September 21, 2024 00:32
Advertisement

-Advertisement-

ރަސޫލާ ﷺ ގެ ހަށިކޮޅުގައިވާ ނަބީކަމުގެ ސިއްކަ ސަލްމާން އަލްފާރިސީއަށް ދެއްކެވުން!

'އެއް ދުވަސް ފަހުން ތިންވަނަ ފަހަރަށް ރަސޫލުﷲ އަރިހަށް އަހަރެން (ސަލްމާން އަލްފާރިސީ) ދިޔައީމެވެ. މިފަހަރު އެކަލޭގެފާނު ވަށައިގެން އެކަލޭގެފާނަށް ބަލަމުން އަހަރެން ހިނގީމެވެ. އެކަލޭގެފާނު ހުންނެވީ ދެފޭރާންކޮޅުގައެވެ. ފުރަތަމަ ފޭރާންކޮޅުގެ މަތިންވެސް އިތުރު ފޭރާންކޮޅެއް އަޅުއްވައިގެންނެވެ. އަހަރެން މަސައްކަތްކުރީ ނަބީކަމުގެ ސިއްކަ ބެލޭނެގޮތެއް ވޭތޯއެވެ. ކޮންމެއަކަސް ހެއްވާގޮތަކަށް އަހަރެން އުޅޭކަން އެކަލޭގެފާނު ފާހަގަކުރައްވައިފިއެވެ. ދެން އެކަލޭގެފާނު އަހަރެންނަށް އެންގެވީ އަހަރެން ބަލަންއުޅޭ އެއްޗެއް ބެލުމަށެވެ. އެހެން ވިދާޅުވެފައި ފޭރާންކޮޅު ނަންގަވާފައި ނަބީކަމުގެ ސިއްކަ ދައްކަވައިފިއެވެ. މިސިއްކަ ފެނުމާއެކު އަހަރެން ރަސޫލުﷲ ގެ ހަށިކޮޅުގައި ފަހަތުން ބައްދައިގަތީމެވެ. އަދި ނަބީކަމުގެ ސިއްކައިގައި ބޮސްދިނީމެވެ. ދެން އަހަރެން ގިސްލާ ރޯން ފެށީމެވެ. އަހަރެންނަށް މިހިސާބަށް މިއާދެވުނީ އެކަމަށް މަސައްކަތްކުރާތާ އެތައް ބައިވަރު އަހަރު ފާއިތުވީފަހުންނެވެ. މިވާހަކަ ދަންނަވާފައި އަހަރެން ވަގުތުން އިސްލާމްވީމެވެ. އިސްލާމްވިޔަސް އަހަރެން ހުންނަންޖެހުނީ ޔަހޫދީއެއްގެ އަޅެއްގެގޮތުގައެވެ. އެހެންވެ އަހަރެންނަށް ބަދުރު ހަނގުރާމައިގައި ބައިވެރިވުމުގެ ފުރުސަތު ނުލިބުނެވެ. އަދި އުހުދު ހަނގުރާމައަށް ދާންވެސް އަހަރެންނަށް ފުރުސަތެއް ނުލިބުނެވެ.'

ސަލްމާންގެ ވާހަކަ ރަސޫލުﷲ އަށް އިވިވަޑައިގަތުމުން ސަލްމާންވީ ރަސޫލުﷲ ގެ ނުހަނު އަރިސް ޞަޙާބީއަކަށެވެ. އެހެންވެ ބަދުރު ހަނގުރާމައާއި އުހުދު ހަނގުރާމައިގައި ސަލްމާނަށް ބައިވެރިވެވަޑައިނުގެންނެވޭކަމުގެ އިހުސާސް ޚުދު ރަސޫލުﷲ އަށް ކުރެއްވުނެވެ. އެހެންވެ ސަލްމާން އޭނާގެ މިނިވަންކަން ބައްލަވައިގަތުމަށް ރަސޫލާ އެންގެވިއެވެ. މާނަޔަކީ ސާހިބުމީހާއާއި ވާހަކަދައްކައިގެން މިނިވަންވާނެ ގޮތެއް ހޯދުމެވެ. ރަސޫލުﷲ ގެ މިވާހަކަފުޅަށް ސަލްމާން ޖަވާބުދެއްވިއެވެ. ސަލްމާން ވިދާޅުވިގޮތުގައި މިނިވަންވުމަށްޓަކައި ސާހިބު މީހާއަށް ދޭން އެކަލޭގެފާނު އަތްޕުޅުގައި އެއްވެސް އެއްޗެއް ނެތްކަމުގައެވެ. ދެން އެކަމުގައި ރަސޫލުﷲ ގޮތެއް ހޯއްދަވާނެކަމުގައި ވިދާޅުވިއެވެ. ސަލްމާން މިނިވަންވުމަށް އެދި ވާހަކަ ދެއްކެވުމުން ސާހިބު މީހާ އެންގީ ދަނޑުގައި 300 ޅަ ކަދުރު ރުއް އިންދައި ދިނުމަށާއި 40 ޢުގިއާގެ ރަން ދިނުމަށެވެ. އެއީ 40 ގުރާމުގެ މިންވަރެވެ.

ސަލްމާން ރަސޫލުﷲ އަރިހުގައި މިވާހަކަ ދެއްކެވުމުން، ގަސް އިންދުމުގައި ސަލްމާނަށް އެހީތެރިވުމަށް އެކަލޭގެފާނު ދެން ތިއްބެވި ޞަޙާބީންނަށް އެންގެވިއެވެ. އެހިނދު ޞަޙާބީ އެތަން މިތަނުން އެކި އަދަދަށް ޅަ ކަދުރު ރުއް ހޯއްދަވައި 300 ހަމަކުރެއްވިއެވެ. ދެން ރަސޫލުﷲ އިރުޝާދު ދެއްވީ ރުއް އިންދަން ބިން ތައްޔާރުކޮށް ނިމުމުން އެކަލޭގެފާނަށް ދެންނެވުމަށެވެ. ޞަޙާބީން ރުއް އިންދަން ތައްޔާރުކުރުމަށްފަހު އެކަލޭގެފާނު އަރިހުގައި ދެންނެވުމުން އެކަލޭގެފާނު ވަޑައިގެން އަތްޕުޅުން 300 ރުއް އިންދަވައިދެއްވިއެވެ.

Advertisement

މިވަގުތާއި ދިމާކޮށް މީހަކަށް އޭނާ ކޮނުނު ތަނަކުން ރަން ފެނުނެވެ. އެތަނުން ފެނި އެތަނުން ގަނޑެއް ލިބުނެވެ. އޭނާ އެރަންގަނޑު ރަސޫލުﷲ އަށް ހަދިޔާކުރެއްވިއެވެ. ރަސޫލުﷲ އެ ރަންގަނޑު ސަލްމާނަށް ދެއްވިއެވެ. ސަލްމާން އޭނާގެ ސާހިބު މީހާއަށް ރަން ގަނޑު ދިނުމުން އޭނާ އެރަންގަނޑު ކިރާލިއެވެ. ރަން ކިރިއިރު އޭގެ ބަރުދަނުގައިހުރީ ފުރިހަމަ 40 ޢުޤިއާއެވެ. ދެން ސަލްމާން މިނިވަންވިއެވެ.

ސަލްމާން ޚަންދަޤު ހަނގުރާމައިގައި ބައިވެރިވެވަޑައިގަތެވެ. އަދި ހަނގުރާމައިގެ ރޭވުންތައް ރޭއްވެވުމުގައި އެންމެ އިސްދައުރެއް އަދާކުރެއްވި އެއް ޞަޙާބީއަކީ އެކަލޭގެފާނެވެ. ޚަންދަޤު ނުވަތަ ވަޅުގަނޑު ކޮނުމަކީ ސަލްމާންގެ ވިސްނުންފުޅަށް ކުރެވުނުކަމެކެވެ. ޚަންދަޤު ކޮނުމުގެ މަސައްކަތްކުރިއަށް ގެންދިޔައީ މުސްލިމުން ގުރޫޕްތަކަކަށް ބަހައިގެންނެވެ. އެއްވެސް ބަޔަކު ސަލްމާން ނުނަގައިގެން މައްސަލަ ރަސޫލުﷲ އާއި ހަމައަށް ދިއުމުން އެކަލޭގެފާނު ޚަންދަޤުކޮނުމުގެ މަސައްކަތްކުރެއްވީ ރަސޫލުﷲ އަރިހުގައި އެކަލޭގެފާނުގެ މީހެއްގެގޮތުގައެވެ.

އެންމެފަހުގެ ނަބިއްޔާގެ ވާހަކަ ސަލްމާން އަލްފާރިސީ ފަދައިން އެހެން ބައެއް ބޭކަލުންގެ ފަރާތުންވެސް އައިސްފައިވެއެވެ. އޭގެތެރޭގައި އަމްރު ބިން މުއްރާ އަލް ޖުހާނީ ގެ ވާހަކައަކީ ސީރާގައި މަޝްހޫރު ވާހަކައެކެވެ. އަމްރު ބިން މުއްރާ އަލް ޖުހާނީ އަކީ އޭނާގެ ރަށުގެ މީހުންގެމެދުގައި ގަދަރު ހުރި މީހެކެވެ. ނަބީކަން ފެށުމުގެ ކުރިން އަމްރު ބިން މުއްރާ ޙައްޖުވުމަށްޓަކައި މައްކާއަށް ދިޔައެވެ. އަމްރު ބުނިގޮތުގައި އެއްރޭ އޭނާ ޙައްޖުވެރިންނާއެކު ނިދަން އޮއްވާ އޭނާއަށް ހުވެފެނެއް ފެނުނެވެ. މިހުވަފެނުގައި ވަރަށް ވަރުގަދަ އައްޔެއް ގެފުޅުން ނިކުމެގެންގޮސް ފަރުބަދަތަކާއި ހަމައަށް ދިޔައެވެ. މިނޫރުން އޭނާއަށް ވާހަކަތަކެއް އިވުނުކަމުގައިވެސް އަމްރު ބުންޏެވެ. އެވާހަކައަކީ އަނދިރިކަމަށް ނިމުމެއް އަންނަނީ ކަމަށާއި ނަބީކަން ފެށި އެނަބީކަމުގައި ސިއްކަޖެހެނީކަމަށެވެ. އަނެއްކާވެސް ދެތިންރޭ ފަހުން އަމުރަށް އެހެން ހުވަފެނެއް ފެނުނެވެ. މިފަހަރުގެ ހުވަފެނުގައި އޭނާއަށް ފެނުނީ އަލިކަމެއް މައްޗަށް އަރައިގެން އުޑަށް ދިޔަތަނެވެ. ދެން އޭނާއަށް އިވުނު އަޑަކީ އިސްލާމް ދީން ފާޅުވެއްޖެއެވެ. ބުދުތައް ހަލާކުވެއްޖެއެވެ. ގުޅުންތައް އަލުން އުފެދިއްޖެއެވެ.

އަމްރު ބުނިގޮތުގައި އޭނާއަށް ފެނުނު ހުވަފެންތަކުގެ ވާހަކަ އޭނާ މީސްތަކުންނަށް ކިޔައިދިނެވެ. އެކަމަކު އެކަކުވެސް އެކަމަށް އަޅައެއްނުލިއެވެ. ދެން އޭނާއާއި ބައްދަލުވި ކަހީނެއްފަދަ މީހެއްގާތު މިވާހަކަތައް ކިޔައިދިނެވެ. އެއީ އަޅުކަމުގައި ވަރަށްބޮޑަށް އުޅުނު މީހެކެވެ. ދެން އެމީހާ ބުނިގޮތުގައ ފާޅުކުރަން އުޅޭ ނަބިއްޔާގެ ނަމަކަށްވާނީ އަޙުމަދުއެވެ. އަހަރުތަކެއް ފަހުން އޭނާ މައްކާއަށް ދިޔައިރު މައްކާއިން އޭނާއަށް ނަބީ ބޭކަލެއްގެ ޚަބަރު ލިބުނެވެ. ދެން އޭނާ އެބޭކަލަކާއި ބައްދަލުކުރިއެވެ. ދެން އެކަލޭގެފާނު ޔަޢުނީ ރަސޫލުﷲ އޭނާ ގާތު ވިދާޅުވިއެވެ. އަމްރު ތިޔަބުނާ ނަބީކަލޭގެފާނަކީ ތިމަންކަލޭގެފާނުއީމުއެވެ. އެއަށްފަހު އެކަލޭގެފާނު ވިދާޅުވިއެވެ.

'ތިމަންކަލޭގެފާނަކީ މުޅި އިންސާނިއްޔަތަށް ﷲ ފޮނުއްވި ރަސޫލަކީމުއެވެ. ތިމަންކަލޭގެފާނު މިގޮވަލަނީ އިސްލާމް ދީނަށެވެ. ތިމަންކަލޭގެފާނު މިގޮވާލަނީ މީހުންގެ ލޭ ކަރާމާތަށެވެ. މީހުންގެ ގުޅުންތައް އެމީހުން ދެމެހެއްޓުމަށެވެ. ތިމަންކަލޭގެފާނު މިގޮވާލަނީ ﷲ ފިޔަވައި އެހެން އިލާހަކަށް އަޅުކަން ނުކުރުމަށެވެ. ތިމަންކަލޭގެފާނު މިގޮވާލަނީ ބުދުތައް ދޫކޮށް އެބުދުތައް އުކައިލުމަށެވެ. އަދި ﷲ ގެ ގެފުޅަށް ހުރުމަތްތެރިކޮށް ހިތައި ރަމަޟާން މަހު ރޯދަ ހިފުމަށެވެ. ތިމަންކަލެގެފާނުގެ ދަޢުވަތު ގަބޫލުކުރި ކޮންމެ މީހަކަށް ސުވަރުގޭގެ ނިޢުމަތް ހުރިއެވެ. އަދި ތިމަންކަލޭގެފާނުގެ ގޮވައިލުމަށް ފުރަގަސް ދީފި މީހަކަށް ހުރީ ނަރަކައިގެ އަލިފާނެވެ.' ދެން އަމްރު ވަގުތުން ޝަހާދަތް ކިޔައި އިސްލާމްވީ ކަމުގައި އޭނާ ބުންޏެވެ.

ޢިލްމުވެރިން ވިދާޅުވާގޮތުގައި އަމްރު ރަސޫލުﷲ އާއި ބައްދަލުކުރި ދުވަސްވަރަކަށްވާނީ ރަސޫލުކަމުގައި އެކަލޭގެފާނު މައްކާގައި އުޅުއްވި އެންމެފަހުގެ ދުވަސްތަކަށެވެ. ނުވަތަ އެކަލޭގެފާނު ހިޖުރަކުރެއްވުމަށްފަހު މައްކާއަށް ޒިޔާރަތްކުރެއްވި ފަހަރަކަށެވެ. ނުވަތަ އެކަލޭގެފާނުގެ ވަދާޢީ ޙައްޖަށް މައްކާއަށް ކުރެއްވި ދަތުރުފުޅަކަށެވެ.

ސަލްމާން ފާރިސީއާއި އަމްރާ މިދެބެއިކަލުންގެ ވާހަކައިން ރަނގަޅަށް އެނގޭ ކަމަކީ އެންމެ ފަހު ނަބިއްޔާ ފާޅުކުރައްވަން ކުޑަތަން ވަމުން އައިކަމެވެ. އެކިދިމަދިމާގައި އެކިތަންތަނުގައި ކިރިޔާވެސް އިލްމެއްހުރި މީހަކު ނަމަ ހުރީ ނަބިއްޔާގެ އިންތިޒާރުގައިކަމެވެ. އެމީހުން ތިބީ ނަބީކަމާއިގެ ވަޑައިގަންނަވާ ބޭކަލަކު ދުށުމަށް ކެތްމަދުވެފައިކަމެވެ. އަދި ފޮތްތަކުގެ އަހުލުވެރިންނަށް ފޮތްތަކުން މިކަން އެނގިފައިވާކަމެވެ.  

ރިވާއެއްގައިވާގޮތުން ޝާމް ކަރައިގައި އުޅުނު ޔަހޫދީ ދަންނަ ބޭކަލަކު އެންމެފަހުގެ ނަބިއްޔާ ހޯއްދަވަން މަދީނާއަށް ހިޖުރަކުރެއްވިއެވެ. އޭނާގެ ނަމެއް ކަމުގައިވަނީ އަބޫ ޙަޔާބާންއެވެ. އޭނާއަކީ ޔަހޫދީންގެ އެހެން ގަބީލާތަކާއި އެކަހެރިކޮށް އުޅުނު މީހެކެވެ. ކަންކަމުގައި އޭނާ ދުޢާކުރުމުން އެދުޢާ އިޖާބަކުރައްވާކަމުގައިވެއެވެ. އޭނާގެ މަރު ކައިރިވެފައިވަނިކޮށް އޭނާ އުޅޭ ހިސާބުގެ މީސްތަކުންގެ ގާތު ބުނިކަމުގައިވެއެވެ.

'އަހަރެންގެ އަމިއްލަ ވަޒަން ޝާމްކަރަ ދޫކޮށް އަހަރެން ހަނަފަސް ސަހަރާއެއްގެ މެދުގައި އުޅެން ފެށި ސަބަބު ބަލަން ތިޔަބައިމީހުން ޝައުގުވެރިކަަމެއް ނުހުރޭތަ؟ ދެން އޭނާ ބަޔާންކޮށްދިނުންގޮތުގައި އޭނާ މަދީނާއަށް އައީ އެންމެފަހުގެ ނަބިއްޔާ ފާޅުކުރައްވާތީއެވެ. އެކަލޭގެފާނު ހިޖުރަކުރައްވާނީ މަދީނާއަށެވެ. އެދުވަހަށް އޭނާ އިންތިޒާރުކުރާކަމަށާއި އެނަބީ ބޭކަލަކަށް އޭނާ ތަބާވާނެ ވާހަކަވެސް ބަޔާންކުރިއެވެ. އަދި އެމީހުން ދުނިޔޭގައި ތިއްބާ އެނަބީކަލޭގެފާނު ވަޑައިގެންފިނަމަ އެކަލޭގެފާނަށް އެމީހުން ކިޔަމަންވުމަށް އޭނާ ވަސިއްޔަތްކުރެއްވިއެވެ.

އެހެން ރިވާއެއްގައި ބަދުރު ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވި ޞަޙާބީއެއްކަމުގައިވާ ސަލްމަތް އިބުނު ސަލާމާ ވިދާޅުވިއެވެ. އެކަލޭގެފާނަކީ އަންޞާރު ބޭކަލެއްކަމުން އުޅުއްވީ މަދީނާގައެވެ. އެކަލޭގެފާނު ވިދާޅުވިގޮތުގައި އެކަލޭގެފާނުގެ ޔަހޫދީ އަވަށްޓެރިއަކު އުޅުނެވެ. އޭނާ އަކީ ބަނޫ ޢަބުދިލް ޢަޝްހަލް ދަރިކޮޅުގެ މީހެކެވެ. އެކަލޭގެފާނު ތުއްތުއިރު ޔަހޫދީ އަވަށްޓެރިޔާ އެގެއަށް އައިސް އާޚިރަތް ދުވަހާއި ހިސާބުބެއްލެވުމާއި މީޒާނާއި ސުވަރުގެއާއި ނަރަކައިގެ ވާހަކަދެއްކިއެވެ. އެވާހަކަ މީސްތަކުން ގަބޫލުނުކޮށް އެކަމުގެ އަލާމާތެއް ދައްކަން ބުނުމުން އޭނާ ބުނީ އެންމެ ފަހުގެ ނަބިއްޔާ ވަރަށް އަވަހަށް ވަޑައިގަންނަވާނެކަމަށެވެ. މައްކާއާއި ދިމާއަށް އިޝާރާތްކޮށް ނަބީ ކަލޭގެފާނު ފާޅުކުރައްވާނީ އެމިސްރާބުން ކަމުގައި އޭނާ ބުންޏެވެ. އަދި ނަބިއްޔާ ވަޑައިގަންނަވާނީ މަދީނާއަށް ކަމުގައި ބުންޏެވެ. ނަބީކަލޭގެފާނު ސިފަ ބުނެދިނުމަށް އެދުމުން އޭނާ ބަލަންފެށީ ސަލްމަތުގެ މޫނަށެވެ. އެއަށްފަހު އޭނާ ބުނިގޮތުގައި ސަލްމަތު ދުނިޔޭގައި ދިރިހުރިކަމަށްވަންޏާ ސަލްމަތަށް ނަބީކަލޭގެފާނު ފެނި އެކަލޭގެފާނާއި ބައްދަލުވާނެއެވެ. މިހުރިހައި ވާހަކައެއް ދެއްކި ޔަހޫދީ މީހާ ދުނިޔޭގައި ހުއްޓާ ރަސޫލުﷲ ރަސޫލުކަމާއިގެން ވަޑައިގަތެވެ. އެކަމަކު އޭނާ ރަސޫލުﷲ އަށް ފުރަގަސްދީ ކާފިރުވިކަމުގައި ސަލްމަތު ބަޔާންކުރިއެވެ.

ވަޙީ ބާވައިލެއްވުން ކައިރިވަމުން އައިވަރަކަށް ރަމަލުވެރިންގެ ފަރާތުން ނަބިއްޔަކު ފާޅުކުރައްވަން އުޅޭކަމުގެ ވާހަކަތައް ފެތުރެން ފެށިއެވެ. އެމީހުންނާއި ބައްދަލުކުރާ ޖިންނި ޝައިޠާނުންގެ ފަރާތުން އެމީހުންނަށް އެނގުނު އެއްކަމަކީ ވަރަށް އަވަހަށް މައްކާއިން ނަބިއްޔަކު ފާޅުކުރައްވާކަމެވެ. ނަބީކަމާއި ވަޑައިގަންނަވާ ބޭކަލަކަށް އެމީހުން ތަބާވުމަށްވެސް ރަނގަޅު ޖިންނީން އެމީހުންނަށް ނަސޭހަތްތެރިވިއެވެ. އެހެން ރަށްރަށުން ބައެއް ރަމަލުވެރިން ފާޅުކުރައްވަން އުޅޭ ނަބިއްޔާ ދުށުމަށް މައްކާއަށް ދަތުރުކުރިއެވެ. ރަމަލުވެރިޔަކު ނަބީކަމާއިގެން ރަސޫލުﷲ ވަޑައިގަތުމުން އެކަލޭގެފާނަށް މިވާހަކަ ދެންނެވިއެވެ.

ނުނިމޭ..

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

+1
1
+1
1
+1
4
+1
0
+1
0
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް