September 21, 2024 01:30
Advertisement

-Advertisement-

ގުދުރަތީ ރީތި މަންޒަރެއް/ ފޮޓޯ: ދަ އެކްޓިވް ޓައިމްސް

ރަސޫލާ ﷺ ގެ ސީރާ: ކުރިމަތިވެވަޑައިގެންނެވި އެންމެ ދަތި އުނދަގޫ އެއްވަގުތުކޮޅު

ރަސޫލާ ﷺ ދެން ގެންދެވީ ހުރިހާ ތަނެއްގައި ފާޅުގައި ދީނަށް ގޮވައިލައްވަމުންނެވެ. އެގޮތުން އާންމު ތަންތަނުގައި ދީނަށް ގޮވައިލެއްވިއެވެ. ކައުބަތުﷲ ކައިރީގައި ދީނަށް ގޮވައިލެއްވިއެވެ. މައްކާއަށް ޙައްޖުވާން އަންނަ މީހުންނަށް ދީނަށް ގޮވައިލެއްވިއެވެ. މިގޮތަށް ފާޅުގައި ދީނަށް ގޮވައިލައްވަން ފެއްޓެވުމުގެ ނަތީޖާއަކަށްވީ އެކަލޭގެފާނާއި ދެކޮޅަށް ޤުރައިޝުންގެ ބޮޑުން ނިކުތުމެވެ. މުސްލިމުންނާ ދެކޮޅުވެރިކަމާއި އަނިޔާ ކުރިމަތިވީ ފާޅުގައި ރަސޫލާ ﷺ ދީނަށް ގޮވައިލައްވަން ފެއްޓެވުމުންނެވެ.

ރަސޫލާ ﷺ ދީނަށް ގޮވައިލެއްވި ގޮތްތަކުން ލިބޭ ފިލާވަޅުތައް ގިނައެވެ. މިކަމުން އެނގެނީ ދީނަށް ގޮވައިލައި ނަސޭހަތް ދޭއިރު ތިމާއާއި އެންމެ ގާތް މީހުންނާއި ހިސާބުން ފުރަތަމަ ފަށަންޖެހޭކަމެވެ. އެއަށްފަހު ތިމާގެ ރަށުގެ މީހުންނަށް ދަޢުވަތު ދޭންޖެހޭކަމެވެ. ރަސޫލާ ﷺ ކަންކުރެއްވީ އެފަދައިންނެވެ. ދެވަނައަށް އެކަލޭގެފާނު ދީނަށް ގޮވައިލެއްވީ މައްކާގެ މީސްތަކުންނަށެވެ. އެންމެފަހުން އެކަލޭގެފާނު ދީނަށް ގޮވައިލެއްވީ މުޅި އިންސާނިއްޔަތަށެވެ. އެހެންވެ އަދުގެ ދާޢީންވެސް ދީނަށް ދައުވަތު ދިނުމުގައި ބަލަންޖެހެނީ ރަސޫލާ ﷺ ކަންކުރެއްވިގޮތަށެވެ.

މައްކާގެ މުޝްރިކުން ޚާއްޞަކޮށް ޤުރައިޝް ވަންހައިގެ ބޮޑުން ތަފާތު ގޮތްގޮތަށް ރަސޫލާ ﷺ އާއި ދެކޮޅުހަދައި އެކަލޭގެފާނު ހުއްޓުވަން މަސައްކަތްކުރިއެވެ. ތިރީގައި ބަޔާން މިކުރަނީ އެމީހުން ބޭނުންކުރި ތަފާތު ގޮތްތަކެވެ. އެކަލޭގެފާނު ހުއްޓުވަން އެމީހުން އެންމެފުރަތަމަ ބޭނުންކުރީ ވެރިކަމުގެ ބާރެވެ. އެގޮތުން އެކަމުގައި އެމީހުން ބައްދަލުކޮށް މަޝްވަރާކުރީ މައްކާގެ ވެރިޔާގެ ގޮތުގައި ބެލެވުނު އަބޫ ޠާލިބާއެވެ.

Advertisement

މައްކާގައި މިދުވަސްވަރު ސިޔާސީ ބާރު އިންތިޒާމް ކުރެވިފައިވަނީ ވަރަށް ތަފާތު ގޮތަކަށެވެ. އެމީހުންގެ ތެރޭގައި އިންތިޒާމަކުން ހަމަޖެހިފައިވާ އިސްވެރިޔަކު ނެތެވެ. މައްކާގައި ހައެއްކަ ގަބީލާ ދިރިއުޅުނުއިރު ކޮންމެ ގަބީލާއެއްގައި އެގަބީލާގެ ވެރިޔަކު ހުރިއެވެ. ސިޔާސީގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި އެމީހުންގެ ބައްދަލުވުންތައް ހިނގީ ދާރުއްނަދުވާގައެވެ. ދާރުއްނަދުވާގައި ގަބީލާތައް ތަމްޘީލު ކުރުމަށްޓަކައި ކޮންމެ ގަބީލާއަކުން މަންދޫބުން ތިބިއެވެ. އަދި މިމަންދޫބުންގެތެރޭގައި ކުދި ގަބީލާތަކުގެ މަންދޫބުންވެސް ހިމެނުނެވެ. މިސިޔާސީ އިންތިޒާމުގައި އަބޫ ޠާލިބަކީ ބަނޫ ޙާޝިމްގެ އެންމެ އިސްވެރިޔާއެވެ. ބަނޫ ޙާޝިމަކީ ޤުރައިޝުންގެތެރޭގައި އޮތް އެންމެ ވަރުގަދަ ގަބީލާއެވެ. ޢަރަބި ޘަގާފަތުގައި އޮތް ވަރުގަދަ އެއް ހަމައަކީ ގަބީލާއަކުން އެގަބީލާއެއްގެ ވެރިޔާއާދެކޮޅަށް ބަޣާވާތްނުކުރުމެވެ. އެހެންކަމުން ވެރިމީހާއަށް ވަފާތެރިވުމަކީ އެމީހުންގެ ކިބައިގައި އޮތް ރީތި ސިފައެކެވެ.

ކޮންމެއަކަސް ޤުރައިޝުންގެ ބޮޑުން އަބޫ ޠާލިބާއި ބައްދަލުކޮށް އިޙުތިރާމާއެކު އެކަލޭގެފާނު އަރިހުގައި ރަސޫލާ ﷺ ގެ ވާހަކަދެއްކިއެވެ. އެމީހުން ބަޔާންކުރިގޮތުގައި އެކަލޭގެފާނުގެ ކޮއްކޯފުޅު އެމީހުންގެ ބުދުތަކަށް ހަލާކަށް އެދިވަޑައިގަތުމަށްފަހު އެމީހުންގެ ކާބަފައިން އުޅުނުގޮތް ދޫކުރައްވަން ގޮވައިލައްވަނީއެވެ. އެހެންވެ އެކަން ހުއްޓުވައިދެއްވުމަށް އިލްތިމާސްކުރިއެވެ. ޤުރައިޝުންގެ އަޑު އައްސަވާފައި އަބޫ ޠާލިބު އެމީހުންނަށް ރައްދުނުދެއްވާކަމުގައިވިއެވެ. އަދި މިކަމުގައި އެކަލޭގެފާނު ވަކިކޮޅެއްވެސް ނުނެންގެވިއެވެ. އެއް ރިވާ ބުނާގޮތުން އެކަލޭގެފާނު މައުޟޫން ދުރަށްޖެހިވަޑައިގެން އިހުތިރާމާއެކު އެމީހުންނާއި ވާހަކަފުޅުދައްކަވައި އެމީހުން ފޮނުވާލެއްވިއެވެ. އެއީ އެކަން ހިނދިގެން ހިނގައިދާނެކަމަށް ބައްލަވާފައެވެ.

އަބޫ ޠާލިބު ހީފުޅުކުރެއްވިގޮތަށް މައްސަލަ ހިނދިގެން ނުދިޔައެވެ. އަނެއްކާވެސް ދެތިން ހަފުތާފަހުން ޤުރައިޝުން އެކަލޭގެފާނުގެ އަރިހަށް އައެވެ. އެއީ އެމީހުންގެ ދީން ދޫކުރާ މީހުން ގިނަވެ ޙައްޖުވެރިންވެސް މިރިސާލަތުގެ ވާހަކަދައްކަން ފެށުމުންނެވެ. މިފަހަރު އަބޫ ޠާލިބަށް ބާރުބޮޑުކުރުމުގެ ގޮތުން އެމީހުން އެކަލޭގެފާނަށް ބިރުދައްކައި ރިޝްވަތު ހުށަހަޅައި ހެއްލުންތެރިކުރުވަން މަސައްކަތްކުރިއެވެ. އެމީހުން ދެންނެވިގޮތުގައި އެކަލޭގެފާނުގެ ކޮއްކޮ އެމީހުންގެ ކާބަފައިންނަށް ފުރައްސާރަ ކުރަނީއެވެ. އެހެންވެ އިތުރަށް އަޅާނުލައި ނުތިބެވޭނެއެވެ.

