November 23, 2024 07:46
Advertisement

-Advertisement-

ޢީދު ފާހަގަކުރުމުގެތެރެއިން/ ފޮޓޯ:ރަޔާން ފޮޓޯގްރަފީ

ޢީދުގެ ހަނދާން، އެހާރާއި މިހާރު

އެއްބައިވަންތަކަމާއެކު ފާހަގަ ކުރަމުންދިޔަ ޢީދު ކޮބާހެއްޔެވެ؟ އޭރުގެ ހަނދާންތައް އާވުމުން ހިތަށް އަސަރުކުރުވައެވެ. އެއީ ހަމަ އެކަނި ހަނދާންތަކެކެވެ. މިހާރު އެހަނދާންތައް އާވުމުން އެގޮތަށް ޢީދު ފާހަގަ ކުރުމުގެ ނަސީބު ނުލިބި އެއާދަތައް އުވިގެންދާތަން ފެންނާތީ އެކަމާހިތާމަކުރާ މީހުންވެސް މަދެއްނޫނެވެ. ކުޑައިރުގެ ހަނދާންތައް އާކުރަމުން ރައްޓެއްސަކު ކިޔާދިން ވާހަކައެއްގައި ބުންޏެވެ. "ޢީދެއް އަންނަނަމަ މާކުރިން ހެދުން ފަހައި ޢީދުގެ ކުޅިވަރުތައް ތާވަލްކޮށް ހަދަން. އަދި ކައްކާނެ އެއްޗެހި ތައްޔާރުކޮށް ލިސްޓްވެސް ހަދަން. އަވައްޓެރިން ގޭގެއަށްގޮސް އެމީހުންގެ މަޝްވަރާވެސް ހޯދަން އަދި އެކަމުގައި އެމީހުންވެސް ބައިވެރި ކުރަން". ނަމަވެސް މިހާރު މިކަންކަން ފަނޑުވަމުންދާތީ ދެރަވާ ވާހަކައާއި ކުރީގައި އެއޮންނަ އެކުވެރިކަން ނެތި އުވިގެންދާކަމަށް ފާހަގަކުރިއެވެ. 

އޭދަފުށީގައި ކުރެވުނު ޢީދު ނަމާދަށްފަހު ބަޔަކު ހިނގާފައި ދަނީ/ ފޮޓޯ: ޒާއިފް ފޮޓޯގްރަފީ

ޢީދަކީ ވަރަށް އުފާވެރިކަމާ ހިނިތުންވުމަކުން ފުރިގެންވާ ދުވަހެކެވެ. ޢީދު ދުވަހުގެ އުފާ ފާހަގަކުރުމަށް ތައްޔާރީތައް ވުމުގެ ގޮތުން ޢީދުވިލޭރޭ ބައެއް ކެއުންތައް ތައްޔާރުކުރަން ފަށައެވެ. ޢީދު ދުވަހުގެ ފަތިސްނަމާދަށް ހޭލުމަށްޓަކައި އެންމެވެސް ވަރަށް އަވަހަށް ނިދައި ޢީދު ދުވަހު ހެނދުނުގެ ސައިތައްޔާރު ކުރުމުގެ އިންތިޒާމު ހަމަޖައްސައެވެ. ޢީދު ނަމާދުން އައުމަށްފަހު ސަލަވާތް ކިޔެވުމާއި މާލޫދު ކިޔުންވެސް އޮވެއެވެ. ޢީދު ހަދިޔާ ދިނުމާއި ޢީދު ސައި ތައްޔާރުކޮށް މަގުމަތީގައި މޭޒު އަތުރައިގެން އަވައްޓެރިންގެ އެންމެން އެއްކޮށް ސައިބޯ ހަނދާނަކީ ދުރު ހަނދާންތަކެއް ނޫނެވެ. އިއްޔެވީ ކަމެއްހެން އަދިވެސް ހަނދާނުގައި ހަރުލާފައި ހުރެއެވެ. އަވައްޓެރިން އެއްކޮށްގެން ގޯތިތެރޭގައި އުދުން ޖަހައިގެން ބޮޑެތި ތެލި ތެލީގައި ކައްކާ ކެއްކުން އެއީ ހަމަގައިމުވެސް ވަރަށް އުފާވެރި ހަނދާންތަކެކެވެ.

ގިނަބަޔަކު ބައިވެރިވެގެން ކުރިއަށްގެންދިޔަ ކެއުމެއް/ ފޮޓޯ: ރަޔާން ފޮޓޯގްރަފީ

މިހާރަށް ބަލާލާއިރު ގިނަ ފަހަރަށް ޖެހިގެން ހުރި ގޭގައި އުޅެނީ ކޮންބައެއްކަމެއްވެސް ނޭނގެއެވެ. ބައެއް ގޭގޭގައި ޢީދު ކެއުން ކެއްކުމުގެ ބަދަލުގައި އެއްޗެއް އޯޑަރުކޮށްލައިގެން ކެއުމުގައި ބޭނުންކުރެއެވެ. ނުވަތަ ޢީދު ދުވަހު ތަނަކަށް ގޮސްގެން ކައިހަދައެވެ. ޢީދު ދުވަހު ލާނެ ހެދުން ގަންނަން ދާނީ އެންމެ ފަހުވަގުތެވެ. އެރޭ ހެދުންގަނެ ދޮވެ އިސްތިރިކޮށް ނިމިގެން ނިދޭއިރު ހުންނަނީ ވަރަށް ލަސްވެފައެވެ.

Advertisement

މިއީ މިޒަމާނަށް ބަލާލާއިރު ކަންވަމުންދާގޮތެވެ. ގިނަ ފަހަރަށް ޢީދު ނަމާދަށް ދާން ނުހޭލެވެނީވެސް މިހަލަ ސަބަބުތަކަށްޓަކައެވެ. އޭރު ޢީދު ނަމާދަށް ނުދާ މީހަކު ނޫޅުނު ކަމުގައިވިޔަސް މިހާރު މިޒަމާނުގެ ކުދިން ޢީދު ނަމާދަށް ދިއުމުގައި ދޭންވާ އަހަންމިއްޔަތުކަން ކުޑައެވެ. ޢީދު ތަހުނިޔާ ފޮނުވުމާއި މިކަންކަން މިހާރު އޮންނަނީ ވައިބަރ މެސެޖަކުންނެވެ. ކުރީގައި ގޭގެއަށްގޮސް ޢީދު ތަހުނިޔާ ކިޔާ އުޅުނުގޮތްވެސް ފަނޑުވަމުންދާން ފަށައިފިއެވެ.

ފޮޓޯ: ރަޔާން ފޮޓޯގްރަފީ

ޢީދު ދުވަހު މެންދުރަށް ކެއްކުމަށްފަހު ޢީދު ކެއުން ކާން އެކި ގޭގެއަށް ޒިޔާރަތްކޮށް އާއިލާގެ އެކި މީހުން އެއްތަނަކަށް ޖަމާވެއެވެ. އެކަން ކުރަނީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްގެ ގޮތުގައެވެ. ޢީދުގެ އުފާ ފާހަގަކޮށް ކުލަ ޖެހުމާއި ފެންޖެހުވެސް އޮވެއެވެ. ހަވީރުވުމުން ޢީދު ކުޅިވަރުތައް ކުޅެން ފަށައެވެ. ތިންމުގޯލި، ފަން ކުޅުން، ބަށި ކުޅުންފަދަ އެކި ކުޅިވަރުތަކުން ފޯރި ނަގައެވެ. ޢީދު ދުވަހު އެކި ރަށްރަށުގައި ބޮޑުމަސް ކުޅުމާއި ކޯޑި ނެގުންވެސް އޮވެއެވެ. އެއީ ވަރަށް ސަގާފީ ކުޅިވަރުތަކެކެވެ. ޢީދު ދުވަހުގެ އިރުއޮއްސުމުން އަދި ޢީދު ދުވަހުގެ މަޖާ ނިމުނީކީ ނޫނެވެ. ރޭގަނޑު އިޝާ ނަމާދުން ފައިބައިގެން ކައި ނިމުމަށްފަހުވެސް ކުޅިވަރުކުޅުން އޮވެއެވެ. މިއީ އަދި ވަރަށް ފޯރީގައި ކުރިއަށް ގެންދާކަމެކެވެ. 

އަދިވެސް މަދު ރަށްރަށެއްގައި ކާބަފައިން ޢީދު ފާހަގަކުރިއިރު އެގެންގުޅުނު އާދަކާދަތައް އޮންނަކަން ފާހަގަވެއެވެ. މަޖާ ކުޅިވަރުތަކާއެކު ޢާއިލާއާއި ރައްޓެހިން އެކުގައި ޢީދު ފާހަގަކޮށްލުމުން ކުރެވޭ އިހްސާސްތައް ބުނެދޭން އެނގޭނީ އެނަސީބު ލިބިފައިވާ މީހުންނަށެވެ. 

+1
0
+1
6
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް