September 21, 2024 01:39
Advertisement

-Advertisement-

ރަސޫލާ ﷺ ގެ ސީރާ: ރަސޫލުކަން އިޢުލާން ކުރެއްވުން

ރަސޫލުﷲ ގެ ސީރާ ސާދަވަނަ ބައި

ރަސޫލާ ﷺ އެންމެފުރަތަމަ ދީނަށް ގޮވައިލެއްވީ އަމިއްލަފުޅުކަމެއްގެގޮތުގައެވެ. އެގޮތުން އެކަލޭގެފާނު ދީނަށް ދަޢުވަތު ދެއްވީ އެކަލޭގެފާނުގެ އައުލާދު މީހުންނާއި ގާތް މީހުންގެތެރެއިން އެކަލޭގެފާނަށް އިތުބާރުކުރެއްވޭ މީހުންނަށެވެ. އެއީ އެކަލޭގެފާނަށް އަމުރުކުރެއްވުނުގޮތްވެސް މެއެވެ. މިކަން ކީރިތި ޤުރްއާނުގެ ބަޔާންމިކުރާ އާޔަތުން ކަށަވަރުވެއެވެ.

ޝުއަރާޢު 214 އާޔަތް

Advertisement

އަމިއްލަފުޅުކަމެއްގެ ގޮތުގައި ރަސޫލާ ﷺ ދީނަށް ގޮވައިލެއްވީ ތިން އަހަރަށެވެ. އެތިން އަހަރު އެކަލޭގެފާނު މިކަންކުރެއްވީ އެއްގޮތަކަށްވެސް އާންމުން ޝާމިލުނުވާގޮތަށެވެ. އެހެންނަމަވެސް ދީނަށް ގޮވައިލެއްވީ ސިއްރިޔާތަކު ނޫނެވެ. ބައެއް މީހުން ހީކުރާގޮތުގައި ރަސޫލުކަމުގެ ފުރަތަމަ ތިން އަހަރު އެކަލޭގެފާނު ދީނަށް ގޮވައިލެއްވީ ސިއްރިޔާތުގައި އާންމުންނަށް ވަންހަނާ ކުރައްވައިގެންނެވެ. މިއީ އެކަން ހިނގިގޮތެއްނޫނެވެ. އެކަލޭގެފާނުގެ އައުލާދުގެ މީހުންނާއި ގާތް ރަހުމަތްތެރިންނަށް ދީނުގެ ދަޢުވަތުދެއްވީ ފާޅުވާގޮތަށް ނުވަތަ ހާމަވާގޮތަށެވެ. އެހެން މީހުންނަށް އެކަން އެނގޭގޮތަށެވެ. މިތިން އަހަރު އެކަލޭގެފާނު ނުކުރައްވާ ކަމަކީ އާންމުކޮށް އެންމެނަށް އަމާޒުކުރައްވައިގެން ދީނަށް ގޮވައިލެއްވުމެވެ. އެކަމަކު އެކަލޭގެފާނު ސިއްރަކުން އެއްވެސް ކަމެއް ނުކުރައްވައެވެ.

މިގޮތަށް އަމިއްލަފުޅު ކަމެއްގެގޮތުގައ ދީނަށް ގޮވައިލެއްވުމުގެ ޙިކުމަތަކީ އެކަލޭގެފާނާއި ދެކޮޅަށް މައްކާގެ މުޝްރިކުން ނުތެދުވުމެވެ. މިގޮތަށް ޕްރައިވެޓްކަމެއްގެގޮތުގައި ދީނަށް ގޮވައިލެއްވުން އޮތުމުން އެކަލޭގެފާނަށް އެއްވެސް ނުރައްކަލެއް ކުރިމަތިނުވެއެވެ. މިކަމުގެ ސަބަބުން އެކަލޭގެފާނުގެ ޢިއްޒަތާއި މަގާމަށް ހީނަރުކަމެއް ނާދެއެވެ. މިދުވަސްވަރު މުޝްރިކުން ދުށްގޮތުގައި މަދު ބަޔަކު އިސްލާމް ދީނަށް ވަނުމަކީ އެމީހުންގެ އަމިއްލަ ޒާތީކަމެކެވެ. އެކަމާ އެމީހުން ނިކުމެ ބެހެންޖެހޭ ކަމެއް ނޫނެވެ. އެހެންވެ މުސްލިމުންނަށް އެމީހުންގެ ދީން އުނގެނި އީމާންކަން ވަރުގަދަކުރަން ފުރުސަތު ލިބުނެވެ. އަދި ކުރިމަގުގައި ކުރިމަތިވެދާނޭ ފުރައްސާރައާއި އަނިޔާއަށް އެމީހުންނަށް ތައްޔާރުވެވުނެވެ.

މިކަމުން އަދުގެ މުސްލިމުންނަށް ވަރަށް މުހިންމު ފިލާވަޅެއް ލިބެއެވެ. އެއީ ނުރައްކަލާއި ބިރުވެރިކަމުގެ މާހައުލެއްގައި އާންމުކޮށް ދީނަށް ދަޢުވަތު ނުދިނުމެވެ. އެފަދަ ހާލަތުގައި ވީހާވެސް ދަންނަ ވީހާވެސް ގާތް އިތުބާރުކުރެވޭ ބަޔަކަށް އެކަނި ދަޢުވަތުދިނުމެވެ. މިގޮތަށްވެސް ދަޢުވަތުދޭންވާނީ އަމިއްލަކަމެއްގެގޮތުގައެވެ. މިޒަމާނުގެ ބަހުންނަމަ ޕްރައިވެޓް ކަމެއްގެގޮތުގައެވެ. އޭރުން މުޝްރިކުންގެ ފަރާތުން ކުރިމަތިވާނެ އުނދަގުލާއި އަނިޔާއެއް ނޯންނާނެއެވެ. މިއީ މިއަދު ދީނަށްގޮވާލުމުގައި މުސްލިމުން ވިސްނަންޖެހޭ މުހިންމުކަމެއްވެސްމެއެވެ.

އިސްލާމް ދީނަށް އެންމެ ފުރަތަމަ ވަން މީހުންނަކީ ދީނަށް ގިނަގުނަ ޚިދުމަތްކުރެއްވި ބޭކަލުންނެވެ. އެބޭކަލުންގެތެރެއިން ގިނަ ބޭކަލުންނަކީ ނަސަބުގެގޮތުން އެންމެއާދައިގެ ބޭކަލުންނެވެ. އެކަމަކު އެފަދަ ބޭކަލުންގެ ޒިކުރާއަކަށް ނިމުމެއްނެތެވެ. ހިސާބުތަކަށް ބަލާއިރު ޞަޙާބީންގެ އަދަދު ލައްކައަކަށް އަރައެވެ. އޭގެތެރެއިން ތާރީޚުގައި ލިޔެވިފައިވަނީ ހައެއްކަ ހާސް ބޭކަލުންގެ ނަންފުޅެވެ. މީގެތެރެއިން އިސްލާމީ ތާރީޚުގައި އެބެއިކަލުންގެ ޚިދުމަތުގެ ވާހަކަ ލިޔެވިފައިވަނީ ސަތޭކައެއްހާ ބޭކަލުންނެވެ. އެފަދަ ގިނަ ބޭކަލުންނަކީ އެންމެ ކުރިން އިސްލާމް ދީނަށް ވެންނެވި ބޭކަލުންނެވެ. މިކަމުން އެނގެނީ ފުރަތަމަ އިސްލާމް ދީން ގަބޫލުކުރެއްވި ބޭކަލުންގެ އީމާންކަމުގެ ވަރުގަދަކަމާއި އެބެއިކަލުންގެ ހިތްވަރުފުޅުގަދަކަމާއި ޚިދުމަތުގެ މަތިވެރިކަމެވެ.

ރޫމީ ރަސްގެފާނު ހިރަކުލިއަސްއަށް ރަސޫލާ ﷺ ފަތްކޮޅެއް ފޮނުއްވުމުން އެރަސްގެފާނު އިސްލާމް ދީން ދެނެވަޑައިގަތުމަށް ބޭނުންފުޅުވިއެވެ. އަދި ރަސްގެފާނު އަބޫ ސުފިޔާނާއި ދިހަ ސުވާލުކުރެއްވިއެވެ. އޭގެތެރޭގައި އިސްލާމް ދީނަށް ވަންނަނީ ކޮންބައެއްތޯ އެއްސެވިއެވެ. ޖަވާބުގައި އަބޫ ސުފިޔާން ދެންނެވީ ގިނައީ ދެރަނިކަމެތި މީހުން ކަމުގައެވެ. ދެން ހިރަކުލިއަސް ވިދާޅުވިގޮތުގައި ދެރަނިކަމެތިން ދީނަށް ވަންނަކަމުގައިވާނަމަ އެއީ ޙައްޤުދީންކަން ބަޔާންކޮށްދޭ އަލާމާތެކެވެ. ބާރުގަދަ މީހުންނާއި މުއްސަނދީންނާއި ބޮޑުން ދީނަށް އިންކާރުކުރާން ޖެހުނު ސަބަބަކީ ދީނަށް ވަނުމުން އެމީހުންގެ އަތުން ބީވެގެންދާ އެއްޗެއްސާއި ކަންކަން ގިނަކަމުންނެވެ.

ހޫދު ސޫރާ 27

ރަސޫލާ ﷺ ދީނަށް ގޮވައިލެއްވުމުގައި ތަފާތު ފަސް މަރުހަލާގައި ދީނަށް ގޮވައިލެއްވިއެވެ. އެއީ:

  • އަމިއްލަކަމެއްގެގޮތުގައި ދީނަށް ދަޢުވަތުދިނުން
  • އާންމުކޮށް ދީނަށް ދަޢުވަތުދިނުން
  • ވާހަކަދައްކައި ބާރުގެ ބޭނުންކޮށްގެން ކޮންމެވެސް އެއްބަޔަކަށް ދީނަށް ދަޢުވަތުދިނުން
  • އާންމުކޮށް ވާހަކަދައްކައި ޢިއްޒަތާއެކު ދީނަށް ދަޢުވަތުދިނުން
  • އާންމުކޮށް ވާހަކަދައްކައި ބާރުގެ ބޭނުންކޮށްގެން އިސްލާމްދީނާ ދެކޮޅު މީހުންނަށް ދީނަށް ގޮވައިލުން

ހާލަތާއި ވަގުތަށް ބިނާކޮށް އެވަގުތަކަށް އެންމެ އެކަށޭނަ މަރުހަލާއެއް އިޚުތިޔާރުކުރުމުގެ ފުރުސަތު މުސްލިމުންނަށް ލިބެއެވެ. އަމިއްލަ ކަމެއްގެ ނުވަތަ މުޅިން ޒާތީ ކަމެއްގެ ގޮތުގައި ދީނަށް ދަޢުވަތުދެނީ އާންމުކޮށް ދީނަށް ގޮވައިލުމުގެ ފުރުސަތު ނެތުމުންނެވެ. މިގޮތަށް ދީނަށް ގޮވައިލަންޖެހެނީ ތިމާގެ ބާރާއި ނުފޫޒު ނެތް ހިނދުގައެވެ. އަދި އެކަމުގެ ސަބަބުން ތިމާއަށް ކުރިމަތިވެދާނެ ނުރައްކާތަކުން ރައްކާތެރިވުމުގެ ގޮތުންނެވެ. އާންމުކޮށް ދީނަށް ދަޢުވަތުދެނީ އެކަމަށް ފަހި މާހައުލެއް އޮންނަ ހާލުގައެވެ. މިގޮތަށް ދީނަށް ގޮވާލުމުގައި އޮންނަނީ ނަސޭހަތްދީ ވިސްނައިދީ ބަޔާންކޮށްދިނުމެވެ. މިއީ ދުލުން އެކަނި ދޭ ދަޢުވާއެވެ. ރަސޫލާ ﷺ މައްކާގައި އެގާރަ ވަރަކަށް އަހަރު ދީނަށް ގޮވައިލެއްވީ މިގޮތަށެވެ. ހަމައެކަނި ވާހަކަދައްކަވައިގެންނެވެ. މިގޮތަށް ދީނަށް ގޮވައިލާއިރު އެއްވެސްގޮތަކަށް މީހުންނާއި އަރައިރުންވެ ދެބަސްވެ ތަޅާފޮޅުމުގެ އެއްވެސްކަމެއް ހިންގައިގެންނުވާނެއެވެ. މިގޮތަށް ދީނަށް ފުރަތަމަ ގޮވައިލެވުނީ ރަސޫލާ ﷺ މަދީނާއަށް ހިޖުރަކުރެއްވިތާ ހަ އަހަރު ފަހުންނެވެ. އެއީ މައްކާގެ ޤުރައިޝުންނަށް އަމާޒުކޮށްގެން ދީނަށް ގޮވައިލެވުނުގޮތެވެ.

ވާހަކަދައްކައި ޢިއްޒަތާއެކު ދީނަށް ދަޢުވަތު ދޭންފެށުނީ މައްކާ ފަތަހަކުރެއްވުމަށްފަހުއެވެ. މިގޮތަށް ދީނަށް ގޮވާލާއިރު އަމިއްލަ ނަފުސުގެ ދިފާޢުގައި ބާރުގެ ނުވަތަ ހަތިޔާރުގެ ބޭނުންކުރަންޖެހެއެވެ. އާންމުކޮށް ވާހަކަދައްކައި ބާރުގެ ބޭނުންކޮށްގެން ދީނަށް ގޮވައިލައްވަން ފެއްޓެވިތަނާ ރަސޫލާ ﷺ ސުވަރުގެވަޑައިގަތެވެ. އެކަލޭގެފާނު ސުވަރުގެވަޑައިގަތުމުންވެސް ޞަޙާބީން ލަޝްކަރުތައް އެކިކަންކޮޅަށް ފޮނުއްވައިގެން މިގޮތަށް ދީނަށް ދަޢުވަތުދެއްވިއެވެ. ނަތީޖާއަކީ ފާރިސީންނާއި އަދިވެސް އެތައްބަޔަކު މުސްލިމުންގެ ދަށަށް އައުމެވެ.

ކުރިންވެސް ބަޔާންކުރެވުނުފަދައިން ރަސޫލާ ﷺ ތިން އަހަރުވަންދެން ދީނަށް ގޮވައިލެއްވީ އަމިއްލަފުޅަށް ގޭގައި ކުރައްވާ ކަމެއްގެގޮތުގައެވެ. ދެން އެކަލޭގެފާނު ދީނަށް ގޮވައިލެއްވީ އާންމުކޮށް އެންމެންނަށެވެ. އެއީ އެކަމަށް ﷲ ގެ އަމުރުފުޅު އައުމުންނެވެ.

ނުނިމޭ..

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ވަނީ ގެނެސްދީފައެވެ. 

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް