September 21, 2024 00:16
Advertisement

-Advertisement-

މަދީނާގެ ކުރީގެ ފޮޓޯއެއް/ ފޮޓޯ: ރިސާޗްގޭޓް

ރަސޫލާ ﷺ ގެ ސީރާ: އަބޫ ޖަހުލު ފައިސާދީފަ އަވަހަށް ފިލައި ރައްކާވި ސަބަބު!

ރަސޫލާ ﷺ އާއި މުސްލިމުންނަށް ފުރައްސާރަކުރުމުގައި އަބޫ ޖަހުލު ނަގާކިޔެވެ. އޭނާ ނަޞަބުގެގޮތުން މަތީ ފަންތީގެ މުސްލިމުންނަށް ނިހާޔަތަށް ފުރައްސާރަކުރިއެވެ. އެފަދަ މީހުންނާއި މުޚާޠަބުކޮށް އޭނާ ބުނަމުންދިޔައީ އެމީހުންގެ ކާބަފައިންނަށްވުރެ އެމީހުން މޮޅީތޯއެވެ. އަދި އެމީހުންނަށްވުރެ އެމީހުންގެ ކާބަފައިން ހަމަދެރައީތޯއެވެ. ބޭނުމަކީ ނަފުސާނީގޮތުން އެމީހުން ބަލިކުރުމުވެ. އަދި ނަޞަބުގެގޮތުން އާދައިގެ މުސްލިމުންނަށް އޭނާ އަނިޔާކުރިއެވެ.

އެއްފަހަރަކު އަބޫ ޖަހުލު މީހަކު އަތުން މުދަލެއް ގަތުމަށްފަހު ވިއްކި މީހާއަށް ފައިސާނުދީ ހުއްޓެވެ. ދެން އެމީހާ ފައިސާ ހޯދަން އައުމުން ކޮންމެވެސް ބަހަނާއެއް ދައްކާފައި ފޮނުވާލައެވެ. އެއްފަހަރަކު އެމީހާ ފައިސާ ބަލާ އައުމުން ކަލޭ ތިފައިސާ ހޯދަން ރަސޫލާ ﷺ އަރިހަށް ދާށޭ ބުންޏެވެ. އެކަލޭގެފާނު އޭނާއަށް ފައިސާ ދެއްވާނެކަމަށް އެންގިއެވެ. މިއީ އަބޫ ޖަހުލު ކުރި ފުރައްސާރައެއްކަން ނޭގޭހާލު އެމީހާ ފައިސާ ހޯދަން ރަސޫލާ ﷺ އަރިހަށް ދިޔައެވެ. ދެން އެމީހާ ރަސޫލާ ﷺ އަރިހަށް ގޮސް މިވާހަކަ ދެންނެވުމުން އެފައިސާ އޭނާއަށް ހޯއްދަވައިދެއްވާނެކަމަށް އެކަލޭގެފާނު ވިދާޅުވިއެވެ. ދެން އެކަލޭގެފާނު އެމީހާގެ އަތުގައި ހިތްޕަވައިގެން އޭނާ އަބޫ ޖަހުލުގެ ގެއަށް ގެންދެވިއެވެ. އެއަށްފަހު އެގޭ ދޮރުގައި ޓަކިޖެއްސެވުމުން އަބޫ ޖަހުލު ނިކުތެވެ. އެވަގުތު އޭނާއަށް ލިބުނީ ބޮޑު ސިހުމެކެވެ. އެވަގުތު ރަސޫލާ ﷺ އަބޫޖަހުލަށް އަމުރުކުރެއްވިއެވެ.

'އޭ އަބޫ ޖަހުލު! މިމީހާގެ ފައިސާ ހަމަމިހާރު ދީ!' ރަސޫލާ ﷺ ވިދާޅުވިއެވެ. އަބޫ ޖަހުލު ގަތް ބިރުން އޭނާގެ މޫނުގެ ކުލަ ބަދަލުވެ ތުރުތުރުއަޅަން ފެށިއެވެ. އަދި ގެއަށް ވަނުމަށްފަހު ފައިސާ ކޮތަޅެއް ނެގުމަށްފަހު ނުވެސް ގުނާ އެމީހާއާއި ދިމާއަށް އެއްލައިލިއެވެ. ފަހުން އޭނާ އަބޫ ޖަހުލުގާތު ވީގޮތް އޮޅުންފިލުވުމުން އަބޫ ޖަހުލު ބުނިގޮތުގައި ރަސޫލާ ﷺ ފަހަތްޕުޅުން ބޮޑެތި ޖަމަލުތަކެއް އޭނާއާއި ދިމާއަށް ފުންމައިގަންނަން ތައްޔާރަށް ތިއްބެވެ. އެހެންވެ ފައިސާދީފައި އަވަހަށް ފިލައި ރައްކާވީއެވެ. މިފަހަރު ކުރި ފުރައްސާރައިން ބޮނޑި ލިބުނީ ޚުދު އޭނާއަށެވެ.

Advertisement

މުޝްރިކުން މުސްލިމުންނަށް ދެއްކި ދެކޮޅުވެރިކަމުގައި ދެން ކުރިކަމަކީ ރަސޫލާ ﷺ އާއި ދެކޮޅަށް ފިތުނަ އުފެއްދުމެވެ. ޔަޢުނީ އެކަލޭގެފާނޭ ކިޔައިގެން ހަދައިގެން ދޮގު ވާހަކަތައް ފެތުރުމެވެ. އެގޮތުން އެމީހުން ހަދައިގެން ފެތުރި އެންމެބޮޑެތި ދޮގުތަކުގެ ވާހަކަ ކީރިތި ޤުރްއާނުގައިވެއެވެ. އަޖާއިބުކުރުވަނިވި ގޮތަކަށް މިއަދުގެ ހާލަތަށް ބަލާއިރުވެސް އިސްލާމް ދީން ދޮގުކުރާ ކޮންމެ މީހަކު ބޭނުންކުރަނީ މައްކާގެ މުޝްރިކުން ހެދި ދޮގުގެތެރެއިން ދޮގެކެވެ. އެގޮތުން އެހާރާއި މިހާރުވެސް ދީނުގެ ޢަދުއްވުން އެކަލޭގެފާނާ ދެކޮޅަށް ދެއްކި އަދި ދައްކަމުންދާ ވާހަކަތައް ކީރިތި ޤުރްއާނުގައި ﷲ ބަޔާންކުރެއްވިއެވެ. އެފަދަ ބަސްތަކުތެރޭގައި އެކަލޭގެފާނަކީ މޮޔައެއް...، އެކަލޭގެފާނަކީ ކާހިނެއް..، އެކަލޭގެފާނަކީ ސިހުރުވެރިއެއް...، އެކަލޭގެފާނަކީ ސިހުރު ޖެހިފައިވާ މީހެއް..، އެކަލޭގެފާނަކީ ޝާއިރެއް ހިމެނެއެވެ.

އިސްލާމް ދީން ގަބޫލުނުކުރާ މިޒަމާނުގެ ޢިލްމުވެރިންގެ ނަޒަރުގައި ރަސޫލާ ﷺ ގެ ބުއްދީގައި ހުރި އުނިކަމެއްގެ ސަބަބުން އެކަލޭގެފާނަކީ ރަސޫލެއްކަމަށް އެކަލޭގެފާނު ހީފުޅުކުރެއްވީއެވެ. އެހެން ހުރިހާ ކަމެއްގައި އެކަލޭގެފާނުގެ ބުއްދިފުޅު ރަނގަޅު އިރު ހަމައެކަނި ދީނާއި ޖެހުމުން އެކަލޭގެފާނު މޮޔައަކަށް ބެލުމަކީ އެއްވެސް ބިންގަލެއްނެތް ދޮގު ދަޢުވާއެވެ.

މިހުރިހާ ކަމެއްގެތެރެއިންވެސް ޤުރްއާނާއި ވާދަކޮށްލެވޭނެވަރުގެ އެއްވެސް ކަމެއް އެމީހުންނަކަށް ނުކުރެވުނެވެ. އެޤުރްއާނަކީ ދުވަހަކުވެސް އެމީހުން އަހާފައިނުވާފަދަ ފުރިހަމަ ފޮތެކެވެ. އެފޮތުގެ ބަހާއި ސްޓައިލާއި ބަސްތަކާއި އަޑާއި މަޚުރަޖްއަކީ އެމީހުންނަށް މުޅިން އާއެއްޗެކެވެ. ކީރިތި ޤުރްއާނާއި ޢަރަބީންގެ އެންމެމޮޅު ޅެންވެރިކަން ކުޑަކޮށްވެސް ގާތްވެސްނުކުރެއެވެ. އެވަގުތު ދުނިޔޭގައި ތިބި ޢަރަބި ބަހުގެ އެންމެ ބޮޑެތި އުސްޠާޛުންނަށް ޤުރްއާން ކިޔަވައިދިނުމުން އެމީހުން ބަސްހުއްޓުނުއެވެ.

ބަނޫ މަޚުޒޫމުގެ ވެރިޔާ ވަލީދު އިބުނު މުޣީރާއަކީ އެވަގުތު މައްކާގައި ހުރި ޢަރަބި ބަހުގެ އެންމެބޮޑު އުސްތާޛެވެ. މިއީ ޢަރަބި އަދަބުގެ ޝެކްސްޕިއަރއެވެ. އެއްދުވަހަކު ރަސޫލާ ﷺ ގެފުޅު ކައިރީގައި ޤުރްއާން ކިޔަވައިވިދާޅުވިއިރު ވަލީދު ކަނުލައި އެކިޔެވެލީގެ އަޑުއެއްސެވިއެވެ. މިއީ ފުރަތަމަ ފަހަރަށް އެއްވެސް ހުރަހެއްނެތި ކައިރިން އޭނާ ޤުރްއާނުގެ އަޑުއެއްސެވި ފަހަރެވެ. ރަސޫލާ ﷺ ކިޔެވެލި ނިންމެވުމަށް ދާދެން ކަނުލައި އައްސަވަން ވަލީދު ހުންނެވިއެވެ. އެއަށްފަހު އޭނާއަށް ބަދަލުތަކެއް އައެވެ. އަދި ކޮންމެވެސް އެއްޗެހިތަކެއް ވިދާޅުވަމުން ވަޑައިގަތެވެ.

'އަހަރެން ﷲ ގަންދީފައި ބުނަމެވެ. މުޙައްމަދުގެ (ރަސޫލާ ﷺ ގެ) އަޑުން އަހަރެން ދެންމެ މިއެހި ކިޔެވެއްޔަކީ އިންސާނެއް ކިއެއްތަ ޖިންނިއެއްގެ ކިޔެވެއްޔެއްވެސް ނޫނެވެ. އަދި އެކަލޭގެފާނު އެވިދާޅުވި ކިޔެވެލީގެ ރީތިކަމާއެވެ. އެބަހުގެ މަތީގައިވަނީ މުއްސަނދިކަމެވެ. އެބަހުގެ އެންމެ ކުރީގައިވަނީ ހިތްގައިމުކަމެވެ. އެބަހުގައިވާ ރާގު އަރަފޯދިގެންވާ އެހެން އެއްޗެއް ނުވެއެވެ.' މައްކާގެ މުޝްރިކުންގެ ބޮޑެއްކަމުގައިވާ ވަލީދު ދުލުން މިބަސްތައް ބޭރުވުމުން އެމީހުން ގޮތްހުސްވެ ތެޅިގަތެވެ.

އަބޫޖަހުލަށް މިޚަބަރު ލިބުމާއެކު މިކަމާ ކަންބޮޑުނުވުމަށާއި އޭނާ މިކަމުގައި ކުރަންޖެހޭ ކަންކަންކުރާނެކަމުގެ ޔަގީންކަންދިނެވެ. އެއަށްފަހު އަވަސް އަވަހަށް އޭނާ ވަލީދުގެ ގެއަށް ދިޔައެވެ. އެއަށްފަހު އަބޫ ޖަހުލު، ވަލީދު ގާތު ބުންޏެވެ.

'ކަލޭގެ ރައްޔިތުން ބުނާގޮތުގައި ކަލޭ ކީރިތި ޤުރްއާނަށް ތަޢުރީފުކޮށްފިއެވެ. ކަލޭގެ ރައްޔިތުން ހިތްހަމަޖެހޭނެ ހަމައެކަނި ގޮތަކީ ކަލޭ މުޙައްމަދާއި މުޅިން ވަކިވުމެވެ.' ޔަޢުނީ ޤުރްއާނާއި ދެކޮޅަށް ކޮންމެވެސް އެއްޗެއް ބުނުމެވެ. ސިޔާސީ ލީޑަރަކަށްވާތީ އެވަގުތު ވަލީދު އިބުނު މުޣީރާ އިޚުތިޔާރުކުރީ ރައްޔިތުންގެ ތާއީދެވެ. އަދި އޭނާ ކުރައްވަންޖެހޭ ކަމެއް ބުނުމަށް އަބޫޖަހުލުގާތު ވަލީދު އެދިވަޑައިގަތެވެ. ދެން އަބޫޖަހުލު ދެންނެވީ ރަސޫލާ ﷺ އަކީ ބުއްދިފިލާގޮސްފައިވާ މީހެކޭ ވިދާޅުވުމަށެވެ. ޖަވާބުގައި ވަލީދު ވިދާޅުވީ އެކަލޭގެފާނަކީ މޮޔައެއްނޫންކަމަށާއި އެކަން އެންމެން ދަންނަކަމަށެވެ. އަދި ބުއްދިއެއްނުވާ މީހެއްގެ އެއްވެސް ސިފައެއް އެކަލޭގެފާނުގެ ފުށުން ނުފެންނަކަމުގައި ވަލީދު ވިދާޅުވިއެވެ.

ދެން އަބޫޖަހުލު އެދުނީ ރަސޫލާ ﷺ އަކީ ކާހިނެއް ޔަޢުނީ ރާހި ބަލާ މީހެއްކަމުގައި ވިދާޅުވުމަށެވެ. ދެން ވަލީދު ވިދާޅުވިގޮތުގައި އެކަލޭގެފާނަކީ ކާހިނެއްގެ މަސައްކަތްކުރައްވާ ބޭކަލެއް ނޫންކަމަށާއި އެކަހަލަ އެއްވެސް ކަމެއް އެކަލޭގެފާނުގެ ކިބައިގައި ނެތްކަމަށެވެ. ދެން އަބޫޖަހުލު އެދުނީ އެކަލޭގެފާނަކީ ޖާދޫގަރެއްކަމުގައި ވިދާޅުވުމަށެވެ. އެކަލޭގެފާނަކީ ޖާދޫގަރެއްނޫންކަމަށާއި ޖާދޫގަރުންގެ އަތުގައިހުންނަ އެއްވެސް އެއްޗެއް އެކަލޭގެފާނުގެ އަތްޕުޅުގައިނުވާކަމަށް ވަލީދު ވިދާޅުވިއެވެ. ދެން އެހެންވެއްޖެއްޔާ އެކަލޭގެފާނަކީ ޝާޢިރެކޭ ވިދާޅުވުމަށް އަބޫޖަހުލު އެދުނެވެ. ޖަވާބުގައި ވަލީދު ވިދާޅުވީ އޭނާއަކީ އެންމެބޮޑު ޝާޢިރުކަމަށާއި ރަސޫލާ ﷺ އަކީ އެބާވަތުގެ ބޭކަލެއްނޫންކަމަށެވެ. ދެން އަބޫޖަހުލު ބުނިގޮތުގައި ވަލީދު ކޮންމެވެސް އެއްޗެއް ވިދާޅުވާންޖެހޭކަމަށެވެ. މީސްތަކުން އެދެނީ އޭނާ ކޮންމެވެސް އެއްޗެއް ވިދާޅުވާންކަމުގައި އަބޫ ޖަހުލު ބުންޏެވެ.

ނުނިމޭ..

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ވަނީ ގެނެސްދީފައެވެ. 

+1
0
+1
0
+1
7
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް