November 23, 2024 07:58
Advertisement

-Advertisement-

ސްރީލަންކާގައި ކުރިއަށްގެންދިޔަ ހަމަނުޖެހުމެއްގެ ތެރެއިން. ފޮޓޯ: ސޯޝަލް މީޑިއާ

ސްރީލަންކާގެ ހާލަތު ދިވެހިންގެ ދުލުން

ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން ސްރީލަންކާއަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ސަރުކާރާ ދެކޮޅަށް ސިލްސިލާ މުޒާހަރާތަކެއް ކުރިއަށް ގެންގޮސް ހަމަނުޖެހުންތަކެއް ހިންގައިފައިވާއިރު، ކުރީގެ ބޮޑުވަޒީރު އިސްތިއުފާ ދީ އާ ބޮޑުވަޒީރެއް ވަނީ އައްޔަންކޮށްފައެވެ. ސްރީލަންކާގައި ދިރިއުޅޭ ދިވެހި ބައެއް އާއިލާތަކުގެ ތަޖުރިބާ 'ޒީޓައިމްސް' އާއި ވަނީ ހިއްސާކޮށްފައެވެ. މިގޮތުން ލަންކާގައި ދިރިއުޅެމުން އަންނަ އައިމިނަތު އިނާޝާ އޭނާގެ ތަޖުރިބާ ހިއްސާ ކުރިއެވެ. އޭނާ ދިރިއުޅެނީ ޕާލިމެންޓް ކައިރީ ސަރަހައްދެއްގައި ކަމަށް ވުމުން ވަރަށް ބޮޑަށް ރައްކާތެރިކަމުގެ ފިޔަވަޅު އެސަރަހައްދުގައި އަޅައިފައިވާ ކަމަށް އިނާޝާ ފާހަގަކުރިއެވެ.

ކާބޯތަކެތި، ބޭސްފަރުވާ އަދި ވަކިވަކި ޚިދުމަތްތަކުގައި ހުރި ދަތިތައް

ކުރިން ލަންކާއަކީ ކާބޯތަކެތީގައި އެއްވެސް ދަތި ކަމެއްނެތި ހެޔޮ އަގުގައި އެއްޗެހި ލިބެން ހުންނަތަނަކަށް ވާތީ އެކަމުގެ ފަސޭހަކަން ވަރަށް ބޮޑެވެ. ނަމަވެސް މިހާރު ތާޒާ މޭވާ އަދި މީގެ ތެރެއިންވެސް ޚާއްސަކޮށް އިމްޕޯރޓްކުރާ މޭވާ ކަހަލަ އެއްޗެހި ލިބުން ވަރަށް ދަތިއެވެ. އިނާޝާ ބުނިގޮތުގައި އެހިސާބުގައި ތަރުކާރީވެސް ލިބެއެވެ. އެހެންނަމަވެސް ބައެއް ހިސާބުތަކުގައި ތަރުކާރީގެ ބާވަތްތައް ލިބުން ދަތި އެވެ.

Advertisement

ޕެޓްރޯލް އަދި ގޭސް ފަދަ ތަކެތީގެ އަގު އަރައިގެން ގޮސްފައިވަނީ ވަރަށް ބޮޑަށެވެ. ގޭސް އެއްގޮތަކަށްވެސް ނުލިބޭތާ މިހާރު 2 ހަފްތާ ވެއްޖެއެވެ.

" އެހެންވީމަ ދެން ކައްކަންޖެހެނީ ކަރަންޓުން. އެކަމަކު ކަރަންޓްވެސް ވަރަށް ގިނައިން ދާތީ ވަރަށް ދަތި. ކާބޯތަކެތި ލިބުމުގައި ފުދޭ ވަރަކަށް ދަތިވެގެން ދިޔަ ކަމުގައިވީނަމަވެސް ލިބޭ އެއްޗެހިން ފުއްދާލައިގެން އުޅެނީ. ބައެއް ތަކެތި މާލެއިން ގެނެސްގެން ކުރިން އުޅުނީ. ރޯދަމަހު ބަޓަރ ކަހަލަ އެއްޗެހި މުޅިންވެސް ގެނައީ މާލެއިން. ދަރިފުޅު ވަރަށް ދެރަވެލާފައި ބުނީ ބިސް ނުލިބިއްޖިއްޔާ ދެން ލަންކާގައި ނޫޅޭވެނޭޔޭ.. ވަރަށް ދެރަވޭ މިކަހަލަ ކަންކަމުގައި ކުދިންގެ ކެއުމަށް އަސަރުކުރާތީ". އިނާ ފާހަގަކުރިއެވެ.

ދެހިވަލާގައި އުޅޭ ޒަމްހީނާ ބުނިގޮތުގައި ފެން އަގުބޮޑުވުމުގެ އިތުރަށް ބައެއްފަހަރު ފެން ލިބުމުގައިވެސް ދަތިތަކާ ކުރިމަތިވެއެވެ.

" ދަރިފުޅުގެ ނެޕީ ކިރުދަޅުވެސް އުދަގޫ ހޯދަން. ކުޑަ ޕެކެޓެއް ހުރެދާނެ ބައެއްފަހަރު ލިބެން، ގިނަފަހަރަށް މާލެއިން ގެނެސްގެން އުޅެންޖެހެނީ.
ބޭސްފަރުވާގެ ކަންކަމަށް މާބޮޑު ތަފާތެއް ނުފެނޭ. ޑޮކްޓަރަށް ދެއްކުމަށް ގޮސްއުޅެނީ ޕްރައިވެޓް ހޮސްޕިޓަލް ތަކަށް".

އެއްވެސް ވަރަކަށް ބޭރަށް ނިކުމެ އުޅެން އުދަގޫތަ؟

ދެހިވަލާގައި ބޭރަށް ނުކުމެ އުޅެވުނަސް ރައްކާތެރި ކަމަށް ނުފެންނާތީ ނުނިކުންނަ ކަމަށް ޒަމްހީނާ ވަނީ ބުނެފައެވެ. ރައްޓެހިންގެ ވެހިކަލްގައި ބޭރަށް ދަނީ ގެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް ގަތުމަށް އެކަނިކަމަށް އިނާ ވަނީ ފާހަގަކޮށްފައެވެ. 

ލަންކާގެ ހާލަތާމެދު ކުރެވޭ އިހްސާސް
ލަންކާގެ ބައެއް ސިޔާސީ ވެރިންގެ ގޭގޭގައި އަލިފާން ރޯކޮށް ބޮޑެތި ހަމަނުޖެހުންތަކެއް ހިންގާ މުޒާހަރާކޮށްފައިވާއިރު، މި ހަމަނުޖެހުންތަކުގައި މީހުން މަރުވެ ތަންތަނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. 

" ވަރަށް ލޯބިވާ ތަނެއް. ވަރަށް ގިނަ ރައްޓެހިންވެސް ތިބޭ. ވޭތުވެދިޔަ 7 އަހަރު މިއުޅެނީ ވަރަށް ހިތްހަމަޖެހިގެން. މިއީ ސެކަންޑް ހޯމް. މިއަދު ވަރަށްދެރަވޭ ލަންކާގެ ހާލަތު އޮތްގޮތުން. މިވީ 7 އަހަރު ދުވަހުގެ ތެރޭގަ ނުދެކެން އިގްތިސާދު މިހާބޮޑަށް ދަށަށް ގޮސްފަވަނިކޮށް. މިކަމުގަ ބޮޑަށް އަސަރުކޮށް ހާލުގައި އުޅެނީ ލަންކާގެ ރައްޔިތުން. އަހަރުމެންނަށް މާލެއިން އެއްޗެހި ގެނެސްގެން އުޅެލެވޭ.. އެކަމަކު ލަންކާގެ ބައެއް ރައްޔިތުން އުޅެނީ ބޭނުންވާ ޒަރޫރީ ބޭނުންތައް ނުފުއްދި ހާލުގައި. ޑޮލަރަކަށް 400 ރުޕީސް ލިބޭއިރު އަހަރުމެން ދިވެހިންނަށް ތަކެތި އަގުބޮޑެއްނޫން". އިނާ ބުންޏެވެ.

ސްރީލަންކާގައި ކުރިއަށްގެންދިޔަ މުޒާހަރާއެއްގެތެރެއިން. ފޮޓޯ: ފައިނޭންޝިއަލް ޓައިމްސް

މާލެ ބަދަލުވުމުގެ ވިސްނުން އެބަގެންގުޅެންތަ؟
" ލަންކާއަށް ބަދަލުވީއިރުވެސް އޮތް ހާލަތުގައި މާލެއޮތީ. މާބޮޑު ކުރިއެރުމެއް ނުލިބޭ. އެއްޗެހީގެ އަގުވެސް މިހާރަށް ބަލާނަމަ އަދި މާބޮޑު. ދެމަފިރިން މަސައްކަތްކޮށްގެން ލިބޭ މުސާރަ ކުއްޔާއި ލޯނަށް ދައްކާފަ އުޅެން ވަރަށް ދަތިތަނެއް މާލެއަކީ. މާލެ ބަދަލުވުމުގެ ޚިޔާލެއް އަދި ނެތް". އެހެންނަމަވެސް ކުދިން ކިޔަވާ ނިމުމުން އެކަމާމެދު ވިސްނާނެ ކަމަށް އިނާ ވަނީ ބުނެފައެވެ. އަދި ޒަމްހީނާ ވެސް ވަނީ މާލެ ބަދަލުވުމާމެދު ވަކިގޮތެއް ނުނިމޭ ކަމަށް ބުނެފައެވެ.

ކުދިންގެ ކިޔެވުން ކުރިއަށްދަނީ ކިހިނެއް؟

" އޮންލައިންކޮށް ކްލާސްތައް ގެންދަނީ. ޕެންޑެމިކްގައި އޮންލައިންކޮށް ކްލާސްތައް ނެގުމަށް ކުދިން ތިބީ ހޭނިފަ. ކަރަންޓް ކެނޑޭތީ ލެކްޗަރާސްއަށް އެންމެ އެދެވޭ ގޮތުގައި ކުލާސް ކުރިއަށް ނުގެންދެވޭ".

ޖުމްލަގޮތެއްގައި ދިވެހިންގެ ހާލު ކިހިނެއް؟

ހަމަނުޖެހުން އެންމެބޮޑަށް ކުރިއަށްދިޔަ މެއިމަހުގެ 9 ވަނަ ދުވަހުގެ ކުރިން ތަންތަނަށް ދިއުމަށްވެސް މާބޮޑު ދަތިތަކެއް ކުރިމަތި ނުވާކަމަށާއި، ރޭލުގައިވެސް ދަތުރުކުރެވޭ ކަމަށް ވަނީ ބުނެފައެވެ. އެހެންނަމަވެސް މިހާރު ބޭރަށް ނިކުމެ އެކަކު އަނެކަކާ ބައްދަލުވުންވެސް ވަރަށް މަދު ކަމަށާއި، ސްރީލަންކާގައި އުޅޭ ގިނަ ދިވެހިންގެ ހާލަތު ހުރީ ދާދި އެއްގޮތަކަށް ކަމަށް 'ޒީޓައިމްސް' އިން ސުވާލުކުރި މީހުންގެ ވާހަކައިން ވަނީ އެނގިފައެވެ.

ސްރީލަންކާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް ދިވެއްސަކަށް ގެއްލުން ލިބުނުކަމުގެ ރިޕޯޓެއް ލިބިފައެއް ނެތެވެ. 

ބައެއް ދިވެހިން މިވަގުތު ތިބީ ސްރީލަންކާގެ ހާލަތު ރަނގަޅުވަންދެން ރާއްޖެ އައިސްފައެވެ. އޭގެތެރެއިން ބައެއް މީހުން ބުނީ އޮންލައިންކޮށް ކުލާސްތަކުގައި ބައިވެރިވެވޭތީ، އެނބުރި ސްރީލަންކާއަށް ދާނީ އެގައުމުގެ ހާލަތު ރަނގަޅުވުމުން ކަމަށެވެ.

+1
0
+1
0
+1
3
+1
0
+1
2
+1
0
+1
1

Advertisement

ގުޅުންހުރި ލިޔުންތައް