November 26, 2024 01:55
Advertisement

-Advertisement-

ދޮން ކަޅު ކިޔުން ހުއްޓާނީ ކޮންއިރަކުބާއޭ ހިތަށް އަރައެވެ!

'ހާދަ ދޮންކުއްޖެއް. ދޮންވީމަ ވަރަށް ރީތި' ނުވަތަ 'މިފަހަރު ތި ލިބުނީ ހާދަ ކަޅު ކުއްޖެއް' މިއީ މިމުޖުތަމައިން ވަރަށް ގިނައިން އިވޭ އަޑެކެވެ. އެންމެ ކުޑައިރުއްސުރެ ކުދިންނަށް ވެސް އޮންނަނީ މި އަޑުތައް އިވިފައެވެ.

އަޅުގަނޑުގެ ރައްޓެއްސަކު ދާދިފަހުން ބުނި ވާހަކައެއް އިވުމުން ހަގީގަތުގައިވެސް މި ސުރުހީގެ ދަށުން ލިޔުމެއް ނުލިޔެ ނުހުރެވުނީއެވެ. އޭނާގެ 7 އަހަރުގެ ދަރިފުޅު ބޭނުންވަނީ ކޮންމެފަދަ ކްރީމެއް އުނގުޅައިގެން ވެސް ހަމުގެ ކުލަ އަލިކުރާށެވެ. އެއީ އެއާއިލާގައި އެކުއްޖާއާއި އެއްއުމުރުގެ ކުދިންނަކީ ހަމުގެ ކުލަ އަލި ކުދިންނަށް ވުމުންނެވެ. ލޯބިވާ މާމަ އާއި ދައްތަމެން މަޖަލަކަށް ނަމަވެސް ބުނެލާ ބަހުން އެކުއްޖާގެ ހިތުގައި ޖެހުނީއެވެ.

ނިކަން ވިސްނަބަލާށެވެ. އެއީ ކުޑަކުޑަ ކުއްޖެކެވެ. އެކުއްޖާގެ ސިފައާއިމެދު އެގޮތަށް ވާހަކަދެއްކުމުން އެސިފަ ބަދަލުކުރުމަށް ބޭނުންވަނީއެވެ. މިއީ އާދައިގެ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި ކުދިންނަށް ދަސްކޮށްދޭންވީ އެކުދިންގެ ސިފައާއިމެދު ޝުކުރުވެރިވާށެވެ.

Advertisement

ހަމުގެ ކުލަ އަލިވުމަކީ ހަމައެކަނި ރީތިވުމެއް ނޫންކަން ބުނެދޭންވީއެވެ. ހަމުގެ ކުލަ ކޮންމެ ގޮތަކަށް ހުއްޓަސް މީހާގެ ރަނގަޅު އަޚްލާގެއް ނެތްނަމަ ކުރާނެ ފައިދާއެއް ނެތްކަން ވިސްނައިދޭންވީއެވެ.

ހެޔޮނުވާނެއެވެ. ވިހައިގެން އޮންނަ މީހަކަށް ގޮވާލަންގޮސް ނުވަތަ ކުޑަކުއްޖަކާ ދިމާވާއިރަށް ކުލައިގެ ތަފާތު ނުކިޔާށެވެ. ކުލައަކީ އަމިއްލަ ބާރުން ކުރާ ކަމެއް ނޫނެވެ. ދޮން މީހުންނަށް ވެސް ކަޅު ކުދިން ލިބިފަ އެބަހުއްޓެވެ. އަދި ކަޅު މީހުންނަށް ވެސް ދޮން ކުދިން ލިބިފަ އެބަހުއްޓެވެ.

މިގޮތަށް އަޅާކިޔުމުން ނޭގިނަމަވެސް އެދެވެނީ އެފަދަ ކުދިންނަށް ބަޔާންކުރަން ދަތި ހިތްދަތިކަމެކެވެ. އެކުދިން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަވެ މީހުންގެ ތެރެއަށް ނުކުންނަން ފަސްޖެހޭފަހަރު ވެސް އާދެއެވެ. އެއީ މީހުންގެ އަނގައިން ބޭރުވާ ބަސްތަކުންނެވެ. 

ހަމުގެ ކުލައިގެ ސަބަބުން ކުދިންގެ މެދުގައި ތަފާތު ނުކޮށް ކޮންމެ ކުއްޖަކީވެސް ލޯބި ލިބިގެން އަދި ލޯބި ދީގެން ބޮޑުވާ ކުއްޖަކަށް ހެދުމަށް މަސައްކަތް ކުރަމާތޯއެވެ. ދެލޮލުގެ ކޮއިފަދައިން ލޯބިން ގެންގުޅޭ ކުދިންނަށް ފާޑު ނުކިޔާ މީހަކަށް ވުމަށް މަސައްކަތް ކުރަމާތޯއެވެ.

+1
0
+1
2
+1
10
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް