ފަތިހުގެ ފުރަތަމަ ހައު ގޮވީ ސާމީ އޭނާގެ 6 މަހުގެ ތުއްތު ދަރިފުޅު ރޯތީ، ހޭލާ އިންދައެވެ. އެކަނިމާ އެކަނި މުސްކުޅި މަންމައަކާއިއެކު ދިރިއުޅެމުންދާ ސާމީއަކީ ދަރިފުޅަށް 4 މަހުން ފެށިގެން އެކަނިވެރި މަޔެކެވެ. ވަކިނުވެ އުޅެވޭތޯ ކިތަންމެ މަސައްކަތެއްވެސް ކުރިއެވެ. އެކަމަކުވެސް އެހެން އިތުރުގޮތެއް ނުފެނި، އެ ދިރިއުޅުން ރޫޅުނީއެވެ. އޭގެ ފަހުން އަމިއްލައަށް މަސައްކަތްކޮށްގެން ދަރިފުޅާ މަންމަ ބަލަހައްޓަމުންދަނީ ނެތް ހިތްވަރު ނެރެގެންނެވެ.
ކިތަންމެ ނިދަން ބޭނުންވިއަސް ނިދޭކަށް ނެތެވެ. 7 ޖަހާއިރަށް ވަޒީފާއަށް ދާންޖެހެއެވެ. ގަޑިއަށް ނުދެވިއްޖިއްޔާ އެއީ ތަނަށްވެސް ލިބޭނެ ވަރަށްބޮޑު ގެއްލުމެކެވެ. ޚާއްސަކޮށް ކުޑަކުދިން ގެންގުޅޭ އެފަދަ ތަނެއްގައި ސާމީ ފަދަ އާންޓީއެއް ނެތުން އެއީ ދެރަކަމެކެވެ. އަނެއްކޮޅުން އެ ވަޒީފާ ގެއްލިއްޖެއްޔާ ދިރިއުޅުން ގާތްގަނޑަކަށް ހުއްޓުނީއެވެ.
ދަރިފުޅަށް ބުއްފުޅި ތައްޔާރުކޮށް، ފެންވަރުވާ ރީތިކޮށްގެން ގޮސް މަންމަ އޮތް އެނދުގެ އެއްފަރާތެއްގައި ބޭއްވިއެވެ. ނަސީބަކުން ބުއްފުޅި ދިނުމުން މަޑުމަޑުން ނިދެން ފެށިއެވެ. ހެނދުނުގެ ނާސްތާ ތައްޔާރުކޮށް، އެ ދުވަހަށް މަންމަ ކާންޖެހޭ ބޭސްތައް ނަގައި މޭޒުމަތީ ބެހެއްޓުމަށްފަހު ސައިބޮއެގެން ގަޑި ނުޖެހި ނުކުމެވޭތޯ ހިނގައިގަތެވެ. ސާމީ މަސައްކަތްކުރާ ޑޭކެއަރއަށް ހިނގާފައި ދެވެނީ 20ވަރަކަށް މިނިޓުންނެވެ. ސައިކަލެއް ނަގަންވެސް ކިތަންމެ ފަހަރަކު ހިތަށް އަރައެވެ. ނަމަވެސް އަތްމަތި ދަތިކަމުން އެކަން އެހެން ކުރެވޭކަށްނެތެވެ.
ދުއިސައްތަ ވަރަކަށް ކުދިން އަންނަ އެ ޑޭކެއަރގައި ސާމީ މަސައްކަތްކުރަނީ ވަރަށްވެސް ގަޔާވެގެންނެވެ. ނަމަވެސް ތުއްތުކުދިންނާއެކު އުޅޭއިރު އޭނާގެ ދަރިފުޅު ޔޫނީ ވަރަށް ހަނދާންވެއެވެ. އެކަހަލަ ގިނަ ދުވަސްދުވަހު ރޯލަން ކިތަންމެހާވެސް ބޭނުންވެއެވެ. ނަމަވެސް އެކަން ކުރާނެ ވަގުތުވެސް ޑޭކެއަރގައި ނުވެއެވެ. ބްރޭކް ގަޑިއަށް ގެއަށް ދާންޖެހޭތީ އެތަނުގައި ހޭދަކުރާ ވަގުތުތައް ވީހާވެސް ރަނގަޅަށް މެނޭޖްކުރެވޭތޯ އޭނާ މަސައްކަތްކުރެއެވެ. އެ ހުރިހާ ކުދިން ބަލަން ތިބެނީ 6 އާންޓީންނެވެ. އެހެންކަމުން އެންމެ ވަގުތެއްވެސް ބޭކާރުވެއްޖެނަމަ އެކަމުގެ އުނދަގޫ އެހެން އާންޓީންނަށް ކުރެއެވެ. ބެލެނިވެރިންގެ އެތައް ކޯލެއް އާންޓީންނަށް ކޮންމެ ދުވަހަކު ލިބެއެވެ. އެތައް މެސެޖެއް ވައިބަރގައި ހަދާފައިވާ ގްރޫޕްތަކަށް އާދެއެވެ. ގިނަ ބެލެނިވެރިންނަކީ ޝުކުރުވެރިނުވާ ބައެކެވެ. އަނެކާގެ އިޙްސާސްތައް ނުދަންނަ މީހުންނެވެ. ހިތްހަމަނުޖެހުމެއް އޮތްނަމަ ގްރޫޕްގައި އެވާހަކަދެއްކުމުގެ ބަދަލުގައި ވަކިން ބުނެލުމުން މާގިނަ މައްސަލަ ދިމާނުވެ، ލަދު ނުގަނެ ނުވަތަ އާންޓީންގެ އަގުވައްޓާނުލާ ދިމާވާ މައްސަލަތައް ހައްލުކުރެވޭނެ ކިތަންމެ ފަހަރެއް އައެވެ. އެހެންނަމަވެސް އެއީ އެމީހުން އިޚްތިޔާރުކުރާ ގޮތެވެ. ސާމީ ފަދަ އާންޓީން ޖެހެނީ ކެތްކޮށްލައިގެން ތިބޭށެވެ.
މިއަދަކީވެސް އެފަދަ ދުވަހެކެވެ. ދަރިފުޅު ރޯތީ ހޭލާ އުޅެފައި އައިސްވެސް ކުޑަކުޑަ ކުދިންތަކަކާއެކީ ކެތްތެރިކަމާއެކު ސާމީ އުޅެމުން އެދަނީ އެ ނޫން އެހެން ގޮތެއް ނެތީމައެވެ. ޑޭކެއަރއަށް ގެންނަ އެންމެ ތުއްތު ކުއްޖާގެ އުމުރަކީވެސް ހަމަ ސާމީގެ ދަރިފުޅު ޔޫނީގެ އުމުރެވެ. ބުއްފުޅި ޖައްސައިގެން އެނދުގެ އެއްކަނެއްގައި އިންއިރު ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަނީއެވެ. އެންމެ ފަހަރަކު ބާރަށް ރޯލެވޭނެނަމައޭ އެތައް ފަހަރަކު ސާމީގެ ހިތަށް އެރިއެވެ. މަންމަ އެހާ ބަލިއިރުވެސް ދަރިފުޅު މަންމައާއި ހަވާލުކޮށްފައި އަންނަން މަޖުބޫރެވެ. ދަރިފުޅު އޭނާ މަސައްކަތްކުރާ ތަނަށް ގެންނާނެ ގޮތެއްވެސްނެތެވެ. އާމްދަނީ އެކަމަށް ތަންނުދެނީއެވެ. ޔޫނީ އެވަރަށް ރޯނީ އާންމުކޮށް ބަލިވާން ވީމައެވެ. ބަލިވެއްޖެއްޔާ ވަޒީފާއަށް ނާދެވޭނެއެވެ. އެކަމުގެ ސަބަބުން އަތްމަތި ދަތިވާނެއެވެ. މިހުރިހާ ކަންތަކާ ވިސްނަމުންދިޔައިރު ސާމީގެ ބޮލުގެ ރިހުންވެސް ދިޔައީ ގަދަވަމުންނެވެ. މިފަދަ ދަނޑިވަޅު ސާމީ މަސައްކަތްކުރަނީ ދަރިފުޅު ގަޔާލާ ބައްދާލައިގެން ހިތްހަމަޖެހޭވަރަށް ރޮއެލެވޭތޯއެވެ. އެކަމަކު އެ ލޯބިލޯބި ދަރިފުޅުވީ ގޭގައެވެ. މަންމަގެ އުނގުގައި އޮވެ ނިދާލަން ކިތަންމެ ބޭނުންވިޔަސް ތުއްތުތުއްތު ޔޫނީއަށް އެ ފުރުސަތެއްނެތެވެ. ސާމީ ރުއިން ކޮންޓްރޯލްކުރެވޭތޯ މަސައްކަތްކުރިއެވެ. އޭނާފަދަ މައިން އުޅޭނެ ގޮތް ހިތަށް އެރިއެވެ. ހަމައެހެންމެ ޝުކުރުވެރި ނުވާ ބެލެނިވެރިންވެސް ހަނދާނަށް އައެވެ. އެމީހުންގެ ދަރިން އާންޓީން ބަލަމުން އެދަނީ އަމިއްލަ ދަރިން ދޫކޮށްލާފައި އައިހެވެ. އާއެކެވެ. މިއީ ސާމީމެންގެ ވަޒީފާއެވެ. އެހެންކަމަށްވާނަމަ މިއީ އެމީހުން ކުރަންޖެހޭ ކަމެކެވެ. ނަމަވެސް ވިސްނާލަބަލާށެވެ. ތުއްތުދަރިފުޅު ސާމީމެންފަދަ އާންޓީންނާއި ހަވާލުކުރަނީ ވަޒީފާއަށް ދިއުމަށެވެ. އިތުރު ފިކުރެއްނެތި އޮފީހުގައި ތިބެވެނީ ސާމީ މެންފަދަ ޑޭކެއަރގައި ތިބި އާންޓީން އެކުދިން އަމިއްލަ ދަރިން ފަދައިން ބަލާތީއެވެ. އެކަމަކު ސާމީފަދަ މަޔަކަށް އެއީ ކިހާ ހިތްދަތިކަމެއް ހެއްޔެވެ. އެހެނަސް އެކަން ދަންނާނެ މީހެއް ނެތެވެ.
ހިޔާލުތަކުން ދުރުވާން މަސައްކަތްކުރަމުން އަތުގެ ނުފުށުން މޫނު ފޮހެލުމަށްފަހު އޭނާގެ އުނގުގައި އޮތް ތުއްތުކުއްޖާ ނަގާ އެނދުގައި ބާއްވާލިއެވެ. އެ ލޯބި ފުށްގަނޑެއްފަދަ ތުއްތުކުއްޖާ އޮތީ އަރާމު ނިންޖެއްގައި ނިދާފައެވެ.
ކޮޓަރިން ނުކުތްއިރު ކާ ކޮޓަރިން 5 ވަރަކަށް ކުދިން ނުކާން ބޮޑާހާކާ އަޑު އިވެއެވެ. އެތަނުގައި އިން އާންޓީ އެކުދިން ހަމައަކަށް އެޅުވޭތޯ މަސައްކަތްކުރަނީއެވެ. މިއީވެސް އުނދަގޫކަމެކެވެ. ގެއިން ބައެއްކުދިން ރަނގަޅަށް ކެޔަސް ޑޭކެއަރއަށް އައުމުން ނުކައެވެ. އެކަމަކު ބެލެނިވެރިންގެ ބަދު ބަސް ރައްދުވަނީ އާންޓީންނަށެވެ. އެކުދިންނަށް އަޅާނުލެވޭތީ ނުކަނީކަމަށް ބައެއް ބެލެނިވެރިން ބުނެއެވެ. އެ ހިތްހަމަ ނުޖެހުން ހުރިހާ ބެލިނެވެރިންގެ ތެރޭގައި ފާޅުކުރެއެވެ.
ސާމީ މޭޒުކައިރިއަށް ގޮނޑިއެއް ކައިރިކުރަމުން އިށީނެވެ. ދެކުއްޖަކަށް ކާންދެވޭތޯ މަސައްކަތް ފެށިއެވެ. ވަރަށް ހާލުން ކުޑަ އެތިކޮޅެއް ދެކުދިންވެސް ކެއެވެ. އޭރު އެކުދިންގެ ސްކޫލު ގަޑިޖެހެނީއެވެ. ބައެއް ކުދިން ކިޔަވަން ދަނީ ޑޭކެއަރގައި ހުންނަ ސްކޫލަށެވެ. އަނެއްބައިކުދިން ދަނީ އެހެނިހެން ސްކޫލުތަކަށެވެ. އެކުދިން ތައްޔާރުކުރަމުން، ހައެއްކަ ކުދިން ފާޚާނާއަށް ގެންދަން ޖެހުނެވެ. ހަތަރު ކުދިންގެ ނެޕީ އެވަގުތު ބަދަލުކުރަން ޖެހުނެވެ. ހަމަ އެގަޑީގައި ފެންބޯން ބޭނުންވާ ކުދިންނާއި ބަނޑުހައިވާ ކުދިންނާއި އާންޓީއާއެކު ކުޅެން ބޭނުންވެގެން ޝަކުވާކުރާ ކުދިން ތިބީ ސާމީ އިން ގޮނޑީގެ ވަށައިގެންނެވެ. ހުރިހާ ކުދިން އެއްފަހަރާ އެކިކަންކަމަށް އެދެމުންދިޔައިރު ދެން ތިބި އާންޓީންވެސް ތިބީ ހަމަ އެފަދަ ހާލެއްގައެވެ. އަޑުވެސް އެހާގަދައެވެ. ކުޑަކޮށް ހަންމަތަވާނީވެސް ބައެއް ކުދިން ސްކޫލަށް ދިޔައިމައެވެ. އެއީ ސާމީވެސް ބްރޭކް ނަގާގަޑިއެވެ.
ސާމީ ގެއަށް ދާއިރު ދަރިފުޅު އޮންނަނީ ނެޕީ ބަދަލުކުރަން ޖެހިފައެވެ. ބައެއް ދުވަސް ދުވަހު ވަރަށް ގިނައިރުވެސް އެހެން އޮވެއެވެ. އެވެސް ހިތްދަތިކަމެކެވެ. މަންމަ ބަލިވުމުން މަންމަ ލައްވާ އެކަންކަން ކުރުވަން ސާމީއަކަށް ނުކެރެއެވެ. މަންމައަށް ކާން ހަދާފައި ދަރިފުޅު ނަގައި ސާފުކޮށްލައިގެން ބަނޑުހައިވެފައިވާ ދަރިފުޅު މަސަލަސްކުރެވޭތޯ މަސައްކަތްކުރެއެވެ. ދަރިފުޅު ބަނޑުހައިފިލާ ރަނގަޅަށް ނިދޭއިރު އޮންނަނީ ޑޭކެއަރއަށް ދާ ގަޑިޖެހިފައެވެ. އަރުން އެއްޗެއް ދިރުވާނުލެވެނީވެސް ދެން ވީ ދުއްވައިގަންނާށެވެ.
މިއީ އަބަދުވެސް އޭނާގެ ހާލެވެ.