November 24, 2024 02:44
Advertisement

-Advertisement-

ކުރުވާހަކަ: ވީ މޯޅި މާ އެ ފޮޅިދާނެތޯ؟

އެއީ އާދައިގެ ވާހަކައެއް ނޫނެވެ. ރާއްޖޭގެ ނިސްބަތުން ތަފާތު ވާހަކައެއްވެސް މެއެވެ. ނަމަވެސް އެވާހަކަވެސް ވަކި ހިސާބަކުން ނިންމާލަންޖެހުނީއެވެ.  ބައެއް މީހުންގެ ނަޒަރުގައި އެއީ އެ ދެމީހުންގެވެސް ގޮތް ދޫނުކުރުމުގެ ނަތީޖާއެވެ. އަނެއްބަޔަކު ބުނާގޮތުން އެއީ އެމީހުންނަށް ހުރިގޮތެވެ. މިދެ ގޮތުންކުރެ ކޮންމެ ގޮތެއް ވިޔަސް އެކަން އެ ވަނީ ސިއްކަޖެހިފައެވެ. އެކަމަށް ކުރެވޭނެކަމެއް ނެތެވެ.

ހޫނު މެންދުރެއްގެ އެންމެ އަވިބާރު ގަޑީގައި ރަށުގެ ތުނޑީކޮޅާ ދިމާލަށް ހިނގަމުން އެދަނީ އެވާހަކައިގެ ބަޠަލާއެވެ. އާއެކެވެ. ޤައިލާއެވެ. އެއްވެސް ހިފެހެއްޓުމެއްނެތި ދޫކޮށްލާފައިވާ ފަން އިސްތަށިގަނޑު، އޭނާގެ އެ ބާރު ހިނގުމަށް ކިޔަމަންނުވެ، ވަޔާއެކީ ނަށަމުން ދިޔައީ މުޅި ހިސާބަށް އެ އިސްތަށިގަނޑުގައި ދުވަމުންދިޔަ ފިނިފެންމަލުން ދުވާފަދަ މީރު މަޑުމަޑު ވަހެއް ފަތުރަމުންނެވެ. ލައިގެން ހުރީ ކަކުލާހަމައަށްހުރި، ހުދުކުލައިގެ ގަޔަށް ދޫކޮށް ހެދުމެކެވެ. އަތުން ފެންފައިވާނުގެ ވަދުގައި ހިފަހައްޓައިގެން އެހާ ބާރަށް ހިނގާފައިދާންޖެހޭ އެއްވެސް ސަބަބެއް، ''ހާޖަތެއް'' ޖެހިފައިވާމީހަކަށް ނޫނީ ނެތެވެ.

މާދުރުން ޤައިލާ ފެނުނު ބަޔަކު އޭނާ މޫދަށް އެރެންދަނީއޭ ކިޔާ އެވާހަކަދެއްކިއެވެ. އެހެންނަމަވެސް އެވާހަކަ ޤަބޫލުނުކުރާ ދެތިން މީހަކުވެސް އެ މީހުންގެ ތެރޭގައި ތިއްބެވެ. ރަށުގެ ވަށައިގެން އެހާ ރީތި ދޮންވެލީގެ ސާލަކާއިއެކު ފެހިނުލުގެ މޫދެއް އޮންނައިރު މޫދަށް އެރެން ވަކި ދިމާލަކަށް ދާކަށް ނުޖެހެއެވެ.

Advertisement

އެއީ ޒުވާން ކުއްޖެކެވެ. މެދުމިނުގެ އިސްކޮޅަކާއި ހެދިހުރި ހަށިގަނޑެކެވެ. އުމުރަށް ބަލަންޏާ މިހާރު ގައިމުވެސް ވިއްސަށްވުރެ މަތިވެދާނެއެވެ. އެހެންކަމަށްވަންޏާ އެހާ ބާރު ސްޕީޑެއްގައި ތުނޑީކޮޅަށް މިސްރާބު ޖަހާފައި އެހެރީ ކޮންމެވެސް ފިރިހެން ސޮރެއްގެ މައްސަލައިގައިކަމަށް ޤައިލާ ދުށް ބައެއް މީހުން ނިންމިއެވެ.

މަންޒަރު ސާފުވީ ޤައިލާ އެދިމާލަށް ދަނިކޮށް ފުރަގަހުން ފެނުނު މީހުންނަށް ނުފެންނަ ފަރާތް ފެނުމުންނެވެ. ވިހުރެމުންދިޔަ އިސްތަށިގަނޑުމޫނުގައިވެސް އޮޅެމުން ނަށަމުންދިޔައިރު އެ އިސްތަށިގަނޑު ނަގާ ހުޅިޖެހި ހިސާބުންނެވެ. ޤައިލާގެ މޫނާއި ދެލޯ ވަނީ ރަތްވެފައެވެ. އެހާ ގަދަ އަވީގައި ރަށުގެ އެއްކޮޅުން އަނެއްކޮޅަށް ހިނގާފައި ދިއުން އެއީ އެއްސަބަބެވެ. އަނެއް ސަބަބަކީ އޭނާ އެހިސާބަށް އައީވެސް ރޮމުންކަމަށްވާތީއެވެ. ރަށާއި އިންވެގެންކަހަލަ ގޮތަކަށް ވަރަށް ގާތުގައި އޮތް ފަޅުރަށާއިދިމާލަށް މޫނު އަނބުރާލައިގެން، މަގޫގަހެއްގެ ގޮފިގަނޑަކުން ވެލިގަނޑުގައި ކުރަހާލަ ކުހަރާލަ އެއިނީ ވަކި ޚިޔާލެއްގައި ނޫންކަން އެނގެއެވެ. އެކަމަކު އެ ސިކުނޑީގައި އެނބުރެމުންދާ ހައިޖާނުގެ އަސަރު އެ ދަނޑިގަނޑުން އެ އޮމާން ވެލިގަނޑަށް ކޮށްޕާލާއިރު ފަހުމްވެއެވެ. ޤައިލާ އެ ހިސާބަށްވެސް އައީ ރޮމުންނެވެ. އަޑުން އަޑުނަގާ ރޮމުންނެވެ. ކޮންފަދަ ބޮޑު ވޭނެއްހެޔެވެ. ކޮންފަދަ ބޮޑު ތަކުލީފެއް ހެއްޔެވެ. ހަމަ އެކަކާވެސް ހިއްސާނުކޮށް އެކަނިމާއެކަނި، އިންސާނެއްގެ ހިލަމެއްނުވާ ތުނޑީކޮޅުގައި އިނދެ ކަރުނައިގެ ސިފައިގައި އެ ޝަކުވާތައް ބަންޑުންކުރަމުން އެދަނީ އިންސާނުންނަށްވުރެ ކަނޑުން ނަގަމުންދާ ރާޅާއި، ޖެހެމުންދާ ވައި އޭނާގެ ހާލާއިމެދު ހަމްދަރުދީ ވާތީއެވެ.

ކިތަންމެ ރީތި ރޯޅި އައިސް އޭނާގެ ކޯތާފަތުގައި ބީހުމަށްފަހު ކަރުނަތައް ފޮހެމުންދިޔަޔަސް، ރީތި ރާޅުތައް އެނާގެ ފައިކިރިޔާ ބީހިލި ހިސާބުގައި ބޮސްދިނަސް، ޖެހެމުންދިޔަ ވައިގެ ޖާދޫގައި އެއް މިއުޒިކަކަށް އެ ހިސާބުގައިވާ ހުރިހާ ގަސްތަކަކާއި ރުށްތައް ނެށިކަމުގައިވިޔަސް، އޭނާގެ ކަންފަތަށް އެ އަޑެއް ނީވެއެވެ. އެ އިހުސާސެއް ނުކުރެއެވެ. ގުގުމަމުން ދިޔައީ އޭނާގެ މުޅި އުމުރު އެމީހަކާއެކީ ހުސްކޮށްލަން އަޒުމް ކަނޑައަޅައިގެން ހުރި އޭނާގެ ލޯބިވެރިޔާގެ އަނގައިން ދުވަހަކުވެސް އިވިދާނެކަމަށް ހިތަށްވެސް ސިކުނޑިއަށްވެސް ނުގެނެވޭ ލަފްޒެކެވެ.

''އަހަރެން އެހެން މީހަކާ އިންނަން ބޭނުން''  ކޮޓަރިތެރޭގައި ދެމީހުން ތިބެ ދެއްކި ވާހަކައެއްގެ ތެރެއިން އޭނާގެ ލޯބިވެރިޔާ އެބުނި ޖުމްލައަކީ ސަމާސާއެއް ނޫނެވެ. އެއީ ކޮޓަރިތެރޭގައި ބުނި ޖުމްލައަކަށްވިޔަސް ކޮޓަރިން ބޭރުގައިވެސް އެނޫން އަޑެއް ޤައިލާއަކަށް ނީވެއެވެ.

އެކަމަކު ޤައިލާއާއި އަރީޖްގެ ލޯބީގެ ވާހަކަ ފެށުނު ގޮތާއި އެވާހަކައިގެ ކޮންމެ ސަފްޙާއަކީ ދިރިތިބީންގެ ހިތަށް ހަމަޖެހުމާއި އުފާވެރިކަން ގެނުވި ސަފްޙާއެކެވެ.

އާންމުކޮށް އަންހެން ކުއްޖަކާ ފިރިހެންކުއްޖަކަށް ދިމާނުވާފަދަ ތަފާތު ގޮތަކަށް ދިމާވި މި ދެލޯބިވެރިންގެ ވާހަކަ ފެށެނީ 7 ފެބްރުއަރީންނެވެ. މުޅި ރާއްޖެއަށް މިފަހުން ގެނުވި އެންމެ ބޮޑު ސިހުމުގައި، އެންމެ ބިރުވެރި ވަގުތުގައި ދިމާވި އެ ދެމީހުންގެ ވާހަކަ ފެށުނީ އެހިސާބުންނެވެ. ދެވަނައަށްވެސް ދިމާވީ ހަމަ އެކަހަލަ ހާދިސާއަކުންނެވެ. ދެމީހުން އެކުގައިވުމަށް ވަޢުދުވުމަށްފަހުވެސް ދިމާވާ ކޮންމެ ރެއަކީ، ދުވަހަކީ، ނުވަތަ ވަގުތަކީ ''ރޮމޭންޓިކް'' ވަގުތެއް، ރެއެއް، ނުވަތަ ދުވަހެއްގެ ބަދަލުގައި ކޮންމެވެސް ބޮޑު ހާދިސާއެއް ހިނގި ދުވަހެކެވެ. ނުވަތަ ވަގުތެކެވެ.

އެހެންނަމަވެސް އެ ދެމީހުންގެ ހިތުގައި ޖަހަމުންދިޔަ ވިންދާއެކު ފޮޅެމުންދިޔަ މާތަކުގެ މީރުވަސް މުޅި ފަޒާއަށް ފަތުރާލިއިރު އެ ވަސް ކެނޑިދާނެ ދުވަހެއް އަތުވެދާނެކަމަށް ނުވިސްނެއެވެ. މާ ގިނަ ދުވަހެއް ނުވެ އަރީޖަށް ޤައިލާއަށްވުރެ މާރީތި، މާ ހިތްކިޔާ ކުދިން ފެނި، އެކުދިންނާއެކު ވަގުތު ހޭދަކުރެވެން ފެށުނެވެ. އަރީޖަކީ ކާމިޔާބު މީހެކޭ ބަޔަކު ލައްވާ ބުނުވަން އުޅޭކަހަލައެވެ. ކޮންމެހެން މާރީތި ނޫނަސް ފެންނަ ، ފަސޭހައިން ''އަތުއަޅުވާލެވޭ'' ކޮންމެ މީހަކާ އަރީޖް ދިޔައީ ވާހަކަދައްކަމުންނެވެ. ރައްޓެހިންގެ ތެރޭގައި މަޝްހޫރުވީމައެވެ. އެމީހުންގެ ދުލުން ''ގަދަ'' މީހެއްކަމަށް ބުނާތީއެވެ. ޤައިލާއަކީ ''އިންނަން'' ބަހައްޓާފައި ހުރި ކުއްޖާއެވެ. އެހެންކަމުން ކޮންމެ ފަދަ ގޮތަކަށް އަރީޖް އުޅުނަސް ޤައިލާ އޭނާ ދޫކޮށްފައިނުދާނެއެވެ. އެއަށްވުރެ ޤައިލާ އަރީޖްދެކެ ލޯބިވެއެވެ. އަދި ބަޔަކު ދައްކާ ވާހަކައެއްވެސް ޤައިލާ ގަބޫލު ނުކުރާނެކަމުގެ ފުރިހަމަ ޔަގީންކަން އަރީޖަށް އޮވެއެވެ. އެކަމަކު އެކަން އަބަދު އެހެން އޮންނާނީ ކިހިނެއް ހެއްޔެވެ. އަރީޖް އެ ކުރިކަމެއްކުރީ ސީރިއަސްކޮށް ކަމުގައި ނުވިޔަސް، އެކަމުގެ ސަބަބުން ޤައިލާގެ މުޅި ހަޔާތަށް ހަރީފް މޫސުން ފެތުރިއްޖެކަހަލައެވެ. އެކަން އެނގިގެން ކުރެވޭ ޝަކުވާތައް ގިނަވުމުން އަރީޖަށް ރުޅި ކޮންޓްރޯލްނުވެ ބުނެވޭ ކޮންމެ ބަހަކާއެކު ތުނިތުނި ހުވަނދުމަލެއްފަދަ ނާޒުކު ޤައިލާ މިލާ މޯޅިވާން ފެށިއެވެ. ހިތުގައި އުފެދެމުން ފުނިޖެހެމުންދިޔަ ޝަކުވާތައް ބަޔާންނުކޮށް ހުރުމުގެ ސަބަބުން ސިއްޙީ ގޮތުންވެސް އެތައް ކަމަކަމާ ކުރިމަތިލާންޖެހިއްޖެއެވެ. ދުނިޔޭގައި ހުރީތީ ދިރިއުޅުނެއްކަމަކު އެ މާ މޯޅިވެއްޖެއެވެ. އެ މޯޅިވި މާ އަލުން ފޮޅިދާނެތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލަން ޤައިލާ މިއަދު ބޭނުންވެއެވެ.

....

+1
0
+1
0
+1
4
+1
0
+1
1
+1
0
+1
1

Advertisement

ގުޅުންހުރި ލިޔުންތައް