November 23, 2024 17:46
Advertisement

-Advertisement-

ރަސޫލާ ﷺ ދަރިކަލެއްގެ ގޮތުގަ ބޮޑުކުރެއްވި ޒައިދުގެ ވާހަކަ

ރަސޫލުﷲ ގެ ސީރާ ދިހަވަނަ ބައި

ޒައިދު ބިން ޙާރިޘާ އާއި ނަބީކަން ފެށެން ކައިރިވުން

ޒައިދު ބިން ޙާރިޘާގެ ވާހަކައަކީ ރަސޫލުﷲ މާތްކަމާއި ޚުލްޤުފުޅުގެ ހެޔޮކަމާއި އެކަލޭގެފާނަށް މީހުން ކުރި ލޯބި ރަމްޒުކޮށްދޭ ވާހަކައެކެވެ. ޒައިދު ބިން ޙާރިޘާއަކީ ޤަހުޠާނީ ޢަރަބި ދަރިކޮޅަށް ނިސްބަތްވާ ޔަމަނުގެ ގަބީލާއެއްގެ ބޭކަލެކެވެ. ޒައިދުގެ މަންމައާއި ބައްޕައަކީ ދެގަބީލާއަކުން އައި މީހުންނެވެ. ބައެއްފަހަރު މިދެގަބީލާ ގުޅިގެން އެކުވެރިކަމުގައި އުޅުނެވެ. އަނެއްބައިފަހަރު އެމީހުންގެ މެދުގައި ދެބަސްވުންއުފެދި ތަޅާފޮޅިއެވެ. އެއްފަހަރަކު ޒައިދުގެ މަންމަ ޒައިދުގޮވައިގެން އޭނާގެ ގަބީލާއަށް ޒިޔާރަތްކުރިއެވެ. މިވަގުތަކީ މިދެ ގަބީލާގެ މެދުގައި ހަމަނުޖެހުންތަކެއް ހިނގިވަގުތެކެވެ.

Advertisement

މިރުޅިވެރިކަމުގައި ޒައިދުގެ މައިފުށުގެ ތިމާގެ ބަޔަަކު ޒައިދު ވަގަށްނެގިއެވެ. އެމީހުން މިކަންކުރީ ޒައިދު އަނެއް ގަބީލާއަށް ނިސްބަތްވީތީއެވެ. ބަދަލުހިފުމުގެ ގޮތުން ހިންގި މިއަމަލުގައި ޒައިދު ވަގަށްނެގި އޭނާގެ ތިމާގެ މީހުން ހެދިގޮތަކީ އަޅުންގެ ބާޒާރުގައި ޒައިދު ވިއްކާލުމެވެ. ޒައިދު ވިއްކާލެވުނީ ޙައްޖު މޫސުމަށްފަހު މައްކާގައި އޮންނަ ބޮޑު ވިޔފާރީގެ ބާޒާރުގައެވެ. ތުއްތުކުއްޖެއްގެ ގޮތުގައި ހުރި ޒައިދު އެމީހުން ވިއްކާލީ ހަތަރުސަތޭކަ ދިރުހަމަށެވެ.

އަޅުންގެ ބާޒާރުން ޒައިދު ބައްލަވައިގަތީ ރަސޫލުﷲ ގެ އަނބިކަނބަލުން ޚަދީޖާއެވެ. އެކަމަނާ ޒައިދު ބައްލަވައިގަތީ އެކަމަނާއަށް ބޮޑުދައިތަ ވިދާޅުވާ ބޭކަލެއް ކަމުގައިވާ ޚަކީމް އިބުނު ޙިޒާމް ފޮނުއްވައިގެންނެވެ. އެކަމަނާ ޙަކީމަށް އެންގެވީ ގޭގައި ގެންގުޅުއްވުމަށްޓަކައި އެކަމަނާއަށް ޅަޒުވާން ކުއްޖަކު ގަނެގެން ގެނެސްދެއްވުމަށެވެ. ދެން ޒައިދު ހުންނެވީ ޚަދީޖާ އަރިހުގައި އެކަމަނާގެ ޚާދިމެއްގެގޮތުއެވެ. އެކަމަނާ ރަސޫލުﷲ އާއި ކައިވެނިކުރެއްވުމަށްފަހު ހަދިޔާއެއްގެ ގޮތުގައި އެކަލޭގެފާނަށް ޒައިދު ދެއްވިއެވެ. ދެން ޒައިދު ހުންނެވީ އެކަލޭގެފާނުގެ ޚާދިމަކަށެވެ.

ޒައިދުގެ ބައްޕަ ޙާރިޘާ ޒައިދު ގެއްލިގެން ހޯދާތާ ދުވަސްތަކެއް ފާއިތުވީފަހުން އެއްދުވަހަކު ޙައްޖުން އައި މީހަކު އޭނާއަށް މައްކާއިން ޒައިދު ފެނުނު ވާހަކަ ޙާރިޘާގާތު ބުންޏެވެ. ޒައިދަކީ އަޅެއްކަމާއި އެކަލޭގެފާނުހުރީ ޢަބުދުލްމުއްޠަލިބުގެ ކާފަ ދަރިކަލެއްކަމުގައިވާ މުޙައްމަދުގެ އަރިހުގައި ކަމަށް ބުނިކަމުގައިވެއެވެ. ފައިސާ އެއްކޮށްގެން އަވަހަށް ޙާރިޘާ، އޭނާގެ ބޭބެއަކާއެކު މައްކާއަށް ދަތުރުފެށިއެވެ. މައްކާއަށް ގޮސް އެމީހުން ޒައިދު ހޯދުމަށްޓަކައި ރަސޫލުﷲ އާއި ބައްދަލުކުރިއެވެ.  

ޙާރިޘާ ރަސޫލުﷲ އާއި ބައްދަލުކުރިއިރު އެކަލޭގެފާނު ހުންނެވީ ހަރަމްފުޅުގައެވެ. އެއަށްފަހު ރަސޫލުﷲ އަރިހުގައި ޙާރިޘާ ދެންނެވިއެވެ.

'އޭ މުޙައްމަދު އިބުނު މުއްޠަލިބު! ކަލޭގެފާނަކީ އެންމެ މާތް ނަސަބުން ވަޑައިގެންނެވި ބޭކަލަކީމުއެވެ'. މިގޮތަށް އޭނާ ރަސޫލުﷲ އަށް ވަރަށްބޮޑަށް ތަޢުރީފުކޮށް ވާހަކަދައްކަވައިފިއެވެ. އެއަށްފަހު އެދިވަޑައިގަތީ ވަގަށް ނަގައިގެން ގެނެސް ވިއްކާލެވިފައިވާ އޭނާގެ ދަރިފުޅު ޒައިދު އަނބުރާދެއްވުމަށެވެ. އަދި އޭނާގެ ކިބައިގައި ފޯރުންތެރިކަން ހުރިވަރަކުން ފައިސާދީފައި ޒައިދު ހޯދަން ބޭނުންކަމުގައި ދެންނެވިއެވެ. މިކަމުގައި ރަސޫލުﷲ އެމީހުންނަށް ދީލަތިވެވަޑައިގެން ނުދެވޭވަރުގެ ބޮޑުއަގެއް ވިދާޅުނުވުމަށްވެސް ޙާރިޘާދެންނެވިއެވެ. ޙާރިޘާގެ ވާހަކަތައް ނިމުމުން ރަސޫލުﷲ ވިދާޅުވީ އެކަން އޮތީ ޒައިދުގެ އަތްމަތީގައިކަމަށެވެ. ޒައިދު އޭނާގެ ބައްޕަޔާއެކު ދާންބޭނުމިއްޔާ ދާންވީއެވެ. އަދި އެކަލޭގެފާނު ފިދުޔައިގެ ނުވަތަ ބަދަލުގެގޮތުގައި އަގެއް ބެނުންފުޅުނޫންކަމަށް ވިދާޅުވިއެވެ. އެކަމަކު ޒައިދު އެކަލޭގެފާނު ދޫކޮށް ނުދާންނިންމައިފިއްޔާ ދެން އެކަލޭގެފާނަށް ޒައިދަށް ފުރަގަސްދެއްވެން ނޯންނާނެކަމަށް ވިދާޅުވިއެވެ.

ރަސޫލުﷲ ގެ ނިންމެވުމުން ޙާރިޘާއާއި އޭނާގެ ބޭބެއަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. ވާނީވެސް އެހެންނެވެ. ފައިސާދިނުމަކާއި ނުލާ ހިލޭ ދަރިފުޅު ލިބޭނެ މަގު ތަނަވަސްވީވިއްޔާއެވެ. އެހެންވެ މިދެބެއިން މިކަމާ އެކަލޭގެފާނަށް ނިހާޔަތަށް ޝުކުރުވެރިވިއެވެ. ރަސޫލުﷲ ދެން ޒައިދު ގެންނަވައި ސުވާލުކުރެއްވިއެވެ. ޖަވާބުގައި ޒައިދު ދެންނެވީ އެއީ އޭނާގެ ބައްޕައާއި ބޮޑު ބޭބެކަމަށެވެ. އެމީހުން އައީ ޒައިދު ހޯދަން ކަމަށާއި އެނބުރި ދިއުމާއި ނުދިއުން ޒައިދަށް ދޫކުރައްވައިފިކަމަށް އެކަލޭގެފާނު ވިދާޅުވިއެވެ. ޔަޢުނީ ޒައިދު ބޭނުމިއްޔާ ބައްޕަޔާއެކީ ދާންވީއެވެ. ޒައިދު ބޭނުމިއްޔާ ރަސޫލުﷲ އަރިހުގައި މަޑުކުރަންވީއެވެ.

ވަގުތުން ޒައިދު ރަސޫލުﷲ އަށް ދެންނެވީ އެކަލޭގެފާނު ދޫކޮށް އޭނާ އިޚުތިޔާރުކުރާނެ އެހެން މީހަކު ދުނިޔޭގައި ނުވާކަމަށެވެ. އެއީ ބައްޕަޔަކަށާއި ބޮޑުބޭބެއަކަށްވުރެބޮޑަށް އޭނާ އެކަލޭގެފާނަށް ދަރަނިވެރިވެފައިވާތީކަމުގައެވެ. އަދި އެދެމީހުންނަށްވުރެބޮޑަށް އޭނާ ބޭނުމީ ރަސޫލުﷲ ކަމުގައި ދެންނެވިއެވެ. މިހާދިސާ ހިނގިއިރު ޒައިދުގެ އުމުރުން ގާތްގަނޑަކަށް ފަންސަވީހަކަށް އަހަރު ވާނެކަމުގައިވެއެވެ. އޭރު އޭނާ ރަސޫލުﷲ އަރިހުގައި އުޅޭތާ ދިހަ އަހަރުވެއްޖެއެވެ. ޚަދީޖާ، ޒައިދު ބައްލަވައިގަތީ އޭނާގެ އުމުރުން ގާތްގަނޑަކަށް އަށެއްކަ އަހަރުގައެވެ. އެކަމަނާ އަރިހުގައިވެސް ޒައިދު ހައެއްކަ އަހަރު ހުރިއެވެ.

ޒައިދުގެ މިނިންމުމާމެދު ދެރަވެ ކަންބޮޑުވެގެން އޭނާގެ ބައްޕަ ޙާރިޘާ ޒައިދާއި ވަރަށް ދިގުކޮށް ވާހަކަދެއްކިއެވެ. އެގޮތުން ބިދޭސީ ރަށެއްގައި މުޅިން އެހެން ބައެއްގެތެރޭގައި އަޅެއްގެގޮތުގައި ޒައިދު އުޅޭނީތޯ ސުވާލުކުރިއެވެ. ޖަވާބުގައި ޒައިދު ބުނީ ރަސޫލުﷲ އޭނާއާއި މެދު ކަންކުރައްވާފައިވާގޮތުން އެކަލޭގެފާނު ދޫކޮށް އޭނާ ދާނެ އެއްވެސް ގޮތެއްނެތް ކަމަށެވެ. ދެން ރަސޫލުﷲ ގެފުޅު ކައިރީގައި ހުންނަވާ އެއްވެތިބި މީހުންގެ ޙާޟިރުގައި ޒައިދު މިނިވަންކުރެއްވިކަން އިޢުލާން ކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

'މައްކާގެ މީސްތަކުންނޭވެ! މިވަގުތުން ފެށިގެން ޒައިދަކީ މިނިވަނެކެވެ. ތިމަންކަލޭގެފާނު އޭނާ ގެންގުޅެބޮޑުކުރެއްވީ ދަރިއެއްގެގޮތުގައެވެ. ތިމަންކަލޭގެފާނުގެ ފަރާތުން ޒައިދަށް ވާރުތަވާނެއެވެ. އަދި ޒައިދުގެ ފަރާތުން ތިމަން ކަލެގެފާނަށް ވާރުތަވާނެއެވެ.' ރަސޫލުﷲ މިގޮތަށް އިއުލާންކުރެއްވިއިރު ޒައިދުގެ ބައްޕައާއި ބޮޑުބޭބެ ކައިރީގައި އަޑުއަހަން ތިއްބެވެ. ޒައިދު ނުލިބުނުކަމުގައިވިޔަސް މިކަމުން އެމީހުންނަށް ވަރަށްބޮޑު ތަސައްލީއެއް ލިބުނެވެ. އެހިސާބުން ޒައިދު މީހުންނަށް އެނގެންފެށީ ޒައިދު އިބުނު މުޙައްމަދުގެ ގޮތުގައެވެ. ޢަބުދުﷲ އިބުނު ޢުމަރު ވިދާޅުވިގޮތުގައި ޒައިދަކީ ރަސޫލުﷲ ގެ ދަރިކަލެއްނޫންކަން ދުވަހަކުވެސް އެކަލޭގެފާނަށް އެނގިވަޑައިގެންފައިނުވެއެވެ. ޒައިދަކީ އެކަލޭގެފާނުގެ ދަރިކަލެއްނޫންކަން އެނގުނީ އަހުޒާބު ސޫރަތުގެ 5 ވަނަ އާޔަތް ބާވައިލެއްވުމުންނެވެ.

މިހާދިސާއިން ވަރަށްގިނަ ކަންކަން ރަމްޒުކޮށްދެއެވެ. އޭގެތެރޭގައި ރަސޫލުﷲ ގެފަރާތްޕުޅުން ޒައިދަށް ލިބުނު ވަރުގަދަ ލޯތްބެވެ. ޒައިދުގެ ކިބައިގައި ރަސޫލުﷲ އަށް ހުރި ވަރުގަދަ ލޯތްބެވެ. މިދެބޭކަލުންގެ މެދުގައި އޮތް ވަރުގަދަ ގުޅުމުން އަންގައިދެނީ ރަސޫލުﷲ އަކީ ސާހިބަކަށްވުރެ މާތް ބޭކަލެއްކަމެވެ. އެކަލޭގެފާނަކީ ހުރިހައިގޮތަކުން މާތްކަމާއި މަތިވެރިކަމުގައި އަރާހުންނެވި ބޭކަލެއްކަމެވެ. އަދި އެކަލޭގެފާނުގެ ކިބައިން މިފާޅުވީ ނަބީކަމުގެ ސިފަފުޅުތައްކަމެވެ. ރަސޫލުﷲ އަށް ވަހީ ބާވައިލައްވަނީ މިހާދިސާއަށް ފަސް އަހަރު ފަހުންނެވެ.

މަޝްހޫރު ޢިލްމުވެރިޔާ އިބުނު ޝިހާބުއްޒުހުރީ ވިދާޅުވާގޮތުގައި އިސްލާމް ދީން ގަބޫލުކުރެއްވި ފުރަތަމަ ފިރިހެނަކީ ޒައިދުއެވެ. ޖާހިލިއްޔަ ޒަމާނުގައި ޒައިދު ފުރަތަމަ ކައިވެނި ބައްލަވައިގަތީ ރަސޫލުﷲ ގެ މައިކަމަނާ އާމިނަތުގެފާނު ގެންގުޅުއްވި ބާނދީކަމަނާ އުއްމި އައިމަންއާއެވެ. އޭރު ޒައިދާއި އުއްމި އައިމަންއަކީ އަޅުންނެވެ. މިކައިވެންޏަށް ކުއްޖަކު ލިބުނެވެ. އެކުއްޖާ އުފަންވީ ރަސޫލުﷲ ގެގޮޅުގައެވެ. އެއީ މަޝްހޫރު ޞަޙާބީ އުސާމާ ބިން ޒައިދުއެވެ. ރަސޫލުﷲ ގެ އެދިވަޑައިގަތުމަށް ޒައިދު ދެން ކައިވެނިކުރެއްވީ އެކަލޭގެފާނުގެ ބޮޑުދައިތަ އުމާމާގެ ދަރިކަނބަލުން ޒައިނަބު ބިންތި ޖަޝްއާއެވެ. އެކަމު މިކައިވެނީގައި މައްސަލަކުރިމަތިވެ ކައިވެނި ރޫޅުނެވެ. ރަސޫލުﷲ ގެ ރަސޫލުކަމުގައި ތަފާތު ދިހަ ދަތުރެއްގައި ޒައިދު ފޮނުއްވިއެވެ. އެއިން ކޮންމެފަހަރަކުވެސް ޒައިދުހެއްދެވީ އެލަޝްކަރުގެ ކޮމާންޑަރަކަށެވެ. ޒައިދު ޝަހީދުވެވަޑައިގަތީ މުޢުތާ ހަނގުރާމައިގައި ރަސޫލުﷲ ގެ ހަޔާތްޕުޅުގައެވެ. މިއީ މުސްލިމުންނާއި ރޫމީންނާއި ހަނގުރާމައިގައި ކުރިމަތިލީ ފުރަތަމަ ފަހަރެވެ. ކީރިތި ޤުރްއާނުގައި ނަންގަނެވިފައިވާ ހަމައެކަނި ޞަޙާބީއަކީ ޒައިދެވެ. ބައެއް ޞަޙާބީން ދެކެވަޑައިގަތްގޮތުގައި ޒައިދު ދުނިޔޭގައި ހުންނެވިނަމަ ފުރަތަމަ ޚަލީފާއަކަށް ވީހީ އެކަލޭގެފާނެވެ.

އެންމެފަހުގެ ނަބިއްޔާގެ ވާހަކަ އޭގެކުރިން ބާވައިލެއްވި ފޮތްތަކުގައިވާކަމަށް ކީރިތި ޤުރްއާނުގައި ﷲ އެންގެވިއެވެ.

7 ވަނަ ސ 157 އ

61 ސ 6

48 ސ 29 އ

ކުރީގެ ރަސޫލުންނާއި ނަބިއްޔުންވަނީ ޢަހުދު ކަށަވަރު ހިއްޕަވާފައި އެބެއިކަލުންނަށްފަހު އަންނާނޭ ނަބިއްޔުންނާއި ރަސޫލުން ގަބޫލުކުރުމަށް

3 ސ 81 އ

އިބުރާހީމްގެފާނު ދުޢާކުރެއްވި އެކަލޭގެފާނުގެ ދަރިފަސްކޮޅުން ރަސޫލު ބޭކަލަކު ފޮނުއްވުމަށް 

2 ސ 129 އ

ކުރީގެ ދީންތަކުގެ މީހުންގެ ފޮތުގައި ބަޔާންކުރައްވާފައިވާ ނަބިއްޔާ ވަޑައިގަތުމުން އެމީހުން އެކަމާދެކޮޅު ހެދިގޮތްވެސް ކީރިތި ޤުރްއާނުގައި ﷲ ބަޔާންކުރައްވައެވެ.

2 ސ 89

ރަސޫލުﷲ އަށް ފުރަތަމަ ފަހަރަށް ވަޙީ ލިބިވަޑައިގަތްއިރު އެކަމަށް އެކަލޭގެފާނު ހުންނެވީ ތައްޔާރުވެފައި ކަމަށް ބެލިދާނެއެވެ. އެކަލޭގެފާނުގެ މަތިވެރި ތަރުބިއްޔަތާއި އަޚުލާޤާއި އަމާނާތްތެރިކަން ހުރީ ނަބީ ބޭކަލެއްގެ ދަރަޖައިގައެވެ. އަބުރަހާގެ ކިބައިން ގެފުޅު ސަލާމަތްކުރެއްވުމާއި ގެފުޅުން އަލުން ބިނާކުރެވުމަކީ ނަބީ ބޭކަލަކު ވަޑައިގަތުމަށް ތައްޔާރުވަމުންދާކަމުގެ ނިޝާންތަކެވެ. ރަސޫލުﷲ ގެ ޒަޢާމަތުގައި ޤުރައިޝުން އެއްބައިވަންތަވުމާއި ހުނަފާއިން ނަބިއްޔަކު ވަޑައިގަންނަވާނެކަމަށް ދެކޭތީ ނަބީކަން ފެށުމަށް ހުރިހާކަމެއް ފުރިހަމަވެފައިވާކަމަށް ބަލަންޖެހެއެވެ.

ނުނިމޭ..

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

+1
2
+1
9
+1
3
+1
0
+1
3
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް