ފިތުނަވެރިކަމަކީ ވަރަށް ނުބައިކަމެކެވެ. މުޖުތަމަޢު ހަލާކުކުރާކަމެކެވެ. ޢާއިލާތައް ރޫޅިގެންދާ ކަމެކެވެ. ދެ އަޚުންގެ ދެމެދުގައިވާ ގުޅުން ކެނޑިގެންދާކަމެކެވެ. ފިތުނަވެރިކަމުގެ ސަބަބުން މުޖުތަމަޢުގެ ޞުލްޙަވެރިކަން ގެއްލިގެންދެއެވެ. މުޖުތަމަޢުގައި އުޅޭ އަފްރާދުންނަށް އޮތް އަމާންކަމާއި، ހިތްހަމަޖެހުން ގެއްލޭކަމަކަށް މެނުވީ ފިތުނަވެރިކަން ނުވެއެވެ.
ކާފިރުކަމަކީ މާތްﷲގެ ޙަޟްރަތުގައި އެންމެ ނުބައި ޢަމަލެވެ. ފިތުނަވެރިކަމުގެ ނުބައިކަން ބޮޑުކަމުން، ކީރިތި ޤުރްއާނުގައި ކާފިރުކަމާއި، ފިތުނަވެރިކަން އެއް މާނައެއްގައި ޞިފަކުރައްވާފައިވެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. "وَالفِتْنَةُ أشَدّ مِنَ القَتْل" (البقرة 191). މާނައީ: "އަދި قتل ކުރުމަށްވުރެ فتنة ވެރިކަމުގެ ނުބައިކަން ބޮޑެވެ." ގިނަ ތަފްސީރު ޢިލްމުވެރިން ވިދާޅުވަނީ މިއާޔަތުގައި "الفِتْنَةُ" މިބަހުގެ މާނައަކީ ކާފިރުކަމެވެ. އެއީ ކާފިރުކަމުގެ ސަބަބުން އުފެދޭ ފިތުނަވެރިކަމެވެ. މީހުންގެ ހިތްތަކުން ތެދުމަގު ފިލައި ދިއުމުގެ ފިތުނަވެރިކަމެވެ. މިއާޔަތުން ދޭހަވަނީ ފިތުނަވެރިކަމުގައި ހުރި ނުބައިކަމެވެ.
ފިތުނަވެރިކަމުގެ ސަބަބުން މުސްލިމު މުޖުތަމަޢު ހަލާކުވެގެން ދެއެވެ. އެއްބަޔަކު އަނެއްބަޔަކާ އޮންނަ ގުޅުން ކެނޑިގެންދެއެވެ. ޞުލްހަވެރިކަން ގެއްލިގެނދެއެވެ. މާތްﷲ ވަނީ އިންސާނުންގެ މެދުގައި ފިތުނަވެރިކަން އުފެދިދާނެ ހުރިހައި ކަމަކުން ރައްކާތެރިވުމަށް އަމުރުކުރައްވާފައެވެ. އެފަދަ ހުރިހައިކަމަކުން ދުރުވުމަށް އަމުރުކުރައްވާފައިވެއެވެ. މިގޮތުން ކުށްހީކުރުމާއި، އަނެކާގެ ސިއްރުތައް ހޯދުމާއި، އެކަންތައްތަކުގެ ވާހަކަ ދެއްކުމާއި، ޣީބަބުނުން ޙަރާމްކުރެއްވިއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެތެރެއިން ގިނަކަންތައްތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ! އަދި އެއްބަޔަކު އަނެއްބަޔަކަށް ޣީބަނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ އަޚާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ. އަދި ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! ހަމަކަށަވަރުން، ﷲއީ، ގިނަގިނައިން ތައުބާ ޤަބޫލުކުރައްވާ ރަޙީމުވަންތަ ރަސްކަލާނގެއެވެ. (سورة الحجرات 12).
ޙަސަދަވެރިކަމާއި، ނަފްރަތަކީ ފިތުނައިގެ ފެށުމެވެ. އަނެކާގެ އަގުވައްޓާލައި، ނުވަތަ އަނެކާއަށް ލިބޭ މަޤާމާއި ޝަރަފަށް ނަފްރަތުވުމަކީ ފިތުނަވެރިކަމެކެވެ. އަޅުގަނޑުމެންގެ މިކުޑަ މުޖުތަމަޢުގައިވެސް ފިތުނަވެރިކަންދަނީ އިތުރުވަމުންނެވެ. އެއްބަޔަކު އަނެއްބަޔަކާ ވާހަކަ ނުދައްކާ ތިބޭ މީހުންވެސް މަދެއްނޫނެވެ. އަނެކާއަށް އަނިޔާދޭ މީހުންވެސްދަނީ އިތުރުވަމުންނެވެ. އިސްލާމްދީނުގައި ވަނީ މިފަދަ ހުރިހައި ކަމަކުން ދުރުވުމަށް އަމުރު ކުރައްވާފައެވެ. އަދި އެކަންކަން ކުރުމީ ޙަރާމްކަމެއްކަމުގައި މެނުވީ ނުވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلمގެ ޙަދީޘް ބަސްފުޅެއްގެ މާނައިގައިވަނީ: "ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކުދެކެ ރުޅިއައިސްގެން ނުތިބޭށެވެ! އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ހަސަދަވެރި ނުވާށެވެ! އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ފުރަގަސްދީ ނަހަދާށެވެ! އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް މުޢާމަލާތުނުކޮށް ނުތިބޭށެވެ! އޭ، ﷲގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން އަޚެއްތަކެއްކަމުގައިވާށެވެ! އެއްވެސް މުސްލިމަކު އޭނާގެ އަޚާއާއި ދުރުހެލިވެ ވާހަކަ ނުދައްކައި ތިންދުވަހަށްވުރެ ދިގުމުއްދަތަކަށް ހުރުމީ، ހުއްދަކަމެއް ނޫނެވެ." (متفق عليه).
އަޅުގަނޑުމެންނަކީ މުސްލިމުންނެވެ. މުސްލިމުންނަކީ އަޚުންތަކެކެވެ. އެއްބަޔަކު އަނެއްބަޔަކާއި އަޅާލާ ބަޔެކެވެ. އޯގާތެރިބަޔެކެވެ. މުސްލިމުން މުޖުތަމަޢުގައި ފަސާދަ ނުއުފައްދާނެއެވެ. ދެބައިމީހުން މެދުގައި ނަފްތަރު އުފައްދާ ބަޔަކަށްވެސް ނުވާނެއެވެ. އަނެކާގެ އަބުރު ނަގާލާބަޔަކަށްވެސް ނުވާނެއެވެ. ހިތުގައި ހަސަދަވެރިކަން އޮންނަ ބަޔަކަށްވެސް ނުވާނެއެވެ. އަޅުގަނޑުމެންނަކީ ޣައިރު މުސްލިމުންގެ ބޭނުންތައް ފުއްދާ ބަޔަކަށް ވެގެން ނުވާނެއެވެ. އެމީހުންގެ ބޭނުމަކަށްވާނީ މުސްލިމު މުޖުތަމަޢުތައް ހަލާކުކުރުމެވެ. މުސްލިމުންގެ މެދުގައި ފިތުނަ އުފެއްދުމެވެ. ބައިބައިކުރުމެވެ. މުސްލިމުންގެ ބާރު ކަޑުވާލުމެވެ. އެއީ އެކުވެރިކަމާއި، ޞުލްޙަވެރިކަމަކީ ގަދަފަދަ ބާރަކަށްވާތީއެވެ. ބައިބައިވުމަކީ ފިތުނަވެރިކަމަކަށްވާތީއެވެ. މާތްﷲގެ ވަޙީބަސްފުޅެއްގެ މާނައިގައިވަނީ: "އަދި ތިޔަބައިމީހުން އެންމެން ﷲ ގެ ވާފަށުގައި (އެބަހީ: ދީނުގައި) ހިފަހައްޓާށެވެ! އަދި، ވަކިވަކިވެ ނުގަންނާށެވެ! އަދި، ތިޔަބައިމީހުން (އެއްބަޔަކު އަނެއްބަޔަކަށް) ޢަދާވަތްތެރިކަމުގައިވަނިކޮށް، ﷲ ތިޔަބައިމީހުންނަށް ދެއްވި ނިޢުމަތް ތިޔަބައިމީހުން ހަނދުމަކުރާށެވެ! އެކަލާނގެ ތިޔަބައިމީހުންގެ ހިތްތައް އެކުވެރި ކުރެއްވިއެވެ. ދެން، އެކަލާނގެ ދެއްވި ނިޢުމަތުގެ ސަބަބުން ތިޔަބައިމީހުންނީ އަޚުންތަކެއް ކަމުގައި ވެއްޖައީމުއެވެ." (آل عمران 103).
ނޯޓް: މިލިޔުން ވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ނެރުނު 'ހިދާޔަތުގެ އަލި' މަޖައްލާގައި ޝާއިޢުކޮށްފައެވެ. ޒީޓައިމްސްގައި އަލުން މިލިޔުން ޝާއިޢުކުރުމުގެ ބޭނުމަކީ ކިޔުންތެރިންނަށް މުހިންމު މައުލޫމާތު ތަކެއް ގެނެސްދިނުމެވެ.