November 23, 2024 07:58
Advertisement

-Advertisement-

ތިބާއަށް އެންމެ ޚާއްސައީ ކޮން މަލެއް؟

މާމެލާމެލީގެ ވާހަކަ އަޑުއިވުމުން ހިތަށް އެގެނެސްދޭ ހިތްހަމަޖެހުމާއި އުފަލަކީ ވަރަށް ތަފާތު އިހްސާސްއެއް ކުރުވާ ކަމެކެވެ. އޭގައި އެހުންނަ ޖާދުވީ ކަމާއި ޤުދުރަތްތެރި ކަމުގެ ރީތި ވާހަކައަކީ ދައްކާ ހުސްނުވާނެ ވާހަކައެކެވެ. ބައެއް މާތަކަކީ ހިތުގެ އެންމެ ހިމަ ނާރުތަކާއި ހަމައަށް އަސަރުކުރުވާ މަލެވެ. 

މާމެލާމެލިން ސިކުނޑިއަށް ފިނިކަން ގެނެސްދެއެވެ. ބައެއް ސޫފާސޫފީގެ ހިޔާވައްސަކަށްވެއެވެ. މަލުގެ އޮށުން އަހަރެމެން ކާނެ މޭވާ އުފައްދައިދެއެވެ. މާމެލާމެލިން މީހާގެ މޫޑަށް އެތައް ބަދަލުތަކެއް ގެނެސްދިނުމުގައި އެކުޅެދޭ ރޯލުވެސް ވަކި ކުޑައެއްނޫނެވެ. އެހެންކަމަށްވާނަމަ ގޭގައި އޮންނަ ހުސްބިމުގައި މާއަޅާ ގަސް ހައްދާލުމުން އެލިބޭ ހިތްހަމަޖެހުމުގެ އިތުރަށް ހިޔާވެސް ލިބިދެއެވެ.

ދިރާސާތަކުން ދައްކާގޮތުގައި ބައެއް މާތަކުން މީހާގެ މަސައްކަތްތައް އަވަސްކުރުމަށް ހިތްވަރުލިބި އަދި މަސައްކަތްތަކަށް އިތުރު ސަމާލުކަމެއް ދިނުމާއި ޝައުގުވެރިކަން އިތުރުވެ ޚިޔާލު ތަނަވަސްވެގެން ދެއެވެ. ބައެއް މީހުންނަށް އެހާމެ ޖާދުވީ އެއްޗަކަށް މާމެލާމެލިވެގެންދެއެވެ. ގަސްހެއްދުމުން އެލިބޭ ހިތްހަމަޖެހުމާއި އެމާތައް ފޮޅިލާފައި ހުންނައިރު ކައިރީގައި އިށީދެލައިގެން އެއިންނަ އިނުމުންވެސް މީހާގެ ސްޓްރެސް ލެވެލް ދަށްވެގެންދާކަމަށް ދިރާސާތަކުން ދައްކައެވެ.

Advertisement

މާމެލާމެލި ޚާއްސާވާ ބައިވަރު ސަބަބުތައް ހުރެއެވެ. ކައިވެނި ޕާޓީއެއް ނުވަތަ އުފަންދުވަހެއް ވިޔަސް މާބޮޑި ހަދިޔާ ކުރަނީ ހަމަ ޔަގީނުންވެސް އެކަމުގައި ޚާއްސަކަމެއް ހުންނާތީއެވެ. އުފަންދުވަސް، ގްރެޖްއޭޝަން ފަދަ ދުވަސްތައް ފާހަގަކުރުމަށް މާބޮޑިއަކާއެކު ފޮޓޯއެއް ނަގާލުމުން އެލިއްބައިދޭ ހިތްހަމަޖެހުމުގެ ވާހަކަ ވަރަށްވެސް ޚާއްސައެވެ. ލޯބިވެރިން އެކަކު އަނެކަކަށް މާދިނުމަކީ އަހަރެމެންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަކަމެވެ. މަލެއް ދިނުމުން އެބުނެވެނީ ވަރަށް ފުން މާނައެކެވެ.

ދުނިޔޭގެ އެންމެ ރީތި މާތަކުގެ ތެރެއިން ހޮވާލެވޭ މާތަކަކީ ކޮބައިތޯއާއި އެމާތައް ރީތިވާ ސަބަބުތައް މިލިޔުމުގައި ހިމަނާލާނަމެވެ.

ފިނިފެންމާ

ފިނިފެންމަލޭ ބުނުމުން އެ މާ ޚާއްސަވާ ބައިވަރު ކަންކަން ހުރެއެވެ. އެންމެ ފުރަތަމަކަމަކަށް އެމަލަކީ އެހެން މާތަކާއި އަޅާބަލާއިރު އާދަޔާ ޚިލާފަށް ރީތިވެފައި މީރުވަސްވެސް ދުވާ މަލެކެވެ. މިމަލަކީ ދުނިޔޭގެ އެންމެ ރީތި އެއް މައު ކަމުގައި ހިމެނިފައިވާ މަލެވެ. ތަންތަން ޒީނަތްތެރިކުރުމަށާއި މީރުވަސް ދުއްވުމަށް އަދި ސެންޓް ހެދުމަށްވެސް ބޭނުންކޮށް އުޅެއެވެ. މިމަލުން ރަމްޒުކޮށްދެނީ ކާމިޔާބު، ފުރިހަމަކަން، ލަނޑުދަނޑި ހާސިލުވުންދަފަ ކަންކަމެވެ. ފިނިފެންމަލުގެ ވަރަށްގިނަ ކުލަ ހުރެއެވެ. އެކި ކުލައިން ގެނެސްދެނީ އެކި މާނައެވެ. ރަތްކުލައިގެ ފިނިފެންމަލުން ރަމްޒުކޮށްދެނީ އިޝްގާއި ލޯތްބެވެ. ރީދޫ ކުލައިގެ ފިނިފެންމާ ރަމްޒުކޮށްދެނީ ރަހުމަތްތެރިކަމެވެ. ހުދުކުލައިގެ ފިނިފެންމަލުން ގެނެސްދެނީ މަޑުމައިތިރިކަމާއި ހިތްހަމަޖެހުމެވެ. ފިޔާތޮށި ކުލައިގެ ފިނިފެންމާ ރަމްޒުކޮށްދެނީ ކުށެއްނެތްކަމާއި ތެދުވެރި ލޯތްބެވެ. ފިނިފެންމަލަކީ އާއްމުގޮތެއްގައި ހުރިހާ ގައުމެއްގައިވެސް ހެދޭ އަދި ހައްދަން އެހާ އުދަގޫ ނޫން ގަހެކެވެ.

ޗެރީ ބްލޮސަމް

ޗެރީ ބްލޮސަމްއަކީ މޫސުމީ މަލެކެވެ. އަދި މިމަލަކީ އާދަޔާޚިލާފު މަލެކެވެ. މިއީ ޖަޕާނުގެ ޚާއްސަމަލެކެވެ. އަދި މި މާ އެންމެ ގިނައިން ފެންނަނީ ޖަޕާނުންނެވެ. މިމަލުގެ ހުންނަނީ ހުދާއި ފިޔާތޮއްޓެވެ. މި މަލުގެ ރީތި ކަން އިހްސާސްކުރުމުގެ ނަސީބު ލިބެނީ ވަރަށް މަދުބަޔަކަށެވެ. މިމަލަކީ މޫސުމީ މަލަކަށްވާތީ މިމައު އަޅާ މޫސުމުގައި މިމަލުގެ ރީތިކަން ދެކިލާ މިމާތަކުގެ ކައިރީގައި ހުއްޓިހުރެ ފޮޓޯ ނަގާލަން މިމައު ހުންނަ ގައުމުތަކަށް ބައެއް މީހުން ޒިޔާރަތް ކުރެއެވެ. މިމަލަށް ކިޔާ އަނެއް ނަމަކީ ސަކޫރާއެވެ. ޖަޕާނު މަޝްހޫރުވެފައިވަނީ "ލޭންޑް އޮފް ސަކޫރާ"ގެ ނަމުންނެވެ. މިމާ އެންމެ ރީތިކޮށް އަދި އެންމެ ގިނައިން ފެންނަނީ ޖަޕާނުގައެވެ. އެހެންނަމަވެސް މީގެ އިތުރުން ޗައިނާ އަދި ޔޫރަޕްގެ ބައެއް ގައުމުތަކުންވެސް މިމާފެނެއެވެ. މިގަހުގައި އަޅާ ޗެރީ އަކީ ކާން ލިބޭ ޗެރީއެއްވެސް މެއެވެ. މިމައު ފޮޅިފައި ހުންނަނީ އާއްމުގޮތެއްގައި އެންމެ މަހަކުއެވެ. ބައެއް ގަސްގަހުގައި އެންމެ ހަފްތާއަކަށެވެ. ޗެރީ ބްލޮސަމް ބޭނުންކޮށްގެން ކުކީސް އާއި ކޭކް ކަހަލަ އެއްޗެހިވެސް ތައްޔާރުކުރެއެވެ.

އޯކިޑް

މިމަލަކީ އާއްމުގޮތެއްގައި ހުރިހާ ގައުމެއްގައިވެސް ހެދޭ މަލެކެވެ. އޯކިޑްގެ ވަރަށް ރީތި ކުލަތައް ހުރެއެވެ. މިމަލުގެ އެންމެ އާއްމު ކުލައަކީ ދަނބު ކުލައާއި ހުދު ކުލައެވެ. ނުވަތަ ހުދާއި ދަނބުކުލަ އެކުވެގެންވެސް ހުރެއެވެ. ރީދޫ، އޮރެންޖް، ގުރާފެހި ކަހަލަ ގަދަ ކުލަތައްވެސް ހުރެއެވެ. އޯކިޑް ގަހުގައި މައު އަޅަނީ އާއްމުކޮށް ސަމަރ މޫސުމުގައެވެ. މިމަލަކީވެސް އާދަޔާ ޚިލާފަށް ރީތިވެފައި މޯޅިނުވެ ގިނަދުވަހު ހުންނަ މަލެކެވެ. މިމަލަކީ ބައެއް ގައުމުތަކުގައި ބޭސްވެރިކަމަށްވެސް ބޭނުންކޮށް އުޅޭ މަލެކެވެ. މިމަލުގައި މަޑުމަޑު މީރުވަހެއް ހުންނައިރު މިމައު ބައެއް ރެސްޓޯރެންޓްތަކުގައި ރީއްޗަކަށް ބަހައްޓާފައިވެސް ހުރެއެވެ. އަދި އާއްމުގޮތެއްގައި ސްޕަރ ތަކުގައި ޒީނަތްތެރިކުރުމަށް ބޭނުންކޮށް އުޅެނީވެސް އޯކިޑެވެ. މީހުން މިމަލަށް ގަޔާވަނީ މިމަލުގެ ރީތިކަން ފެނިފައެވެ.

ދާލިއާ

ދާލިއާ އަކީ މެކްސިކޯ އަދި ސެންޓްރަލް އެމެރިކާގައި އެންމެ ރީތި އަދި ޚާއްސަ މަލެއްގެ ގޮތުގައި މަޝްހޫރުވެފައިވާ އެއްމަލެވެ. އަދި މެކްސިކޯގެ ގައުމީ މައުވެސް މެއެވެ. ސަންފްރަންސިސްކޯގެ ރަސްމީ މަލުގެ ގޮތުގައި ޚާއްސަވެފައިވާ މަލަކީވެސް ދާލިއާއެވެ. ދާލިއާގެ 42 ވައްތަރެއް ހުރެއެވެ. މިމައު ފޮޅެނީ ހޫނު މޫސުމުގައެވެ. ހޫނު މޫސުމުން ފެށިގެންގޮސް އޯޓަމްއާއި ހަމައަށް ފޮޅިފައިހުރެއެވެ. މިމަލުގެ ކުލަތަކަކީ ރެއިންބޯގެ ހުރިހާ ކުލައެއްހެން ހުންނަ ރީތި ކުލަތަކެއްގައި ހުންނަ މައު ތަކެކެވެ. މިމަލުގެ ކުލަތަކަކީ ލޮލަށް ވަރަށް ރީތި އަދި ފާޅުކަން ބޮޑުކޮށް ހުންނަ ކުލަކުލައިގައި ހުންނަ މަލެކެވެ.

ޓިއުލިޕް

ޓިއުލިޕް މަލަކީ ނެދަލެންޑްގައި ވަރަށް ޚާއްސަ މަލެކެވެ. މިމަލަކީވެސް ވަރަށް ރީތި ކުލަކުލައިގައި ހުންނަ މަލެކެވެ. މިއީ އާދަޔާ ޚިލާފަށް ރީތިކަން ލިބިފައިވާ މަލެކެވެ. ނެދަލެންޑްސްގައި 32 ހެކްޓަރުގެ ބޮޑު ބަގީޗާއެއްގެ ޓިއުލިޕް މައު ހުރެއެވެ. އެބޮޑު ފީލްޑް ތެރޭގައި ހުއްޓިގެން ހުންނައިރު އެފެންނަ ރީތި ކަމަކީ އަޖައިބުވާހާ ރީތި ކަމެކެވެ. ކުލަކުލައިގެ މާތަކުން ޒީނަތްތެރިވެލާފައި ހުންނަތަން ބަލާލަން ދިއުމުން އެލިބޭ ހިތްހަމަ ޖެހުމަކީ އެތަނަށް ޒިޔާރަތްކޮށްލުމުން ނޫނީ ބުނެދޭން ނޭނގޭ ކަހަލަ ހިތްހަމަ ޖެހުމެކެވެ. 3000 ވައްތަރުގެ ޓިއުލިޕް މައު ހުރެއެވެ. މިމަލަކީ ކޮންމެ ސްޕްރިންގއެއްގައި ފޮޅޭ މަލެކެވެ. މިމައު ފޮޅިފައި ހުންނަނީ 5 ނުވަތަ 7 ދުވަހުއެވެ.

+1
1
+1
3
+1
0
+1
0
+1
0
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް