September 21, 2024 00:33
Advertisement

-Advertisement-

ރަސޫލާ ﷺ ގެ ސީރާ: ސަލްމާނު އަލްފާރިސީގެ ވާހަކަ

ރަސޫލުﷲ ގެ ސީރާ އެގާރަވަނަ ބައި

މިއީ އެންމެފަހުގެ ނަބިއްޔާ ހޯދަން މުޅި އުމުރު ހޭދަކުރި މީހެއްގެ ވާހަކައެވެ. ތެދުމަގު ހޯދަން މަސައްކަތްކުރެވިދާނެ މިންވަރު ސަލްމާން އަލްފާރިސީގެ ވާހަކައިން އެނގެއެވެ. މިވާހަކައިން އެނގެނީ ﷲ ތެދުމަގު ދައްކަވަން ހުރި މީހަކަށް ތެދުމަގު ދައްކަވާނެކަމާއި އެކަން ހިނގާފާނެ އާދަޔާއި ޚިލާފުގޮތެވެ. ޙައްޤު ހޯދަން ޖިހާދުކުރުމަކީ ކޮބައިކަން މިވާހަކައިން އަންގައިދެއެވެ. ޢިލްމުގެ އަހުލުވެރިންނަށް އެންމެފަހުގެ ނަބިއްޔާ ވަޑައިގަންނަވާކަމާއި އެކަލޭގެފާނު ވަޑައިގަންނަވާ ހިސާބު އެނގޭކަން ސަލްމާން އަލްފާރިސީގެ ވާހަކައިން ހެކިދެއެވެ. ސަލްމާނަކީ އެކަލޭގެފާނުގެ ދިގު ހަޔާތްޕުޅުގެ އެންމެފަހު ވަގުތު މަދީނާގައި އިސްލާމްވެވަޑައިގަތް ޞަޙާބީއެކެވެ.

ސަލްމާން އަކީ ފާރިސްކަރައަށް އުފަން ފާރިސްކަރައިގެ ބޭކަލެކެވެ. ސަލްމާން ތެދުމަގު ހޯއްދަވަން ކުރެއްވި ދިގު އަދި އުނދަގޫ ދަތުރުފުޅުގެ ތަފުސީލު ވިދާޅުވެދެއްވީ އެކަލޭގެފާނުގެ ދޫފުޅުންނެވެ. ބަޔާންމިކުރަނީ އެގޮތުން އައިސްފައިވާ ސަލްމާނުގެ ރިވާއެކެވެ.

