November 23, 2024 02:17
Advertisement

-Advertisement-

ފުރާވަރު އުމުރުގެ ކުދިންގެ އުޅުމަަށް ބަދަލު އަންނަނަމަ ކަންބޮޑުވޭތަ؟

ފުރާވަރު އުމުރަކީ ކުދިންގެ އުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަ ދުވަސްކޮޅެކެވެ. މައިންބަފައިން ކުދިންނާމެދު ވަރަށް ބޮޑަށް ސަމާލުވާން ޖެހެއެވެ. ފުރާވަރަށް އަރައިގެން އަންނައިރު ކުއްޖާގެ ހަށިގަނޑަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބައެއް މައިންބަފައިންނަށް އުދަގޫވާފަހަރުވެސް އާދެއެވެ.

ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެކެވެ. މިދުވަސްވަރު މައިންބަފައިން އެކުދިންގެ އުޅުމަށް އަންނަ ބަދަލުތައް ފާހަގަކޮށް އެކަންކަމުގައި ކުދިންނަށް އެހީވާންޖެހެއެވެ.

ބައެއް ކުދިންނަކީ ވަރަށް އަވަސް އަވަހަށް ރުޅިގަދަވެ ރުޅި ކޮންޓްރޯލް ނުކުރެވޭ ކުދިންނަށްވެސް ވެގެންދެއެވެ. މިކަމުގެ ސަބަބުން ދެން ދިމާވާ އެހެން ސަބަބުތަކާވެސް މައިބަފައިން ކުރިމަތިލާންޖެހެއެވެ. ހޯމޯނަށް އަންނަ ބަދަލުތަކުން ކުއްޖާގެ އުޅުމަށް ބަދަލު އާދެއެވެ. ބައެއް ކުދިން އިމޯޝަނަލީ ބަލިކަށިވެގެންދެއެވެ. މިކަހަލަ އެތައް ކަމަކާއި މައިންބަފައިން ކުރިމަތިލާންޖެހެއެވެ.

Advertisement

ކުދިންގެ އުޅުމަށް އަންނަ ބަދަލުތަކުގެ ތެރޭގައި:

  • ގިނައިރު އެކަނި އުޅެން ބޭނުންވެ ކޮޓަރިތެރޭގައި އެހެން މީހުންނާއި އެކަހެރިވެ ގިނަވަގުތު ހޭދަކުރުން.
  • މަންމަ ނުވަތަ ބައްޕަ ބުނާ އެއްޗިއްސަށް ރައްދުދީ އެމީހުންގެ ކުރިމަތީގައި ދެބަސްވާން ފެށުން.
  • ރައްޓެހިންނާއެކު ބޭރަށް ގޮސް ގިނަ ވަގުތު ހޭދަކުރަން ބޭނުންވުން.
  • ލޯބިވެރިން ހޯދައި އެމީހުންނާއެކު މާބޮޑަށް ވަގުތު ހޭދަކުރުން.
  • ބައެއް ކުދިން އަނެކާއާއި ދިމާލަށް ވާހަކަ ދެއްކުމުގައި އަދަބު ކުޑަކޮށް ވާހަކަ ދެއްކުން.
  • ބޭނުންވާ އެއްޗެހި ގަނެ ނުދިނުމުން މައިންބަފައިންނާއި ދޭތެރޭ ހިތްހަމަ ނުޖެހުން އަދި އެމީހުންގެ ކުރިމަތީގައި ބަސްބުނުން.
  • ނިދުންމަދުވެ ކެއުމަށް ބަދަލުއައުން. ބައެއް ކުދިން ފަލަވެދާނެތީ ނުކައި ހުރުމުގެ ސަބަބުން ކުއްޖާ މާބޮޑަށް ބަލިކަށިވުން.
  • މާބޮޑަށް ސްކްރީން ޓައިމް އިތުރުވެ އެކަމުގެ ތެރެއަށް ވަނުން.

ފުރާވަރު އުމުރުގެ ކުދިންގެ އުޅުމަށް ބަދަލު އަންނަނަމަ މައިންބަފައިން ކަންކުރަންވީގޮތް:

  • ކުދިން ހިތްހަމަނުޖެހި މަންމަ ނުވަތަ ބައްޕައާއި ދިމާލަށް އެއްޗެހި ބުނުމުން އޭގެ ބަދަލުގައި ލޯބިން ނަސޭހަތްދީ އެކުދިން ކަންބޮޑުވާ ކަންކަމުގައި ހައްލުހޯދައިދޭން މަސައްކަތްކުރުން.
  • ކުދިންނާއި މުޚާތަބު ކުރުމުގައި ބާރަށް އެއްޗެހި ނުބުނެ ކުދިންނާއި ބޮޑަށް ގާތްކަން ބާއްވައި އެކުދިންނާއި އެކު ބޭރަށްގޮސް އުޅުން.
  • ކުއްޖާއަށް ބޮޑަށް ލޯބިދީ އެކުދިން ކުރާ ކަންކަން ބަލައި ކުއްޖާގެ އެންމެ ގާތް އެކުވެރިއާ އަކީ މަންމަ ނުވަތަ ބައްޕަ ވުން.
  • ގަޑިންގަޑިއަށް ކެއުމަށް އެއްބާރުލައި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިއްމުކަން އަންގައިދީ ކަސްރަތުކުރުމަށް އެހީތެރިވުން.
  • މައްސަލައެއް ދިމާވެއްޖެ ނަމަ މަންމަ ނުވަތަ ބައްޕައާއި ޝެއާކޮށްގެން މައްސަލަ ހައްލުކުރަން ދަސްކޮށްދިނުން.
  • ކުއްޖާގެ އުޅުމަށް މާބޮޑެތި ބަދަލުތައް އައިސް މީހުންނާއި ވާހަކަ ނުދައްކާ އެކަހެރިވާނަމަ ސައިކޭޓްރިސްޓެއްގެ އެހީ ހޯދުމަށް މައިންބަފައިން ބާރު އެޅުން.
  • ކުދިންގެ ރައްޓެހިންނަކީ ކޮންކަހަލަ ބައެއްތޯ ބަލައި ގޯސްމަގަކުންދާކަން ކިރިޔާވެސް ފާހަގަވާނަމަ އެކަމަށް ވަގުތުން ފިޔަވާޅު އެޅުން.

ކުދިންގެ އުޅުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވެ އެކަންކަމާއި ކުރިމަތިލާން ދަސްކުރުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނަމަ އަދި އެކަމުގައި ދެމަފިރިން ވާހަކަ ދައްކައިގެން ހައްލު ނުލިބޭނަމަ ކައުސިލިންދީގެން ކުއްޖާގެ އުޅުމަށް ހެޔޮ ބަދަލު ހޯދައިދިނުމަކީ މައިންބަފައިންގެ ވާޖިބެކެވެ.

 

މައުލޫމާތު: ރެއިސިންޗިލްޑްރެން

+1
0
+1
0
+1
3
+1
2
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް