މިއަދަކީ މަންމައިންނަށް ޚާއްސަ ދުވަހެކެވެ. ލޮބުވެތި މަންމައިންނަށް ދުވަހުގެ ތަހުނިޔާ ކިޔަމެވެ. މިފަދަ އުފާވެރި ދުވަހެއް ފާހަގަކުރަމުންދާއިރު މަންމައަށްޓަކާ އަދާކުރަންޖެހޭ ޒިންމާ މިއަދާކުރެވެނީ ރަނގަޅަށްތޯ އަމިއްލަ ނަފްސާއި ސުވާލުކޮށްލަން ޖެހެއެވެ.
މަންމަގެ ލޯތްބާއެކު ދިރިއުޅުމުގެ ފުރުސަތު ލިބުމަކީ ބޮޑު ނަސީބެކެވެ. ދެލޮލުގެ ނޫރު ފަދައިން ލޯބިވާ ދަރިން ބެލުމަށް މައިންބަފައިން ޚާއްސަކޮށް މަންމައިން ކުރާ މަސައްކަތް އަގުނުކުރެވޭނެ އެވެ. ހިތާމައަކީ ބުރަމަސައްކަތްކޮށްގެން ގެންގުޅުނު ދަރިން ބޮޑެތިވެ އެދަރިންގެ އަމިއްލަ ދިރިއުޅުން ފެށުމަށްފަހު، މައިންބަފައިންނަށް ބޭނުންވާ ލޯތްބާއި އަޅާލުން އެދަރިންގެ ފަރާތުން ނުލިބުމެވެ.
'ޒީޓައިމްސް' އަށް މައުލޫމާތު ހިއްސާކުރި މީހަކު ކިޔައިދިންގޮތުގައި އޭނާގެ އެއްބަނޑު އުޅެނީ 4 މީހުންނެވެ. އެންމެންވެސް ދިރިއުޅެނީ މާލޭގައެވެ. އެކަމަކު މަންމަ ބަލަހައްޓަނީ އޭނާ އެކަންޏެވެ.
" މަންމަ ހުންނަނީ އަޅުގަނޑު ކައިރީގަ. ބަލިވެ އެޑްމިޓްކޮށްފިއްޔާ އެހެން ކުދިން ޒިޔާރަތްކުރާނެ. އެހެންނޫނީ މަހަކު އެއްފަހަރުވެސް މަންމަ ކައިރިއަށް ނާދޭ. އުމުރުން ދުވަސްވެ ބަލިވުމުން އަމިއްލައަށް އެއްވެސް މަސައްކަތެއް ނުކުރެވޭ. މަންމަ ދެރަވާނެވަރު ވިސްނާ"
މިއީ މިއަދު އަޅުގަނޑުމެންގެ މުޖުތަމައުގަ ބައެއް ދަރިންގެ އާދައަކަށް ވެއްޖެއެވެ. ދޭންވާ ލޯތްބާއި އަޅާލުން ނުދެވި ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒަށް މައިންބަފައިން ފޮނުވާ ހިސާބަށް ކަންތައް ދިއުން މިއީ ހިތާމައެކެވެ. އަދި އެކަށީގެންވާ އަޅާލުމެއް ނުލިބި މިދުނިޔެއާއި ވަކިވެދިޔައީ ކިތައް މައިންތޯއެވެ. ޚިޔާލުތަފާތުވުންތަކާހުރެ މައިންބަފައިންނާ ވާހަކަނުދައްކާ އުޅޭ ދަރިންވެސް އެބަތިއްބެވެ.
ބަނޑުބޮޑުވެ ވިހެއުމާއި ހަމައަށް މައިމީހާ އެއުފުލި ވޭނަކީ ދުވަހަކުވެސް އަގުނުކުރެވޭނެ ކަމެކެވެ. އަދި މައިންބަފައިންގެ ބެލުމުގެ ދަށުން ދަރިންނަށް ރަނގަޅު ތަރުބިއްޔަތުދީ މުޖުތަމައުގައި ބޭނުންތެރި މީހަކަށް ހެދުމަށް އެކުރާ މަސައްކަތް ނިކަން ވިސްނާލަބަލާށެވެ.
ހެޔޮ ނުވާނެއެވެ. މަންމަ ހިތުގަޖެހޭފަދަ ބަސްތައް ނުބުނާށެވެ. އުމުރުން ދުވަސްވެ ގައިބާރު ދެރަވެ އެހީތެރިކަމަށް ބޭނުންވާވަގުތު އެއެހީތެރިކަން ފޯރުކޮށްދޭށެވެ. ހަމައެކަނި ބޭރު މީހެއްގެ އަތްމައްޗަށް ދޫނުކޮށް ވީހާވެސް ކައިރިން ލޯތްބާއެކު އެ މަންމައަށް ބޭނުންވާ ކަންތައްތައް އެންމެ ފުރިހަމައަށް ކުރެވޭތޯ މަސައްކަތްކުރާށެވެ. އުފާވެރިކަން ލިބުން އޮތީ މައިންބަފައިންނަށް ހެޔޮކޮށް ހިތައިގެންނެވެ.
ކުޑަކުއްޖަކު ކަމުގައި އަޅުގަނޑުމެން ވީ ދުވަހު، އަޅުގަނޑުމެން ބަލައިބޮޑުކުރިފަދައިން، މައިންބަފައިން ބެލުމުގެ ޒިންމާ އަދާކުރާ ދަރިންތަކެއް ކަމުގައި އަޅުގަނޑުމެން އެންމެން ވުމުގެ ހެޔޮނަސީބު މިންވަރު ކުރައްވާށިއެވެ.
ރިޕޯޓް ނިންމާލަމުން ވެސް ބުނެލަން އޮތީ ލޯބިވާ މަންމާ މަގޭ، އުފަލާއެކީ ޚިދުމަތް ކުރަން ހުންނާނަމެވެ.