Advertisement

 'އަހަރެން ނިސްބަތްވި ސަރަހައްދަކީ ފާރިސްކަރައިގެ އަސްބަހާންއެވެ. އަހަރެންގެ ރަށަކީ ހައި އެވެ. އެރަށުގެ ވެރިޔަކީ އަހަރެންގެ ބައްޕައެވެ. މަށަކީ ބައްޕަގެ ހުރި ހަމައެކަނި ދަރިއެވެ. މިދުނިޔޭގައި ބައްޕަ އެންމެ ލޯބިކުރެއްވި މަޚުލޫގަކީ މަށަކީމުއެވެ. އެކަމުގެ ސަބަބުން ބަލަހައްޓަންޖެހޭ ވަރަށްވުރެ ބޮޑަށް ބައްޕަ އަހަރެން ބެލެހެއްޓިއެވެ. ޒުވާން އަންހެން ކުއްޖަކު ހިފަހައްޓައިގެން ގެންގުޅޭ ބީދައިން ބައްޕަ، އަހަރެން ކޮޓަރިއަކަށްލާ ބަންދުކޮށްގެން ގެންގުޅުނުއެވެ. އަބަދު ގޭތެރޭގައި އިންނަންޖެހޭތީ އަހަރެން ގިނަވަގުތު އަޅުކަމުގައި ހޭދަކުރީމެވެ. އަހަރެން އަޅުކަންކުރީ އަލިފާނަށެވެ. އެއީ އަހަރެންގެ އާއިލާގެ އެންމެން އަލިފާނަށް އަޅުކަންކުރީތީއެވެ. އަލިފާން ނިވުނަނުދީ ބެހެއްޓުމަކީ އަހަރެންގެ ޒިއްމާއެކެވެ. މިހެންއުޅެނިކޮށް އެއްދުވަހަކު އަހަރެންގެ ބައްޕައަށް މީހަކުދޭންޖެހޭ ފައިސާތަކެއް ބަލާ ބައްޕަ އަހަރެން ފޮނުވިއެވެ. އެއީ ބައްޕައަށް ދެވެން ނެތިގެންނެވެ. ބައްޕަ އަހަރެން ފޮނުވީ އަހަރެންނަށް އިތުބާރުކޮށް ނަސޭހަތްތެރިވެފައެވެ. އެހެންތާކަށް ނުދިއުމަށާއި ފައިސާ ހޯދައިގެން އެނބުރި ސީދާ ގެއަށް އައުމަށް އެންގިއެވެ. ފައިސާކޮޅަށް ރައްކާތެރިވެ ފައިސާކޮޅު ބައްޕައާއި ހަވާލުކުރުމަށް އެންގިއެވެ. ކޮންމެއަކަސް ފައިސާ ބަލާ ދިޔަ މަގުމަތީގައި އަހަރެންނަށް ދެވުނީ ނަޞާރާ ދީނުގެ ފައްޅިއެއް ކައިރިންނެވެ. އެތަނުގައި މީހުން އަޅުކަން ކުރަންތިބިތަން އަހަރެން ދުށީމެވެ. ދެން އެމީހުން އެކުރާ ކަމެއް ބަލާހިތްވެގެން އަހަރެން އެފައްޅިއަށް ވަނީމެވެ. އެމީހުން އަޅުކަންކޮށް ދުޢާކުރަން ތިއްބާ ފެނުމުން އަހަރެން އަޖާއިބުވީމެވެ. އެމީހުން ކުރި އަޅުކަން އަހަރެންނަށް ވަރަށް ކަމުދިޔައެވެ. އަދި އަހަރެންނަށް ކަށަވަރުވީ އަހަރެމެން ކުރާ އަޅުކަމަށްވުރެ އެމީހުންގެ އަޅުކަން ރަނގަޅުކަމަށެވެ. ދެން ހަވީރުވަންދެން އަހަރެން އެމީހުން ކައިރި މަޑުކުރީމެވެ. އެމީހުން އަޅުކަންކޮށް ނިމުމުން އެމީހުންގެ މީހަކާއި ބައްދަލުކޮށް އެމީހުން އަޅުކަން ދަސްކުރިގޮތަކީ ކޮބައިތޯ އަހަރެން އެހީމެވެ. ޖަވާބުގައި އެމީހުން ބުނީ އެމީހުން ދީން ދަސްކުރީ ޝާމްކަރައިންކަމަށެވެ.

ދެން އަހަރެން ބައްޕަ ކައިރިއަށް ގެއަށް އަތުވެއްޖައީމެވެ. އަހަރެން އައިއިރު ބައްޕަ އަހަރެން ލަސްވެގެން ހަދާނެގޮތެއް ނޭގިގެން އުޅުނެވެ. އަދި އެތައްވަރަކަށް ނަސޭހަތް ދީފައިވަނިކޮށް އަހަރެން ކުރީ ކޮންކަމެއްތޯ އެއްސެވެ. ޖަވާބުގައި ފައްޅިއެއްގައި ބަޔަކު އަޅުކަންކުރަން ތިބިތަން ބަލަން މަޑުކުރި ވާހަކަބުނީމެވެ. އަހަރެމެން ކުރާ އަޅުކަމަށްވުރެ އެމީހުން ކުރާ އަޅުކަން މާރަނގަޅުކަމުގައި ބައްޕަގާތު ބުނީމެވެ. ޖަވާބުގައި ބައްޕަ އަހަރެން ބިރުގަންނަވާލިއެވެ. އަދި އަމުރުކުރިގޮތުގައި އަހަރެން ހުންނަންޖެހޭނީ އަހަރެންގެ ކާބަފައިންގެ ދީނުގައެވެ. އެހެންމީހުން އުޅޭ ދީންދީނަކީ އަހަރެންނާއި ވާ ބެހޭކަމެއް ނޫންކަމުގައި ބައްޕަ ބަޔާންކުރިއެވެ. ދެން ބައްޕަ އަހަރެންގެ ފައިގައި ހިލިހިލާ ޖަހައި އަހަރެން ކޮޓަރީގައި ބަންދުކުރިއެވެ.

ދެން އަހަރެންނަށް ޒިޔާރަތްކުރެވުނު ފައްޅީގެ ވެރިންނަށް މެސެޖެއް ފޮނުވީމެވެ. އަދި އަހަރެން އެދުނީ ދެން އެއްވެސް ބަޔަކު ޝާމްކަރައަށް ދާކަމުގައިވަންޏާ އަހަރެންނަށް އަންގައިދިނުމަށެވެ. ދެން ޝާމްކަރައިން ވިޔަފާރިވެރިންތަކެއް އައި ޚަބަރު އެމީހުންގެ ފަރާތުން ލިބުނެވެ. ދެން އަހަރެން އެމީހުން ގާތު އެދުނީ އައިސްތިބި ދަތުރުވެރިން އެނބުރި ޝާމްކަރައަށް ފުރާ ދުވަސް އަންގައިދިނުމަށެވެ. އެމީހުން ފުރާ ދުވަސް އަހަރެންނަށް އެނގުމާއެކު އެދުވަހު އަހަރެންގެ ފައިގައި ޖަހާފައި އޮތް ހިލިހިލާގެ ތަޅު ހުޅުވައިގެން އެމީހުން ކައިރިއަށް ދުވެ ފިލީމެވެ. އަހަރެން އަތުގައި ހުރި ފައިސާކޮޅު އެމީހުންނަށް ދީފައި އަހަރެން ގެންގޮސް ދިނުމަށް އެދުމުން އަހަރެން ގޮވައިގެން އެމީހުން ޝާމްކަރައަށް ދިޔައެވެ.

ޝާމްކަރައަށް އާދެވުމުން އެރަށުގައި ހުރި އެންމެބޮޑު އަޅުވެރި ފާދިރީއަކީ ކޮބައިތޯ ބަލައި އެމީހާ އަހަރެން ހޯދީމެވެ. އެއަށްފަހު އެފާދިރީ ގާތު އަހަރެން އެދުނީ އަހަރެންނަށް ނަޞާރާ ދީން ދަސްކޮށްދިނުމަށެވެ. ބަދަލުގައި އޭނާގެ ޚާދިމެއްގެގޮތުގައި އޭނާ ބުނާ މަސައްކަތެއް ކޮށްދޭނެވާހަކަ އަހަރެން ބުނީމެވެ. އިސާހިތަކު އަހަންނަށް މިމީހާގެ ނުބައިކަން އެނގުނެވެ. މީހުން ޞަދަގާތްކުރުމަށް ދޭ ހުރިހާ ފައިސާއެއް ހޯދާފައި މީނާ އެފޮރުވިއެވެ. އެފައިސާ ވަޅުލަނީ ފައްޅީގެ ބިތްދޮށުގައެވެ. މިކަން ބަލަން ކެތްނުކުރެވިގެން އެރަށުގެ މީސްތަކުންގާތު އަހަރެން މިވާހަކަ ދެއްކީމެވެ. ދެން މީސްތަކުން އައިސް އެފައިސާތައް ކޮނެ ނަގައި ފާދިރީ މެރުމަށްފަހު އޭނާ އެލުވާފައިބޭއްވިއެވެ.

ދެން އެމީހުން އަހަރެންނަށް އެހެން ފާދިރީއަކު ދެއްކިއެވެ. އެއީ އަހަރެންނާއި ބައްދަލުވި އެންމެ މާތް ފާދިރީއެވެ. އޭނާއަކީ ތެދުވެރި އަމާނާތްތެރި ރަނގަޅު މީހެކެވެ. އަހަރެން އޭނާ ކައިރިން ވަރަށް ގިނަ އެއްޗެހި އުނގެނުނީމެވެ. ދެން އޭނާ މަރުބަލީގައިވަނިކޮށް އޭނާ ގާތު އަހަރެން ކަމަކަށް އެދުނީމެވެ. އެއީ އޭނާ މަރުވުމުގެކުރިން އެފަދަ އެހެން މީހެއް ބުނެދިނުމަށެވެ. ދެން އޭނާ މަރުވުމުން އޭނާ ބުނި ފާދިރީ ކައިރިއަށް އަހަރެން ދިޔައީމެވެ. އެއީ މާތް ހެޔޮލަފާ ތެދުވެރި ފާދިރީއެކެވެ. އޭނާ ކައިރިންވެސް އަހަރެން ވަރަށްބޮޑަށް އުނގެނި ދަސްކުރީމެވެ. އަދި އޭނާއާއެކު އަޅުކަންކޮށް ދުޢާކުރީމެވެ. ދެން މިފާދިރީގެ މަރުބަލިއައެވެ. އެހިސާބުން އަހަރެން އޭނާގެ ކިބައިން އެދުނީ އެފަދަ އެހެން ފާދިރީއެއް އަހަރެންނަށް ދެއްކުމަށެވެ. އެއީ އިތުރަށް އުނގެނި ދަސްކުރުމަށެވެ. މިގޮތަށް ހަތަރުވަނައަށް އަހަރެންނަށް ދެވުނު ފާދިރީ އުޅުނީ އަންމޫރިއްޔާ ނަމަކަށް ކިޔުނު ރަށެއްގައެވެ. ދެން އޭނާ އަހަރެން ގާތު ބުނީ އޭނާ މަރުވުމުން އަހަރެން އުނގެނި ދަސްކަުރަން ދާނެ އިތުރު ފާދިރީއަކު ނެތްކަމަށެވެ.

އެކަމަކު އޭގެ ބަދަލުގައި އޭނާ އަހަރެން ގާތު ބުނީ ވަކި ބިމަކަށް އަހަރެން ދަތުރުކުރުމަށެވެ. އޭނާ އިޝާރާތުން ދެއްކި މިސްރާބުގައި އޮތީ ޙިޖާޒުކަރައެވެ. ދެން އޭނާ ބުނިގޮތުގައި އެތަނުގައި މީހުން ދަނޑުވެރިކަން ކުރާނެއެވެ. އެގޮތުން އެމީހުން ހައްދާ މައިގަނޑު ގަހަކަށްވާނީ ކަދުރު ރުކެވެ. އެތަނުގެ މީހުންނަކީ ބުދަށް އަޅުކަން ކުރާނޭ މީހުން ކަމުގައި ފާދިރީ އަހަރެން ގާތު ބުންޏެވެ. އެންމެފަހުގެ ނަބިއްޔާ ފާޅުކުރައްވާނީ އެބިމުން ކަމަށާއި އެނަބިއްޔާގެ އަލާމާތްތައް ފާދިރީކިޔައިދިނެވެ. އެގޮތުން އެބެއިކަލަކު ހަދިޔާ ގަބޫލުކުރައްވާނެކަމަށާއި އެކަމަކު ޞަދަގާތްކުރާ އެއްވެސް އެއްޗެއްގައި ނުހިއްޕަވާނެކަމަށް ފާދިރީ ބުނިއެވެ. އަދި އެކަލޭގެފާނުގެ ބުރިކަށީގައި ބޮނބިފަޅީގައި ނަބީކަމުގެ ސިއްކަ ހުންނާނެއެވެ. އަހަރެން އެރަށަށް ހިޖުރަކުރުމަށް ފާދިރީ ނަސޭހަތްތެރިވިއެވެ.

އެންމެފަހުގެ ފާދިރީ މަރުވުމުން ނަބީކަލޭގެފާނު ފާޅުކުރައްވާނޭ ބިމަށް ދިއުމަށް އަހަރެން މަސައްކަތްފެށީމެވެ. އެގޮތުން ވަރަށް މަސައްކަތުން ވިޔަފާރިކުރާ ބަޔަކާއި ދިމާވިއެވެ. އެކަމަކު އެމީހުން އަހަރެންނަށް ދިނީ ބޮޑު ކެއްސެކެވެ. އެމީހުން އަހަރެން ބަންދުކޮށްގެން ގެންގޮސް އަޅަކަށް ހަދާފައި ވިއްކާލިއެވެ. އަހަރެން ގަތީ މަދީނާއާއި ތަންކޮޅެއްދުރުގައި އޮތް ރަށެއްގައި އުޅުނު މީހެކެވެ. ދެން އެއްދުވަހަކު އަހަރެންގެ ސާހިބު މީހާ އޭނާގެ ތިމާގެ މީހަކަށް އަހަރެން ވިއްކާލިއެވެ. މިފަހަރު އަހަރެން ގަތީ މަދީނާގައި އުޅުނު ބަނޫ ޤުރައިދާ ދަރިކޮޅުގެ ޔަހޫދީއެކެވެ. މަދީނާއަށް ދެވުމާއެކު އަހަރެންނަށް މިއާދެވުނީ އަހަރެން އަންނަންޖެހޭ ރަށަށްކަން ކަށަވަރުވިއެވެ.

އެއްދުވަހަކު އަހަރެން ހުރީ ކަދުރު ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތުގައެވެ. މިކަމުގައި އުޅެނިކޮށް އަހަރެންގެ ސާހިބު މީހާއާއި ބައްދަލުވުމަށް އޭނާގެ ތިމާގެ މީހަކު އައެވެ. އެމީހާ ބުނިގޮތުގައި ވަރަށްބޮޑު ކަމެއް ހިނގަން ފަށައިފިއެވެ. އެއީ ނަބީކަމަށް ދަޢުވާކޮށްގެން އުޅޭ މީހަކު މަދީނާއަށް އަންނަނީއެވެ. އޭނާ ދުށުމަށް ބުދަށް އަޅުކަންކުރާ ޢަރަބި އެންމެން ޤުބާއަށް އެބަޖަމާވެއެވެ. އެމީހުންނާއި ބޮޑު ނުރައްކަލެއް ކުރިމަތިވާން އުޅޭކަހަލައެވެ. މިއަޑުއިވުމުން އަހަރެން ރުކުން ވެއްޓުނުކަހަލައެވެ. އަހަރެން ރުކުން ފައިބައިގެން އައިސް އެކަމާގުޅޭ އިތުރު މަޢުލޫމާތު ހޯދަން އެދުނީމެވެ. އެންމެފަހުން އަހަރެންގެ ސާހިބު މީހާ އަހަރެންގެ ގައިގައި އެތިފަހަރެއް ޖަހާފައި މަސައްކަތު ދިއުމަށް އަމުރުކުރިއެވެ. އަދި އެއީ އަހަރެންނާބެހޭ ވާހަކައެއްނޫންކަމަށް ބުންޏެވެ.

ފަހުން ރަސޫލުﷲ އާއި ބައްދަލުވުމަށް އެދި އެކަމަށް ތައްޔާރުވެގެން ދިޔައިމެވެ. އަހަރެން ދިޔައީ ބޭނުންވާ ކާބޯތަކެތީގެ ސާމާނުކޮޅެއް ގަނެގެންނެވެ. ދެން އަހަރެން ގަތް ކާބޯތަކެތި ސަދަގާތުގެ ގޮތުގައި އެކަލޭގެފާނަށް އެރުވީމެވެ. އެއިން އެއްވެސް އެއްޗެއްގެ ބޭނުންނުކުރައްވައި އެކަލޭގެފާނުގެ އަރިހުގައި ތިއްބެވި ފަގީރު ޞަޙާބީންނަށް އެކަލޭގެފާނު ހުރިހާ އެއްޗެއް ދެއްވިއެވެ. ދެން އަނެއްކާވެސް އެކަލޭގެފާނު އަރިހަށް ދެވަނަ ފަހަރު އަހަރެން ދިޔައީމެވެ. މިފަހަރު އެކަލޭގެފާނަށް ތަކެތި އަރުވަމުން އެއީ އެކަލޭގެފާނަށް އަރުވާ ހަދިޔާއެއްކަމުގައި ދެންނެވީމެވެ. ދެން އެކަލޭގެފާނު އެއިން އެއްޗެއް ނަންގަވާފައި ދެން ހުރި ހުރިހާ އެއްޗެއް ޞަޙާބީންނަށް ބައްސަވައިފިއެވެ.

ނުނިމޭ...

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

+1
0
+1
0
+1
3
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް