އުމުރުން 4 އަހަރުގެ އައިޝާ އައިލިޝް އިސްމާއީލް އަކީ އުފަންވީއިރު ވެސް ހުރިހާ ގުނަވަނެއް ފުރިހަމައަށް އުފެދިފައިވާ ކުއްޖެއް ނޫނެވެ. އައިލިޝް އުފަންވީއިރު އަނގައިގަ ހުރި ލޯވަޅެއްގެ ސަބަބުން ކާން ދިނުމަށް ދަނީ ދަތިތަކެއް ކުރިމަތިވަމުން ކަމަށް އައިލިޝްގެ މަންމަ ފާތިމަތު ފަޒުލީނާ ވަނީ 'ޒީޓައިމްސް' އަށް މައުލޫމާތު ދީފައެވެ.
" ކާން ދޭން ފެށުމުން ކާތަކެތި ނޭފަތުގެ ހޮޅިތެރެއަށް ދާ ގޮތް މެދުވެރިވޭ. އަދި ބޯން ދޭ ފެން ނޭފަތުން އާދޭ އަނގައިގަ ހުންނަ ލޯވަޅު ނުބެދި ހުރުމުން. އިންޑިއާ އަމްރިތާ ހޮސްޕިޓަލުން 4 ފަހަރު ވަނީ އެ ލޯވަޅު ބެއްދުމަށް މަސައްކަތް ކޮށްފަ. އަދި މާލެ އިން 2 ފަހަރު ވަނީ އަނގައިގެ އޮޕަރޭޝަން ކޮށްފަ. އެކީގަ ލޯވަޅު ބެއްދޭ ގޮތެއް ނުވޭ" ފަޒުލީނާ މައުލޫމާތު ދިނެވެ.
އައިލިޝްގެ މައިންބަފައިން ވަނީ އިތުރު ފަރުވާއަށް މިދިޔަ މަހުގަ ވެސް އިންޑިއާ އަށް ގޮސްފައެވެ. އިންޑިއާގެ 'ރިޗަރޑްސަންސް ޑެންޓަލް އެންޑް ކްރެނިއޮފޭޝިއަލް ހޮސްޕިޓަލް' އިން ދީފައިވާ ލިޔުމެއްގައިވާ ގޮތުން އައިލިޝްގެ އަނގައިގެ ލޯވަޅު ބެއްދުމަށް ކުރާ އޮޕަރޭޝަނަށް އެކަނި 4 ލައްކަ އިންޑިއަން ރުޕީސް ބޭނުންވެއެވެ.
މިއީ އާސަންދަ ލިބޭ ހޮސްޕިޓަލަކަށް ނުވުމުން އައިލިޝްގެ މައިންބަފައިން މިވަނީ ފުރަތަމަ ފަހަރަށް އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.
ތަފާތު އެތައް ފަހަރެއްގެ މަތިން އިންޑިއާއިން ފަރުވާ ހޯދާފައިވާ އައިލިޝް އަކީ އުމުރުން 4 އަހަރު ފުރުނުއިރު ވެސް ހިނގޭ ކުއްޖެއް ނޫނެވެ. އެހެންނަމަވެސް ގިނަ ފަރުވާތަކަކަށްފަހު އަމިއްލައަށް އިށީދެވެއެވެ. ފިރުކެއެވެ. އަދި އެހީތެރިކަމާއެކު ކޮޅަށް ހުރެވެއެވެ. ފަޒުލީނާގެ އެންމެ ބޮޑު އުންމީދަކީ އައިލިޝްގެ އަނގައިގެ އޮޕަރޭޝަން ކާމިޔާބުވެ އިތުރު ފަރުވާ ހޯދާ އައިލިޝް އަށް އަމިއްލައަށް އުޅެވޭނެ ވަރު ކޮށްދިނުމެވެ.
އައިލިޝް އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް:
އެކައުންޓް ނަންބަރު:
އައިޝާ އައިލިޝް އިސްމާއީލް: 7730000176797 (ބީއެމްއެލް)
ފާތިމަތު ފަޒުލީނާ: 90103100521481000 (އެމްއައިބީ)
ނޯޓް: އައިލިޝް ގެ ހައްގުގައި ފަޒުލީނާ ވަމުންދާ ގުރުބާނީ އާއި ދައްކަމުންދާ ހިތްވަރާގުޅޭ ރިޕޯޓެއް ޒީޓައިމްސް އިން ވާނީ 2021 ވަނަ އަހަރުގެ ޖެނުއަރީމަހު ވެސް ގެނެސްދީފައެވެ. ތިރީގައި މިވަނީ ކުރިން ޕަބްލިޝް ކުރި ރިޕޯޓްގެ ލިންކެވެ.
https://www.xeetimes.com/2793/