް އުމުރުން ދުވަސްވީ ބަކަރިއަކުން ކިރެއްނޭރެއެވެ. އެކަމަކު ރަސޫލުﷲ ފޭލިގޭގައި ބޭއްވުމާއެކު ބަކަރީގެ ވަށްގަނޑު ކިރުން ފުރިބާރުވިއެވެ. އެމީހުން ސަވާރީއަކަށް ގެންގުޅޭ ހިމާރުގައި އެކަލޭގެފާނާއެކު ދަތުރުކުރާއިރު އެންމެ ދުވެލި ބާރު ހިމާރަކަށް އެސޮރުވިއެވެ.

އޭރު އަރަބީންގެ މެދުގައި އޮތް އާދައަކީ މިގޮތަށް ބަލާ ދަރިން ދެއަހަރުވަންދެން ބެލުމެވެ. ބަލާ ދުވަސްވަރު އަހަރަކު މަދުވެގެން އެއްފަހަރު ދަރިފުޅުގެ މައިންބަފައިންނަށް ދަރިފުޅު ދައްކަން މައްކާއަށް ގެންދެވެއެވެ. އާންމުކޮށް ދެއަހަރު ވުމުން ދަރިންގެ މައިންބަފައިން ދަރިންނާއި ހަވާލުވެއެވެ. އެކަމަކު ހަލީމާ އެކަމަނާއަށް ލިބިވަޑައިގެންނެވި ދަރިކަލުން ދޫކޮށްލަން ބޭނުންފުޅެއްނުވިއެވެ. އެއީ އެދަރިކަލުންގެ ސަބަބުން ފާއިތުވިވެގެންދިޔަ ދެ އަހަރު އެމީހުންނަށް ލިބުނު ތަނަވަސްކަމުގެ ބޮޑުކަމުންނެވެ. އެހެންވެ ހަލީމާ ހެއްދެވިގޮތަކީ ރަސޫލުﷲ ގެ މައިކަމަނާ އާމިނާ އަރިހުގައި އެކަލޭގެފާނު ހަލީމާ އަރިހުގައި ބަހައްޓަވަންޖެހޭ އެތައް ބައިވަރު ސަބަބުދެއްކެވުމެވެ. ހުރިހާ ގޮތަކުންވެސް އެކަލޭގެފާނަށް މޮޅުވާނީ އަދި ދުވަސްކޮޅަކަށް ސަހަރާގައި އެކަލޭގެފާނު ބެހެއްޓެވުމުންކަމަށް އާމިނާއަށް ދެންނެވިއެވެ. ހަލީމާގެ ފަރާތުން ދަރިކަލުންނަށް ލިބެމުންދާ ލޯތްބާއި އަޅާލުންފެނި އާމިނަތުގެފާނު އެކަމަނާގެ ދަރިކަލުން ހަލީމާ އަރިހުގައި އިތުރު މުއްދަތަކަށް ބަހައްޓަވަން އެއްބަސްވެވަޑައިގަތެވެ.

ރަސޫލުﷲ ގެ މޭފުޅު ފެޅުއްވި ހާދިސާ ހިނގީ އެކަލޭގެފާނު އިތުރު މުއްދަތަކަށް ހަލީމާ އަރިހުގައި ބެހެއްޓެވިފަހުންނެވެ. މިކަމާމެދު ބައެއް މީހުން ޝައްކު އުފެއްދިކަމުގައިވިޔަސް ކީރިތި ޤުރާނާއި އެކަލޭގެފާނުގެ ޙަދީޘުން މިއީ ހިނގިކަމެއްކަން ކަށަވަރުވެއެވެ. އަދި ރަސޫލުﷲ ގެ އަސްޙާބުންނަށް އެކަލޭގެފާނުގެ މޭފުޅު ފެޅުއްވުނުތަނުގެ ލަކުނު ރޮނގެއްފަދައިން ފެނިވަޑައިގެންފައިވެއެވެ.

ޞަޙީޙު މުސްލިމުގައި ރަސޫލުﷲ ގެ ޙަދީޘްފުޅެއްގައިވެއެވެ. އަނަސް އިބުނު މާލިކު ރިވާކުރެއްވިއެވެ. ރަސޫލުﷲ ގެ އުމުރުފުޅުން ހަތަރު އަހަރުފުޅުގައި އެކަލޭގެފާނު އެއުމުރުގެ ކުދިންނާއެކު މަގުމަތީގައި ކުޅުއްވަން އުޅުއްވަނިކޮށް ޖިބުރީލްގެފާނު ވަޑައިގަތެވެ. ޖިބުރީލުގެފާނު ފެނުމުން ކުދިންތައް ބިރުން ދުވެ ދުރުގައިތިއްބެވެ. ރަސޫލުﷲ މަޑުކުރެއްވުމުން ޖިބުރީލުގެފާނު އެކަލޭގެފާނުގެ ހަށިކޮޅުގައި ހިއްޕެވިއެވެ. ދެން ރަސޫލުﷲ ގަދަދައްކަވައި ފޮޅުވާލައްވަން މަސައްކަތް ކުރެއްވިއެވެ. އެހިނދު ޖިބުރީލުގެފާނު އެކަލޭގެފާނުގެ ބާރު ކަނޑުވާލާފައި ބިންމަތީގައި ބާއްވަވާފައި އެކަލޭގެފާނުގެ މޭފުޅު ފެޅުއްވިއެވެ. އެއަށްފަހު އެކަލޭގެފާނުގެ ހިތްޕުޅު ނަންގަވައި އޭގައި ހުރި ކަޅު އެތިކޮޅެއް އެއްލަވާލެއްވިއެވެ. އެއަށްފަހު ޖިބުރީލުގެފާނު ވިދާޅުވިއެވެ. 'މިއީ ކަލޭގެފާނުގެ ކިބައިގައި ހުރި ޝައިޠާނާގެ ބައެވެ.' ދެން ޖިބުރީލުގެފާނު އެކަލޭގެފާނު ހިތްޕުޅު ޒަމްޒަމްފެނުން ދޮންނަވާފައި ހިތް އޮތް މަގާމުގައި ހިތް ބޭއްވެވިއެވެ. އެއަށްފަހު މޭފުޅު ބަންދުކުރެއްވިއެވެ.

ރަސޫލުﷲ ބިންމައްޗަށް ވައްޓާލާ އެކަލޭގެފާނަށް މީހަކު ވަރަށްބޮޑަށް އަނިޔާކޮށް މަރައޭ ޝައިމާ ދުވެގޮސް އެކަމަނާގެ މައިކަމަނާ ހަލީމާއަށް ދެންނެވިއެވެ. އެކަމަނާ އަވަސްއަވަހަށް ވަޑައިގެން ބެއްލެވިއިރު ރަސޫލުﷲ ބިންމަތީ އިންނެވިއެވެ. އެކަލޭގެފާނުގެ މޫނުފުޅު ހުރީ ވަރަށްބޮޑަށް މިލާފައެވެ. އެކަމަކުވެސް ރޮއިހަޅޭއްލައި މިބާވަތުގެ އެއްވެސް އަމަލެއް އެކަލޭގެފާނުގެ ކިބަޔަކުން ފެންނާކަށް ނެތެވެ.

ޖިބުރީލުގެފާނު ރަސޫލުﷲ ގެ މޭފުޅު ދެވަނަ ފަހަރަށްވެސް ފެޅުއްވިއެވެ. މިޙާދިސާހިނގީ އެކަލޭގެފާނު އިސްރާއު އާއި މިޢުރާޖަށް ވަޑައިގަތުމުގެ ކުރިންނެވެ. މިވާހަކަ މިސީރާގެ އެހެންބައެއްގައި ބަޔާންކޮށްދެވޭނެއެވެ. ކޮންމެއަކަސް ރަސޫލުﷲ އާއި ކުރިމަތިވި މިހާދިސާއާއިގުޅިގެން ހަލީމާ ބިރުފުޅުގަތެވެ. އަދި އެކަލޭފާނަށް ކަމެއްވުމުގެ ކުރިން އެކަލޭގެފާނު މައިކަމަނާ އާމިނާއާއި އެކަލޭގެފާނު ހަވާލުކުރައްވަން ނިންމެވިއެވެ.

ޖިބުރީލުގެފާނު ރަސޫލުﷲ ގެ ހިތްޕުޅު ސާފުކުރެއްވުމާއިގުޅިގެން ޝައިޠާނާގެ ހުރިހާ ވަސްވާހަކުން އެކަލޭގެފާނު ސަލާމަތްވެވަޑައިގަތެވެ. ފިޠުރަތުގެ ސާފުކަންމަތީ ދުނިޔެއަށް އުފަންވާ އިންސާނާއަށް ޝައިޠާނާ ވަގުތުން ވަސްވާސްދޭންފަށައެވެ. އިންސާނާ އުފަންވުމާއެކު ރޯން ފަށާ ސަބަބުތަކުގެތެރޭގައި ޝައިޠާނާ އޭނާގެ ގަޔަށް ޖަހާ ކަށި ހިމެނެއެވެ.

މިކަމާގުޅޭ ހަދީޘްފުޅު

އަނަސް އިބުނު މާލިކު ވިދާޅުވާގޮތުގައި ރަސޫލުﷲ ގެ މޭފުޅު ފަޅާފައިވާ ތަނުގައި ހުރި ރޮނގު އެކަލޭގެފާނު ދެކެވަޑައިގަތެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި މިގޮތަށް ލަކުނެއްފަދައިން އެކަލޭގެފާނު މޭފުޅު ފެޅިތަން ފެންނަންހުރުމުގެ ޙިކުމަތަކީ އެކަމަކީ ޖިސްމާނީގޮތުން ހިނގިކަމެއްކަން މީސްތަކުންނަށް އެންގެވުމެވެ.

ކީރިތި ޤުރްއާންގައި ﷲ އަންގަވަނީ (އިންޝިރާ ސޫރަތް އާޔަތް އެކެއް)

ތަފުސީރު ޢިލްމުވެރިން ވިދާޅުވާގޮތުގައި މިއާޔަތުގައި ﷲ އިޝާރަތްކުރައްވަނީ އެކަލޭގެފާނުގެ މޭފުޅު ފަޅުއްވައި ހިތްޕުޅު ސާފުކުރެއްވިވާހަކައެވެ.

މިހާދިސާއިން އަހަރެމެން ލިބިގަންނަންޖެހޭ އެއް ފިލާވަޅަކީ ކުރިމަގުގައި ހިނގާން އޮތް ބޮޑު މަސްއޫލިއްޔަތަށް ތައްޔާރުވުމަށްޓަކައި އެކަލޭގެފާނަށް ސާފު އަދި ޠޯހިރު ހަޔާތްޕުޅެއް ބޭނުންވިކަމެވެ.

ނުނިމޭ.. 

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

+1
1
+1
1
+1
36
+1
2
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް