September 21, 2024 00:26
Advertisement

-Advertisement-

ރަސޫލާ ﷺ ގެ ސީރާ: ފުރަތަމަ ދީނަށް ވަދެވަޑައިގަތް ބޭކަލުންނާއި ބޭކަނބަލުން

ރަސޫލާ ﷺ އަށް އިންޒާރުކުރައްވަން އަމުރުކުރެއްވުމާއެކު އެކަލޭގެފާނު އެންމެ ފުރަތަމަ ދީނަށް ގޮވައިލެއްވީ އާއިލާގެ މެމްބަރުންނަށާއި ރަހުމަތްތެރިންނަށެވެ. އެންމެފުރަތަމަ އީމާންވެ ދީން ގަބޫލުކުރެއްވީ އެކަލޭގެފާނުގެ އަނބިކަނބަލުން ޚަދީޖާއެވެ. ބައެއް ޢިލްމުވެރިންގެ ނަޒަރުގައި އެކަމަނާއަށް ދީނަށް ގޮވައިނުލެވެނީސް އެކަމަނާ އަމިއްލަފުޅަށް ރަސޫލާ ﷺ ގެ ރަސޫލުކަން ގަބޫލުކުރައްވައި އީމާންވެވަޑައިގަތެވެ. އެހެންވެ އެންމެ ފުރަތަމަ އިސްލާމްވި އަންހެނަކީ ޚަދީޖާއެވެ. ބައެއް ޢިލްމުވެރިންގެ ރައުޔުގައި އެންމެފުރަތަމަ ދީނަށް ވެދެވަޑައިގަތް ބޭކަލަކީ ވަރަޤަ ބިން ނައުފަލްއެވެ. އެކަލޭގެފާނު އިސްލާމްދީން ގަބޫލުކުރެއްވީ ރަސޫލާ ﷺ ދީނަށް ގޮވައިނުލައްވަނީހެވެ. އެހެންކަމުން ޝަހާދަތް ކިޔުމާއިނުލާ އިސްލާމްވި ބޭކަލަކަށް އެކަލޭގެފާނުވިއެވެ.

ތިންވަނައަށް އިސްލާމްވި ބޭކަލަކާމެދު ޚިލާފު އުފެދިފައިވެއެވެ. ތިންވަނައަށް އިސްލާމްވެވަޑައިގަތްކަމަށް ތިން ބޭކަލެއްގެ ނަންފުޅުވެއެވެ. ބައެއްރިވާގައި ތިންވަނައަށް ރަސޫލުކަން ގަބޫލުކުރެއްވީ އަބޫބަކުރުގެފާނެވެ. އަނެއްރިވާގައިވާގޮތުން ތިންވަނައަށް އިސްލާމްވީ ޢަލީގެފާނެވެ. އެހެން ރިވާއެއް ބަޔާންކުރާގޮތުގައި ތިންވަނައަށް އިސްލާމްވީ ޒައިދުއެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި އެންމެފުރަތަމަ އިސްލާމް ދީން ގަބޫލުކުރެއްވި ބޮޑު ފިރިހެނަކީ އަބޫބަކުރުއެވެ. އެންމެފުރަތަމަ ދީން ގަބޫލުކުރެއްވި ކުޑަ ކުއްޖަކީ ޢަލީގެފާނެވެ. އަދި އެންމެފުރަތަމަ އީމާންވި އަޅަކީ ޒައިދު ބިން ޙާރިޘާއެވެ.

އަބޫބަކުރު އިސްލާމްވިގޮތުގެ ޙަދީޘް

Advertisement

އަބޫބަކުރުގެ ދަރަޖަ ޚަލީލުކަން ބަޔާންކުރި ހަދީޘް

ކީރިތި ޤުރްއާނުގައި ޒައިދު ފިޔަވައި ދެން ނަންގަނެވުނު ޞަޙާބީއަކީ އަބޫބަކުރު

ދެން އިސްލާމް ދީނަށް ވެންނެވި ހަތަރު ބޭކަލުން އިސްލާމް ދީނަށް ވެންނެވީ އަބޫބުކުރުގެފާނުގެ އަތްޕުޅަށެވެ. އެއީ

ސަޢުދު އިބުނު އަބީ ވައްޤާފް

ޢުޘްމާން އިބުނު ޢައްފާން

ޒުބައިރު އިބުނު އައްވާމް އަދި

ޢަބުދުއްރަޙުމާން އިބުނު އައުފް

ސަޢުދު އިބުނު އަބީ ވައްޤާފް އިސްލާމް ދީނަށް ވަނުމުން އެކަލޭގެފާނުން ދީނުން ނެރެވޭތޯ އެކަލޭގެފާނުގެ މަންމަ ވަރަށް މަސައްކަތްކުރިއެވެ. އެންމެފަހުން އެކަލޭގެފާނުގެ މަންމަ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފެށިއެވެ. އެކަލޭގެފާނު ބުދަށް އަޅުކަންކުރުމުން މެނުވީ ނުކާނެކަމަށާއި ނުބޯނެކަމަށް އެންގިއެވެ. އެކަމަކު އެކަލޭގެފާނު ސާބިތުކަމާއެކު ވިދާޅުވީ މަންމަ ކޮންމެކަމެއް ކުރިކަމުގައިވިޔަސް އެކަލޭގެފާނު އިސްލާމް ދީން ދޫކުރައްވާނެ އެއްވެސްގޮތެއް ނެތްކަމަށެވެ. ދެން އެކަލޭގެފާނުގެ މަންމަ ބަނޑުހައިހޫނުކަމުގެ ހަޅުތާލުހުއްޓާލުމަށްފަހު ކާންފެށިއެވެ. ދެން ﷲ އަންނަނިވި އާޔަތް ވަޙީކުރެއްވިއެވެ.

ލުޤުމާން ސޫރަތް 15 

ރަސޫލާ ﷺ ހަދީޘްކުރެއްވިގޮތުގައި ކޮންމެ ރަސޫލު ބޭކަލަކަށް ޚާއްޞަ މިތުރެއް ނުވަތަ ހަވާރީއެއް ދެއްވިއެވެ. އެގޮތުން އެކަލޭގެފާނަށް ލިބިވަޑައިގެންނެވި ހަވާރީއަކީ ޒުބައިރު އިބުނު އައްވާމްއެވެ.

ޢަބުދުއްރަޙުމާން އިބުނު އައުފްއަކީ މުއްސަނދި ބޭކަލެކެވެ. މައްކާ ދޫކުރައްވައި އެކަލޭގެފާނު ވަޑައިގަތީ ހުރިހާ މުދަލެއް ދޫކުރައްވައި ސަލާންޖަހާ މީހެއްގެ ހާލުކޮޅުގައެވެ. އެކަލޭގެފާނު މަދީނާއަށް ވަޑައިގަތުމުން އަންސާރީ ބޭކަލުން އެކަލޭގެފާނަށް ވަރަށްގިނަ ތަކެތި ހަދިޔާކުރެއްވިއެވެ. ފަހުން އެކަލޭގެފާނު ވިޔަފާރިކުރައްވައި މުއްސަނދި ބޭކަލަކަށްވިއެވެ.

ދެން އިސްލާމް ދީނަށް ވަޑައިގަތް ބޭކަލަކީ ޢަބުދުﷲ ބިން މަަސްޢޫދުއެވެ. އިބުނު މަސްޢޫދު ދީނަށް ވެންނެވީ ރަސޫލާ ﷺ އާއި އަބޫބަކުރުގެފާނުގެ އަތްޕުޅަށެވެ. އެންމެފުރަތަމަ އިސްލާމްވި ބޭކަލުންނަކީ މިއުންމަތުގެ އެންމެ މާތް ބޭކަލުންނެވެ. އިސްލާމީ ތާރީޚުގައި އެބޭކަލުންގެ ނަންފުޅުވަނީ ރަނުން ޖަރީކުރެވިފައެވެ. އިބުނު މަސްޢޫދަކީ މައްކާގެ ބޮޑުންގެތެރޭގައި ހިމެނުނު ބޭކަލެއްނޫނެވެ. އެކަމަކު އެކަލޭގެފާނަކީ ޚާދިމުންގެ ފަންތީގައި ހިމެނުނު ބޭކަލެކެވެ. އެކަލޭގެފާނަށްފަހު އިސްލާމް ދީނަށް ވަން މީހުންގެތެރޭގައި ގިނައީ ނިކަމެތި ފަގީރުންނެވެ. އޭގެތެރޭގައި އެންމެ ނަންހުރި ބޭކަލުންނަކީ ބިލާލް އިބުނު އަބީ ރަބާހް، ޚައްބާބު އިބުނު އަލްއަރަތު، ޔާސިރުއާއި އެކަލޭގެފާނުގެ އަނބިކަނބަލުން ސުމައްޔާއާއި އެދެކަނބަލުންގެ ދަރިކަލުން ޢައްމާރު އެވެ.

ޢަމަރު އިބުނު ޢަބަސާ ނަމަކަށް ކިޔުނު ޔަމަނު ބޭކަލަކު އެކަލޭގެފާނުގެ ވާހަކަ ވިދާޅުވެދެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި ޖާހިލިއްޔަ ޒަމާނުގައި ބުދަށް އަޅުކަންކުރުމަކީ ގޯހެއްކަން އޭނާއަށް އެނގިވަޑައިގަތެވެ. އަދި އޭނާގެ ގައުމުގެ މީހުންތިބީ މަގުފުރެދިފައިކަން އޭނާއަށް އެނގިވަޑައިގަތެވެ. އެހެންވެ އޭނާ ދުވަހަކުވެސް ބުދަކަށް އަޅުކަން ނުކުރައްވައެވެ. ދެން އޭނާއަށް މައްކާއިން ޚަބަރު ލިބިވަޑައިގަތީ އޭނާ ވިދާޅުވާފަދައިން އަމަލުކުރުމަށް ބޭކަލަކު ގޮވައިލެއްވި ޚަބަރެވެ. ދެން އަވަހަށް އެބޭކަލަކު ހޯއްދެވުމަށް އޭނާ މައްކާއަށް ދަތުރުކުރެއްވިއެވެ. ދެން އޭނާއާއި އެބޭކަލަކު ބައްދަލުވިއިރު އެބޭކަލަކުވީ މުޚުތަފީއަކަށެވެ. މުޚުތަފީއަކީ ސިއްރިޔާތުގައި އުޅޭ މީހާއެވެ. ދެން އޭނާ އެއީ ކޮންބޭކަލެއްތޯ އެކަލޭގެފާނަށް ސުވާލުދެންނެވިއެވެ. ޖަވާބުގައި ރަސޫލާ ﷺ ވިދާޅުވީ އެކަލޭގެފާނަކީ ނަބިއްޔެއްކަމުގައެވެ. ދެން ނަބީބޭކަލަކީ ކޮބައިކަން އޭނާއަށް ރަސޫލާ ﷺ ވިދާޅުވެދެއްވިއެވެ. އެއަށްފަހު އޭނާ ދެންކުރެއްވި ސުވާލުގެ ޖަވާބުގައި ވިދާޅުވީ އެކަކު އަނެކާއަށް ހެޔޮކޮށް ހިތައި ﷲ އަށް އެކަނި އަޅުކަންކުރުމަށެވެ. ދެން އެކަލޭގެފާނަށް ތަބާވީ ކޮންބައެއްތޯ ދެންނެވުމުން މިނިވަނަކާއި އަޅަކު އެކަލޭގެފާނަށް ތަބާވިވާހަކަ ވިދާޅުވިއެވެ. އެހިނދު ޢަމްރު ރަސޫލާ ﷺ އަށް ތަބާވެވަޑައިގަތެވެ. ޢަމުރަކީ މައްކާއިން ބޭރުން ފުރަތަމަ އިސްލާމްވި ބޭކަލެވެ. އެކަމަކު ޢަމުރު އިސްލާމްވުން ސިއްރުކުރެއްވުމަށް ރަސޫލާ ﷺ އޭނާގެ ކިބައިން އެދިވަޑައިގަތުމަށްފަހު އޭނާ އެނބުރި ގައުމަށް ވަޑައިގަތުމަށް އެންގެވިއެވެ. އެހެންނޫނީ އޭނާ އަވަހާރަކޮށްލާނެކަމަށް ވެސް ރަސޫލާ ﷺ ވިދާޅުވިއެވެ. އަދި ރަސޫލާ ﷺ އަށް އެކަލޭގެފާނުގެ ގައުމުގެ މީހުންގެ މައްޗަށް ކާމިޔާބު ހޯއްދަވައިފި ޚަބަރު ލިބިވަޑައިގެންފިނަމަ އެކަލޭގެފާނު އަރިހަށް ވަޑައިގަތުމަށް ވިދާޅުވިއެވެ. ދެން ރަސޫލާ ﷺ މަދީނާއަށް ހިޖުރަކުރެއްވި ޚަބަރުލިބިވަޑައިގަތުމުން ޢަމުރު މަދީނާއަށް ވަޑައިގެން އެކަލޭގެފާނާއި ބައްދަލުކުރައްވައި އިސްލާމްވެވަޑައިގަތެވެ.

ނުނިމޭ...

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ވަނީ ގެނެސްދީފައެވެ. 

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް