November 22, 2024 02:03
Advertisement

-Advertisement-

ދިވެހި ސަގާފަތަށް ލޯބިކުރާ ކަނބަލެއް

އާއިލާތެރެއިން ދިވެހި ކެއްކުމުގެ ތެރެއަށް ޝައުގުވެރިކަން އުފެދި އެކަން ދެމެހެއްޓުމަށްޓަކައި އަބަދުވެސް ހިތްވަރާއެކު މަސައްކަތްކުރަމުންދާ އައިމިނަތު ނާޒްލީ އިބްރާހީމް އާއްމު ނަމުންނަމަ ނާޒް އަކީ ހިތްވަރުގަދަ މީހެކެވެ. އަދި ރެޖިސްޓަރޑް ޕޭސްޓްރީ ޝެފެއްގެ ގޮތުގައި މަސައްކަތްކުރާ ނާޒްއަކީ ހިތްހެޔޮ މިޒާޖެއްގެ މީހެކެވެ. ކުޑަކުދިންގެ ދިވެހި ލިބާހާއި، ލިބާހާއެކު ބޭނުންކުރާ ރުމާފަޅިއަކީވެސް ތައްޔާރުކުރަމުން އަންނަ އެއްޗެކެވެ. ލޯބި ލޯބި އާއިލާއަކާއި މާމަކުދިންނާއެކު ދިރިއުޅުމުގައި ދިމާވި ގޮންޖެހުންތަކާ ކުރިމަތިލައި އަމިއްލަ ބްރޭންޑެއް އުފައްދާ ކެއްކުމާއި ގުޅޭ ފޮތް ނެރެ އެދާއިރާގައި ވަރަށް ބުރަކޮށް ދަނީ މަސައްކަތް ކުރަމުންނެވެ. 

ދާއިރާއަށް ޝައުގުވެރިވިގޮތް:

ހަނދާން ހުންނަން ފެށީއްސުރެ ނާޒްމެންގެ ގެއަކީ ހަނދުވަރުހޮޓާހިންގާ ހެދިކާ ހެދުމުގައި ވަރަށް މަޝްހޫރު ގެއަކަށްވެފައި އެކަމުގެ ތެރޭގައި އުޅުމުގެ ސަބަބުން ކެއްކުމަށް ޖެހިފައިވާ ލޯބި ވަރަށްވެސް ބޮޑެވެ. ވަޒީފާގައި އުޅެމުން ކެއްކުމާއި ކޭކު އެޅުމަކީ ހޮބީއެއްގެ ގޮތުން ގޭގައި ކުރަމުން އައި ކަމެއްކަމުގައި ނާޒް ވަނީ ބުނެފައެވެ.

Advertisement

" ޚާއްސަކޮށް ދިވެހި ރަހަތައް އޭގެ އަސްލު ގޮތުގައި ބެހެއްޓުމަށް މާމަ އާއި ބައްޕަ ފަރާތުން ދަސްވި. އެހެންވެ ބޮޑަށް ބޭނުންވީ ދިވެހި އެއްޗެހި ކައްކާ އެއާއި ގުޅޭ އިލްމް އެހެން މީހުންނަށް އުނގަންނައިދޭން." ކުރީގެ ހަނދާންތައް އާކުރަމުން ނާޒް ކިޔައިދިނެވެ.

އާންމުންނަށް ނާޒް އެނގެންފެށީ ކޮންއިރަކު؟

1992ވަނަ އަހަރުން ފެށިގެން ނާޒްއަކީ ކޭކު އެޅުމުގައި މަޝްހޫރުވެގެން ދިޔަ މީހެކެވެ. "ކޭކު ޑިޒައިންކޮށް އޯޑަރަށް އެކިކަހަލަ ކޭކު އެޅުމާއި ކޭކު ކޯސްތައް ހިންގުމުގައި ވަރަށް ގިނަ ދުވަހު މަސައްކަތްކުރިން. ޝުގަރ ފްލާވަރ ހަދަން ދަސްކޮށްދީ ތަފާތު ވައްތަރުގެ ޝޯޓްއީޓްސް ހަދާ ވިއްކިން. ނަރުހެއްގެ ވަޒީފާ އަދާކުރުމުގައި ވަރަށް ބުރަކޮށް މަސައްކަތްކުރަމުން ކޭކު ހެދުމަށް ވަގުތު ހުސްކުރަން". ކޭކް އެޅުމާ ގުޅޭގޮތުން ކުޑަ ތައާރަފެއް ކިޔާދެމުން ބުންޏެވެ.

ދާއިރާގައި ކުރެވުނު ތަޖުރިބާ:

ދިވެހި ރަހަތަކަށް ލޯބިކުރާ މީހުންނަށް ބޭނުންވި ހިތްހަމަޖެހޭ ރަހަތައް ގެނެސްދިނުމުގައި ވަރަށް ގިނަ ދުވަސް ހޭދަކުރަން ޖެހުނުކަން އެއީ އެންމެ އުދަގޫވި އަދި އެންމެ ބޮޑު ގޮންޖެހުންކަމުގައި ނާޒް ފާހަގަކުރިއެވެ. "މާމަ އަބަދުވެސް ދޭނެ ހަވާދު ނަގާފައި ފުނޑަން. އެހާބޮޑަކަށް ނޭންގޭ މިންގަޑުތަކެއް. އޭރު ވަރަށް ކުޑަވާނެ. މާމަ ކައިރީ ކެއްކުމުގައި އެހީވާން އުޅުނު މީހުންނާއި އަދި ބައްޕަ ހޮޓަލުގައި ކައްކަން އުޅުނު އެންމެ އިސްމީހުން ކައިރިއަށް ގޮސްގެން ދަސްކުރީ. ރަހަތައް ގެންނަން ދަސްކުރީ ވަރަށް ގިނަ ދުވަހު މަސައްކަތްކުރުމަށްފަހު ކަމުގައި ނާޒް ފާހަގަކުރިއެވެ. މިހާރު ވަރަށް ހިތްހަމަޖެހޭ މިންވަރަށް ދިވެހި ރަހަތައް ގެނެވިއްޖެކަމަށްވެސް ނާޒް ކިޔައިދިނެވެ. ނާޒްގެ ކެއްކުމުގައި އެންމެ ހިތްހަމަޖެހޭ ކަމަކަށްވީ މިކަމެވެ.

ދިވެހި ލިބާހާއި ރުމާފަޅި- ނާޒްގެ އުފެއްދުމެއް

ދޭން ބޭނުންވާ މެސެޖް:

"ދިވެހިވަންތަ ދިވެހީންގެ ގޮތް އެއީ ނާޒް އަބަދުވެސް ވަރަށް ލޯބިކުރާ ކަމެއް. އެއީ އަހަރުމެން ކާބަފައިން އަހަރުމެންނަށް ދަސްކޮށްދިން ރީތި ނަމޫނާ. ދިވެހީން ދިވެހިންގެ ގޮތުގައި އެއޮންނަ ލޯތްބާއި އިހްތިރާމް ބޭއްވުން." ކޮންމެ ގައުމެއްގައިވެސް އެގައުމެއްގެ ސަގާފަތަކީ އެބަޔަކު ލޯބިކުރާނެ ކަމެއްކަން ޔަގީނެވެ. ހަމަ އެގޮތަށް ދިވެހި ރަހަތައް އަހަރެމެންގެ ތެރެއިން ނެތިގޮސް އޭގެ އަސްލު ގެއްލި ދާތީ އެއީ ނާޒް ވަރަށް ކަންބޮޑުވާ ކަމެއްކަމުގައި ފާހަގަކުރިއެވެ. ބޮޑަށް މިކަން ދިމާވަނީ  ބިދޭސީންނާއި ކައްކަން ހަވާލުކޮށް އެއަށް އުނިއިތުރު ގޮތްތައް ގެންނާތީ ކަމުގައި ނާޒް ދެކެއެވެ. އަދި އަބަދުވެސް އެދޭ ކަމެއް އޮވެއެވެ. އެއީ ދިވެހީންގެ މީރު ރަހަތައް އޭގެ އަސްލު ގޮތުގައި އަންނަންއޮތް ޖީލުތަކަށް ފޯރުކޮށްދިނުމެވެ. އެގޮތުން ނާޒްގެ ކައްކާފޮތް މަލާފަތަކީ އަންނަން އޮތް ޖީލަށްވެސް ފައިދާކުރާނެ ފޮތެއްގެ ގޮތުގައި ނެރެފައިވާފޮތެކެވެ.

މާމަ ދަރިންނާއެކު ނާޒް

ކެއްކުމާއި ގުޅޭގޮތުން އެންމެ ފަޚުރުވެރިވި ދުވަހަކީ ކޮބާ؟

ބޭނުންވީ އެހެންމީހުންނަށް މިކަމުން އެއްޗެއް ދަސްކޮށްދީ ތަފާތު ދިވެހި ރެސިޕީތައް ލިޔެ ފޮތެއް ނެރެން. އިދާރަކުރެއްވީތީ އެކަން ހާސިލްކުރެވުނު. މިގޮތުން 2010 ވަނަ އަހަރު މަލާފަތް 1 ބާޒަރަށް ނެރެވި އަދި މަލާފަތް 2 ވަނީ 2016 ގައި ނެރެފައެވެ. އަމިއްލަ ބްރޭންޑެއްކަމަށްވާ "ރަހަމަލާފަތް" މިނަމުގައި ދިވެހި ހަވާދުގެ ބާތަތްތައް ތައްޔާރުކޮށް ވިއްކުމަކީ ނާޒް ވަރަށް ހިތްހަމަޖެހޭ ކަމެއް ކަމަށް ފާހަގަކުރިއެވެ. "ވަރަށް ގިނަ ދުވަހުގެ މަސައްކަތުން އަދި އެއީ ވަރަށް ދެކެން ބޭނުންވި ހުވަފެނެއް. އަދި ޚާއްސަ ކަމެއްގެ ގޮތުގައި ފާހަގަ ކުރާ ކަމެއްކަމުގައި ނާޒް ބުނީ ބޮޑެތި ހަފްލާތަކަށް ކެއްކުމުގެ ފުރުސަތު ލިބުން އެއީ ވަރަށް އުފާވާ ކަމެކެވެ.

ޝުކުރު އަދާކުރަން ބޭނުންވާ މީހުން

މަސައްކަތުގައި އެންމެ ބޮޑު އެއްބާރުލުން އަބަދުވެސް ލިބުނީ ފިރިކަލުންނާއި އާއިލާގެ ފަރާތުން ކަމުގައި ނާޒް ފާހަގަކުރިއެވެ. ކައްކާ ފޮތް ނެރުމުގައި އެންމެ ބޮޑު ހިތްވަރެއް ލިބުނީ ބޮޑުދައިތަ ދަރިއެއް ކަމަށްވާ އަހުމަދު ޝުހާދުގެ ފަރާތުން ކަމަށްވާތީ އޭނާއަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރަން ބޭނުންވާ ކަމުގައި ފާހަގަކުރިއެވެ.

ނާޒް އުފައްދާ ހަވާދު ޕެކެޓް

ދެކެން ބޭނުންވާ ހުވަފެން:

މިހާރު ނާޒްގެ އެންމެ ބޮޑު އެއް މަސައްކަތަކީ ދިވެހި ހަވާދު ތައްޔާރު ކުރުން ކަމަށްވާތީ އެހަވާދު ތައްޔާރު ކުރާނެ ވަކި ތަނެއް ހުރުން ކަމުގައި ވަނީ ބުނެފައެވެ. "މިހާރުވެސް ބޭރު ގައުމުތަކުގައި ތިބޭ ބައެއް ދިވެހީން ނާޒްގެ ހަވާދު ގަނެގެން ގެންދޭ". އެހެންނަމަވެސް މި ހަވާދު ބޭރު ގައުމެއްގެ ބާޒާރުގައި ވިއްކަން ލިބުން އެއީ އަބަދުވެސް ވަރަށް ދެކޭ ހުވަފެނެއްކަމުގައި ނާޒް ބުންޏެވެ. މިހާރު ނާޒްގެ އެންމެ ބޮޑު ހުވަފެނަކީ ރިސޯޓެއްގައި ނާޒްގެ އަމިއްލައަތުން ދިވެހިކެއުން ތައްޔާރުކޮށް ފަތުރުވެރިންނަށް އިންސާފުކޮށްލަން ލިބުމެވެ.                                                                                

+1
2
+1
7
+1
0
+1
1
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް