November 23, 2024 00:24
Advertisement

-Advertisement-

ރަސޫލާ ﷺ ގެ ހަބޭފުޅުން ފަސްދާނުލެއްވީ ޚުދު އެކަލޭގެފާނުގެ އަތްޕުޅުން!

ރަސޫލުﷲ އާއި ކައިވެނިކުރެއްވިއިރު ޚަދީޖާވަނީ އޭގެކުރިން ދެކައިވެންޏެއް ކުރައްވާފައެވެ. އެކަމަނާގެ ފުރަތަމަ ކައިވެންޏަށް ފިރިހެން ބޭފުޅަކު ލިބިވަޑައިގަތެވެ. އޭނާގެ ނަމަކީ ޙާލާއެވެ. ޙާލާ އިސްލާމް ދީން ގަބޫލުކުރައްވައި ރަސޫލުﷲ އަރިހުގައި އުޅުއްވިއެވެ.

އާންމުކޮށް މީހުންނަށް އެނގޭގޮތުގައި ރަސޫލުﷲ އާއި ކައިވެނިކުރެއްވިއިރު ޚަދީޖާގެ އުމުރުފުޅަކީ 40 އަހަރެވެ. މިއީ އެކަމަނާގެ އުމުރާއިގުޅޭގޮތުން އޮތް އާންމު ރައުޔެވެ. މަޝްހޫރު ޢިލްމުވެރިޔާ އަލްވާޤިދީވެސް ގަބޫލުކުރެއްވީ މިރައުޔެވެ. އެކަމަކު ގިނަ ޢިލްމުވެރިން ވިދާޅުވާގޮތުގައި އެކަމަނާގެ އުމުރުފުޅަކީ ސާޅީސް އަހަރެއްނޫނެވެ. ޢިލްމީ ނަޒަރަކުން ބަލާއިރު ސާޅީސް އަހަރުގެ ޞައްޙަކަމާމެދު ސުވާލުއުފެދޭ ކަންތައްތަކެއް އެބަހުރިއެވެ. އެގޮތުން ބަޔާންމިކުރާ ކަންކަން ފާހަގަކޮށްލެވެއެވެ.

  • އެކަމަނާގެ އުމުރާއިގުޅޭގޮތުން ވާހަކަދެއްކެވި އެހެން ޢިލްމުވެރިންގެ ޢިލްމުވެރިކަން އަލްވާޤިދީއަށްވުރެ ބޮޑުކަން. އޭގެތެރޭގައި އަލްބައިޙަޤީއާއި އިބުނު ކަޘީރު ހިމެނެއެވެ. މިދެބެއިކަލުން ވިދާޅުވާގޮތުގައި ޚަދީޖާ އަވަހާރަވީ އެކަމަނާގެ އުމުރުފުޅުން ފަންސާހުގެ އަހަރުތަކުގައި އުޅުއްވަނިކޮށެވެ. އެކަމަނާ އަވަހާރަވީއިރު އެދެކަނބަލުންގެ ކައިވެންޏަށް ފަންސަވީސް އަހަރެވެ. މިއިން އެނގެނީ އެކަމަނާ ކައިވެނި ކުރެއްވިއިރު އުމުރު 25 އާއި 35 އާއި ދޭތެރޭގައިވާނޭކަމެވެ. ކުރީގެ އެހެން ޢިލްމުވެރިއެއްކަމުގައިވާ ހިޝާމް ޢަލްޤަލްބީ ވިދާޅުވާގޮތުގައި ރަސޫލުﷲ އާއި ކައިވެނި ކުރެއްވިއިރު އެކަމަނާގެ އުމުރުފުޅުން 28 އަހަރެވެ.
  • ޚަދީޖާގެ އުމުރުފުޅަކީ 28 ކަމަށް ވިދާޅުވި ޢިލްމުވެރިން ގިނަވެފައި އެބޭކަލުންގެ ޢިލްމުވެރިކަން ބޮޑެވެ. އޭގެތެރޭގައި އިބުނު އިސްޙާޤާއި އިބުނު ކަޘީރާއި އަލްބައިޙަޤީހިމެނެއެވެ.
  • ރަސޫލުﷲ ގެދެކަނަބަލުންނަށް ހަ ދަރިކަލުން ލިބިވަޑައިގަތެވެ. ސާޅީސް އަހަރުވެފައިވާ އަންހެނަކަށް މިިހާގިނަ ދަރިން ލިބިދާނެކަމަށް ޤަބޫލުކުރަން ދަތިވެއެވެ. އެކަމަކު އަށާވީސް އަހަރުގެ އަންހެނަކަށް ހަކުދިން ލިބުމަކީ ގަބޫލުކުރަން ފަސޭހަ ވާހަކައެކެވެ.

ރަސޫލުﷲ ނަބީކަމާއި ރަސޫލުކަމާއިގެން ފޮނުއްވުމުގެކުރިން އެކަލޭގެފާނު ފެނުނީ ނުހަނު މާތް ބޭކަލެއްގެގޮތުގައެވެ. އަމާނާތްތެރިކަމާއި ތެދުވެރިކަމުގައި އެކަލޭގެފާނު ފަދަ ބޭކަލަކު އޭރު މައްކާގައި ނެތެވެ. މީސްތަކުން އެކަލޭގެފާނަށް ވަނަމަކަށް ކިޔަނީވެސް އަލްއަމީންއެވެ. މިކަމުގެ ސަބަބުން އެކަލޭގެފާނުގެ މައްޗަށް އޮންނަ ލޯތްބާއި އިތުބާރު މީސްތަކުންގެ މެދުގައި ބޮޑުވިއެވެ. ނަތީޖާއަކަށްވީ އެކަލޭގެފާނަށް ތަނަވަސްވި ފުރުސަތުތައް ގިނަވެ އެކަލޭގެފާނަށް ލިބިވަޑައިގަންނަވާ ފައިދާތައްބޮޑުވުމެވެ.

Advertisement

ޚަދީޖާ ރަސޫލުﷲ އާއި ކައިވެނިކުރެއްވީ އެކަލޭގެފާނުގެ މައްޗަށް އުފެދުނު ލޯބީގެ ސަބަބުންނެވެ. ރަސޫލުﷲ އެކަމަނާގެ ހުށަހެޅުން ގަބޫލުކުރެއްވުމުން ދޭހަވަނީ އެކަލޭގެފާނުގެ ހިތްޕުޅުގައި ޚަދީޖާއަށް ލޯބި އުފެދުނުކަމެވެ. އެހެންކަމުން މިދެކަނބަލުންގެ ކައިވެންޏަކީ ލޯބީގެ ތެރެއިން ކުރެވުނު ކައިވެންޏެކެވެ. މުސްލިމުންނަށްވެސް މިގޮތަށް ލޯބީގެގޮތުން ގުޅި ހުއްދަގޮތުގައި ކައިވެނިކުރެވިދާނެކަން މިކައިވެނިން އަންގައިދެއެވެ.

ޚަދީޖާއާއި ރަސޫލުﷲ ކުރެއްވި ކައިވެނިން ގިނަ ފިލާވަޅުތަކެއް ލިބިދެއެވެ. އޭގެތެރޭގައި އެކަލޭގެފާނުގެ ކިބައިގައި ޝުހުވަތުގެ އެއްވެސް ސިފައެއް ނެތްކަން ކަށަވަރުވެއެވެ. އެކަލޭގެފާނުގެ ޢިއްފަތްތެރިކަމާއި މަތިވެރި އަޚުލާގު ދައްކައިދެއެވެ. ބޭނުންވަރަކަށް ބޭނުން އަންހެނަކު އެކަލޭގެފާނަށް ހޯއްދެވެން އޮތް އިރު އެކަލޭގެފާނު އިޚުތިޔާރުކުރެއްވީ ޢިއްފަތްތެރި މާތް ޚުލްގުހެޔޮ ކަނބަލެކެވެ. އަދި މިކައިވެނީގައި އެކަލޭގެފާނު ފަންސަވީސް އަހަރު ހޭދަކުރެއްވުމުން ކަށަވަރުވަނީ އެކަލޭގެފާނަކީ އަންހެނުން ފަހަތުން އުޅުއްވި ބޭކަލެއްނޫންކަމެވެ. އެކަލޭގެފާނު މުޅި ޒުވާން ހަޔާތްޕުޅު ހޭދަކުރެއްވީ ޚަދީޖާއާއިއެކުއެވެ. އެކަމަނާ އަވަހާރަވުމުން އެކަލޭގެފާނު ދެވަނަ ކައިވެންޏެއް ކުރެއްވިއިރު އުމުރުފުޅުން ފަންސާސް ހަތަރެކެވެ. މިކަމުން ދޭހަވަނީ އަނބިކަނބަލުންނަށް އެކަލޭގެފާނު ވަފާތެރިވެވަޑައިގަތްވަރެވެ.

ރަސޫލުކަމަކީ އިންސާނަކާއި ﷲ ހަވާލުކުރައްވާ އެންމެބޮޑު މަސްއޫލިއްޔަތެވެ. އެފަދަ ބޮޑު ޒިއްމާއަކަށް ތައްޔާރުވާ މީހަކަށް ލޯތްބާއި އަރާމު ބޭނުންވެއެވެ. އެހެންކަމުން ރަސޫލުﷲ އަށް ޚަދީޖާފަދަ މާތްކަނބަލަކު ދެއްވުމަކީ ޤުދުރަތުގެ ނިޔާއެވެ. އަހަރެމެން އެންމެނަށްވެސް އެނގޭ ޙަޤީޤަތަކީ ކާމިޔާބު ފިރިހެނުންގެ ފަހަތުގައި އެމީހުންނަށް ލޯތްބާއި މަދަދުދޭން އަނބިން ތިބޭކަމެވެ. ޚަދީޖާއަކީ އެފަދަ މާތް ހުރިހާ ސިފައަކުން ޖަރީވެވަޑައިގެން ރަސޫލުﷲ އަށް ޚިދުމަތްކުރެއްވި ކަނބަލެކެވެ.

ޚަދީޖާ ވެވަޑައިގަތީ ރަސޫލުﷲ އަށް ލިބިވަޑައިގެންނެވި ނިޢުމަތަކަށެވެ. ފުރަތަމަ އިސްލާމް ދީން ގަބޫލުކުރެއްވީ އެކަމަނާއެވެ. އެކަލޭގެފާނަށް ފުރަތަމަ ވަހީލިބިވަޑައިގަތުމުން އެކަލޭގެފާނަށް ހިތްވަރުދެއްވައި އެކަލޭގެފާނުގެ ހިތްޕުޅުހަމަޖައްސައިދެއްވީ އެކަމަނާއެވެ. ވަރަޤަ އިބުނު ނައުފަލް ކައިރިއަށް ރަސޫލުﷲ ގެންދަވައި ވަޙީއަކީ ޙައްޤުވަހީކަން ކަށަވަރުކޮށްދެއްވީ އެކަމަނާއެވެ. ޚަދީޖާފިޔަވައި އެކަލޭގެފާނުގެ އެހެން އެއްވެސް އަނބިކަނބަލެއް ގޭގައި އުޅުއްވަނިކޮށް ޖިބުރީލުގެފާނު އެކަލޭގެފާނު އަރިހަށް ވަޑައެއްނުގަންނަވައެވެ. 

ތޫނުފިލިކަމުގައި ޚަދީޖާއަކީ އަރާހުންނެވި ކަނބަލެކެވެ. ވަރަޤަކައިރިއަށް ރަސޫލުﷲ ގެންދެވިކަމީ މިކަމުގެ ދަލީލެކެވެ. ޖިބުރީލުގެފާނު ރަސޫލުﷲ އަރިހަށް ވަޑައިގެން ﷲ ގެ ސަލާމާއި ޖިބުރީލުގެފާނުގެ ސަލާމް އެކަމަނާއަށް ދެންނެވުމަށް އެދިވަޑައިގަތެވެ. އެކަމަނާއަށް ﷲ އާއި ޖިބުރީލުގެފާނުގެ ސަލާމް ލިބިވަޑައިގަތުމުން ރަސޫލުﷲ އަރިހުގައި ދެންނެވިއެވެ. ﷲ އަކީ އައްސަލާމްއެވެ. އަދި އެކަމަނާގެ ސަލާމް ޖިބުރީލްގެފާނަށް ދެންނެވުމަށް އެދިވަޑައިގަތެވެ.

ރަސޫލުﷲ ގެ އަނިބިކަނބަލުންތަކުގެތެރެއިން އެކަމަނާ އެންމެބޮޑަށް ހަސަދަވެރިވީ ޚަދީޖާއަށެވެ. އެއީ އެކަލޭގެފާނު އެންމެލޯބިފުޅުވީ އަނިބިކަނބަލަކަށް ޚަދީޖާ ވީތީއެވެ. ރަސޫލުﷲ ޚަދީޖާދެކެ ލޯބިވަޑައިގަތްވަރަކީ އެކަމަނާ އަވަހާރަވިތާ އެތައް އަހަރެއްފަހުން މަދީނާގައި އެކަލޭގެފާނު އުޅުއްވިއިރުވެސް އެކަމަނާގެ ރަހުމަތްތެރިންނަށް ގަވާއިދުން ހަދިޔާ ފޮނުއްވައެވެ. އެދުވަސްވަރު އެއްގަމު މަހަކީ އަގުހުރި އެއްޗެކެވެ. އެކަލޭގެފާނަށް ހަދިޔާއަކަށް މަސްލިބިވަޑައިގަތަސް އެމަހުން ބައެއް ޚަދީޖާގެ ގާތް ރަހުމަތްތެރިންނަށް މައްކާއަށް ފޮނުއްވިއެވެ.

އެކަމަނާ ވިދާޅުވިގޮތުގައި އެއްފަހަރަކު އެކަލޭގެފާނު ޚަދީޖާމަތިން ހަނދުމަފުޅުވެގެން އެވާހަކަ ދެއްކެވުމުން ޢާއިޝާ އަށް ރައްދުގައި ވިދާޅުވާންނުވާފަދަ ވާހަކައެއް ވިދާޅުވެވުނެވެ. އެހިނދު އެކަމާއި ވަރަށް ބޮޑަށް ހިތްޕުޅާއިނުވެ ރަސޫލުﷲ ޙަދީޘްކުރެއްވިއެވެ.

'ﷲ ގަންދީ ބުނަން. ﷲ އެއަށްވުރެ ރަނގަޅު ކަނބަލެއް އެކަލޭގެފާނަށް ނުދެއްވައެވެ. ތިމަންކަލޭގެފާނު ދީނަށް ގޮވާލެއްވުމާއެކު އެކަމާ އެންމެން ދެކޮޅުހެދުމުންވެސް އެންމެފުރަތަމަ އިޖާބަދެއްވީ އެކަމަނާ. އެންމެން ތިމަންކަލޭގެފާނު ދޫކޮށްލެވިހިނދު އެކަމަނާގެ ފައިސާ ތިމަންކަލޭގެފާނަށް ހޭދަކުރެއްވި. މީސްތަކުން އެކަލޭގެފާނާއި ދުރަށް ދިއުމުން އެކަމަނާ ތިމަންކަލޭގެފާނަށް މަދަދުދެއްވި. އަދި ތިމަންކަލޭގެފާނަށް ﷲ ދަރިން ދެއްވީ އެކަމަނާގެ ފުށުން.

އަދި ޢާއިޝާ ރިވާކުރެއްވި އެހެން ޙަދީޘެއްގައި ރަސޫލުﷲ ވިދާޅުވިއެވެ. 'މިދުނިޔޭގައި އެކަލޭގެފާނުގެ އަނބިކަނބަލުންތަކުގެތެރެެއިން އެންމެ މާތްކަން ބޮޑު ކަނބަލަކީ ޚަދީޖާ. އަދި އާޚިރަތުގައިވެސް އެންމެ މާތް ދަރަޖައިގައިވާނެ ކަނބަލަކީ ޚަދީޖާ'

ޢާއިޝާ ވިދާޅުވިގޮތުގައި މިހާދިޘާއަށްފަހު ދުވަހަކުވެސް ރަސޫލުﷲ އަރިހުގައި ޚަދީޖާގެ އެއްވެސް ވާހަކައެއް އެކަމަނާ ނުދައްކަވައެވެ. އެއީ ޚަދީޖާއަކީ ކޮބައިކަން އެކަމަނާއަށް ފުރިހަމައަށް އެނގިވަޑައިގަތުމުންނެވެ.

ރަސޫލުﷲ އާއި ޚަދީޖާއާއި ދެކަނބަލުންނަށް ހަތަރު ދަރިކަނބަލުންނާއި ދެ ދަރިކަލުން ލިބިވަޑައިގަތެވެ. ރަސޫލުﷲ ހަމައެކަނި ޔަތީމުވެވަޑައިގަތީކީނޫނެވެ. އެކަމަކު އެކަލޭގެފާނަށް ލިބިވަޑައިގެންނެވި ބައެއް ބޭފުޅުންވެސް ތުއްޕުޅު ޢުމުރުފުޅުގައި އަވަހާރަވިއެވެ.

ފުރަތަމަ ދަރިކަލުން ޤާސިމް ލިބިވަޑައިގަތީ ޖާހިލިއްޔަ ދުވަސްވަރެވެ. ޤާސިމް އަވަހާރަވީ އެކަލޭގެފާނުގެ އުމުރުފުޅުން ގާތްގަނޑަކަށް ހަތް އަހަރުގައެވެ. އެހެންވެ އެކަލޭގެފާނު އަވަހާރަވީވެސް ޖާހިލިއްޔަ ދުވަސްވަރެވެ. ދަރިކަލުން ޢަބުދުﷲ ލިބިވަޑައިގަތީ ނަބީކަމަށްފަހުއެވެ. އެކަލޭގެފާނު އަވަހާރަވީ އުފަންވެވަޑައިގަތްތާ މާގިނަދުވަހެއްނުވެއެވެ. ޢަބުދުﷲ އަށް އިތުރު ދެނަމަކުން މުޚާޠަބުކުރެވުނެވެ. އެއީ އައްޠާހިރުއާއި އައްޠައްޔިބުއެވެ. މިދެނަމުގެ ސަބަބުން ބައެއް މީހުންނަށް ހީވެފައިއޮތީ މިއީ ތަފާތު ދެދަރިކަލުންކަމަށެވެ.

ޒައިނަބާއި ރުޤައްޔާއާއި އުއްމުކުލްޘޫމާއި ފާޠިމާ ބޮޑުފުޅުވަންދެން ދުނިޔޭގައި ތިއްބެވިއެވެ. ތިން ދަރިކަނބަލުން ކައިވެނިކުރައްވައި ޒަވާޖީ ހަޔާތްފެއްޓެވިއެވެ. އެކަމަކު ދޮށީ ތިން ދަރިކަނބަލުން ރަސޫލުﷲ ގެ ހަޔާތްޕުޅުގައި އަވަހާރަވިއެވެ. ރަސޫލާ ސުވަރުގެ ވަޑައިގަތުމާއި ހަމައަށް ހަގު ދަރިކަނބަލުން ފާޠިމާ ދުނިޔޭގައި ހުންނެވިއެވެ. އެކަމަނާ އަވަހާރަވީ ރަސޫލުﷲ ސުވަރުގެ ވަޑައިގަތްތާ ހަމަސް ފަހުންނެވެ.

ރަސޫލުﷲ ގެ ހަޔާތްޕުޅުގެ އެންމެފަހު ދުވަސްވަރު އެކަލޭގެފާނުގެ އުމުރުފުޅުން ގާތްގަނޑަކަށް ފަސްދޮޅަސް އަހަރުފުޅުގައި އިބުރާހީމް ލިބިވަޑައިގަތެވެ. މިދަރިކަލުންގެ މައިކަނބަލަކީ އެކަލޭގެފާނުގެ ޖާރިޔާ މާރިޔާ އަލްޤިބުޠިއްޔާއެވެ. ދަރިކަލުން އިބުރާހީމް ދުނިޔޭގައި ހުންނެވީ ގާތްގަނޑަކަށް ދޮޅު އަހަރަށެވެ. އިބުރާހީމް މިދުނިޔެއާއި ވަކިވެވަޑައިގަތީ އެންމެލޯބި އުމުރުފުޅުގައެވެ. އެކަލޭގެފާނުގެ ހަތް ބޭފުޅުންގެތެރެއިން ހަބޭފުޅުން ފަސްދާނުލެއްވީ ޚުދު އެކަލޭގެފާނުގެ އަތްޕުޅުންނެވެ.

ހަޔާތުގައި ކުއްޖަކަށް ލިބޭނެ އެންމެބޮޑު އެއް ހިތާމަޔަކީ އޭނާގެ މައިންބަފައިން މަރުވެ ޔަތީމުވުމެވެ. ހަމައެގޮތަށް ބަފަޔަކަށް ހަޔާތުގައި ކުރިމަތިވާނެ އެންމެބޮޑު ދެރައަކީ އޭނާގެ ދަރިން ދުނިޔެއިން ވަކިވެދިއުމެވެ. މިހުރިހާކަމެއް ﷲ ރަސޫލުﷲ އާއި ކުރިމަތިކުރެއްވިއެވެ. އިމްތިހާންތަކާއި މުސީބާތްތައް ތަހައްމަލުކުރަންޖެހުމަކީ އެމީހާގެ ހިތް ﷲ އާއި ގާތްކޮށްދޭ ކަމެކެވެ. މިފަދަ ކަންކަމުން ﷲ އެކަލޭފާނުގެ ހިތްޕުޅުމަޑުކުރެއްވިއެވެ. މިފަދަ ހާދިޘާތަކަކީ ތިމާގެ ހިތްވަރުގަދަވެ ކެތްތެރިކަން އިތުރުވާކަމެކެވެ. މިއީ ރަސޫލުކަމުގެ ބޮޑު ޒިއްމާއަށް ތައްޔާރުވުމަށް ﷲ އެކަލޭގެފާނަށް މިންވަރުކުރެއްވި ތަރުބިއްޔަތެވެ.

ނުނިމޭ..

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

+1
0
+1
4
+1
4
+1
9
+1
0
+1
0
+1
1

Advertisement

ކިޔުންތެރިންގެ ހިޔާލު

  1. Faidhaa huri liyun kolheh
    Jazakallah Khair
    Dhen faharakun rassol (sal) ge anbi anbi kabalunge nanfulhu Liya iru (radhiyallahu
    anha) liyun hadhuma kohdhen adhi ekaleygefaanu aailaage ehen beyfulhunge nanfulhu Liya iruves ekashygenvvaa gothah (radhiyallahu anhu) nuwatha (radhiyallaahu anha) jessevumah hadhuma kohdhen

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް