September 21, 2024 00:30
Advertisement

-Advertisement-

ރަސޫލާ ﷺ ގެ ސީރާ: ފިޖާރު ހަނގުރާމަ

ރަސޫލުﷲ ޒުވާންޕުޅުއިރު މަސައްކަތްކުރެއްވީ އަގަށެވެ. އެކަލޭގެފާނު ދިރިއުޅުއްވީ ލިބިވަޑައިގަތް ކުޑައެތިކޮޅަކުން ފުއްދަވައިގެންނެވެ. މީހުންނަށް ބަރޯސާވެގެން މީހުން އަތުން އެއްޗެހި ހޯއްދަވައި ނުހައްދަވައެވެ. މިކަމުގެ ސަބަބުން އެކަލޭގެފާނަށް ދީނަށް ގޮވައިލައްވަން ފަސޭހަފުޅުވިއެވެ. އިޚުލާސްތެރިކަމުގެ އެންމެ މަތީ މިންވަރަކީ ތިމާ އަނެކުންނަށް ބަދަލުގައި ކަމަކަށް ނޭދި އަނެކުންނަށް ކޮށްދޭ ޚިދުމަތެވެ. އެކަލޭގެފާނުގެ އިޚުލާސްތެރިކަން ކީރިތި ޤުރްއާނުގެ އެތައް އާޔަތަކުން ފެނެއެވެ.

ރަސޫލުﷲ ގެ ރަސޫލުކަން ފެށުމަށްފަހުވެސް އެކަލޭގެފާނު ލަދުވެތިކަން ނުދައްކަވާ އެކަލޭގެފާނުގެ ސާދާ މާޒީ ވިދާޅުވެދެއްވަމުން ގެންދެވިއެވެ. މިކަމުން ލިބޭ އެއްފިލާވަޅަކީ މީހާ ކޮންމެކަމެއްވެސް ފަށަންޖެހެނީ ފުރަތަމަ ހަރުފަތުން ނުވަތަ އެންމެ ދަށުން ކަމެވެ. ކާމިޔާބާއި ހަމައަށް ވާސިލުވެވެނީ ދަށުން ފަށައިގެން މައްޗަށްގޮސްގެންކަމެވެ. ދުނިޔޭގައި މީހުން ކާމިޔާބު ހާސިލުކޮށްފައިވާގޮތަށް ބަލާއިރު މިއީ ތެދެއްކަން ކަށަވަރުވެއެވެ. ރަސޫލުﷲ ގެ ޙަޔާތްޕުޅުގައިވެސް ކަންވީ އެފަދައިންނެވެ.

ﷲ ވަޙީކުރައްވަނީ: مَا وَدَّعَكَ رَبُّكَ وَمَا قَلٰى

Advertisement

ރަސޫލުﷲ ޒުވާން ހަޔާތްޕުޅުގައި ކުރެއްވި އިތުރުކަމަކަށް ތާރީޚުން ފެންނަންއޮތީ ފިޖާރު ހަނގުރާމަތަކުގައި އެކަލޭގެފާނު އަދާކުރެއްވި ދައުރުގެ ވާހަކައެވެ. ބެލެވޭގޮތުގައި މިކަން ހިނގާފައިވަނީ އެކަލޭގެފާނުގެ އުމުރުފުޅުން ފަނަރަ އަހަރާއި އަށާރަ އަހަރާއި ދެމެދުގައެވެ.

ފިޖާރު ހަނގުރާމަތަކަކީ ޢަރަބި ކަރައިގެ ބޮޑު ދެ ގަބީލާއެއްގެ މެދުގައި ހިނގި ކުދިކުދި ހަނގުރާމަތަކެކެވެ. ކިނާނާ ދަރިކޮޅަށް ނިސްބަތްވާ ބޮޑެތި ދަރިކޮޅުތަކެއް އޭރު ހުއްޓެވެ. ޤުރައިޝަކީ ކިނާނާއަށް ނިސްބަތްވި އެފަދަ ބޮޑު ދަރިކޮޅެކެވެ. އެދުވަސްވަރު އޮތްބޮޑު އަނެއް ދަރިކޮޅަކީ ޤައިސް ޢައިލާންއެވެ. ޚަޠަފާންއާއި ޙަވާޒީން ދަރިކޮޅުތައް ނިސްބަތްވީ ޤައިސް ޢައިލާންއަށެވެ. މިހަނގުރާމަ ފެށުނީ ކިނާނާއަށް ނިސްބަތްވާ ގަބީލާއެއްގެ މީހަކު ޙަވާޒިން ގަބީލާގެ މީހަކު މަރާލުމުންނެވެ. ބަދަލުހިފުމުގެ ގޮތުން ޙަވާޒީން ކިނާނާ ދަރިކޮޅުގެ މީހުންނަށް ހަމަލާދިނުމުން އެމީހުން ހިމާޔަތް ހޯދަން ދުވެގޮސްވަނީ ޙަރަމްފުޅަށެވެ. ޙަރަމްފުޅަށް ހިމާޔަތްހޯދަން ދިޔަ މީހުންގެތެރޭގައި ޤުރައިޝުންވެސް ހިމެނެއެވެ. މިހާރެކޭ އެއްފަދައިން އޭރުވެސް ޙަރަމްފުޅަކީ އަމާންކަން ލިބިގެންވާ މުޤައްދަސް ތަނެކެވެ. ޙަރަމްފުޅުގައި އެއްވެސްގޮތަކަށް ތަޅައި ހަނގުރާމަކޮށް ހެދުމަކީ ހަރާމްކަމެކެވެ. އެކަމަކު ހުރި ރުޅިވެރިކަމުގެ ބޮޑުކަމުން ހަވާޒީން ހެދިގޮތަކީ ހަރަމްފުޅަށް ވަދެ ތިބި މީހުންނަށް ހަމަލާދިނުމެވެ.

ކިނާނާ މީހަކު މެރުންވީ ބޮޑު ކުށަކަށެވެ. އަދި ހަވާޒީން ހަރަމްފުޅުގައި ތިބި މީހުންނަށް ހަމަލާދިނުންވީ އެއަށްވުރެ މާބޮޑު ކުށަކަށެވެ. ހަވާޒީން މިހިންގި ބޮޑު ޖަރީމާއަށް އަދަބު ދިނުމުގެގޮތުން ޤުރައިޝުން އެމީހުންނާއި ދެކޮޅަށް ހަނގުރާމަ އިޢުލާންކުރިއެވެ. ހަނގުރާމައިގެ ކުރީކޮޅު ކުރި ލިބުނީ ހަވާޒީންނަށެވެ. އެކަމަކު އެންމެފަހުން މޮޅުވީ ޤުރައިޝުންނެވެ. ހަނގުރާމަ ނިންމައި މިދެބައިމީހުން އަހުދު ނާމާއެއް އެކުލަވާލިއެވެ. މިއެއްބަސްވުމުގެ ދަށުން ޤުރައިޝުން ހަވާޒީންނަށް މަރުގެ ދިޔަދިނެވެ.

ރަސޫލުﷲ ހަދީޘްކުރެއްވިއެވެ. ތިމަންކަލޭގެފާނު ފިޖާރު ހަނގުރާމަތަކުގައި ބައިވެރިވެވަޑައިގަތްކަން ހަނދުމަފުޅުގައިވެއެވެ. އެހަނގުރާމައިގައި ތިމަންކަލޭގެފާނު ބޮޑުބޭބޭކަލުންނަށް ދުނި ހޮއްވަވާފައިދެއްވީމެވެ.

މިހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވުނީތީ އެކަމާ ހިތާމަނުކުރައްވާކަމަށް އެކަލޭގެފާނު ވިދާޅުވިއެވެ. އެއީ އެކަލޭގެފާނަށް އެކަލޭގެފާނުގެ ދަރިކޮޅު ޤުރައިޝުންނަށް އެހީތެރިވެވަޑައިގެންދެއްވުނީތީއެވެ. ބުނެވޭގޮތުގައި މިހަނގުރާމަ ހިނގާވަގުތު ރަސޫލުﷲ އެކަމުގައި އުޅުއްވާ ދުވަހު ޤުރައިޝުން މޮޅުވެއެވެ. އެކަލޭގެފާނު އެހެންކަމެއްގައި އުޅުއްވާނަމަ ހަވާޒީން މޮޅުވެއެވެ. އަބޫ ޠާލިބުގެފާނަށް މިކަން އެގިވަޑައިގަތުމުން އަބަދުވެސް އެކަލޭގެފާނުގެ ލޯފުޅަށް ފެންނަ ފަށުގައި ރަސޫލުﷲ ހުންނެވުމަށް ދެންނެވިކަމުގައިވެއެވެ.

މިހަނގުރާމައަށް ފިޖާރު ކިޔުނު ސަބަބަކީ އެއީ ނުބައިކަމަކަށްވީތީއެވެ. ފިޖާރުގެ މާނައަކީ ނުބައިނުލަފާކަމެވެ. ނުބައިނުލަފާ ހަނގުރާމައަކަށް މިހަނގުރާމަ ވީސަބަބަކީ މީހަކު މެރުން ނުބައިވުމާއި ހަރަމްފުޅުގެ ހުރުމަތްކެނޑުން އެއަށްވުރެ ނުބައިވުމެވެ.

ރަސޫލުﷲ ގެ ޒުވާން އުމުރުފުޅުގައި އިތުރު އެހެން ކަމެއްވެސް ހިނގާދިޔައެވެ. ފިޖާރު ހަނގުރާމަ ނިމުނުތާ ދެތިން އަހަރަށް ފަހު ހިނގި މިހާދިސާއަކީ ހިލްފަލްފުޟޫލު އެވެ. ހިލްފަލްފުޟޫލަށް ހިލްފުލް މުޠައްޔިބީންއޭވެސް ކިޔުނެވެ. މިއީ ކުރެވުނު އެއްބަސްވުމެކެވެ. މިއެއްބަސްވުން ޤާއިމްކުރެވުނީ މާތްވެގެންވާ މައްސަރެއްކަމުގައިވާ ޒުލްގައިދާ މަހު މައްކާގައެވެ. ބައެއް ރިވާތަކުގައިވާގޮތުން އޭރު ރަސޫލުﷲ ގެ އުމުރުފުޅަކީ ވިހި އަހަރެވެ. މިހާދިސާ މެދުވެރިވީ ޒުބައިދު ގަބީލާގެ މީހެއްގެ އަތުން ޤުރައިޝް ވަންހައިގެ މީހަކު އެއްޗެއް ގަތުމަށްފަހު އަގު ނުދިނުމުންނެވެ. ޒުބައިދު ގަބީލާއަކީ ޔަމަނު ކަރައިގެ ގަބީލާއެކެވެ. މިއީ އާދައިގެ ދަށްފަންތީގެ ގަބީލާއެކެވެ. އެހެންވެ އެމީހުންނަށް ކަމެއްޖެހޭ ވަގުތެއްގައި އެމީހުންނާއި އެއްކޮޅަށް ނިކުންނާނޭ މީހުން މައްކާއިން މަދުވާނެއެވެ.

މިހާދިސާ ފެށުނީ ޒުބައިދު ގަބީލާގެ ވިޔަފާރިވެރިއެއްގެ އަތުން އަލްޢާސް އިބުނު ވާޢިލް މުދަލެއް ގަތުމަށްފަހު ފައިސާ ނުދިނުމުންނެވެ. މިއީ މަޝްހޫރު އަމްރު އިބުނު ޢާޞްގެ ބައްޕައެވެ. އަލްޢާޞްއަކީ ގުރައިޝުންގެ ބޮޑެކެވެ. އޭނާއަކީ ވިޔަފާރިވެރިއެކެވެ. އަދި އޭނާއަކީ ސިޔާސީ ބޭކަލެކެވެ. ޢާޞް މުދާ ގަތުމަށްފަހު ޒުބައިދު ގަބީލާގެ މީހާއަށް އެންގީ ޙައްޖުގެ ކަންކަން ނިމި އޭނާ އެނބުރި ޔަމަނަށް ފުރުމުގެ ކުރިން ފައިސާ ދޭނެކަމަށެވެ. ދެން އެމީހާ ފައިސާ ހޯދަން ޢާޞްއާއި ބައްދަލުކުރުމުން ބުނަނީ މާދަމާ އައުމަށެވެ. މިގޮތަށް އެތަކެއް ދުވަހު ޢާޞް ކަންކުރުމުން އޭނާގެ އަތުން ފައިސާ ނުލިބޭނެކަން ޒުބައިދު ގަބީލާގެ ވިޔަފާރިވެރިޔާއަށް ޔަގީންވެއްޖެއެވެ.

ދެން މުދާ ވިއްކި މީހާ ހެދިގޮތަކީ ޤުރައިޝް ވަންހައިގެ ތަފާތު ގަބީލާތަކުގެ މީހުންނާއި ބައްދަލުކޮށް އޭނާއަށް މިކަމުގައި އެހީތެރިވުމަށް އެދުމެވެ. އެކަމަކު އެއްވެސް ގަބީލާއަކުން މިކަމަށް ފަހިވާނެ މަގެއް ނުދެއްކިއެވެ. ސަބަބަކީ އެމީހުންނަށް ޢާޞްއަކީ ކިހާވަރެއްގެ ބާރުހުރި މީހެއްކަން އެނގޭތީއެވެ. އެމީހުން ހެދިގޮތަކީ ކޮންމެވެސް ކަހަލަ އުޒުރެއް ދައްކާފައި އެކަމުން ބަރީއަވުމެވެ.

މައްސަލަ ހައްލުކުރާނެ އެއްވެސްގޮތެއް ނުފެނުމުން ޒުބައިދުގެ މީހާ ހެދިގޮތަކީ މިކަން އާންމުންގެ ސަމާލުކަމަށް ގެނައީއެވެ. އާންމުންގެ ސަމާލުކަމަށް ގެނައުމަށްޓަކައި ޅެމެއް ހަދާފައި އެޅެން އޭނާ ކިޔެވެ. އެގޮތުން ހަވީރު އެންމެން ގެފުޅުކައިރިއަށް އެއްވި ވަގުތު އޭނާ ހަރު އަޑުން ޅެން ކިޔައިފިއެވެ.

އަރަބި ބަހުން ޅެން

އޭ ފިހުރުގެ އާއިލާއެވެ.

އަހަރެންނަކީ އަހަރެންގެ ވިޔަފާރި މުދަލުގެ ސަބަބުން ބޭއިންސާފުކުރެވިފައިވާ މީހަކީމުއެވެ.

އަހަރެން މިހިރީ އަހަރެންގެ ވަޒަނާއި ދުރުގައި މައްކާގެ ވާދީގައެވެ.

އަހަރެން ސަލާމަތްކޮށްދޭނެ މީހުން ތިބީ އަހަރެންނާއި ދުރުގައެވެ.

އަހަރެން އަދިވެސް މިހުރީ އިހުރާމުގައި އަހަރެންގެ އިސްތަށިގަނޑުވެސް އޮމާންނުކޮށެވެ.

އަދި އަހަރެންގެ އުމުރާވެސް ނުނިމެއެވެ.

އަހަރެންނަށް އެހީވާނެ ފިރިހެނުންތައް ކޮބައިހެއްޔެވެ.

ތިޔަބައިމީހުން ތިޔަހެން އަހަރެންނަށް ތިޔަ ހަދަނީ ހިޖުރު އާއި ހަޖަރު އާއި ދެމެދުގައެވެ.

ހަރަމްފުޅުގެ މިލްކުވެރިކަންވަނީ އެކަމަށް ޙައްޤު މާތްމީހުންނަށެވެ.

މަކަރު ހަދާ ވައްކަންކުރާ މީހަކު މައްކާގައި ހުރުމަކުން އޭނާގެ މާތްކަމެއްނުވެއެވެ.

މިޅެން އިއްވުމާއެކު އެންމެންގެ ސަމާލުކަމަށް މިމައްސަލައައެވެ. މިކަން އެނގިވަޑައިގަތުމުން ރަސޫލުﷲ ގެ ބޮޑުބޭބޭކަލުން ޒުބައިރު އިބުނު ޢަބުދުލްމުއްޠަލިބު ކަންބޮޑުވެވަޑައިގަތެވެ. އަދި އެކަލޭގެފާނު ވިދާޅުވިގޮތުގައި އެކަން އެގޮތަށް އޮތަދީގެންނުވާނެއެވެ. އަދި އެކަމަށް ކޮންމެވެސް ހައްލެއް އޮންނަންޖެހޭނެކަމަށް ޒުބައިރުގެފާނު ވިދާޅުވިއެވެ. އެއަށްފަހު މިމައްސަލަ ހަމަޖައްސަން މަޝްވަރާކުރުމަށްޓަކައި ޤުރައިޝުންގެ އެންމެއިސް ބޮޑުންގެ ބައްދަލުވުމެއް އެކަލޭގެފާނު އިންތިޒާމްކުރެއްވިއެވެ. މިބައްދަލުވުން ބޭއްވުނީ ޢަބުދުﷲ ބިން ޖުދުޢާން ނަމަކަށްކިޔާ ބޭކަލެއްގެ ގޭގައެވެ. ޖުދުޢާނަކީ ޢާއިޝަތުގެފާނާއި ދުރުތަނުން ބޮޑުބޭބޭކަލެކެވެ.

ޢަބުދުﷲ އިބުނު ޖުދުޢާނަކީ އެދުވަސްވަރު މައްކާގައި އުޅުއްވި ބޭކަލުންގެތެރެއިން މާތްކަމުގައި އަރާހުންނެވި ބޭކަލެކެވެ. މެހުމާންދާރީ ބެހެއްޓެވުމާއި މީހުންނަށް ހެޔޮކޮށް ހިތްތެވުމުގައި ޖުދުޢާނަކީ ރަނގަޅު ނަމޫނާއެކެވެ. އެކަލޭގެފާނު މަޝްހޫރުވެފައިވަނީ މައްސަލަ ހައްލުކޮށްދެއްވާ ބޭކަލެއްގެގޮތުގައެވެ. އެގޭގައި ބޭއްވި ބައްދަލުވުމުގައި ޤުރައިޝުންގެ ބޮޑުން އެއްބަސްވުމަކަށް އައެވެ. އެމީހުން އެއްބަސްވީ މިބާވަތުގެ ކޮންމެ ކަމެއްގައި އަނިޔާލިބޭ މީހާއާއި އެއްކޮޅަށް އެމީހުން ތެދުވުމަށެވެ. އެއަށްފަހު އޭނާގެ ޙައްޤުތައް އޭނާއަށް ފުރިހަމައަށް ހޯދާދިނުމަށެވެ. އަދި މިކަމުގައި އަނިޔާ ލިބޭ މީހާގެ ދަރިކޮޅަށް ނުވަތަ އޭނާގެ ގަބީލާއަށް ނުބެލުމަށް އެމީހުން ކަނޑައެޅިއެވެ. އަދި އަނިޔާދޭމީހާއަކީ ޤުރައިޝުންގެ މީހަކަށްވިޔަސް އެކަމަށް ނުބެލުމަށް އެއްބަސްވިއެވެ.

ދެން އެމީހުން މިއެއްބަސްވުމުގައި ސޮއިކުރިއެވެ. އެއްބަސްވުމުގައި ސޮއިކުރީ ގެފުޅުކައިރީގައި މިވާހަކަ އިޢުލާންކުރުމަށްފަހު އެތަނުގައެވެ. ޤުރައިޝުންގެ މެދުގައި މާބޮޑު ލިޔެކިޔުމެއް ނޯންނާތީ އެމީހުންނަކީ ގަލަމުން ސޮއިކުރި ބައެއްނޫނެވެ. ގަލަމާއި ލިޔާ ބާވަތަކީ ޢަރަބީން އަހުލުވެރި އެއްޗެއްސެއްނޫނެވެ. އެހެންވެ އެއްބަސްވުމުގައި ސޮއިކުރުމުގެ ބަދަލުގައި އެމީހުން ކުރިކަމަކީ އަތަރު ފުޅިއަކަށް އިނގިލި ކޮއްޕުމަށްފަހު ގެފުޅުގައި އިނގިލީގެ ނިޝާންޖެހުމެވެ. މިގޮތަށް އެއްބަސްވުމުގައި ބައިވެރިވި ކޮންމެ ވެރިއަކު ގެފުޅުގައި އިނގިލީގެ ނިޝާންޖެހިއެވެ. މިއެއްބަސްވުމަށް ހިލްފަލް މުޠައްޔިބީންއޭ ކިޔުނީ އަތަރަށް ޢަރަބި ބަހުން ތައްޔިބު ކިޔާތީއެވެ.

ބުނެވޭގޮތުގައި މިއެއްބަސްވުމަށް ހިލްފަލް ފުޟޫލު ކިޔުނީ ޢާޞް އިބުނު ވާޢިލްގެ ސަބަބުންނެވެ. އޭނާއަށް މިއެއްބަސްވުމުގެ ޚަބަރު ލިބިވަޑައިގަތުމުން ވަރަށްބޮޑަށް ކޯފާވިއެވެ. އެއަށްފަހު އޭނާ ވިދާޅުވިގޮތުގައި އެމީހުންނާއި ގުޅުމެއްނުވާކަމަކާއި އެމީހުން ބެހޭކަށް ނުޖެހޭނެއެވެ. ފުޟޫލީގެ މާނަޔަކީ ނުބެހުމެވެ. މިއެއްބަސްވުމަކީ ޢަރަބީންގެ މެދުގައި އެކުލަވާލައި އެއްބަސްވި މިފަދަ ފުރަތަމަ އެއްބަސްވުމެވެ.

ބުޚާރީގައި ހަދީޘް

ރަސޫލުﷲ ޙަދީޘްކުރެއްވިއެވެ. ޢަބުދުﷲ އިބުނު ޖަދުޢާނުގެ ގޭގައި އެކަލޭގެފާނު ދެކެވަޑައިގަތް އެއްބަސްވުމަށް އިސްލާމް ދީނުގައި ޢަމަލުކުރަން ޖެހުނަސް އެކަލޭގެފާނު އެކަންކުރައްވާނެއެވެ.

ނުނިމޭ..

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް