September 21, 2024 00:14
Advertisement

-Advertisement-

ރަސޫލާ ﷺ ގެ ސީރާ: ހަނދު ދެފަޅިއަށް އިރައިގެން ދިޔުން

ވަލީދު އިބުނު މުޣީރާ ދެން އެދިވަޑައިގަތީ ވިސްނާލެއްވުމަށް އޭނާއަށް ދެތިން ދުވަސް ދެއްވުމަށެވެ. ދެން ވަލީދު ވިސްނެވުމަށްފަހު އޭނާ ވިދާޅުވާނެ އެއްޗެއް މުޅިން ނިންމަވައިފިއެވެ. ވަލީދަށް އެއްޗެއް ވިދާޅުވުމުގެ ކުރިން އޭނާގެ ހިތަށް އެރި ކަންކަމާއި އޭނާގެ އިހުސާސްތަކާއި އޭނާ ބުނަން ނިންމި ވާހަކަ ﷲ ވަޙީކުރެއްވިއެވެ. އެހިނދު ވަލީދަށް އެވާހަކަ ހާމަނުކުރެއްވެނީސް ރަސޫލާ ﷺ އެވާހަކަތައް ވިދާޅުވެދެއްވިއެވެ. އެއީ ސޫރަތުލް މުއްދައްޘިރުގެ އާޔަތްތަކެކެވެ. ﷲ ސީދާ ވަލީދަށް ގޮންޖައްސަވައި އޭނާއަށް އަމާޒުކުރައްވައި ބާވައިލެއްވި ފިސާރި ބާރުހުރި އާޔަތްތަކެކެވެ. (މުއްދައްޘިރު 11 އިން 26)

ވަލީދަކީ އަބޫޖަހުލެކޭ އެއްފަދައިން މުޝްރިކެއްގެ ގޮތުގައި ހުރެ އަވަހާރަވި ޤުރައިޝުންގެ ބޮޑެކެވެ. އޭނާގެ ދެދަރިކަލުން އިސްލާމްވެވަޑައިގަތެވެ.

ދެން ޤުރައިޝުންގެ މުޝްރިކުން ރަސޫލާ ﷺ އަށް ފުރައްސާރަކުރުން ކުރިއަށް ގެންދިޔައެވެ. މިކަމުގައި އިސްކޮށް އުޅުނީ އެކަލޭގެފާނުގެ ބޮޑުބޭބެ އަބޫ ލަހަބާއި އަބޫ ޖަހުލެވެ. މިދުވަސްވަރު ހައްޖަށް އަންނަ މީހުން މައްކާއަށް ވަނުމުގެކުރިން އެމީހުންނާއި ބައްދަލުކުރުމަށް އަބޫ ޖަހުލު މައްކާގެ ބޭރަށްދެއެވެ. އެއަށްފަހު މީސްތަކުން އެހިސާބަށް އައުމުން މައްކާގައި މުޙައްމަދޭ ކިޔުނު މޮޔައަކު އުޅޭކަމަށާއި އޭނާ ދައްކާ ވާހަކަ އަޑުނޭހުމަށް ނަސޭހަތްދެއެވެ. ބައެއްފަހަރު އަބޫ ލަހަބުވެސް މިގޮތަށް މީހުންނަށް ނަސޭހަތްދެއެވެ. އޭނާގެ ވާހަކައިގައި ބުއްދިފިލާފައިވާ އޭނާގެ ކޮއްކޮއަށް ވިސްނައިގެން އުޅުމަށް ހައްޖުވެރިންނަށް އަންގަމުންދިޔައެވެ. އޭނާގެ ޖާދުލުން ހައްޖުވެރިން ނިންދަވާލާނެކަމަށްވެސް ޙައްޖުވެރިންނަށް ވިސްނައިދިނެވެ. އަދި އޭނާ ވާހަކަދައްކަން ފެށުމުން ކަންފަތަށް އުނގުރިޖަހައިގެން އަޑުނޭހުމަށް ނަސޭހަތްތެރިވިއެވެ. މިކަމާނުރުހިގެން ބައެއް ޙައްޖުވެރިން އިސްލާމްވިއެވެ. އެގޮތަށް އިސްލާމްވި މީހަކު އަބޫ ޖަހުލަށް އެންގީ އޭނާއަކީ ބޭސްވެރިއެއްކަމަށެވެ. އެހެންވެ އޭނާ މޮޔަ މީހާ ރަނގަޅުކުރާނެކަމަށް ބުންޏެވެ.

Advertisement

އެއަށްފަހު އެމީހާ ރަސޫލާ ﷺ އަރިހަށް ދިޔައެވެ. އެއަށްފަހު އަބޫ ލަހަބު ދެއްކި ވާހަކަތައް އެކަލޭގެފާނު އަރިހުގައި ދަންނަވާފައި އެކަލޭގެފާނަށް ފަރުވާކުރަން އެދޭ ވާހަކަ ދެންނެވިއެވެ. ދެން ރަސޫލާ ﷺ ވިދާޅުވިގޮތުގައި އެކަލޭގެފާނަކީ މޮޔައެއްނޫނެވެ. އެއަށްފަހު އެކަލޭގެފާނުގެ ރިސާލަތު އަޑުއެއްސެވުމަށް އެދިވަޑައިގަތެވެ. ދެން އެކަލޭގެފާނު ދަޢުވަތުގެ ޚުޠުބާ ފެއްޓެވިއެވެ. ޚުޠުބާގެ ތަޢާރަފް ނުވަތަ ފެށުމުގައި އެކަލޭގެފާނު ވަނިކޮށް އެމީހާ އެކަލޭގެފާނު ހުއްޓުވިއެވެ. އެއަށްފަހު އެފަދަ އެއްޗެއް ދުވަހަކު އަޑުނާހާކަމަށް ދަންނަވައި އެކަލޭގެފާނަކީ ކޮން ބޭކަލެއްތޯ އެހިއެވެ. ޖަވާބުގައި އެކަލޭގެފާނަކީ ﷲ ގެ ރަސޫލާކަމުގައި ވިދާޅުވުމާއެކު އެމީހާ ވަގުތުން އިސްލާމްވިއެވެ.

ރަސޫލާ ﷺ ހުއްޓުވަން މައްކާގެ މުޝްރިކުން ދެން ކުރިކަމަކީ އެކަލޭގެފާނާއި ކުރިމަތިލައި މުޢުޖިޒާތް ދެއްކެވުމަށް އެދުމެވެ. އެމީހުން އެކަލޭގެފާނަށް ތަބާވާނީ އެމީހުންގެ ލޮލަށް މުޢުޖިޒާތް ދައްކަވައިގެންކަމަށް ދެންނެވިއެވެ. އެމީހުން އެދުނު އެތައްކަމެއްގެ ވާހަކަ ﷲ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވައެވެ. (އިސްރާ ސޫރަތް 90-93 އާޔަތް)

ރަސޫލާ ﷺ އަށް ގޮންޖެހުމަށްޓަކައި ޤުރައިޝުން މުޢުޖިޒާތަށް އެދި ދެންނެވުމުން އެމީހުން އެދުނުހާކަމެއް އެކަލޭގެފާނަށް ނުދެއްވުމުގެ ޙިކުމަތަށް ބަލައިލުން ބޭނުންތެރިއެވެ. އެންމެފުރަތަމަ ކަމަކަށް ﷲ އެމީހުންނަށް ކޮންމެވެސްވަރަކަށް މުޢުޖިޒާތް ދެއްކެވިއެވެ. އެކަން ކީރިތި ޤުރްއާނުންވެސް އެނގެއެވެ. (ގަމަރު ސޫރަތް 1)

އެމީހުންގެ އެދުމަށް ރަސޫލާ ﷺ ﷲ އަށް ދުޢާދެންނެވުމުން ހަނދު ދެފަޅިއަށް އިރައިގެން ދިޔައެވެ. އެހިނދު އެމީހުން ބުނީ އެކަލޭގެފާނު އެމީހުންގެ ލޯތައް ... ރަސޫލާ ﷺ އަށް ދެއްވި އެންމެ ބޮޑު މުޢުޖިޒާތަކީ ކީރިތި ޤުރްއާނެވެ. އެކަން އެކަލޭގެފާނަށް ﷲ އެންގެވިއެވެ.

އެމީހުން އެދުނުހާ މުޢުޖިޒާތް އެމީހުންނަށް ނުދެއްކެވި މައިގަނޑު ސަބަބަކީ އެމީހުންގެ ނިޔަތް ގޯސްވުމެވެ. އެމީހުން މުޢުޖިޒާތަށް އެދުނީ ރަސޫލާ ﷺ އަށް ޖެއްސުން ކުރުމުގެގޮތުންނެވެ. އަދި މުޢުޖިޒާތެއް ﷲ ދެއްވިއަސް އެމީހުން ތިބީ ގޮތްދޫކުރާ ގޮތަކަށްނޫނެވެ. މިކަންވެސް ކީރިތި ޤުރްއާނުގައި އެތައް ފަހަރަކު ﷲ ބަޔާންކުރެއްވިއެވެ. (ގަމަރު ސޫރަތް 2-3) (އަންޢާމް 111)

ރަސޫލާ ﷺ މެދުވެރިކޮށް ވާވަރަށްވުރެވެސް ގިނައިން އެމީހުންނަށް ﷲ ގެ އެއްކައުވަންތަކަމުގެ ހެކިތަކާއި ރަސޫލާ ﷺ ގެ ރަސޫލުކަމުގެ ހެކިތައް އެމީހުންނަށް ﷲ ދެއްކެވިއެވެ. ﷲ އަކީ ބަޔަކު މީހުން ހިތުހުރިހާކަމެއް ކުރެއްވުމަށް އިރާދަކުރައްވާ އިލާހެއްނޫނެވެ. އަދި ﷲ އަށް ގޮންޖަހާ މީހުންނަށް ﷲ ދެއްވާ އިޖާބައަކީ މަރުވުމަށްފަހު އެމީހުންނަށް ދެއްވާ ނިމުމެއްނުވާ ނަރަކައިގެ ގަދަފަދަ ޢަޒާބެވެ. (ބުޚާރީ ހަދީސް)

އެއްފަހަރަކު މުޝްރިކުން ޞަފާ ފަރުބަދަ ރަނަށް ބަދަލުކޮށްދެއްވުމަށް ރަސޫލާ ﷺ އަރިހު އާދޭސްކޮށް ދެންނެވިއެވެ. މިފަހަރު ރަސޫލާ ﷺ ހީފުޅުކުރެއްވީ އެމީހުންގެ މިއެދުމަކީ އިޚުލާސްތެރި އެދުމެއްކަމުގައެވެ. ދެން އެކަލޭގެފާނު މިކަމަށް އެދި ﷲ އަށް ދެންނެވިއެވެ. ދެން ﷲ އެކަލޭގެފާނު އަރިހަށް ޖިބުރީލުގެފާނު ފޮނުއްވައި އެންގެވިއެވެ. އެކަލޭގެފާނު އެދިވަޑައިގަންނަވާނަމަ އެކަން ވާނެއެވެ. އެކަމަކު މީސްތަކުން އެކަލޭގެފާނަށް ތަބާނުވެއްޖެނަމަ އެމީހުންނަށް އިތުރު ފުރުސަތެއް ﷲ ނުދެއްވާނެކަމަށް ޖިބުރީލުގެފާނު ވިދާޅުވިއެވެ. އެހިނދު އެމީހުންނަށް ވަގުތުން ﷲ ގެ ކޯފާ އަންނާނެކަމުގެ އިންޒާރުދެއްވިއެވެ. ދެން އެކަލޭގެފާނު އިޚުތިޔާރުކުރެއްވީ އެމީހުންނަށް ތެދުމަގު ދައްކަވާނެ އިތުރު ފުރުސަތަކަށެވެ.

ރަސޫލާ ﷺ ހުއްޓުވަން ޤުރައިޝުންގެ މުޝްރިކުން ބޭނުންކުރި ހަތްވަނަ ގޮތަކީ ސީދާ އެކަލޭގެފާނާއި ވާހަކަދެއްކުމާއި ރިޝްވަތު ހުށަހެޅުމެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭކަމަކަށް އެމީހުން ހުށަހެޅި ހުށަހެޅުމަކީ އެމީހުން އެއްދުވަހު ކާފަރު ދީނުގައި ތިބުމަށްފަހު އަނެއް ދުވަހު އިސްލާމް ދީނުގައި ތިބުމެވެ. މުސްލިމުންވެސް އެއްދުވަހު މުޝްރިކުންގެ ކަލާނގެއަށް އަޅުކަންކުރުމަށްފަހު އަނެއް ދުވަހު ﷲ އަށް އަޅުކަންކުރުމެވެ. ޔަޢުނީ އެންމެން ދެދީނަށް އުޅެން އެއްބަސްވުމުގެ ހުށަހެޅުމެވެ. މިމީހުންގެ މިމަކަރުވެރި މަޅިން ރަސޫލާ ﷺ ސަލާމަތްކުރެއްވުމަށް ﷲ ބާވައިލެއްވީ ކާފިރޫން ސޫރަތެވެ.

ނުނިމޭ..

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ވަނީ ގެނެސްދީފައެވެ.

+1
0
+1
0
+1
4
+1
3
+1
3
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް