November 23, 2024 06:19
Advertisement

-Advertisement-

ރަސޫލާ ﷺ ގެ ސީރާ: ބޭއިންސާފުން ކަންކުރެވޭނަމަ އެކަން ހުއްޓުވަންޖެހޭ!

ފިޖާރު ހަނގުރާމައާއި ހިލްފަލްފުޟޫލުއިން އަހަރެމެންނަށް ލިބިދޭ ފިލާވަޅުތައް ވަރަށްގިނައެވެ. ފިޖާރު ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވުނީތީ ހިތާމަފުޅުނުކުރައްވާ ވާހަކަ ރަސޫލުﷲ ޙަދީޘްކުރެއްވިއެވެ. މިކަމުން ދޭހަވަނީ އެކަލޭގެފާނު ކުރެއްވި ކަމަކީ ހުއްދަކަމެއް ނުވަތަ ރަނގަޅުކަމެއްކަމެވެ. ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވާގޮތުގައި ހަނގުރާމައަކީ ދީނީ ހަނގުރާމައަކަށް ނުވިޔަސް އަދި ހަނގުރާމައަކީ ތިމާއާއި ސީދާ ގުޅުމެއް އޮތް ހަނގުރާމައަކަށްނުވިޔަސް ހަނގުރާމައެއްގައި ބައިވެރިވުމުގެ ފުރުސަތު އޮތްކަން މިކަމުން އެނގެއެވެ. ބައެއްގެ ހެވާއި ލާބައަށް ނުވަތަ އިންސާފު ހޯދުމަށް ކުރާ ހަނގުރާމައެއްގައި ބައިވެރިވެވިދާނެކަން މިކަމުންއެނގެއެވެ.

ހިލްފަލްފުޟޫލަށް ރަސޫލުﷲ ތާއީދުކުރެއްވިކަން އެކަލޭގެފާނުގެ ހަދީޘުން އެނގެއެވެ. މިކަމުން ލިބޭ ފިލާވަޅަކީ ޙައްޤު ހޯދައިދީ އިންސާފު ހޯދާދިނުމުގައި އަހަރެމެން ފަސްޖެހިގެން ނުވާނެކަމެވެ. މީހަކަށް ލިބެންޖެހޭ ހައްޤު ހޯދައިދިނުމަށް ވާގިވެރިވާންޖެހޭކަމެވެ. މީހަކަށް ބޭއިންސާފުން ކަންކުރެވޭނަމަ އެކަން ހުއްޓުވައި އިންސާފުގެ މަގަށް ކަންކަންކުރަންޖެހޭކަމެވެ. އާންމުކޮށް މުސްލިމުންނަށް ވިސްނިފައި އޮންނަނީ އެމީހުން ހަރަކާތްތެރިވާންޖެހޭނީ ހަމައެކަނި ދީނީ ކަންކަމާއިކަމެވެ. ވަކިން ޚާއްޞަކޮށް އިސްލާމީނޫން ގައުމުތަކުގައި ދިރިއުޅޭ މުސްލިމުންނަށް ހީވެފައިއޮންނަނީ އެމީހުންގެ ގައުމީ ކަންކަމުގައި މުސްލިމުން އުޅެންނުޖެހޭނެ ކަމަށެވެ. އެކަމަކު ރަސޫލުﷲ ޒުވާން ހަޔާތްޕުޅުގައި ކުރައްވާފައިހުރި ކަންކަމުން އަހަރެމެންނަށް ކަށަވަރުވަނީ މުޖުތަމަޢުގެ ހެވާއިލާބައަށް ކުރާ ކަންކަމުގައި ބައިވެރިވާންޖެހޭކަމެވެ. މުޖުތަމައުގެ ކަންކަމުގައި ފުރިހަމައަށް ބައިވެރިވުމަށްފަހު ތިމާއަކީ މުސްލިމެކޭ ބުނުމުން މީހުންގެ ކުރިމަތީގައި ދީނުގެ ޢިއްޒަތް ބޮޑުވާނެއެވެ.

މިދެ ހާދިސާއިން ލިބޭ އަނެއް ފިލާވަޅަކީ ޤުރައިޝުންނަށް ރަސޫލުﷲ ގެ ކިބައިން ފެނުނު ލީޑަރޝިޕެވެ. އަދި ކުރިމަގުގައި އެކަލޭގެފާނު ލީޑަރޝިޕް މާބޮޑަށް ފުޅާކޮށް ފެންނާނެކަމެވެ. ކަންހިނގީވެސް އެހެންނެވެ. އެކަލޭގެފާނުވަވަޑައިގަތީ އެފަދަ ދެވަނައެއްނުވާ އެންމެމޮޅު ލީޑަރަށެވެ.

Advertisement

ރަސޫލުﷲ އެކަލޭގެފާނުގެ ޒުވާން ހަޔާތްޕުޅުގައި ނުބައި ކަމެއް ނުވަތަ ކުށެއް ނުކުރައްވައެވެ. އެއީ ﷲ ގެ ސުއްނަތެވެ. އެކަލާނގެ ނަބިއްޔުންނާއި ރަސޫލުން މަޢުސޫމް ބޭކަލުންގެގޮތުގައި ލެއްވިއެވެ. އަދި އެބޭކަލުން އެންމެހައި ނުބައި ކަންކަމުން ރައްކާތެރިކުރެއްވިއެވެ. މިކަމަށް ކިޔަނީ އިސްމަތުލް އަންބިޔާ އެވެ. މިއީ އަހަރެމެން މުސްލިމުންގެ ޢަޤީދާގައި ބިންވަޅު ނެގިފައި އޮންނަންޖެހޭ ކަމެކެވެ. ނަބިއްޔުންނާއި ރަސޫލުންނަކީ އެބޭކަލުން އުފުއްލަވަން ޖެހިވަޑައިގަންނަވާ ބޮޑު މަސްއޫލިއްޔަތަށްޓަކައި މައުސޫމް ހާލުކޮޅުގައި ރީތިނަމުގައި ތިއްބަވާ ބޭކަލުންނެވެ. އެބޭކަލުންގެ ނަންފުޅުގައި ކިލަނބުކަމެއް ނުލައްވާ ބޭކަލުންނެވެ. މަދު ހާލަތެއްގައި އެފަދަ ބޭކަލަކާއި ކަމެއް ދިމާވިނަމަ އެއީ ޤުދުރަތުން އަހަރެމެންނަށް ފިލާވަޅެއް ދެއްވުމަށްޓަކައި ﷲ މެދުވެރިކުރެއްވި ހާލަތެކެވެ. މޫސާގެފާނު އަތްޕުޅުން ޖިބުޠީއަކު މަރުވުމާއި ރަސޫލުﷲ ގެފުށުން ލޯފަން ބޭކަލަކަށް ނުރުހުން ރައްދުވުމަކީ އެފަދަ މަދު މިސާލުތަކެވެ.

ރަސޫލުﷲ ގެ ހަޔާތްޕުޅުގައި ވަކިން ޚާއްޞަކޮށް އެކަލޭގެފާނުގެ ޒުވާން ހަޔާތްޕުޅުގައި ނުބައި ނުވަތަ ގޯސް ހުރިހައިކަމަކުން ދުރުހެލިވެވަޑައިގަތެވެ. އެކަލޭގެފާނުގެ ހަޔާތްޕުޅުގައި ހިނގާދިޔަކަމަށް ރިވާކުރެވިފައިވާ މަދު ވާހަކަތަކެއް ވެއެވެ. ބަޔާން މިކުރަނީ އޭގެތެރެއިން އެއް ވާހަކައެވެ. މިވާހަކައިގެ ރިވާ ދެގޮތަކަށް އައިސްފައިވެއެވެ. އެހެންވެ މިވާހަކަޔާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ. ބައެއް އިލްމުވެރިންގެ ނަޒަރުގައި މިއީ ދެގޮތަކަށް އައިސްފައިއޮތް އެއްވާހަކައެވެ.

އޭރު ޢަރަބި ފިރިހެނުންގެ ހެދުމުގައި ދެބައެއްވެއެވެ. އެއީ ތިރިން އަނދެފައި ހުންނަ ފޭރާމާއި މަތިން ލާފައި އޮންނަ ފޭރާމެވެ. ތިރީގައި ހުންނަ ފޭރާމަކީ ކިޒާރުއެވެ. މަތީގައި ފޮށައެއް ފަދަ ފޮތިކޮޅެވެ. މިހެދުން ބޮޑަށް ވައްތަރުވާނީ މިހާރު އިހުރާމް ހެދުމާއެވެ. އެދުވަސްވަރު ޒުވާންކުދިންގެ ހުންނާނީ ހަމައެކަނި ތިރީގެ ފޭރާމެވެ. މުންޑެއްފަދަ މިފޭރާން ހުންނާނީ މެޔާ ހިސާބަށް ނަގާ ބާރުކޮށްފައެވެ. ފޭރާމުގެ ތިރީބައި ނެތިއްޔާ އެކުއްޖަކު ހުންނާނީ އޮރިޔާމުންނެވެ. ރަސޫލުﷲ ގެ އެންމެ ޒުވާން ހަޔާތްޕުޅާބެހޭގޮތުން އެކަލޭގެފާނު ޙަދީޘްކުރެއްވި ކަމުގައިވެއެވެ.

"ތިމަންކަލޭގެފާނު ހަނދުމަފުޅުގައި ހުރޭ ޤުރައިޝް ވަންހައިގެ ޒުވާން ކުއްޖެއްގެގޮތުގައި އުޅުއްވި ހަނދާން. އެއްދުވަހަކު ތިމަންމެން އުޅުއްވީ ކުޅިވަރެއްގެގޮތުގައި ގެއަޅަން ގާއުފުއްލަވަން. މިކަމުގައި އުޅުނުއިރު ފަސޭހައިން އަވަހަށް ގާ އުފުލުމަށްޓަކައި ބައެއް ކުދިން އެކުދީންގެ ފޭރާން ބާލައި އެފޮތިކޮށް ގާ އަރުވައިގެން ދެކުދިންގެ ކޮނޑުގައި ފޮތިކޮޅުގެ ދެކޮޅު ލައިގެން ގެންދިޔަ. ދެން ތިމަންކަލޭގެފާނު ތަންކޮޅެއް ބުރަކޮށް އުނދަގުލުން ގާ އުފުލާ ފުރޮޅާތަން ފެނިގެން އެހެންކުދިން ބުނަންފެށި އެކުދިންހަދާހެން ފޭރާން ބޭލުއްވުމަށް. ދެން ތިމަންކަލޭގެފާނުވެސް މާބޮޑުކަމަކަށް ނުހައްދަވާ ފޭރާންކޮޅު ބޭލުއްވުމާއެކު ތިމަންކަލޭގެފާނުގެ ބޮލުގައި ފަހަތުން ވަރަށް ބާރަށް މީހަކު ޖެހިކަން އިހްސާސްވެވަޑައިގަތް. އެކަމަކު ތިމަންކަލޭގެފާނު ބެއްލެވިއިރު މީހަކު ފެންނާކަށްނެތް. ދެން ތިމަންކަލޭގެފާނަށް އިވިވަޑައިގަތް އަޑަކީ ކަލޭގެފާނު އިޒާރުކޮޅު ތުރުކުރައްވާ މިއަޑު. ދެން ތިމަންކަލޭގެފާނު ވަގުތުން ހެދުންކޮޅު ތުރުކުރެއްވީމު. އެއަށްފަހު ތިމަންކަލޭގެފާނު ވިދާޅުވީމު ފޭރާންކޮޅު ނުބޭއްލުއްވޭނެކަމަށް". މިއީ ކުރިން ބަޔާންކުރެވުނު ވާހަކައިގެ ފުރަތަމަ ރިވާއެވެ.

މިވާހަކައިގެ ދެވަނަ ރިވާ އިބުނު ޢައްބާސްގެ އަރިހުން އައިސްފައިވާކަމުގައި ވެއެވެ. އެއީ ގެފުޅު އަލުން ބިނާކުރެވުނު ދުވަސްވަރެވެ. އެކަމުގައި އެންމެންވެސް ޝާމިލުވާން މަސައްކަތްކުރި ވަގުތެކެވެ. އެއީ އެތަނުގެ ހުރުމަތްތެރިކަމުގެ ބޮޑުކަމުންނެވެ. އެގޮތުން މިކަމުގައި ބައިވެރިވާން އިސްކަން ދެވުނު މީހުންގެތެރޭގައި ބަނޫ ޙާޝިމް ހިމެނުނެވެ. އިބުނު ޢައްބާސް މިމަސައްކަތުގައި ބައިވެރިވެވަޑައިގެން ގާ އުފުއްލެވިއެވެ. ހަމައެގޮތަށް ރަސޫލުﷲ ވެސް ގާއުފުއްލެވުމުގައި ހަރަކާތްތެރިވެވަޑައިގަތެވެ. މިކަމުގައި މީހުން ބައިވެރިވިއިރު ކޮންމެ މީހަކުވެސް އެމީހެއްގެ ވަރުގަދަކަމާއި މޮޅުކަން ދައްކަން ކުރެވުނު ކަމެއް ކުރިއެވެ. ބައެއްމީހުން އެމީހުންގެ ފޭރާމުގެ ތިރީބައި ނަގައިގެން އެއަށް ގަލާއި ހިލަ އަޅައިގެން އުފުލިއެވެ. މިކަމުގައި ރަސޫލުﷲ ތަންކޮޅެއް އުނދަގުލުގައި އުޅުއްވާހެން ހީވެގެން އެކަލޭގެފާނުވެސް ފޭރާންކޮޅު ބާލުއްވައި އޭގެމަތީގައި ސާމާނު އުފުއްލެވުމަށް ޢައްބާސް އިރުޝާދުދެއްވިއެވެ. ދެން އެކަލޭގެފާނު އެގޮތަށް ފޭރާންކޮޅު ބޭއްލުއްވުމާއެކު ބިމަށް ވެއްޓިވަޑައިގަތެވެ. އެކަލޭގެފާނުގެ މޫނުފުޅު އެވަގުތު ހުރީ އުޑާއިދިމާއަށެވެ. އެކަލޭގެފާނު އަވަހަށް ތެދުވެވަޑައިގެން އެކަލޭގޭފާނުގެ ފޭރާންކޮޅު ކޮބައިތޯއޭ ވިދާޅުވެ ފޭރާންކޮޅު ތުރުކުރައްވައިފިއެވެ. މިވާހަކައިގެ ތަންކޮޅެއް ދިގު ރިވާއެއްގައި ބުނާގޮތުން ރަސޫލުﷲ ވެއްޓިވަޑައިގަތުމުން އިބުނު ޢައްބާސް އެކަލޭގެފާނާއި ސުވާލުކުރެއްވި ކަމުގައިވެއެވެ. ޖަވާބުގައި ރަސޫލުﷲ ވިދާޅުވިކަމަށް ވަނީ އެކަލޭގެފާނު އޮރިޔާން ހާލުކޮޅުގައި އާންމުންގެމެދުގައި މަސައްކަތްކުރުން މަނާކުރެވިގެންވެއެވެ.

އިމާމް ބައިޙަޤީ އެކަލޭގެފާނުގެ ކިތާބުލް ދަލާއިލުގައި ބަޔާންކުރައްވާފައިވެއެވެ. ޢަލީގެފާނު އަރިހުގައި ރަސޫލުﷲ ވިދާޅުވިކަމުގައިވެއެވެ.

" ޖާހިލިއްޔަ ޒަމާނުގައި މީހުން މަޝްޢޫލުވެގެން އުޅުނު ބާވަތުގެ ނުބައި އެއްވެސް ކަމެއްގައި ތިމަންކަލޭގެފާނު ބައިވެރިވެވަޑައިނުގަންނަވަމު. އަދި އެފަދަ ނުބައި އެއްވެސް ކަމެއް ކުރައްވަން ތިމަންކަލޭގެފާނުގެ ކިބައިގައި އެއްވެސް ކަހަލަ ޝައުގުވެރިކަމެއް ނުހުރޭ. އެކަމަކު ދެތިންފަހަރަކު ތިމަންކަލޭގެފާނުގެ ހިތްޕުޅަށް އެރި އެކަލޭގެފާނުގެ ރައްޓެހިން އެކުރާ ކަންކަމުގެ ޚަބަރު ބައްލަވާލަންވާނޭ. ދެން ތިމަންކަލެގެފާނު ރައްޓެހިންނާ ވާހަކަދެއްކެވުމުން ފާއިތުވިރޭ އެމީހުންކުރި ކަންކަމުގެ މަޖާކަމާއި މޮޅުކަމުގެ ވާހަކަ ކިޔައިދިން. އަދި ތިމަންކަލޭގެފާނަށް އެއިން އެއްވެސްކަމެއް އިހުސާސް ނުކުރެއްވޭނެކަމަށް އެމީހުން ބުނި. އެމީހުންނާއެކީ ތިމަންކަލޭގެފާނު ބައިވެރިވެވަޑައިގަތުމަށް އެމީހުން ވަރަށްބޮޑަށް ހިތްވަރުދެއްވި. ދެން އެއްފަހަރަކު ރައްޓެހިން ގޮސް އުޅޭ ފަދަ ޕާޓީއަކަށް ވަޑައިގަންނަވަން އުޅުއްވަނިކޮށް ތިމަންކަލޭގެފާނަށް އަވަހާރަފުޅު ލެއްޕެވިއްޖެ. އަނެއްދުވަހު ރަހުމަތްތެރިން ތިމަންކަލޭގެފާނަށް ވީގޮތެއް އެހުމުން ވިދާޅުވީމު ނިދުނީކަމަށް. ދެން އެހެން ރެޔަކު އެފަދަ ޕާޓީއަކަށް ވަޑައިގަންނަވަން ހިންގެވީމު. އެގޭގައި އަލިފާން ރޯކޮށްފައިހުރިތަން ދުރުން ފެނިވަޑައިގަތް. ތިމަންކަލޭގެފާނު އެގެއާއި ވަރަށް ކައިރިވެފައިވަނިކޮށް މީހުންތައް ހޭއަޑާއި ހަޅޭއްލާ އަޑާއި ލަވަކިޔާ އަޑު ވަރަށް ގަދަވި. އެއަޑުތަކުން އެމީހުން ތިބީ ބަނގުރަލުގެ މަސްތުގައިކަން ވިސްނިވަޑައިގަތް. އަދި ކުޑަކޮށް ތިމަންކަލޭގެފާނަށް ހުއްޓުން އެރި އެއަށްފަހު ވީގޮތެއް އެނގިވަޑައިނުގަތް. ދެން ތިމަންކަލޭގެފާނަށް ހޭފުޅުލެވުނީ ހެނދުނުގެ މާއިރާއެކު ހަށިކޮޅަށް ހޫނުވުމުން. އެދުވަހު ބަކަރިހުއިހެއްޕެވުމުގެ މަސައްކަތަށް ވަޑައިގަތުމުން އަނެއްކާވެސް ރަހުމަތްތެރިން ތިމަންކަލޭގެފާނާއި ސުވާލުކުރެއްވި. އަދި ކަންވީގޮތް އެމީހުންނަށް އެނގުމުން އެމީހުންނާއި ބައިވެރިވުމަށް އެމީހުން މާބޮޑަށް ބާރުއެޅި. ދެން ޖެހިގެންއައި ރޭ އަނެއްކާވެސް ޕާޓީއަށް ވަޑައިގަންނަވަން ތިމަންކަލޭގެފާނު ނިކުންނެވިން. ތަންކޮޅަކަށް ވަޑައިގެންނެވުނުތަނާ ތިމަންކަލޭގެފާނު ވެއްޓިވަޑައިގަތް. ދެން ތިމަންކަލޭގެފާނަށް ހޭފުޅު ލެއްވުނީ ޖެހިގެން އައިދުވަހުގެ އިރުގެ ހޫނު ހަށިކޮޅަށް ލިބިވަޑައިގަތުމުން. ދެން އަނެއްކާވެސް ރައްޓެހިން ތިމަންކަލޭގެފާނަށްވީގޮތް އަހައި ޕާޓީގައި އަލުން ބައިވެރިވަޑައިގަތުމަށް އެދުނު. ދެން އެހިސާބުން އެބާވަތުގެ އެއްވެސް ކަމެއްގައި ދުވަހަކުވެސް ބައިވެރިވާން ނުއުޅުއްވުމަށް ތިމަންކަލޭގެފާނު ﷲ ގަންދީ ކުރެއްވީމު".

މިހާދިސާއިން އަހަރެމެންނަށް ކަށަވަރުވާކަމަކީ ﷲ އެކަލާނގެ ރަސޫލާ ހިމާޔަތްކުރައްވައި ރައްކާތެރިކުރެއްވިކަމެވެ. ކުރިމަގުގައި އެކަލޭގެފާނު އަދާކުރައްވަން ޖެހޭ މުހިއްމު މަސައްކަތަށް ﷲ ގެ ޙަޟުރަތުން އެކަލޭގެފާނަށް ތަރުބިއްޔަތުއައިކަމެވެ. އަދި އެކަލޭގެފާނުގެ ނަފުސުގެ ސާފުކަމާއި ޠޯހިރުކަމެވެ. އަދި ޖާހިލިއްޔަ ޒަމާނުގައި މީހުންގެ މެދުގައި ހިނގި ނުބައިކަންކަމަށް އެކަލޭގެފާނު ހޭލުންތެރިވެވަޑައިގަތް މިންވަރެވެ.

މިހާދިސާއިން އަހަރެމެންނަށް ލިބޭ ފުރަތަމަ ފިލާވަޅަކީ އަހަރެމެންގެ ޒުވާނުން ހުރިހާ ނުބަޔަކުން ސަލާމަތްކޮށް މިންޖުކުރަންޖެހޭކަމެވެ. މިކަމުގައި ކީރިތި ޤުރްއާނާއި ރަސޫލުﷲ ގެ ސުއްނަތުގެ އަލީގައި ޒުވާނުންނަށް މަގުދައްކައި އެމީހުން ތަރުބިއްޔަތު ކުރަންޖެހޭކަމެވެ. އެއަށްފަހު މުޖުތަމަޢުގައި ބޭނުންތެރި މީހަކަށް ކޮންމެ ޒުވާނަކު ހެދުމަށްޓަކައި އެމީހުންނަށް ބޭނުންވާ ގާބިލުކަން ހޯދައިދޭންޖެހޭކަމެކެވެ.

ޢަރަބީންނަކީ ހެކި ދެއްކުމުގެ ގޮތުން ކަންކަމުގައި އާދަކޮށް ހުވާ ކުރިބައެކެވެ. ރަސޫލުﷲ ގެ ޒުވާން ހަޔާތްޕުޅުގައި މީހުން ހުވާކުރާ އަޑަކީ އާންމު އަޑެކެވެ. އޭރު އާދަކޮށް އެމީހުން ﷲ ގަންދީ ބުނުމުގެ ބަދަލުގައި ބުނަމުން އައީ ލާތުއާއި ޢުއްޒާ ގަންދީ ބުނަމެވެ. ރަސޫލުﷲ ދުވަހަކުވެސް އެއިން ބުދެއްގެ ނަމުގައި ހުވާނުކުރައްވައެވެ. އަދި އެގޮތަށް ހުވާކުރެއްވުމަށް އެކަލޭގެފާނު އަރިހުގައި ނޭދުމަށް އެކަލޭގެފާނު އެދިވަޑައިގަތެވެ. އެކަލޭގެފާނު ވިދާޅުވިގޮތުގައި އެކަލޭގެފާނު އެންމެ ފޫހިފުޅުވާ އަދި ނަފުރަތުކުރައްވާ ނަންތަކަކީ ލާތާއި ޢުއްޒާއެވެ.

އިބުނު އިސްޙާޤު ރަސޫލުﷲ ގެ ޒުވާން ހަޔާތްޕުޅު ސިފަކުރައްވަމުން ވިދާޅުވެއެވެ. ﷲ އެކަލޭގެފާނު ރައްކާތެރިކުރެއްވައި ސަލާމަތްކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ ވަށައިގެން އިމެއްލައްވައި އެއިމުގެ ތެރެއަށް ޖާހިލިއްޔަ ޒަމާނުގެ ނުބައި އެއްވެސް ކަމެއް ވަނުމަށް ފުރުސަތު ނުދެއްވައެވެ. އެއީ ﷲ ގެ މަތިވެރި ރަސޫލެއްގެ ދައުރު އެކަލޭގެފާނު ފަހުން އަދާކުރައްވާނެތީއެވެ. އެކަމުގެ ސަބަބުން މައްކާގެ ތަފާތު ދަރިކޮޅުތަކުގެ މީހުންގެ މެދުގައި އެކަލޭގެފާނު އެންމެ ހެޔޮލަފާ ޞާލިޙު ބޭކަލަކަށްވިއެވެ. އަދި އެކަލޭގެފާނުގެ އަޚުލާޤާއި ސުލޫކު ވެގެންދިޔައީ އެމީހުންނަށް ފެނުނު އެންމެ ފުރިހަމަ ނަމޫނާއަށެވެ. އަދި އެކަލޭގެފާނުގެ ނަސަބުފުޅުވީ އެންމެ މާތް ނަސަބުފުޅަށެވެ. އަދި އެކަލޭގެފާނަށް މިތުރުންގެގޮތުގައި ދެއްވީ އެންމެހެޔޮލަފާ ރަނގަޅު ބޭކަލުންނެވެ. އޭގެތެރޭގައި އަބޫބަކުރާއި ބިލާލާއި ޢަލީ ބިން އަބީ ޠާލިބު ހިމެނިވަޑައިގަންނަވައެވެ. އެކަލޭގެފާނަކީ ކެތްތެރިކަމާއި ތަހައްމަލް ކުރެއްވުމުގެ އެންމެ ފުރިހަމަ ނަމޫނާއެވެ. އެކަލޭގެފާނަކީ ވާހަކަފުޅުގައި އެންމެ އެންމެ ތެދުވެރި ކަލޭގެފާނެވެ. ދުވަހަކުވެސް އިތުރުފުޅެއް ނުހައްދަވައެވެ. އަމާނާތްތެރިކަމުގައި އެކަލޭގެފާނަކީ އެންމެ ފުރިހަމަ މިސާލެވެ. އެންމެފަހުން އާޚިރުގައި މީހުންނަށް އެކަލޭގެފާނު ދަސްވީ އަމާނާތްތެރިޔާގެ ނަމުންނެވެ.

ނުނިމޭ...

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް