ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގަ ހުޅުމާލޭގައި ހަދަމުންދާ އިމާރާތަކުން ޓިނު/ފިލާ ފަދަ ތަކެތި ވަޔާ ވިއްސައިގެން ގޮސް މަގުމައްޗަށް ވެއްޓިފައިވެއެވެ. އަދި ވިއްސާރަ މޫސުމުގައި މާލެ ސަރަހައްދުގައި ހައްދާފަހުރި ގަސްތަކުން ބައެއް ގޮފިތައް ވެއްޓި މަގުމަތީގައި ޕާކުކޮށްފަ ހުންނަ އުޅަދުތަކަށް ވެސް ގެއްލުން ލިބިފައިވެއެވެ.
އިމާރާތްތައް ހަދަމުންދާ ސައިޓްތަކުގައި ޓިނުތަކާއި ދަނގަޑު އަދި ގާ ފަދަ ސާމާނު ވަޔާ ވިއްސައިގެން ނުދާގޮތަށް ރައްކާތެރިކަމާއެކު ރައްކާކުރެވިފައި ހުރިކަން ކަށަވަރު ކުރުމަށް ސައިޓްތަކުގައި މަސައްކަތް ކުރާ ކުންފުނިތަކުން ބެލުން މުހިންމެވެ. އިމާރާތް ކުރާ ފަރާތްތަކުގެ އިހުމާލުން މިފަދަ ކަންކަން ހިނގިޔަނުދިނުމަށްޓަކައި ސަރުކާރާއި ކަމާބެހޭ އިދާރާތަކުން މޮނިޓަރ ކުރުން މުހިންމެވެ.
އިމާރާތްތަކުން ވެއްޓޭ އެއްޗަކުން ޖެހި މަގުމަތިން ހިިނގާފައި ނުވަތަ ދުއްވާފައިދާ މީހަކަށް ބޮޑު އަނިޔާއެއް ވެދާނެކަމަށްޓަކައި މޫސުމަށް ބަލައިގެން ތަކެތި ރައްކާކޮށްފައި ބެހެއްޓުމާއި، ހަދަމުންދާ އިމާރާތްތަކުގެ މަތިން އެއްޗެހި ނުވެއްޓޭ ގޮތަށް ޓިނު ޖަހާފައި ނުވަތަ ދާޖަހާފަ ބެހެއްޓުމަކީ ރައްކާތެރިގޮތެކެވެ.
ވިއްސާރައިގެ ސަބަބުން އިމާރާތްތަކުން އެއްޗެއް ވެއްޓުމުގެ ކުރިންވެސް އިމާރާތްކުރުމުގެ ގާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް މީހުންނަށް ގެއްލުމެއް ނުލިބޭނެގޮތަކަށް ސައިޓްތައް ބެހެއްޓުން މުހިންމެވެ. ފަރުވާކުޑަކޮށް ދޫކޮށްލާފައިވާ ކަމެއްގެ ސަބަބުން މީހަކަށް ބޮޑު އަނިޔާއެއް ލިބުމުގެ ކުރިން ކަންކަން އިސްލާހު ކުރަންޖެހެއެވެ.
ދަތުރުވެރިން ސަލާމަތްތެރިކަން ކަށަވަރުކުރުން މުހިންމު
މޫސުމާ ބެހޭ އިދާރާއިިން ވަނީ މިއަދު ހއ. އަތޮޅުން ފެށިގެން ފ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައެވެ. ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މާލެ ސަރަހައްދާ މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްތަކުގައި ވަނީ ފެންބޮޑުވެފައެވެ. އަދި ދަނޑުބިންތަކާއި އާންމުންގެ ގެދޮރަށްވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ. ވިއްސާރައިގެ ސަބަބުން ކަނޑުތައް ގަދަވެ ދަތުރުފަތުރަށްވެސް ވަނީ ބުރޫއަރާފައެވެ. މިދުވަސްވަރު ބައެއް ރަށްތަކަށް އުދައަރާނެ ކަމަށްވެސް މޫސުމާބެހޭ އިދާރާއިން ލަފާކުރެއެވެ.
ރާޅުތަކުގެ އުސްމިން އުޅޭނެކަމަށް ލަފާކުރެވެނީ 5 ފޫޓާއި 8 ފޫޓާއި ދެމެދުގެ މިންވަރަކަށެވެ. އޮޑިދޯނި ފަހަރު ގެންގުޅޭ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުތައް ރޭވުމަށާއި، އުޅަނދުތަކުގައި ހުންނަންވާ ސަލާމަތީ ކަންކަން ފުރިހަމަކޮށްގެން ކަނޑުދަތުރު ކުރުމަށް އެމްއެންޑީއެފްގެ ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފައެވެ.
ކަނޑުތައް ގަދަވެ އޮއިބާރުވެފައިވާއިރު މާލެ އަތޮޅު އެރިޔަދޫ ރިސޯޓުގެ ދެ ނޯޓިކަލް މޭލު އުތުރުން، އިރުއުތުރަށް އުޅަނދެއްގެ ބައެއް އޮޔާދާތީ އެކަމަށް ސަމާލުވުމަށްވެސް ކޯސްޓްގާޑުން ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކަށް އަންގާފައެވެ. ކަނޑުމަތީގެ ހާދިސާއެއް ދިމާވެއްޖެނަމަ ނުވަތަ އެހީތެރިކަމެއް ދިމާވެއްޖެނަމަ ކޯސްޓްގާޑަށް ގުޅޭނެ ނަމްބަރަކީ 191 އެވެ.