ހަގީގަތުގައި ރަސޫލާ ﷺ އެފަދައިން ދީނަށް ގޮވައިނުލައްވައެވެ. އެކަލޭގެފާނު ވިދާޅުވަމުންގެންދެވީ ބުދަށް އަޅުކަންކުރުމަކީ މޮޔަކަމެއް ކަމުގައެވެ. އެކަމަކު މިބީދައިން އެމީހުން ވާހަކަދެއްކުމުގެ ބޭނުމަކީ ނަފުސާނީ ގޮތުން އަބޫ ޠާލިބުގެ ބުއްދިއާއި ކުޅެ އެކަލޭގެފާނު އެމީހުންކޮޅަށް ދީލާލުމެވެ.

އަންޢާމް ސޫރާ 108

މިއަދުގެ ހާލަތަށް ރިއާޔަތް ކުރާއިރުވެސް ކަންހުރީ ރަސޫލާ ﷺ ގެ ޒަމާނުގައިވެސް ކަންހުރިގޮތަށެވެ. މިހާރުވެސް ދީނުގެ ޢަދުއްވުން ކުދިކުދި ކަންކަން ނަގައިގެން ދީނާއި ދިމާކުރަނީ 'އިސްލާމްބަލި' މިނަމުގައެވެ. އެމީހުންގެ ވާހަކަތައް ބިނާކުރަނީ އިސްލާމްބަލިން ސަލާމަތްވުމަށެވެ.

ކޮންމެއަކަސް މިފަހަރު ޤުރައިޝުން އަބޫ ޠާލިބު އަރިހުގައި ދެންނެވީ ރަސޫލާ ﷺ ގެ މަސައްކަތްޕުޅު ހުއްޓުވުމަށެވެ. އެކަލޭގެފާނަށް އެކަން ނުކުރެއްވޭކަމަށްވާނަމަ ރަސޫލާ ﷺ އެމީހުންނާއި ހަވާލުކުރެއްވުމަށެވެ. އަބޫ ޠާލިބުގެ މުޅި ހަޔާތްޕުޅުގައިވެސް ޤުރައިޝުންގެ ބަޔަކު މިގޮތަށް އެކަލޭގެފާނާއި ކުރިމަތިނުލައެވެ. އާންމުކޮށް ވެރިންނަކީ ބޭރުފުށުން ފިސާރި ބާރުގަދަ އެކަމަކު އެތެރެފުށުން ފިސާރި ދެރަވަރު ބައެކެވެ. އެހެނީ ވެރިންނަށް ލިބިދޭ ބާރު ހަގީގަތުގައި އަންނަނީ ރައްޔިތުންގެ ކިބައިން ކަމުގައިވާތީއެވެ. ރައްޔިތުންނަށް ވެރިމީހާ ބަރޯސާވާންޖެހޭތީއެވެ. އެހެންވެ ވެރިޔަކު ވެރިޔަކަށްވަނީ ރައްޔިތުން އެދޭގޮތަށް ކަންކޮށްދީގެންނެވެ. ޚުދުމުޚުތާރު ވެރިޔާއަށްވެސް ވެރިކަމުގައި ހުރެވެނީ ބާރުގަދަ މަދުބަޔަކު ރުއްސައިގެންނެވެ.

ޤުރައިޝުންގެ އެންމެން ނިކުމެ އަބޫ ޠާލިބާއި ކުރިމަތިލުމުން އެކަލޭގެފާނަށް ކޮންމެވެސް ފިޔަވަޅެއް އަޅަން މަޖުބޫރުވެވަޑައިގަތެވެ. ދެން އެކަލޭގެފާނު ރަސޫލާ ﷺ ގެންނަވައި ދެންނެވިއެވެ.

'އޭ ތިމަންގެ ކޮއްކޯފުޅެވެ. ތިމަންގެ މީސްތަކުން ތިމަންގެ ގާތަށް އަތުވެއްޖެއެވެ' ދެން އަބޫ ޠާލިބު ވާހަކަފުޅު ކުރިއަށް ގެންދަވައި ޤުރައިޝުންގެ ހުށަހެޅުން ވިދާޅުވެއްދެއްވިއެވެ. އެއަށްފަހު ވިދާޅުވިއެވެ. 'ކަލޭގެފާނަށް ކަލޭގެފާނު ރަޙުމްކުރައްވައި ތިމަންއަށް ކަލޭގެފާނު ރަޙުމްކުރައްވާށެވެ.' ދެން އިތުރަށް އަބޫ ޠާލިބު ވިދާޅުވިގޮތުގައި އެކަލޭގެފާނަކީ އުމުރުން ދުވަސްވެ ބަލި ބޭކަލެކެވެ. އެހެންވެ އެކަލެގެފާނަށް ނުއުފުއްލެވޭވަރުގެ ބުރައެއް އެކަލޭގެފާނަށް ނުޖެއްސެވުމަށް އެދިވަޑައިގަތެވެ. އެކަލޭގެފާނު ލޯތްބާއެކު ދެއްކެވި މިވާހަކަފުޅަކީ އިޙުސާސުން ރަސޫލާ ﷺ މައިތިރިކުރެއްވުމަށް ބޭނުންފުޅުކުރެއްވި އުކުޅެއްކަމުގައި ބެލެވިދާނެއެވެ. އެހެނީ އެއްފަހަރުވެސް އެކަލޭގެފާނު ރަސޫލާ ﷺ ކުށްވެރިނުކުރައްވައެވެ. އަދި ރަސޫލާ ﷺ ކުރައްވާކަމަކާވެސް ދެކޮޅުނުހައްދަވައެވެ.

މިހާދިޘާ ވެގެންދިޔައީ ރަސޫލާ ﷺ ގެ ހަޔާތްޕުޅުގައި އެކަލޭގެފާނާއި ކުރިމަތިވެވަޑައިގެންނެވި އެންމެ ދަތި އުނދަގޫ އެއްވަގުތުކޮޅަށެވެ. އެހެނީ އަބޫ ޠާލިބުގެ ބޭފުޅުންނަށްވުރެ ބޮޑަށް ރަސޫލާ ﷺ ދެކެ ލޯބިފުޅުވީތީއެވެ. ހަމައެގޮތަށް އެކަލޭގެފާނަށް ބޮޑުބޭބެ ބަފައިކަލުންނަށް ވެފައިވީތީއެވެ. އެވަގުތު ރަސޫލާ ﷺ ވެސް ޖަޒުބާތުން ފުރިބަންޑުންވިއެވެ. އެއަށްފަހު ބޮޑުބޭބެ އަރިހުގައި ވިދާޅުވިއެވެ.

'އޭ ތިމަންކަލޭގެފާނުގެ ބޮޑުބޭބެއެވެ! ﷲ ގަންދީ ދަންނަވަމެވެ! އެބައިމީހުން ތިމަންކަލޭގެފާނުގެ ކަނައަތްޕުޅުގައި އިރު ބަހައްޓައި ވާއަތްޕުޅުގައި ހަނދު ބެހެއްޓިއަސް، ތިމަންކަލޭގެފާނުގެ މަސައްކަތްޕުޅު ކާމިޔާބުވުމަށް ދާދެން ނުވަތަ މިރިސާލަތު ފަތުރުއްވަނިކޮށް އަވަހާރުވުމަށް ދާދެން ތިމަން ކަލޭގެފާނު މިކަން ނުހުއްޓާނަމެވެ.'

އެހެން ރިވާއެއްގައި ބަޔާންވެފައިވާގޮތުން ރަސޫލާ ﷺ އެކަލޭގެފާނުގެ ބޮޑުބޭބެއަށް އިރަށް އިޝާރާތްކުރައްވައި އިރު ފެނިވަޑައިގަންނަވާތޯ އެއްސެވިއެވެ. ދެން ރަސޫލާ ﷺ ބޮޑުބޭބެ އަރިހުގައި ވިދާޅުވިގޮތުގައި އެކަލޭގެފާނުގެ އަސާކޮޅު އިރަށް ދިއްކުރައްވައި އެއަސާކޮޅު ރޯވުމަށް ދާދެން ރަސޫލާ ﷺ ދީނަށް ގޮވައިލެއްވުމުގައި ދެމިހުންނަވާނެއެވެ.

ރަސޫލާ ﷺ ބޮޑުބޭބެ އަރިހުގައި ބޭނުންފުޅުކުރެއްވި ބަސްތަކުގެ ރަމްޒުވަރަށް ބޮޑެވެ. މާނަޔަކީ އިރާއި ހަނދުން ލިބޭ އަލިކަމަށްވުރެ މާބޮޑު އަލިކަމެއް އެކަލޭގެފާނުގެ ރިސާލަތުން ލިބޭކަމެވެ. އަދި އިރާއި ހަނދު ނިވުނަސް އެކަލޭގެފާނުގެ ރިސާލަތުގައިވާ އަލިކަން ނުނިވޭނެކަމެވެ. އަނެއްކޮޅުން މިދުނިޔޭގައިވާ އެއްޗެއް ކީއްކުރަންތޯ ދުނިޔެއިން ބޭރުގައިވާ އިރާއި ހަނދު އެކަލޭގެފާނަށް ދިން ނަމަވެސް އެކަލޭގެފާނު ދީނަށް ގޮވައިލެއްވުން ނުހުއްޓަވާނެކަމެވެ. ދެން ރަސޫލާ ﷺ ގެ މޫނުފުޅުން އަބޫ ޠާލިބަށް ފެނިވަޑައިގެންނެވި ޖޯޝާއި އިޚުލާސްތެރިކަމުގެ ބޮޑުކަމުން އެކަލޭގެފާނު ރަސޫލުﷲ އަށް ދެންނެވީ ރަސޫލާ ﷺ ބޭނުންފުޅުކަމެއް ކުރެއްވުމަށެވެ. އަދި ﷲ ގަންދެއްވައި އަބޫ ޠާލިބު ވިދާޅުވިގޮތުގައި ދެން ދުވަހަކުވެސް އެކަލޭގެފާނުކުރައްވާ ކަމެއް ހުއްޓުވަން އެކަލޭގެފާނާއި އަބޫ ޠާލިބު ބައްދަލެއް ނުކުރައްވާނެއެވެ. އަބޫ ޠާލިބު އަވަހާރަވުމަށްދާދެން އެކަލޭގެފާނުގެ ބަސްފުޅުގައި ދެމިހުންނެވިއެވެ.

އަބޫ ޠާލިބު ކުރެއްވި މަސައްކަތްޕުޅުން ނިކުތް ނަތީޖާއެއްނެތެވެ. އެހެންކަމުން ތިންވަނަ ފަހަރަށް ޤުރައިޝުން އަބޫ ޠާލިބާއި ބައްދަލުކުރެއްވިއެވެ. މުޅި ޤުރައިޝް ވަންހައިގެ ބޮޑުން ޔަޢުނީ ހުރިހާ ގަބީލާތަކެއްގެ މަންދޫބުން މިފަހަރު އެކަލޭގެފާނާއި ބައްދަލުކުރިއެވެ. އެމީހުން ދެންނެވިގޮތުގައި އަބޫ ޠާލިބު މަސައްކަތްޕުޅު ކުރައްވައިފިއެވެ. އެކަމަކު އެކަލޭގެފާނު ކުރެއްވި މަސައްކަތުން އެއްވެސް ނަތީޖާއެއް ނުނިކުތްކަމުގައި އެމީހުން ދެންނެވިއެވެ. ދެން އެމީހުން ހުށަހެޅީ ޤުރައިޝުންގެ އެންމެ މާތް މީހުންގެ ތެރެއިން މީހެއްގެ ދަރިއަކު އަބޫ ޠާލިބަށް ދެއްވުމަށްފަހު، ބަދަލުގައި ރަސޫލާ ﷺ އެމީހުންނަށް ދެއްވުމަށެވެ. އެގޮތުން އެމީހުން އަބޫ ޠާލިބަށް ދޭން ނިންމީ ވަލީދު އިބުނު މުޣީރާގެ ދަރިއެއްކަމުގައިވާ އަލްޢުމާރާއެވެ. ފިރިހެން ދަރިއަކަށް ދަރިއެއްކަމުގައި އެމީހުން ދެންނެވިއެވެ. މިހުށަހެޅުމާމެދު ނިހާޔަތަށް ކޯފާވެ އަބޫ ޠާލިބު އެމީހުންނަށް ވިދާޅުވިގޮތުގައި އެއީ ހާދަހާ ނުބައިކަމުގެ ބޮޑު ހުށަހެޅުމެކެވެ. އެމީހުންގެ ދަރި އެކަލޭގެފާނު ކާންދީ ބަލައި ފަލަކުރާއިރު، އެކަލޭގެފާނުގެ ދަރި އެމީހުން އަނިޔާކޮށް މަރަން ދޫކޮށްލުމަކީ ނުބައިކަމުގެ އިންތިހާކަމުގައި އެކަލޭގެފާނު ވިދާޅުވިއެވެ.  

ދެން ޤުރައިޝުންގެ އިޙުތިރާމް ލިބިގެންވާ ބޮޑެއްކަމުގައިވާ މުޠުޢިމް އިބުނު ޢަދީ ތެދުވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ. އޭނާ އަބޫ ޠާލިބަށް ދެންނެވިގޮތުގައި އެމީހުންނަށް ކުރެވެންހުރި ހުރިހާ ކަމެއް އެމީހުން ކޮށްފީމުއެވެ. ދެން އޮތް ގޮތަކީ އެމީހުންނާއި އެކަލޭގެފާނުގެ ކޮއްކޮ ހަވާލުކުރެއްވުމެވެ. ނުވަތަ އެކަލޭގެފާނު ހުއްޓުވުމެވެ. މުޠުޢިމަކީ އޭރު މައްކާގައި ހުރި އެންމެ އުމުރުން ދުވަސްވީ ބޮޑެވެ. ކަންކަމުގައި އަބަދުވެސް އެކޮޅުމިކޮޅު ބެލި ރަނގަޅު ބޮޑެކެވެ. ގެފުޅު އަލުން ބިނާކުރިއިރު އުފެދުނު އަރައިރުން ނިމުމަކަށް ގެނައީ މުޠުޢިމްއެވެ. އޭނާ އަބޫ ޠާލިބާއި ދެކޮޅަށް އަޑު އުފުލުން ވެގެންދިޔައީ ބޮޑު ކަމަކަށެވެ. ފުރަތަމަ ފަހަރަށް ބަނޫ ޙާޝިމްގެ ވެރިއެއްގެ ކިބައިން ވެރިކަން ވަކިކޮށްފާނެފަދަ ނާޒުކު ހާލަތަކަށް ކަންތައް ދިޔައެވެ. ޒަމާނުގެ ބަހުރުވައިން ނަމަ ބަޣާވާތަކާއި ހިސާބަށް މައްސަލަ ހޫނުވިއެވެ. އެހިނދު މުޠުއިމަށް ޖަވާބުދެއްވައި އަބޫ ޠާލިބު ވިދާޅުވިގޮތުގައި މިކަމަކީ އަބޫ ޠާލިބުގެ ވެރިކަމާއި ދެކޮޅަށް އެމީހުން ހިންގާ ނުބައި ރޭވުމެކެވެ. މިކަން ފަހިކޮށްދީ މިކަމުގައި އިސް ދައުރު އަދާކުރަނީ މުޠުޢިމުއެވެ. އެއަށްފަހު އެކަލޭގެފާނު ވިދާޅުވިގޮތުގައި އެމީހުން ކުރާނެ ކަމެއް ކުރަންވީއެވެ. އެކަލޭގެފާނު އެމީހުންނަށް ދީލާލާ ފަހަތަށް ޖެހިވަޑައިނުގަންނަވާނެއެވެ. މިފަދަ ވަރުގަދަ ސާބިތުކަމެއް ދެއްކެވުމުން ޤުރައިޝުން ފަހަތަށް ޖެހުނެވެ. އަބޫ ޠާލިބުގެ މިއަމަލަކީ ހިތްވަރުގަދަ ކަމުގެ ލާމަސީލު މިސާލެކެވެ. އަދި މިއީ އަބޫ ޠާލިބުގެ ޙިކުމަތުގެ އަމަލީއެވެ. އެކަލޭގެފާނު އަވަހާރަވުމަށް ދާދެން ރަސޫލާ ﷺ ރައްކަތެރިކަމުގައި ދީނަށް ގޮވައިލެއްވިއެވެ. އެކަލޭގެފާނު އަވަހާރަވުމާއެކު ވެރިކަމަށް އައީ އަބޫ ޖަހުލެވެ. އެހިސާބުން ރަސޫލާ ﷺ އަށް ޖެހިވަޑައިގަތީ މައްކާ ދޫކުރައްވައި މަދީނާއަށް ހިޖުރަ ކުރައްވާށެވެ.

ނުނިމޭ..

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ވަނީ ގެނެސްދީފައެވެ. 

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް