November 23, 2024 14:21
Advertisement

-Advertisement-

ރަސޫލުﷲ ﷺ: ތިންފަހަރު ޔަތީމުވުމުން ގިނަ ސިފަތަކެއް ލިބިވަޑައިގެންނެވި!

ކޮންމެ ރަސޫލެއްގެ ކިބައިގައިވެސް މާތް ސިފަތައް ހުރުމަކީ ﷲ ގެ ސުންނަތެވެ. އެހެންވެ ނުބައި ބޮޑު ފާފައަކަށް އެއިން ބޭކަލަކު އަރައެއް ނުގަންނާނެއެވެ. އެބެއިކަލުން ތިއްބަވާނީ މައުސޫމް ބޭކަލުންގެ ގޮތުގައެވެ. އިންސާނުންނަށް ވީތީ އެބޭކަލުންނަށް ކުދި ކުށްތައް ކުރެވުމަކީ ފިޠުރަތުގެ އުސޫލެވެ.

ޒަމާންތަކެއް ފަހުން ޙުނައިން ހަނގުރާމައިގައި ބަނޫ ސައިދު ބިން ބަކުރު ގަބީލާ ފަތަހަ ކުރެވުނެވެ. މިއީ ރަސޫލުﷲ ގެ މައިކަމަނާ ހަލީމާގެ ގަބީލާއެވެ. ހަނގުރާމައިގެ އަސީރެއްގެ ގޮތުގައި ހައްޔަރުކުރެވުނު އަސީރަކު ދަޢުވާކުރިގޮތުގައި އޭނާއަކީ ރަސޫލުﷲ ގެ ދައްތައެކެވެ. މިޚަބަރު ލިބިވަޑައިގަތުމުން ރަސޫލުﷲ އެއަންހެންމީހާ ގެންނަވައި ސުވާލުކުރެއްވިއެވެ. އޭނާ ދެންނެވީ އެއީ ހަލީމާގެ އަންހެން ދަރިކަލުން ޝައިމާ ކަމުގައެވެ. ދެން އެކަލޭގެފާނު ވިދާޅުވީ އެކަން އެކަލޭގެފާނަށް އެނގިވަޑައިގަންނަވާނެގޮތެއް ބުނުމަށެވެ. ޖަވާބުގައި ޝައިމާ ދެންނެވީ އޭނާގެ ބުރިކަށީގައި ރަސޫލުﷲ ތުއްޕުޅުއިރު ދަތްއެޅި ލަކުނު މިހާރުވެސް އެބަހުރިކަމަށެވެ. ދެން އެކަލޭގެފާނު އެކަމަނާ މިނިވަންކުރައްވައި ބައިވަރު ހަދިޔާ ދެއްވުމަށްފަހު ފޮނުވާލެއްވިއެވެ.

ޙުނައިން ހަނގުރާމަ ނިމުނުފަހުން ޙަލީމާއާއި އެކަމަނާގެ ފިރިކަލުން ރަސޫލުﷲ އަރިހަށް ޒިޔާރަތްކުރެއްވިއެވެ. އެއީ ރަސޫލުﷲ ގެ އުމުރުފުޅުން ފަސްދޮޅަހާއި ކައިރިވެފައިވަނިކޮށެވެ. ޙަލީމާ ފެނިވަޑައިގަންނަވާއިރަށް އެއީ ކާކުކަން އެކަލޭގެފާނަށް އެނގިވަޑައިގެންފިއެވެ. ވަގުތުން ތެދުވެވަޑައިގެން ހަލީމާއާއި ސަލާމްކުރެއްވުމަށްފަހު އެކަލޭގެފާނުގެ ސާލުކޮޅު ބިންމަތީގައި ފަތުރުއްވަވާފައި އެކަމަނާއަށް އިށީނުމަށް އެދިވަޑައިގަތެވެ.

Advertisement

ރަސޫލުﷲ ގެ މައިކަމަނާ އާމިނާ އަރިހުގައި އެކަލޭގެފާނު ހޭދަކުރެއްވި ހަޔާތްޕުޅުގެ އެންމެ ވާހަކައެއް މެނުވީ ތާރީޚުން ފެންނާކަށް ނެތެވެ. ތާރީޚުން އެނގެން އޮތް ކަމަކީ އެކަމަނާ ދަރިކަލުން ގޮވައިގެން މަދީނާއަށް ވަޑައިގަންނަވަން ނިންމެވި ވާހަކައެވެ. މިދަތުރުގައި އެކަމަނާ އަރިހުގައި ބާނދީ ކަމަނާ އުއްމި އައިމަންވެސް ގެންދެވިއެވެ. އުއްމު އައިމަންއަކީ އާމިނަތުގެފާނުގެ ދެކަނބަލުންނަށް ކައިވެންޏަށްފަހު އަބުދުލްމުއްޠަލިބު ހަދިޔާކުރެއްވި ބާނދީއެކެވެ. އުއްމު އައިމަން ދިގު އުމުރުފުޅަކަށް ދުނިޔޭގައި އިންނެވިއެވެ. އެގޮތުން އަބޫބަކުރުގެ ޚަލީފާކަންވެސް އެކަމަނާ ދެކެވަޑައިގަތެވެ. އެކަމަނާއަކީ އިސްލާމް ދީން ގަބޫލުކުރެއްވި ކަނބަލެކެވެ. އެކަމަކު އެކަމަނާގެ މާބޮޑު ވާހަކައެއް ތާރީޚަކުން ފެންނާކަށްނެތެވެ. އެހެންވެ ރަސޫލުﷲ ތުއްޕުޅުއިރުގެ މާގިނަ ވާހަކަތަކެއް އެކަމަނާގެ ރިވާތަކުން ލިބިފައެއްނުވެއެވެ.

ރަސޫލުﷲ ގޮވައިގެން މަދީނާއަށް ކުރެއްވި ދަތުރުފުޅުގައި އާމިނަތުގެފާނު މަދީނާގައި ދެތިންމަހު މަޑުކުރެއްވިކަމަށް ބުނެވެއެވެ. އޭރު އެކަލޭގެފާނު އުމުރުފުޅުން ހައަހަރެވެ. މިދަތުރުފުޅުގައި އެކަމަނާ މަޑުކުރެއްވި މުއްދަތުގެ މިންވަރު ކަނޑައެޅިގެން ބުނާކަށް ނޭގެއެވެ. އެކަމަކު އެނގޭ ކަމަކީ އެދުވަސްވަރު ދުރު ތަންތަނަށް އާއިލާ މެމްބަރުންނަށް ޒިޔާރަތްކުރަން ދިގު ދަތުރުކުރާއިރު ދެތިން މަހަށް އެރަށެއްގައި މަޑުކުރާނެކަމެވެ. ކޮންމެއަކަސް މިދަތުރުފުޅަށްފަހު ރަސޫލުﷲ ގޮވައިގެން އެނބުރި މައްކާއަށް ވަޑައިގަތް މަގުމަތީގައި އަލްއަބުވާ ނަމަކަށް ކިޔާ އަވަށަކާއިހަމައިން އާމިނަތުގެފާނަށް އާލާސްކަންފުޅެއް ޖެހިވަޑައިގަތެވެ. އަދި މިއާލާސްކަންފުޅުގައި އެކަމަނާ އަވަހާރަވިއެވެ. އެކަމަނާ ވަޅުލެވުނީ އަވަހާރަވި އަވަށް އަބުވާގައެވެ. އެތަނުގައި އެކަމަނާގެ މަހާނަ އަދިވެސް އެބަހުރިއެވެ.

ޞަޙީޙު މުސްލިމުގައިވާ ޙަދީޘް

އެއްފަހަރަކު ރަސޫލުﷲ ޞަޙާބީންނާއެކު މަދީނާއަށް ވަޑައިގަތް ފަހަރު ދަތުރުފުޅުގެ މިސްރާބު ބަދަލުކުރެއްވިއެވެ. މަގުމަތީގައި ހުރިހާ އެއްޗެއް ބެހެއްޓެވުމަށްފަހު އެކަލޭގެފާނު ސަހަރާތެރެއަށް ހިންގަވަން ފެއްޓެވިއެވެ. ފަހަތްޕުޅުން ޞަޙާބީން ވަޑައިގަތެވެ. އެއްވެސް ބޭކަލަކު އެކަލޭގެފާނާއި ސުވާލެއްވެސް ނުކުރައްވައެވެ. ދެން އެކަލޭގެފާނަށް މަހާނައެއް ފެނިވަޑައިގަތުމުން އެމަހާނަ ކައިރީގައި އިށީނދެވަޑައިގެން އިންނަވާ ކީރިތިކުރެއްވިއެވެ. އެކަލޭގެފާނު އެހާބޮޑަށް ކީރިތިކުރެއްވިތަން ޞަޙާބީން ކުރިން ދެކެވަޑައިނުގަނެއެވެ. އެކަލޭގެފާނުގެ ތުނބުޅިފުޅު ކަރުނައިން އެއްކޮށް ތެމުނުކަމުގައިވިއެވެ. އެކަލޭގެފާނު ކީރިތިކުރައްވަން ފެއްޓެވުމުން ޞަޙާބީންވެސް ކީރިތިކުރައްވަން ފެއްޓެވިއެވެ. މިކަމުން އެނގެނީ އެކަލޭގެފާނުގެ އަސްޙާބުން އެކަލޭގެފާނަށް ދެއްވި ވަރުގަދަ ލޯތްބެވެ.

ދެން ރަސޫލުﷲ ހަދީޘްކުރެއްވިއެވެ. 'ތިޔަބައިމީހުން ގަބުރުސްތާނަށް ޒިޔާރަތްކުރުން ތިމަންކަލޭގެފާނު ކުރިން މަނާކުރެއްވީމެވެ. އެކަމަކު ތިމަންކަލޭގެފާނުގެ މަންމަގެ މަހާނައަށް ޒިރާތްކުރަން ތިމަންކަލޭގެފާނު ﷲ ގެ އިޒުނަފުޅަށް އެދުނީމެވެ. އަދި މައިކަމަނާގެ މަހާނައަށް ޒިޔާރަތްކުރެއްވުން ﷲ އެކަލޭގެފާނަށް ހުއްދަ ކުރެއްވިއެވެ. ވީމާ ތިޔަބައިމީހުން މީގެފަހުން މަހާނައަށް ޒިޔާރަތްކުރަން ތިމަންކަލޭގެފާނު ހުއްދަކޮށްފީމެވެ. އެއީ އެކަމުން މަރު މަތިން ހަނދާންކޮށްދޭނެތީއެވެ. މިކަމުން ލިބޭ ފިލާވަޅަކީ ﷲ ގެ ރުހިވޮޑިގަތުމާއި ނުލާ އެކަލޭގެފާނު އަމިއްލަފުޅަށް ކަންކަން ނުކުރައްވާކަމެވެ. އަދި މަހާނައަށް ޒިޔާރަތްކުރުން ހުއްދަވީ އެކަލޭގެފާނުގެ މައިކަމަނާގެ މަހާނައަށް އެކަލޭގެފާނު ޒިޔާރަތްކުރައްވަން ބޭނުންފުޅުވެގެންކަމެވެ. 

ޢުމުރުފުޅުން ހައަހަރުގައި މައިކަމަނާ އަވަހާރަވުމުން ރަސޫލުﷲ މުޅިން ޔަތީމްވެވަޑައިގަތެވެ. އެހިސާބުން އެކަލޭގެފާނާއި ހަވާލުވެވަޑައިގަތީ ކާފައިކަލުން ޢަބުދުލްމުއްޠަލިބުއެވެ. ރަސޫލުﷲ އެކަލޭގެފާނުގެ ކާފައިކަލުން އަރިހުގައި ހޭދަކުރެއްވި ދުވަސްތަކުގެ މާގިނަ ވާހަކަތަކެއް ތާރީޚުން އެނގޭކަށްނެތެވެ. ބުނެވޭގޮތުގައި ގެފުޅާއި ޖެހިގެން ބިމަށްވުރެ އުސްކޮށް ޢަބުދުލްމުއްޠަލިބަށް ތައްޔާރުކޮށްފަ ހުންނަ ޚާއްޞަ ޖަގަހައެއް ހުރެއެވެ. އެކަލޭގެފާނަކީ ޤުރައިޝުންގެ އެންމެ އިސްވެރިޔާކަމުގައިވާތީ އެކަލޭގެފާނު ހުރިހާ ބައްދަލުވުންތަކެއްގައި އިންނަވަނީ އުސްކޮށް ހުންނަ މިކުޑަކުޑަ ޕްލެޓްފޯމްމަތީގައެވެ. ކޮންމެ ދުވަހަކު ހަވީރު އެކަލޭގެފާނު މީސްތަކުންނާއި ބައްދަލުކުރައްވާނީ އެކަލޭގެފާނަށް ޚާއްޞަ ޖަގަހައިގައި އިންނަވައިގެންނެވެ. ރަސޫލުﷲ ފިޔަވައި އެހެން ކާފަ ދަރިކަލަކަށް އެކަލޭގެފާނުގެ ޖަގަހައިން ޖާގައެއް ނުދެއްވައެވެ. އެއްދުވަހު ރަސޫލުﷲ ދުވެވަޑައިގެން އެތަނަށް އެރުއްވުމުން އެކަލޭގެފާނުގެ ބޮޑުބޭބޭކަލުން ޒުބައިރު އެކަލޭގެފާނު އެތަނުން ދުރުކުރަން އުޅުއްވުމުން އެކަލޭގެފާނު އެތަނުގައި ބޭންދުމަށް ޢަބުދުލްމުއްޠަލިބު އެންގެވިއެވެ.

ރަސޫލުﷲ އެކަލޭގެފާނުގެ ކާފައިކަލުން އަރިހުގައި ހުންނެވިއިރު ގެއްލުނު ޖަމަލުތަކެއް ހޯދަން އެކަލޭގެފާނުގެ ބޮޑުބޭބޭކަލުން އެކަލޭގެފާނު ފޮނުއްވިއެވެ. އިބުނު ސަޢުދު ބަޔާންކުރައްވާގޮތުގައި އެހާތުއްޕުޅު ބޭކަލަކު އެފަދަ ބޮޑުކަމެއްގައި ފޮނުއްވުނު މައިގަނޑު ސަބަބަކީ އެކަލޭގެފާނު ކުރެއްވި ކޮންމެ ކަމެއްގައި އެކަލޭގެފާނު ކާމިޔާބު ހޯއްދަވާފައިވުމެވެ. ޔަޢުނީ އެކަލޭގެފާނާއި ހަވާލުކުރެވުނު ކޮންމެ ކަމެއް ފުރިހަމައަށް ކުރައްވާފައިވުމެވެ. އެދުވަސްވަރު ޖަމަލަކީ ވަރަށް އަގުހުރި މުދަލެކެވެ. ޖަމަލެއް ގެއްލުމަކީ އޭގެ ވެރިންނަށް ދޫކޮށްލައިގެން ތިބެވޭވަރަށްވުރެ ބޮޑުކަމެކެވެ. އެހެންވެ ރަސޫލުﷲ ގެ ބޮޑުބޭބޭކަލުންނަށް ޖަމަލުތައް ނުފެނުމުން އެކަލޭގެފާނާއި މިކަން ހަވާލުކުރެއްވީއެވެ.

ރަސޫލުﷲ ޖަމަލު ހޯއްދަވަން ވަޑައިގަތްގޮތަށް އެނބުރި ވަޑައިނުގަނެ ވަރަށްގިނަ އިރުވިއެވެ. މިކަން ޢަބުދުލްމުއްޠަލިބަށް އެނގިވަޑައިގަތުމުން އެކަލޭގެފާނު ވަރަށްބޮޑަށް ކޯފާވިއެވެ. އަދި ދަރިދަރިކަލުންނަށް އެންގެވިގޮތުގައި އެބޭކަލުންކުރެއްވި ކަމަކީ ކޮށްގެންވާޒާތުގެ ކަމެއްނޫނެވެ. ރަސޫލުﷲ އެނބުރި ވަޑައިގަތް އިރު އެކަލޭގެފާނު ލަސްވެގެން އިންތިޒާރުގައި ކާފައިކަލުން އިންނެވިއެވެ. ރަސޫލުﷲ ފެނިވަޑައިގަތުމާއެކު އެކަލޭގެފާނު ގައިކޮޅުގައި ބައްދަވާފައި ވިދާޅުވީ ދެން އެކަލޭގެފާނުގެ ލޯމަތިން ކާފަދަރިކަލުން ގެއްލިގެން ނުވާނެކަމަށެވެ. މިކަމުން އެނގެނީ ޢަބުދުލްމުއްޠަލިބުގެ ހިތްޕުޅުގައި އެކަލޭގެފާނަށް އޮތް ލޯތްބެވެ.

މާގިނަ ދުވަހެއް ނުވެ ޢަބުދުލްމުއްޠަލިބު އަވަހާރަވެއްޖެއެވެ. އޭރު ރަސޫލުﷲ ގެ އުމުރުފުޅަކީ އަށް އަހަރެވެ. މިއީ އެކަލޭގެފާނު ޔަތީމުވީ ތިންވަނަ ފަހަރެވެ. ފުރަތަމަ ޔަތީމުވީ ބަފައިކަލުން ނެތުމުންނެވެ. ދެވަނަ ފަހަރަށް ޔަތީމުވީ މައިކަމަނާ އަވަހާރަވުމުންނެވެ. އިބުނު ސަޢުދު ބަޔާންކުރައްވާގޮތުގައި ރަސޫލުﷲ ގެ ޙަދީޘްފުޅެއްގައިވެއެވެ.

ހަދީޘް

ރަސޫލުﷲ އަރިހުގައި، ކާފައިކަލުން ހަނދުމަފުޅުގައި ހުރޭތޯ ޞަހާބީއަކު އެއްސެވިއެވެ. ޖަވާބުގައި އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. 'ތިމަންކަލޭގެފާނުގެ ހަނދުމަފުޅުގައި ކާފައިކަލުން އެބަަހުރި. އެކަލޭގެފާނު އަވަހާރަވީ ތިމަންކަލޭގޭފާނުގެ އުމުރުފުޅުން އަށް އަހަރުގަ'.

ޢަބުދުލްމުއްޠަލިބު އަވަހާރަވުމުގެ ކުރިން ރަސޫލުﷲ ބެލެހެއްޓެވުން އެކަލޭގެފާނުގެ ބޮޑުބޭބޭކަލުން އަބޫޠާލިބާއި ހަވާލުކުރައްވައި އެކަމަށް ވަސިއްޔަތްކުރެއްވިއެވެ. ބޮޑުބޭބޭކަލުންގެތެރެއިން އަބޫޠާލިބާއި އެކަލޭގެފާނު ހަވާލުކުރެވުނު ސަބަބެއްކަމުގައި ބެލެވެނީ އަބޫޠާލިބަކީ އެކަލޭގެފާނުގެ ބަފައިކަލުން ޢަބުދުﷲ ގެފާނާއި އެއްބަނޑު ބޭކަލަކަށްވުމެވެ. ރަސޫލުﷲ ބޮޑުފުޅުވީ އަބޫޠާލިބުގެ އަރިހުގައި ހުންނަވައެވެ. އަބޫޠާލިބު އަވަހާރަވީއިރު ރަސޫލުﷲ ހުންނެވީ އުމުރުފުޅުން ފަންސާހުން މަތީގައެވެ.

ވިސްނައިލުންހުއްޓެވެ. ﷲ އިރާދަފުޅުން ރަސޫލުﷲ ތިން ފަހަރަށް ޔަތީމުވެވަޑައިގަތެވެ. ޅަފަތުގައި މިހާގިނަ އިމްތިހާންތައް އެކަލޭގެފާނާއި ﷲ ކުރިމަތިކުރެއްވީ ސަބަބުތަކާއިލައިގެންނެވެ. ޢިލްމުވެރިން ވިދާޅުވާގޮތުގައި މިކަމުގެ ޙިކުމަތްތައްގިނައެވެ.

ކީރިތި ޤުރްއާނުގައި މޫސާގެފާނާއި ގުޅޭގޮތުން ﷲ ވަޙީކުރައްވައެވެ.

އާޔަތް: وَٱصْطَنَعْتُكَ لِنَفْسِى

ކަލޭގެފާނު ބެލެހެއްޓެވީ ތިމަން ﷲ. 

އެގޮތަށް ރަސޫލުﷲ ޔަތީމްވުމުން އެނގެނީ އެކަލޭގެފާނު ބެލެހެއްޓެވީ ﷲ ކަމެވެ. ޔަތީމުވުމުން ވަރަށްގިނަ ރިވެތި މާތް ސިފަތައް މީހާއަށް ލިބެއެވެ. އެފަދަ ސިފަތައް އެންމެ މުހިންމުވާ ބޭކަލަކީ ރަސޫލުﷲ އެވެ. ޔަތީމުވުމުން މީހާއަށް މިނިވަންކަމާއެކު އުޅެން ދަސްވެއެވެ. މީހާ ތަޞައްރަފުފުދޭލެއް އަވަހެވެ. އަދި އެމީހަކަށް އަވަހަށް ބުއްދިލިބެއެވެ. ރަސޫލުﷲ ޔަތީމުވުމުން މިހުރިހައި ސިފަތަކެއް އެކަލޭގެފާނަށް ލިބިވަޑައިގަތެވެ.

ރަސޫލުﷲ ތުއްޕުޅުއިރު ބޮޑުބޭބެ އަބޫޠާލިބު އަރިހުގައި ޝާމް ކަރައަށް ދަތުރުފުޅެއް ކުރެއްވިއެވެ. މިދަތުރުކުރެވުނީ އެކަލޭގެފާނުގެ އުމުރުފުޅުން ގާތްގަނޑަކަށް އެގާރަ އަހަރުގައެވެ. މިދަތުރުފުޅުގައި އަބޫބަކުރުގެފާނާއި ބިލާލުގެފާނުވެސް ބައިވެރިވެވަޑައިގަތެވެ. ޝާމްކަރައަށް ކުރެއްވި ދަތުރުގެ މަގުމަތީގައި އެބޭކަލުންގެ ގާފިލާ ފައްޅިއަކާއި ހަމަކުރިއެވެ. މިފައްޅީގައި ރާހިބަކު ދިރިއުޅުނެވެ. އޭނާގެ ނަމަކީ ބުޙައިރާއެވެ. މިރާހިބު ދުވަހަކުވެސް ގާފިލާއެއްގައި ދަތުރުކުރި މީހަކާއި ބައްދަލެއް ނުކުރެއެވެ. އެކަމަކު މިފަހަރު އޭނާ އިސްވެ މިގާފިލާއާއި އިސްތިގުބާލުކޮށް ޖާފަތަކަށް ދައުވަތުދިނެވެ. މިކަމާ ކޮންމެވެސް ވަރަކަށް ހައިރާންވެ އެބެއިކަލުންނަށް ބުޙައިރާ އިސްތިގުބާލުކުރި ސަބަބު އެބޭކަލުން އައްސަވައިފިއެވެ. ޖަވާބުގައި ބުޙައިރާ ބުނީ ގާފިލާގައި ހުންނެވި ކުޑަ ކުއްޖަކީ ނަބީ ބޭކަލަކަށްވާނެ ކުއްޖެއްކަމުގައެވެ. އަދި އޭނާ އިތުރަށް ބުނިގޮތުގައި ރަސޫލުﷲ އަށް ވިލާތަކާއި ގަސްތައް ހިޔާދޭތަން އޭނާއަށް ފެނުނެވެ. އަދި ހިލަތައް އެކަލޭގެފާނަށް ސަޖިދަ ޖަހަނިކޮށް އޭނާއަށް ފެނުނެވެ. ދެން އެކަލޭގެފާނު ރަނގަޅަށް ބެލެހެއްޓެވުމަށް އަބޫޠާލިބަށް އޭނާ ވަސިއްޔަތް ކުރެއްވިއެވެ. އެބެއިކަލުން ފަރިއްކުޅުއްވަމުން ގެންދެވިއިރު ރޫމީ ހަނގުރާމަވެރިންގެ ހަތް މީހަކު އެހިސާބަށް އައެވެ. އެމީހުންގެ ބޭނުމަކީ ރަސޫލުﷲ ހޯދައި އެކަލޭގެފާނު ގަތުލުކުރުމެވެ. އެވަގުތު ބުޙައިރާ އެބޭކަލުންތައް ފޮރުވިއެވެ. އަދި ހަނގުރާމަވެރިން ދިއުމުން ބުޙައިރާ އަބޫޠާލިބަށް އެންގެވީ ދަތުރުހުއްޓަވާލައްވާފައި އެނބުރި އަވަހަށް މައްކާއަށް ވަޑައިގަތުމަށެވެ. ދެން އަބޫޠާލިބު ހެއްދެވިގޮތަކީ އަބޫބަކުރާއި ބިލާލުގެ ހަވާލުގައި އެކަލޭގެފާނު މައްކާއަށް ފޮނުއްވީއެވެ.

މިވާހަކައިގެ ޞައްޙަކަމާއި މެދު ސީރާގެ ގިނަ ޢިލްމުވެރިންގެ ޚިލާފެއްނެތެވެ. އެކަމަކު އިމާމުއްޒަހަބީއާއި އިބުނު ކަޘީރުއާއި އިބުނު ސައްޔިދުއްނާސް ވިދާޅުވާގޮތުގައި މިވާހަކަ މުޅިއަކުން ރަނގަޅެއްނޫނެވެ. އެބަހީ މިވާހަކައިގައި ހަމަނުޖެހޭ ކަންކަން އެބަހުރިއެވެ.

އިމާމުއްޒަހަބީގެ ރައުޔުގައި މިއީ ގަބޫލުނުކުރެވޭނެ ވާހަކައެކެވެ. އޭނާ ބަޔާންކުރައްވާގޮތުގައި އޭރު އަބޫބަކުރުވާނީ ރަސޫލުﷲ ފަދައިން ކުއްޖަކަށެވެ. އަދި އޭރު ބިލާލުގެފާނު އުފަންވެސް ނުވާނެއެވެ. އިމާމުއްޒަހަބީ ވިދާޅުވާގޮތުގައި ވިލާތަކުން އެކަލޭގެފާނަށް ހިޔާދޭކަމަށްވާނަމަ ގަސްތަކުން އެކަލޭގެފާނަށް ހިޔާ ދޭކަށްނުޖެހެއެވެ. މިއީ ހިނގިކަމަކަށް ވީނަމަ، ރަސޫލުﷲ ދީނަށް ގޮވައިލެއްވިއިރު އަބޫޠާލިބު އަރިހުގައި މިވާހަކަ ދެންނެވީހެވެ. އަދި އެކަލޭގެފާނު ރަސޫލަކަށްވުމުން ޤުރައިޝުންނަށް އެކަން ހަޖަމްނުވި ސަބަބުވެސް އިމާމުއްޒަހަބީ ފާހަގަކުރެއްވިއެވެ. އަނެއްކޮޅުން ޖިބުރީލްގެފާނު ވަޙީއާއިގެން އެކަލޭގެފާނު އަރިހަށް ވަޑައިގަތުމުން އެކަންވެސް އެކަލޭގެފާނަށް އެނގިވަޑައިނުގަތް ސަބަބުވެސް އިމާމުއްޒަހަބީ ފާހަގަކުރެއްވިއެވެ.

