November 22, 2024 01:31
Advertisement

-Advertisement-

ފާޠިމަތު ހަމީދާ/ ފޮޓޯ: ޒާއިފު

އޭދަފުށީ ފާޠިމަތު: ޝައިތާނީ އަވާގައި ކުރި ނާމާން ދަތުރު

ފާޠިމަތު ޙަމީދާ އަކީ ބ.އޭދަފުށްޓަށް އުފަން އުމުރުން 86 އަހަރުވެފައިވާ މީހެކެވެ. ސަކަމިޒާޖެއް ހުންނަ ފާތިމަތު، އާއްމު ނަމުންނަމަ 'ހައްވަކުއްޖާ' އަށް އޭނާގެ އުމުރުން އަށެއްކަ އަހަރުގައި ދިމާވީ ވަރަށް ތަފާތު ބިރުވެރި ހާދިސާއެކެވެ. އެޒަމާނަކީ ގަސްބޯ ޖަންގަލި ހެދިފައިވާ ޒަމާނެއް ކަމުން މިކަހަލަ ބިރުވެރި ހާދިސާ މަދުންނަމަވެސް ދިމާވެއެވެ. ފާތިމަތު މެންގެއާއި ހިސާބުގައި އޭރުއޮތީ ހުސްގަހެވެ. ބޮޑެތި ބަނބުކެޔޮގަސް، ދިވެހިރުއް، މާކަށިކެޔޮ، ފުނަ، ކާނި، އުނި، މިދިލި، ދިއްގާ، ހިރުނދު، ޅޮސް ފަދަ ގަސްތަކުން އެހިސާބުގަނޑު ވެފައިވަނީ ޖަންގައްޔަކަށެވެ. މުޅިހިސާބުގަނޑު އޮންނަނީ ގަސްރުކުގެ ހިޔަލުން ހިޔާވެފައެވެ. ރޭގަނޑު ނުލާހިކު އަނދިރިއެވެ. އެއީ އާއްމުކޮށް މީހުން ގޮސްއުޅޭ ހިސާބެއްނޫނެވެ. ހީނާމާގެއާއި ދެކުނުފަރާތުގެ ހޭޅިއާއި ދެމެދު ހުންނަނީ ދުއިސައްތައެއްހާ ފޫޓެވެ.

ފާތިމަތު ދިރިއުޅޭ ހީނާމާގެ ހުންނަނީ ރަށުގެ މީހުން އާބާދުވެފައިވާ ހިސާބާއި ތަންކޮޅެއް ދުރުގައެވެ. އެއީ ރަށުގެ އިރުމަތީފަރާތުގެ ދެކުނުބިތުގައެވެ. އޭދަފުށީ 'ރަށްބުރިކޮށްލި' މަގުގެ ގޮތުގައި މަޝްހޫރުވެފައި އޮންނަ މިހާރުގެ ނަމުންނަމަ 'ޔޫސުފު ކަލޭފާނު' މަގުގައެވެ. އެޒަމާނުގައި އެހިސާބުގައި މާގިނަ މީހުން ދިރިނޫޅޭ ކަމުގައި ފާތިމަތު ކިޔައިދިނެވެ. އެގެއާއި މާދުރުނޫން ހިސާބެއްގައި ފެންވަރާ ވަޅެއް ހުރެއެވެ. އެވަޅުން ގެއަށް ފެންބަލާވެސް އޭނާ ދާކަމުގައި ބުންޏެވެ.

"އަހަރެން އިނީ އެއްދުވަހަކު ހެނދުނު ނާސްތާ ކޮށްގެން ގޭކައިރި އަވައްޓެރި ރަށްޓެހިކުދިންނާއެކު ނާށިން ވަޅުކޮނެގެން އުނދުންހަދައި ބަތްކައްކާކުޅޭށެވެ. އޭރު އަހަރެމެން އުޅެނީ ހަމައެކަނި ކަނޑިއްކެއް އަނދެގެންނެވެ. ގަޔަކަށް އެއްޗެއް ނުލައެވެ. އެހެންތިއްބާ ކުއްލިއަކަށް ހަންޑިއަކާ އަހަންނާ ދިމާވިއެވެ. އޭތިހުރީ ރަތް ލިބާހެއްލައި ބޯ ހާވާލައިގެންނެވެ. ލޯ ހުރީ ވަރަށް ރަތްކޮށެވެ. އެހެން ހުންނަނީ ހަންޑިކަމަށް މީހުން ބުނާތީ އަހަމެވެ. އުމުރުން ހަގުކަމުން އެގަޑީގައި ވީގޮތެއް މާބޮޑަކަށް ހަނދާނަކަށް ނާދެއެވެ. ހަންޑި އައިސް އަހަރެން އަތަށް ދިނީ ކުޑަކުޑަ ދަރިއެކެވެ. އެތަނުގައިހުރި ވަޅު ކައިރީގައި ހުރި އޮށިއައްޓެއް ދައްކާފައި އެހަންޑި ބުންޏެވެ. މިތަނުގައި ދަރި ގޮވައިގެން އިންނާށެވެ. ދެން އަހަރެން އިނީއެވެ. އެހާތަނުން ވީނުވީއެއް ކުޅެން އުޅުނު އެހެން ކުދިންނަށް ވީގޮތެއްވެސް ނޭގެއެވެ.

Advertisement

އެހެން އިންދާ އިރުކޮޅެއްފަހުން އަހަންނަށް ފެނުނީ ހޭޅިކައިރީގައި ދޮންވެލިލައި އުނދޯލި އެލުވާލާފައިވާ ރީތި ގޯއްޗެކެވެ. ދެންފެނުނީ އެތަނުގައި ހުރި އުނދޯއްޔެއްގައި އިންދައެވެ. އޭރު އަހަރެން އުރައިގެން އިން ދަރި އަހަރެން އަތަކު ނެތެވެ. ދަރިއަށް ވީގޮތެއް އަދި އަހަންނަށް އެތަނަށް ދެވުނު ގޮތެއްވެސް ނޭގެއެވެ. އަދި އެތާ ކަންތައް ވީގޮތެއްވެސް މިހާރަކު އެހާރަނގަޅަކަށް ހަނދާނެއް ނެތެވެ. ދެން އަހަރެން އެތާއިންދާ އެހަންޑިއަށް ވީގޮތެއް ނޭގެއެވެ.
ދެން އަހަރެން އެތާ އިންދާ އެ ހަންޑި އަހަންނަށް ކާންގެނެސް ކާށޭ ބުންޏެވެ. ކާން ގެނައީ ހޮޑެވެ. އެކަމަކު އަހަރެން ނުކަމަވެ. ދެން އެ ހަންޑިއަށް ވީގޮތެއް ނޭގެއެވެ.
އަހަރެން އެތަނުގައި އިންއިރު އަހަރެން ހޯދަން ރަށުގެ މީހުން އެހިސާބުގަނޑުގައި އުޅޭތީ އަހަންނަށް ފެނުނެވެ. އެމީހުން އަހަންނަށް ގޮވާވެސް ހެދިއެވެ. އެމީހުންނަކަށް އަހަންނެއް ނުފެނެއެވެ. އަހަރެންނަކަށް ވާހަކައެއް ނުދެއްކެއެވެ. ދޫ ވަނީ ބަންދުވެފައެވެ. އެއީ ދުވާލެއް ރޭގަނޑެއް ކަމެއްވެސް ނޭގެއެވެ. މީހުންތައް އަހަރެން ހޯދަން އުޅުނުއިރު ބައްތި ހިފައިގެން އަލިކޮށްވެސް ހެދިއެވެ. އެކަމަކުވެސް މަށެއް އެމީހުންނަކަށް ފެނުނުކަމަކަށް ނުވިއެވެ.

ފާޠިމަތު ފޮތެއް ބަލާލަނީ/ ފޮޓޯ: ޒާއިފް

ދެން ވަރަށް ގިނައިރު ވީފަހުން އެހެން ހަންޑިއެއްވެސް އައިސް ބުންޏެވެ. ކަލެއާއިކު އައި ހަންޑި އެދިޔައީ ކަލޭ ކަތިލަން ކަނޑި ހަނުލާށެވެ. އަވަހަށް ގެއަށް ހިނގާށެވެ. އަހަރެން ބުނީމެވެ. ގެއަށް ދާކަށް ނޭގޭނެއެވެ. ދެން އެއެތި ދެއްކިމަގުން އެއެއްޗާއެކީ އަހަރެންގެ ގޭދޮށަށް އައުމާއެކު އެ ހަންޑިއަށް ވީގޮތެއް ނޭގުނެވެ. އެހިސާބުން މީހުންނަށް އަހަރެން ފެނުނީއެވެ. އަހަންނަށް ގެއަށް އާދެވުނުކަމަށްވީ އަނެއްދުވަހު ހެނދުނުއެވެ. ދެން އަހަންނަށް އިނދެވުނީ މިވީގޮތާމެދު ހައިރާން ވެފައެވެ. އެކަމުގެ އަވާގައެވެ. އޭގެފަހުން ވަރަށް ބަލިވެ ހުންއައިސް ވަރަށް ގިނަ ދުވަސްވަންދެން ބަލިވެ އުޅުނު ވާހަކަ މަންމަ ކިޔާދިނެވެ. މިހާދިސާ މިހެން މިދިމާވީ ކީއްވެގެން ކަމެއް އަހަރެންނަށް ނޭގުނެވެ. އޭރު އަހަރެންގެ ބައްޕަ ވަނީ މަރުވެފައެވެ. މަންމަ ދުނިޔޭގައި އިނެވެ. މަންމަ ފަރާތުން ކޮންމެވެސް ވަރަކަށް މިވާހަކަ ކިޔައިދިނެވެ.
މި ހާދިސާ ހިގި ދުވަހުގެ ފަހު ދުވަހު އަހަރެންގެ ކުޑަބެއާއި ބޮޑުބެ (ކުޑަކޮއްކޮއާއި ބޮޑުކޮއްކޮ) އާއި ދެބެއިން އަހަރެން ގޮވައިގެން މާއްޑުއަށް ގޮސް އެރަށު މީހަކު ލައްވާ އަހަންނަށް ފަންޑިތަ ހެއްދުވީއެވެ. އެއަށްފަހު އަހަރެން އާދައިގެ އާއްމު ހާލަތަށް ބަދަލުވިއެވެ.
އެހެނަސް އޭގެ ދުވަސްކޮޅެއްފަހުން އެއްރެއަކު ފަތިސް ގަޑީގަ އަހަރެން ހޭލައިގެން ބޭރަށް ނުކުމެ ހުއްޓާ އަހަރެންގެ ގެއާއި ކައިރީގައި އިރުމަތީކޮޅުގައި ހުރި ވަރަށްބޮޑު ކިނބިގަހަކުން ވަރަށް ގަދަ އަލިގަނޑެއް ފެނުނެވެ. އަދި އޭތް ގޮވާލި ހެން ހީވިއެވެ. ދެން އަހަރެން ވަރަށް ބިރުންހުރެ ގޭގެ ކުރިމަތިން ހުރި ކުޑަބެގެ ގެއަށް ގޮސް އިރުއަރަންދެން އޮތީ އެގޭގައެވެ.
އޭގެ ފަހުން އެކަހަލަ އެއްވެސް ބިރުވެރިކަމެއް މިހާތަނަށް ފެނިފައެއް ނުވެއެވެ".

 

ނޯޓް: 'ޒީޓައިމްސް' ގައި މިހާދިސާ ލިޔެފަ މިވަނީ ފާޠިމަތު ޙަމީދާ ކިޔައިދިން ގޮތަށެވެ. މިއީ މިޒަމާނުގައި ގަބޫލު ކުރަން ދަތި ހާދިސާއެއް ނަމަވެސް މިފަދަ ތަފާތު ހާދިސާތައް ކުރީޒަމާނުގައި ހިނގާފައިވާ ކަމަށް އުމުރުން ދުވަސްވީ މީހުން ބުނާއަޑު އިވެއެވެ. 

+1
20
+1
29
+1
18
+1
69
+1
301
+1
20
+1
27

Advertisement

ގުޅުންހުރި ލިޔުންތައް