September 21, 2024 00:19
Advertisement

-Advertisement-

ރަސޫލާ ﷺ ގެ ސީރާ: ދެއްވި އިންޒާރުގެ ތަޤުރީރު

ރަސޫލާ ﷺ ދެވަނަ މަރުހަލާގައި ދީނަށް ގޮވައިލެއްވިއިރު އެކަން ކުރެއްވީ ދެފިޔަވައްސަކަށެވެ. ފުރަތަމަ ފިޔަވަހީގައި އެކަލޭގެފާނު ދީނަށް ގޮވައިލެއްވީ އެކަލޭގެފާނުގެ ގަބީލާ ބަނޫ ޙާޝިމަށެވެ. އެކަލޭގެފާނުގެ އާއިލާ މީހުންނަކީ މިގަބީލާގެ މީހުންނެވެ. އާއިލާގެ މެމްބަރުންނަށް ދީނަށް ދަޢުވަތު ދެއްވުމަށްޓަކައި އެކަލޭގެފާނު ކުޑަކުޑަ ޖާފަތެއް އިންތިޒާމްކުރެއްވިއެވެ. މިކަމުގައި އިސްކޮށް އުޅުއްވީ ޢަލީގެފާނުއެވެ. މިޖާފަތަށް އެކަލޭގެފާނުގެ އާއިލާއިން ސާޅީސް މެމްބަރުން ހާޒިރުވިއެވެ. މިއެންމެން ކެއުމަށް އޮތީ ކަންބަޅިއެއްގެ އެންމެ ފައެކެވެ. އެކަލޭގެފާނު ކާބޯތަކެއްޗަށް ބަރަކާތްލެއްވުމަށް ދުޢާކުރައްވައި ފަރިއްކުޅުއްވަން ފެއްޓެވިއެވެ. އެންމެން ބަނޑުފުރެންދެން ކޭއިރުވެސް ކާބޯތަކެތި ހުސްނުވެއެވެ. އެހެންކަމުން މިޖާފަތަކީ މުޢުޖިޒާތެކެވެ. ރަސޫލާ ﷺ ވާހަކަފުޅު ނުފައްޓަވަނީސް އެކަލޭގެފާނުގެ ބޮޑުބޭބެ އަބޫ ލަހަބު ޖާފަތުން ވަކިވިއެވެ. އޭނާ ބައްދަލުވުމުން ވަކިވީ މިބައްދަލުވުމުގައި ރަސޫލާ ﷺ ދީނުގެ ދަޢުވަތް އާންމުކުރައްވާނެކަމަށް އޭނާއަށް ވިސްނުމުންނެވެ. އޭނާ އުޒުރެއް ދައްކާފައި ދިއުމުން އެހެން ބައެއް މީހުންވެސް ބައްދަލުވުންދޫކޮށް ދިޔައެވެ.

ރަސޫލާ ﷺ ދެވަނަ ފަހަރަށްވެސް ޖާފަތެއް އިންތިޒާމްކުރައްވާފައި އާއިލާ މެމްބަރުންނަށް ދަޢުވަތު ދެއްވިއެވެ. މިފަހަރު އެންމެން ކާންތިއްބާ އެކަލޭގެފާނު ދީނަށް ގޮވައިލައްވަން ފެއްޓެވިއެވެ. އެގޮތުން ﷲ ގެ އިސްމުފުޅުން ފަށައިގެން މިހާރު މުސްލިމުން ޚުޠުބާފަށާ އިބާރާތުން ނަސޭހަތްޕުޅު ފެއްޓެވިއެވެ. މިޚުޠުބާގައި އެކަލޭގެފާނު އެމީހުން ގާތަށް ވަޑައިގެންނެވި ވާހަކަފުޅަށްވުރެ ވަކިން ފައިދާހުރި ވާހަކައެއް ހިފައިގެންއައި އެހެން ޢަރަތްބަކު އެމީހުން ގާތަށް ވަޑައިގެންނެވިކަން އެނގިވަޑައިނުގަންނަވާކަމަށް ވިދާޅުވިއެވެ. އެކަލޭގެފާނު ވަޑައިގަތީ ﷲ ފޮނުއްވުމުން އެކަލާނގެ ރަސޫލާގެގޮތުގައި މިދުނިޔެއާއި އާޚިރަތް ލިބިދޭނެ ދީނަކާއިގެންކަމަށް ވިދާޅުވިއެވެ. އެމީހުން އަޅުކަންކުރާ ބުދުތައް ދޫކޮށް އެމީހުން ﷲ އަށް އީމާންވެއްޖެނަމަ އެމީހުންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެކަމުގައި ވިދާޅުވިއެވެ. ދެން އަބޫލަހަބު ރުޅިގަދަވެ ނީންދެވިގެން ތެދުވުނެވެ. އެއަށްފަހު އާއިލާ މެމްބަރުންނާއި މުޚާޠަބުކޮށް ބުނިގޮތުގައި މީބޭކާރު ވާހަކައެކެވެ. އެމީހުން އަޅުކަންކުރުމަށްޓަކައި އެމީހުންގެ ކާބަފައިން ގެނެސްދިން ދީން އެބައޮތްކަމުގައި ބުންޏެވެ. އެއަށްފަހު ރަސޫލާ ﷺ އަށް އިޝާރާތްކުރައްވައި އެމީހުންގެ ކާބަފައިންގެ ގޮތްތަކާއި ޖަދަލުކުރަން އެޒުވާނާއަކީ ކޮންބޭކަލެއްތޯއޭ ބުނެ އޭނާ ބައްދަލުވުން ދޫކޮށް ދިޔައެވެ. ބައްދަލުވުމަށް އައި އެހެން މެންބަރަކު ރަސޫލުﷲ އާއި އެއްކޮޅަށްވެސް އަދި ދެކޮޅަށްވެސް އެއްޗެއް ނުބުނެއެވެ. ބައެއް ރިވާގައި، ބައްދަލުވުމުގައި އެންމެކުޑަކޮށްހުރި ޢަލީ ތެދުވެވަޑައިގެން ރަސޫލާ ﷺ އަށް ދެންނެވިކަމަށްވަނީ އެކަލޭގެފާނު ރަސޫލާ ﷺ އަށް އެހީތެރިވެދެއްވާނެކަމަށެވެ.

ދުވަސްކޮޅެއްފަހުން ރަސޫލާ ﷺ މުޅި މައްކާގައި ދީނަށް ގޮވައިލައްވަން ފެއްޓެވިއެވެ.

Advertisement

ބުޚާރީގައި ހަދީޘް. ރަސޫލާ ﷺ އެއްދުވަހަކު ޞަފާ ފަރުބަދައަށް އެރުއްވިއެވެ. މިފަރުބަދައަކީ ގެފުޅާއި އެންމެ ކައިރީގައި ހުރި ފަރުބަދައެވެ. އަދި އޭރު އެފަރުބަދަ މިހާރު ހުރިވަރަށްވުރެވެސް އުސްވާނެއެވެ. އެދުވަސްވަރު މީހަކު ޞަފާ ފަރުބަދައަށް އަރައިފިނަމަ އޭގެ މާނަޔަކީ އާންމުކޮށް އިޢުލާންކުރަންޖެހޭ ކޮންމެވެސް ބޮޑު ވާހަކައެއްއޮތީއެވެ. ރަސޫލާ ﷺ ފަރުބަދައަށް އަރުއްވައި ޤުރައިޝުންގެ ގަބީލާތަކަށް ގޮވައިލެއްވިއެވެ. އިސާހިތަކު މީހުންގަނޑު ގެފުޅު ވަށާ ފުރާލިއެވެ. ދެން ރަސޫލާ ﷺ ވާހަކަފުޅު ފެއްޓެވިއެވެ. އެކަލޭގެފާނު ފުރަތަމަ ސުވާލުކުރެއްވީ އެމީހުންނަށް އެކަލޭގެފާނު އެނގޭވަރު ބުނެދިނުމަށެވެ. އެހިނދު އެމީހުން އެކަލޭގެފާނަކީ ކޮން ބޭކަލެއްކަން ދަންނަވައި އެކަލޭގެފާނަކީ އަމާނާތްތެރިޔާކަމުގައި ދެންނެވިއެވެ. ދެން ރަސޫލާ ﷺ އެމީހުންނާއި ސުވާލުކުރެއްވީ އެކަލޭގެފާނު އެމީހުން ގާތު ވާހަކައެއް ވިދާޅުވެއްޖެނަމަ އެކަލޭގެފާނަށް އިތުބާރުކޮށް އެވާހަކަ ގަބޫލުކުރާނެތޯއެވެ؟ ދެން މީސްތަކުން ޖަވާބުގައި ދެންނެވީ ރަނގަޅު ކަމެއް ނޫނީ އެމީހުން އެކަލޭގެފާނުގެ ކިބައިން ނުދެކޭކަމަށެވެ. ދެން އެކަލޭގެފާނު ވިދާޅުވީ އެމީހުންނަށް ހަމަލާދިނުމަށް ފަރުބަދައިގެ އަނެއްފަރާތުން ހަނގުރާމައިގެ ލަޝްކަރެއް އަންނަކަމުގައި އެކަލޭގެފާނު ވިދާޅުވެއްޖެނަމަ އެކަން އިތުރަށް ނުބަލައި އެއީ ތެދެއްކަމަށް އެމީހުން ގަބޫލުކުރާނެތޯއެވެ؟ އެހިނދު މީސްތަކުން ދެންނެވީ އެމީހުން އެކަލޭގެފާނުގެ ބަސްފުޅު ވަގުތުން ގަބޫލުކުރާނެ ކަމަށެވެ. އެއީ އެކަލޭގެފާނު ދުވަހަކުވެސް އިތުރުފުޅެއް ހައްދަވާފައިނުވާތީއެވެ.

ދެން ރަސޫލާ ﷺ ވާހަކަފުޅު ފެއްޓެވިއެވެ. 'އޭ އަޚުންނޭ އަޑުއަހާ! އޭ އާއިލާ މީހުންނޭ އަޑުއަހާ! ތިމަންކަލޭގެފާނަކީ އިންޒާރުކުރައްވަން ﷲ ފޮނުއްވި ބޭކަލަކުކަމުގައި ދަންނާށެވެ. ތިޔަބައިމީހުން ބުދުތައް ދޫކޮށް ﷲ އަށް އީމާންވެއްޖައުމަށް ދާދެން ތިޔަބައިމީހުންނަށް ނަރަކައިގެ ގަދަފަދަވެގެންވާ ޢަޒާބު އާޚިރަތް ދުވަހުން ލިބޭނެއެވެ.'

އެކަލޭގެފާނު ވަކިވަކިން ޤުރައިޝް ވަންހައިގެ ގަބީލާތަކުގެ ނަން އިއްވައި މީސްތަކުން ނަރަކައިގެ އަލިފާނުން ސަލާމަތްވުމަށް ނަސޭހަތްދެއްވިއެވެ.

'އޭ ކަޢުބުގެ ގަބީލާއެވެ. ތިޔަބައިމީހުން ނަރަކައިގެ ޢަޒާބުން ސަލާމަތްވާށެވެ. ދެން އެކަލޭގެފާނު ބަނޫ ޙާޝިމަށް މުޚާޠަބުކުރައްވައި އެކަލޭގެފާނުގެ ބޮޑުބޭބެ ހަމްޒާއަށް މުޚާޠަބުކުރެއްވިއެވެ. ދެން އެންމެފަހުން އެކަލޭގެފާނުގެ ދަރިކަނބަލުންނަށް މުޚާޠަބުކުރެއްވިއެވެ.

'އޭ ފާޠިމާ ބިންތި މުޙައްމަދު. ކަމަނާ ނަރަކައިގެ އަލިފާނުން ކަމަނާ ސަލާމަތްކުރައްވާށެވެ.' އެންމެފަހުން އެކަލޭގެފާނު ވިދާާޅުވިކަމުގައިވެއެވެ. 'ތިމަންކަލޭގެފާނުގެ އަތްޕުޅުގައި ކަލޭމެންގެ ތަޤުދީރާގުޅޭގޮތުން ﷲ ގެ ޙަޟުރަތުން އަންނަ ކަމެއްގައި އެއްވެސް ބާރެއްނުވޭ. ތިޔަބައިމީހުންނާ ތިމަންކަލޭގެފާނާމެދު ޚާއްޞަގުޅުމެއްވޭ. އޭގެތެރޭގައި އާއިލީ ގުޅުން ހިމެނޭ. މިގުޅުމަށް އިހުތިރާމްކޮށް މިގުޅުން ދަމަހައްޓަން ކުރެއްވެންހުރި ހުރިހާކަމެއް ކުރައްވާނަން.'

އެއް ރިވާގައި ބުނާގޮތުން މިގުޅުން ދެމެހެއްޓުމަށްޓަަކައި އެކަލޭގެފާނުގެ އަތްޕުޅުގައި ހުރިނަމަ ހުރިހާ މުދަލަކާއި ފައިސާއެއް އެމީހުންނަށް ދެއްވާނެކަމުގައި ރަސޫލާ ﷺ ވިދާޅުވިކަމުގައިވެއެވެ. އަދި އެކަލޭގެފާނު އެމީހުންނަށް ދެއްވައި ބަނގުރޫޓުވެވަޑައިގަންނަވާނެ ކަމުގައިވެސް ވިދާޅުވިކަމުގައިވެއެވެ. އަދި އެމީހުން އަތުން އެކަލޭގެފާނު އެއްވެސް ކަމަކާއި އެއްޗެއް ބޭނުންނުވާކަމުގައި ބަޔާންކުރެއްވިއެވެ. އެކަމަކު އާޚިރަތް ދުވަހު އެކަލޭގެފާނަށް އެމީހުންނަށް އެއްވެސްކަމެއް ކޮށްނުދެއްވޭނެ ވާހަކަ ތަކުރާރުކޮށް ވިދާޅުވިއެވެ.

ރަސޫލާ ﷺ ދެއްވި އިންޒާރުގެ ތަޤުރީރަކީ އިލްހާމުން ފުރިފައިވާ އެއްޗެކެވެ. ހަމައެހެންމެ އެކަލޭގެފާނުގެ ވާހަކަފުޅުވީ ޖަޒުބާތުން ފުރިފައިވާ ވާހަކަފުޅަކަށެވެ. ދެން އަބޫލަހަބު ތެދުވެ އެކަލޭގެފާނާއި ދިމާއަށް ވެލިއުކިއެވެ. އޭނާގެ ބޭނުމަކީ ރަސޫލާ ﷺ ދެރަކޮށް އެކަލޭގެފާނު ނިކަމެތިކުރުމެވެ. ދެން އޭނާ ރަސޫލާއާއި ދިމާއަށް އެކަލޭގެފާނަށް ހަލާކުހުއްޓޭ ގޮވިއެވެ. އަދި އެކަލޭގެފާނު އެމީހުން ޖަމާކުރެއްވީ އެމީހުންގެ ދީނުން އެމީހުން ނެރެންތޯ ސުވާލުކުރިއެވެ. އަބޫލަހަބު މިފަދައިން ނުބައިކަން ދެއްކުމުން ﷲ ލަހަބު ސޫރަތް ބާވައިލެއްވިއެވެ.

ރަސޫލާ ﷺ ގެ ރިސާލަތާއި ފާޅުގައި އާންމުންގެ މެދުގައި ފުރަތަމަ ދެކޮޅުހެދި މީހަކީ އަބޫލަހަބެވެ. އަދި ފާޅުގައި އެކަލޭގެފާނަށް ފުރައްސާރަކުރި ފުރަތަމަ މީހަކީވެސް އޭނާއެވެ. ރަސޫލާގެ އަރިހުގައި އެކަލޭގެފާނު ގެކޮޅުގައި އުޅުއްވާއިރު އަބޫލަހަބު މިފަދަ ނުބައިކަމެއް ނުދައްކައެވެ. އާންމުންގެ މެދުގައި އޭނާގެ ނުބައިކަން ދެއްކުމުގެ ބޭނުމަކީ އޭނާގެ މޮޅުކަމާއި ކެރޭކަމާއި ހިތްވަރުގަދަކަން މީހުންނަށް ދެއްކުމެވެ. ﷲ ރަސޫލަކު ފޮނުއްވި ކޮންމެ ފަހަރަކު އެޤައުމެއްގެ ބަޔަކު އެރަސޫލަކާއި ދެކޮޅުވެރިވިއެވެ. އެހެންކަމުން ރަސޫލާ ﷺ އާއި ދެކޮޅުވެރިކަން ކުރިމަތިވުން އެއީ އެކަލޭގެފާނަށް އެކަނި އޮތްކަމަކަށްނުވިއެވެ.

ނުނިމޭ..

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ވަނީ ގެނެސްދީފައެވެ. 

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް