September 20, 2024 10:37
Advertisement

-Advertisement-

އެވޭލާ ހާދިސާ: ލޯފަންކުއްޖެއްގެ ދުޢާ އަށްފަހު ބައްޕަ އެނބުރިއައުން

ނައުޝާދު އަކީ މުރާލި ހީވާގި މަސްވެރިއެކެވެ. ހަފްތާކު ހަދުވަހު ދުވާލު ހަތަރުދަމު އުޅެނީ މަސްވެރިކަންކުރަން ކަނޑުމަތީގައެވެ. ދޯނީގެ ނުވަ ފަޅުވެރިންގެ ވެރިއަކީ ނައުޝާދު އެވެ. ދޯނީގެ ހުރިހާކުދިންނާއި ވަރަށް ގުޅުން އޮވެއެވެ. ފަޅުވެރިކުދިންވެސް ނައުޝާދުއަކީ ވަރަށް ރަނގަޅު ކެއުޅެއްކަމަށް ބުނެ މަސްވެރިކަން ކުރަން ނައުޝާދު ދުއްވާ ދުވާފަރު ކަނބުރުގޭ ރަގީބާގެ ދޯނިން މަހަށްދާން ތިބެނީ ފޫގަޅާފައެވެ.

ހުރިހާ ފަޅުވެރިން މަހަށް ގެންދާ ކާއެއްޗެތި ނައުޝާދުގެ ބެލުމުގެ ދަށުގައި ރައްކާކުރުމަށްފަހު ކާގަޑި ޖެހުމުން ނައުޝާދު ހުރިހާ ފަޅުވެރިން ގެނެސް ބައި އަޅައި ކާންދެއެވެ. އޭގެފަހުގައި ދުފުމާއި ބަންގާޅު ބިޑި ބޮއިހަދައެވެ. ނައުޝާދުވެސް ފަޅުވެރިކުދިންނާއެކު ބިޑި ބުއިމުގަ ބައިވެރިވެއެވެ. އެދުވަސްވަރު މަހަށް ގޮސް އުޅެނީ ފަންރިޔަލު ދޯނީގައެވެ.

މަހަށް ގޮސް އުޅުނު ދުވަހެކެވެ. ވަރަށް ބޭރަށް ދެވިފައިވަނިކޮށް ވައި މަޑުވުމުން ދޯނި ކުރިއަކަށް ނުދެއެވެ. ދޯނި އޮޔާ ދަމުންގޮސް ރާއްޖޭގެ މަލަ ގެއްލިއްޖެއެވެ. އިރު އޮއްސުނުއިރު އެއްވެސް ތަނެއް ނުފެނެއެވެ. ރެއިން ނުވައެއްޖެހިއިރެވެ. ފަޑު އައްޔެއް ފެންނަން ފަށައިފިއެވެ. މިއަލި ބޮޑުވަމުން އައިސް ދޯންޏާއި ވަރަށް ކައިރިވެއްޖެއެވެ. އެއީބޮޑު ބޯޓެކެވެ. އެބޯޓު އައިސް ދޯނީގެ ނުވަމީހުން ބޯޓަށް ނަގައިފިއެވެ. ދޯނީގެ އެކަކަށްވެސް އެއީ ކޮންގައުމެއްގެ ބޯޓެއްކަމެއް ނޭނގެއެވެ. އަދި ބޯޓުގެ މީހުންނަށްވެސް މިއީ ކޮން ގައުމެއްގެ ދޯންޏެއްކަމެއް ނޭގުނެވެ. ދޯނީގެ އެއްވެސް މީހެއްގެ އައިޑެންޓިޓީ އެއްނެތެވެ. ބޯޓު ދުއްވާލީ އަރާމުރިގަށެވެ. އަނެއްދުވަހު ހެނދުނު ނައުޝާދުއަށް ފެނުނީ ބޯޓުގެ ވީލްހައުސް ގައި ލިޔެފައިވާ ނަމެކެވެ. ބޯޓުގެ މީހަކަށް އަތުގެ އިޝާރާތުން ނައުޝާދު އެނަން ދެއްކީމާ އެމީހަކު ބުނީ މީއީ އިރާގު ބޯޓެއްކަމަށެވެ. ނައުޝާދުވެސް ދިވެހި ބަހުން މަހަލްދީބު ކިޔަންފެށިއެވެ. ނައުޝާދު އިޝާރާތުން ވާހަކަދެއްކީ ބޯޓުގެ ކެޕްޓަނަށް ވުމުން އޭނާ ޗާޓު ބަލާފައި ކިޔަންފެށީ މޯލްޑިވްސް އެވެ. ނައުޝާދު ބޯޖަހާލިއެވެ.

Advertisement

އޭގެ ފަސްދުވަސް ފަހުން ބޯޓް ބަދަރުކުރީ އިރާގު ބައުދާދުގައެވެ. މިފަސްދުވަހުގެތެރޭ މަހަލްދީބުގެ ނުވަމީހުނަށް ބޯޓުން ކާއެއްޗެތި ފޯރުކޮށްދިނެވެ. ބޯޓުގެ ކެޕްޓަން ތަލްހަތުއްސާދިގު ވަރަށް ރަނގަޅުކަމަށް ވިއެވެ. އަދި އެނުވަމީހުންގެ ބޭނުންތައް ބަރާބަރަށް ފުއްދަމުން ދިޔައެވެ. އެއީ މަހަލްދީބޭ ބުނުމުން ކެޕްޓަނަށް އެއީ މުސްލިމު ގައުމެއްކަން އެގުމުންނެވެ. ކެޕްޓަން އެ ނުވަމީހުން ގެންގޮސް އެރަށުގެ މުނިސިޕަލް ކައުންސިލާއި ހަވާލު ކޮށްފިއެވެ.

ދެން ރަށުގެ ހާލަތަށް ބަލާލުމެކެވެ. ދުވާފަރު ކަބުރުގެ ރަގީބުގެ ދޯނި މަހަށްގޮސްފައި ރަށަށް ނައުމުން އެރަށުގެ މީހުން އުދުހޭތަރި ދޯނި ހޯދުމުގެ މަސައްކަތް ފެށިއެވެ. ނަމަވެސް ދޯނިހޯދަން ކުރި މަސައްކަތްވަނީ ނާކާމިޔާބުވެފައެވެ. ކައިރި ރަށްތަކާއި ދުރު ރަށްތަކަށް ގޮސް މިދޯނީގެ ޚަބަރެއްވޭތޯ ބަލާ އެއްވެސް ޚަބަރެއް ނުވިއެވެ. ރަގީބު ހުރިހާ ފަޅުވެރިންގެ ގެއަށް ގޮސް ދޯނި ގެއްލިގެން އުޅޭވާހަކަ ބުނުމުން ފަޅުވެރިންގެ އަނބިދަރީން ރޮއި ހިތާމަކުރަން ފަށައިފިއެވެ. ނައުޝާދުގެ ދެދަރީންނާއި އަންބަކު ހުރެއެވެ. ދެދަރިންގެ ތެރެއިން ހަނގު ދަރިފުޅު(އުމުރުން ނުވައަހަރު) އަކީ ލޯފަންކުއްޖެކެވެ. މަންމަ ރޮމުން ކުދިންގެ ކައިރީގައި ބުނެލިއެވެ. "ދަރިފުޅުމެންގެ ބައްޕަ މަހަށް ދިޔަ ދޯނި ގެއްލިގެން ހޯދާ ނުފެނުނެވެ. މިހާރު ފަސްދުވަސް މިވީއެވެ. ގިނަމީހުން ގަބޫލުކުރާގޮތުންނަމަ ބޮޑުމަހެއް އެދޯނި ކާލީއެވެ. ނައުޝާދުގެ އަންހެނުން ޒުހުރާ މިހެން ބުނުމުން އެދެކުދިންވެސް ރޯން ފަށައިފިއެވެ. އެއާއެކު ޒުހުރާ އަށް ވެސް ރޮވިއްޖެއެވެ. އެދެކުދިންނާއި އަދި ޒުހުރާ ވަރަށްބޮޑަށް ހިތާމަވެރިވިއެވެ.

 އެ ނުވަމީހުން މަރުވިކަމަށް ހީކޮށް ފާތިހާ ކެއްކުމަށް ބޭނުންވާ ސާމާނު ރަގީބު އެގޭގެއަށް ގެންގޮސްދިނެވެ. އެގޮތުން ނުވަމީހުން މަރުވި ކަމަށް ހީކޮށް ފާތިހާވެސް ކިޔަވައިފިއެވެ. ނަމަވެސް ނައުޝާދުގެ ލޯފަން ދަރިފުޅު މަންމަ ޒުހުރާ ކައިރީގައި ވަރަށް ދެރަވެލާފައި ބުނެލިއެވެ. ބައްޕަ މަރެއް ނުވެއެވެ. އަހަރެންގެ ދުޢާއަކީ ބައްޕަ އަދި އެނބުރި އައުމެވެ. އިރާދަކުރެއްވިއްޔާ އަދި ބައްޕަ ފެންނާނެއެވެ. މިގޮތުން ކޮންމެ ނަމާދެއްގެ ފަހުގައި މިލޯފަން ދަރިފުޅު ދުޢާކުރުމުގައި ދެމިހުރެއްޖެއެވެ. މިކުއްޖާގެ މަސައްކަތަކީ ދުޢާކުރުމެވެ.

ދަރިފުޅުގެ ދުޢާގެ އަސަރު ކުރަން ފަށައިފިކަހަލައެވެ. ބައުދާދުގެ މުނިސިޕަލް ކައުންސިލުން މިނުވަ މީހުން ބެހިގެން ދަނިކޮށް އިރާގުގެ ބޯޓަކުން ސަލާމަތްކުރި ބަޔެއްކަމަށް ނިންމާ އެމީހުން ރާއްޖެ ފޮނުވަން ނިންމާފައި ވާކަމަށް ރާއްޖޭގެ ކަމާއިބެހޭ ފަރާތައް ވަނީ އަންގާފައެވެ. ނަމަވެސް 1932 ވަނައަހަރު މުއާސަލާތީ ގުޅުން ކުޑަވުމުން އެދުވަސްވަރު އެކަންތައްއޮތީ ނޭގުމެއްގެ ތެރޭގައެވެ. މިހާރު އެމީހުން ގެއްލުނުފަހުން ހަތްމަސް ވެއްޖެއެވެ. ދުވާފަރުގައި މިދޯނީގެ ވާހަކަ ދައްކާމީހުންވެސް މަދުވެއްޖެއެވެ.

 މީހުން ލޮލަށް ނުފެނި ގިނަދުވަސްވުމުން މަޑުމަޑުން މީހުން އެމީހުންގެ މަތީން ހަނދާންނެތެން ފަށައިފިއެވެ. ނަމަވެސް އެ ނުވަމީހުންގެ އަނބިދަރިން އެމީހުންގެ މަތީން ހަނދާން ނުނެތެއެވެ. އެއްދުވަހަކު މި ލޯފަން ކުއްޖާ (މުރުޝިދު) ނަމާދު ކޮށްގެން ދުޢާކުރަން ނަމާދުގޭގައި އިންދާ ނިދި އައުމުން ކުނާމަތީގަ އޮއްވާ ނިދިއްޖެއެވެ. މުރުޝިދަށް ހުވަފެނުން ފެންނަނީ އޭނަގެ ބައްޕަ ރަށަށް އައިސްގެން އުޅެނިކޮށެވެ. މުރުޝިދު ވީ އުފަލުން މަންމައަށް ގޮވާލާފައި ބުނުއްވިއެވެ. ބައްޕަ މިހުންނެވީ ރަށުގައެވެ. އެހެންބުނުމާއެކު މުރުޝިދު ހޭލެވިއްޖެއެވެ. އެއިރު މަޢުރިބު ނަމާދު ވަގުތު ވީއެވެ. މުރުޝިދު ނަމާދުން ނިމި މަންމައަށް ގޮވާލިއެވެ. މައްމަ އައުމުން މުރުޝިދު ބުނަންފެށިއެވެ. މަންމާ ބައްޕަ އަދި މަރެއްނުވޭ. އަހަރެންގެ ހިތް ބުނަނީ ކުޑަދުވަސް ކޮޅެއްގެ ތެރޭ ބައްޕަ ފެންނާނެކަމަށެވެ.

ދުވަސްތައް މާޒީ ވަމުންގޮސް އިރާގުގަ ތިބި ރާއްޖޭގެ ނުވަމީހުން އެމްވީ ކޮރައިސްޓް ކިޔާ ބޯޓަކުން  މާލެ ގެނެސްފިއެވެ. ރާއްޖެއިން އެމީހުންނާއި ހަވާލުވީ ދޮންފުތުގެ ރާޝިދު ކިޔާ މީހެކެވެ. އޭނައަކީ ރާއްޖޭގެ މުނިސިޕަލްޓީގަ އުޅުނު މީހެކެވެ. މިރާޝިދު އެމީހުންގެ ވަނަވަރުތައް ސާފު ކުރުމަށްފަހު އެމީހުންގެ ރަށަށް (ދުވާފަރަށް) ފޮނުވުމަށް ނިންމާފިއެވެ. އޭގެ ތިންދުވަސް ފަހުން ދުވާފަރަށް ދާން ފުރި ދޯންޏެއްގައި މިނުވަމީހުން ދުވާފަރަށް ދާން ފުރުވާލިއެވެ.

ޖެހިގެން އައިދުވަހު ދުވާފަރު އަތިރިމަތީގައި ހުރި ރާ ރުކަކަށް އަރާއޮތް މީހަކަށް ދެރިޔާނަގާފައި އަންނަ ދޯނި ފެނުމުން ބަލަހައްޓާގެން ރުކުގައި އޮތްވާ ދޯނީގެތެރެއިން މިމީހާއަށް ފެނުނީ ނައުޝާދު އާއި އޭނާގެ ބައިވެރިންނެވެ. މިމީހާ ރުކުންފާބައިގެން ދުވެގޮސް ރަގީބު ކައިރީގައި ބުންޏެވެ. ގެއްލުނުމީހުން ގޮވައިގެން އައިދޯއްޏެއް ބަދަރުކޮށްފިއެވެ. އެދޯނީގައި ނައުޝާދު އާއި އޭނާގެ ފަޅުވެރިން އެބަތިއްބެވެ. ރަގީބުއަށް ގަބޫލުކުރަން ދަތި ޚަބަރު އަޑުއިވުނީމާ އަތިރިއަށް ގޮސް ބަލާލިއިރު އެމީހުން ދޯނިން ފައިބަނީއެވެ. ރަގީބުއަށް އޭނަގެ ދޯނިމީހުން ފެނުމުން ވަރަށް އުފާވިއެވެ. ރަށުގެ މީހުންވެސް އަތިރިމައްޗަށް އެއްވެ އެމީހުންނާ ސަލާމްކޮށް ހާލު އޮޅުންފިލުވީމާ އެނގުނީ ދޯނި ބެހިގެން ދަނިކޮށް ބޯޓަކާއި ދިމާވެ ނުވަމީހުން އިރާގަށް ގެންދިޔަކަމަށެވެ. އޭގެފަހުގައި އެމީހުން އިރާގުގެ ފަރާތުން މާލެ ފޮނުވީކަމަށެވެ. ނައުޝާދު ގެއަށް ދިޔައިރު ޒުހުރާ ގެއަކުނެތެވެ. ގޭގައި އުޅެނީ ހައެކަނި ނައުޝާދުގެ ލޯފަންދަރިފުޅު މުރުޝިދު އެކަނިއެވެ.

ދަރިފުޅު ފެނުމާއެކު ނައުޝާދަށް އުފަލުން ގޮސް ރޮވިއްޖެއެވެ. އިރުކޮޅެއްގެ ފަހުން ޒުހުރާއި އަނެއްދަރިފުޅު ގެއަށް އައިއިރު ނައުޝާދު ގޭގައި ހުރުމުން ދެދަރީންނާއި ދެމަފިރިންނަށް ވެސް އުފަލުން ގިސްލެވެން ފެށުނެވެ. ޒުހުރާ ވަރަށް ދެރަވެލާފައި ބުނެލިއެވެ. ދިރިތިބި ނުވަމީހުންގެ ފާތިހާވެސް އަހަރުމެން ވަނީ ކިޔަވާފައެވެ. ނައުޝާދުމެން އައުންވެގެން ދިޔައީ މުރުޝިދުގެ ދުޢާއިންކަން މިހާރު ޒުހުރާއަށް ޔަގީންވެއްޖެއެވެ. ދަރިފުޅު ކުރިމަސައްކަތުގެ ނަތީޖާއިން ތި ދެކުދީން ބައްޕަ މިއަދު މިވަނީ ތި ދެކުދިންނާއެކުގައެވެ. ޒުހުރާ ބުނެލިއެވެ.

ނޯޓް: މިއީ މަލިކު ހަސަންބޭ ލިޔެފައިވާ ހާދިސާއެކެވެ. އަސްލު ނުގެއްލޭގޮތަށް ވާނީ ބަދަލުގެނެވިފައެވެ.

+1
0
+1
0
+1
4
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް