ސްޓެލްކޯ އިން ދެމުންގެންދާ ހައްޖުގެ އަޅުކަމުގެ ފުރުސަތަށް ޝަރުތު ހަމަވަނީ އެ ކުންފުނީގައި 15 އަހަރު ޚިދުމަތް ކޮށްފައިވާ މުވައްޒަފުންނަށެވެ.
ހައްޖުގެ އަޅުކަމުގެ ފުރުސަތު މިއަހަރު ލިބުނު މުވައްޒަފުންނަކީ، ޓްރާންސްޕޯޓް، ލޮޖިސްޓިކްސް އެންޑް މެއިންޓެނެންސް ޑިޕާޓްމަންޓްގެ މުހައްމަދު އަބޫބަކުރު އަދި ކަސްޓަމަރ ސަރވިސަސް އެންޑް ބިލިންގ ޑިޕާޓްމަންޓްގެ ނަޒްނާ އަހުމަދު އެވެ.
'ޒީޓައިމްސް' އަށް ދެއްވި ޚާއްސަ އިންޓަވިއުގައި ޑެޕިއުޓީ މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ނަޒްނާ ވިދާޅުވީ، ހައްޖު ދަތުރުގެ ފުރުސަތު ލިބުމުން ވަރަށް އުފާވާ ކަމަށެވެ.
" ކޮވިޑާއި ގުޅިގެން މެދުކެނޑުމަށްފަހު އަލުން މިފެށީ މިގޮތަށް ފުރުސަތު ދޭން. އުފަލުން ރޮވުނު ހައްޖު ދަތުރުގެ ފުރުސަތު ލިބުނީމަ. އަސްލު ވަރަށް އުފާވެފަ މިހިރީ. ދާންބޭނުންވެފަ ހުއްޓާ ފުރުސަތު ލިބުނީމަ" ނަޒްނާ އުފަލާއެކު ފާހަގަކުރެއްވިއެވެ.
މަހްރަމެއް ގެންދަންޖެހޭތީ، ނަޒްނާ އާއެކު އޭނާގެ ފިރިމީހާ ވެސް އަމިއްލަ ޚަރަދުގައި މިއަހަރު ހައްޖަށް ދިއުމަށް ދަނީ މަސައްކަތްކުރަމުން ކަމަށާއި، އުންމީދަކީ މިއަހަރު ހައްޖުގެ އަޅުކަން އަދާކުރެވުމުގެ މަގުފަހިވުން ކަމަށް ވިދާޅުވިއެވެ.
" ސްޓެލްކޯ އިން ސްޓާފުންނަށް ވަރަށް ގިނަ ކަންކަން މަގުފަހިކޮށްދޭ. ދީނީ ކަންތައްތަކަށް ޚާއްސަ ސަމާލުކަމެއް ދޭ. އެހެންވެ އުޅޭހިތުން މިއުޅެނީ. އޮފީހުން މިފަދަ ފުރުސަތުތައް އިންތިޒާމް ކޮށްދޭތީ މެނޭޖްމަންޓަށް ޚާއްސަ ޝުކުރެއް އަދާކުރަން" ނަޒްނާ ވިދާޅުވިއެވެ.
ގދ. ތިނަދޫ އަށް އުފަން ނަޒްނާ ސްޓެލްކޯގައި މަސައްކަތްކުރާތާ މިއީ 20 ވަނަ އަހަރެވެ.
ހައްޖު ދަތުރުގެ ފުރުސަތު ލިބުނު މުހައްމަދު އަބޫބަކުރު ވިދާޅުވީ، ސްޓެލްކޯ އިން މީގެ 8 ވަރަކަށް އަހަރު ކުރިން ފެށިގެން މިފަދަ ފުރުސަތެއް ހުޅުވާލުމާއެކު އުންމީދުކުރަމުން ދިޔައީ ފުރުސަތު ލިބޭނެ ދުވަހަކަށް ކަމަށެވެ.
" ހަމްދު ކުރަން ހެއްދެވި ފަރާތަށް މިފުރުސަތު ލިބުނީމަ. އަޅުގަނޑު ވާނީ އެދިފަ މިއަހަރު ހައްޖަށް ދެވޭނެގޮތެއް ހަމަޖެއްސުމަށް. މިއީ 17 ވަނަ އަހަރު ކުންފުނީގަ މަސައްކަތްކުރާތާ". އަބޫބަކުރު ވިދާޅުވިއެވެ.
ސީނިއަރ ސްޕަވައިޒަރެއްގެ ގޮތުގައި ޓްރާންސްޕޯޓް މަސައްކަތްތަކާ ހަވާލުވެ ހުންނެވި ޅ.ހިންނަވަރަށް އުފަން އަބޫބަކުރު ވަނީ، މެދުކެނޑުމަކަށްފަހު އަލުން ފުރުސަތު ހުޅުވާލާ، މުވައްޒަފުންނަށް މިފަދަ ފުރުސަތެއް މަގުފަހިކޮށްދެއްވުމުން މެނޭޖިންގ ޑިރެކްޓަރ އަށް ޝުކުރު ދަންނަވާފައެވެ.
އުމްރާގެ އަޅުކަމުގެ ފުރުސަތު ސްޓެލްކޯއިން ދެނީ 5 އަހަރު ޚިދުމަތް ކޮށްފައިވާ މުވައްޒަފުންނަށެވެ. އުމްރާގެ އަޅުކަމުގެ ފުރުސަތު މިފަހަރު ލިބުނީ ވިލިނގިލީ އިންޖީނުގޭގައި މަސައްކަތްކުރާ އަބުދުﷲ ޝަފީގާއި، ކޯޕަރޭޓް އެންޑް ލީގަލް ޑިޕާޓްމެންޓްގެ ސަމީރާ ހުސައިން އަށެވެ.
ސްޓެލްކޯ އިން ކުރިއަށްގެންދިޔަ ތަރާވީހުގައި ހައްޖާއި އުމްރާގެ ފުރުސަތު ލިބުނު މުވައްޒަފުންނަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރ އަހުމަދު ޒާހިރާއި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފު އެވެ.