ޢައިރު މުސްލިމު ޢިލްމުވެރިންނާއި ދިރާސާކުރާ މީހުންނަށް މިވާހަކައިން އެމީހުން ބޭނުންވާ ހަމަނުޖެހޭ ބައިލިބިދެއެވެ. އެމީހުން ބުނާގޮތުގައި ރަސޫލުﷲ އަށް ޔަހޫދީންނާއި ނަޞާރާއިންގެ މައުލޫމާތު ލިބިވަޑައިގަތީ މިދަތުރުފުޅުގައި ބުޙައިރާގެ ފަރާތުންނެވެ. އެޒަމާނުގެ ޢަރަބީންނަކީ ޢިލްމީ ބައެއްނޫނެވެ. އެމީހުންގެތެރޭގައި ޔަހޫދީންނާއި ނަޞާރާއިންނެއް ނޫޅެއެވެ. އެހެންވެ ޔަހޫދީންނާއި ނަޞާރާއިންނާއި ކުރީގެ އުއްމަތްތަކުގެ ވާހަކައަކީ އަރަބީންނަށް އެނގޭ ވާހަކަތަކެއްނޫނެވެ.

އެހެންވެ އިސްލާމް ދީން ގަބޫލުނުކުރާ ޢިލްމުވެރިން ދެކޭގޮތުގައި ރަސޫލުﷲ މިމައުލޫމާތު ހޯއްދަވަނީ ބުޙައިރާގެ ފަރާތުންނެވެ.

ޢިލްމީ ނަޒަރަކުން ބަލާއިރު ޢައިރު މުސްލިމް ޢިލްމުވެރިންގެ ވާހަކައިގައިވެސް އެއްވެސް ބުރަދަނެއްނުވެއެވެ. އެހެނީ ބައިގަޑިއެއްހާއިރުން ނަބިއްޔުންނާއި ރަސޫލުންނާއި ކުރީގެ އުއްމަތްތަކުގެ ވާހަކަ ނުކިޔޭނެތީއެވެ. އެހެން ނޫނަސް އޭރު ރަސޫލުﷲ އަކީ ކުޑަ ކުއްޖެކެވެ. އެހުރިހާ ވާހަކައެއް ދެނެވަޑައިގަންނަވާނެ ބުއްދިއެއްވެސް އެކަލޭގެފާނުގެ ނުހުންނާނެއެވެ. ޢަރަބީންގެ ގާތަށް ޢިސްމާޢީލުގެފާނަށްފަހު ރަސޫލަކު ވަޑައެއްނުގަންނަވައެވެ. އެހެންވެ ނަބީކަމާއި ރަސޫލުކަމަކީ އެމީހުންނަށް އޭރު އެނގޭ މަފުހޫމެއްވެސް ނޫނެވެ. އެހެންވެ ޣައިރު މުސްލިމު ޢިލްމުވެރިން ރަސޫލުﷲ އާއިބެހޭގޮތުން ދައްކާފައިވަނީ ބުހުތާން ދޮގެވެ.  

ފާޑުވެރި ނަޒަރަކުން ވިސްނާއިރު މިކަހަލަ ޚިލާފުހުރި ވާހަކަތައް ކިޔުނުގޮތަށް ބަލަންޖެހެއެވެ. އެގޮތަށް ބަލާއިރު ސީރާގައި މިފަދަ ވާހަކަތައް ހިމެނުނީ ޙަދީޘް ޢިލްމުވެރިން ޙަދީޘްގެ ޞައްޙަކަން ކަށަވަރުކުރައްވަން ގެންގުޅުއްވިފަދަ ރިވާގެ ޗޭނެއް ސީރާގެ ޢިލްމުވެރިން ގެންގުޅުއްވާފައިނުވާތީއެވެ. އެބަހީ ވާހަކައިގެ އަސްލު މަސްދަރާއި ހަމައަށް ސީރާ ޢިލްމުވެރިން ވަޑައިގެންފައިނުވުމެވެ.

ނުނިމޭ..

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

+1
1
+1
8
+1
0
+1
0
+1
1
+1
0
+1
1

Advertisement

ގުޅުންހުރި ލިޔުންތައް