November 22, 2024 23:34
Advertisement

-Advertisement-

ޙައިޟުވުމަކީ ދަރުމައާއި ޘަވާބު އުނިވެގެންދާކަމެއް ނޫން

ޙައިޟްއަކީ އާދަމުގެ ދަރިންގެ ތެރެއިން އަންހެނުންނަށް ﷲޞުބުޙާނަހޫ ވަތަޢާލާ މިންވަރު ކުރައްވާފައިވާ ކަމެކެވެ. ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. مَا أَخْبَرَ بِهِ النَّبِيُّ صلى الله عليه وسلم السَّيِّدَة عَائِشَة، يَوْمَ أَصَابَهَا الْحَيْضُ وَهِيَ فِي الْحَجِّ: (دَخَلَ عَلَيَّ رَسُوْلُ الله صَلَّى الله عَلَيْهِ وَسَلَّمَ بِسَرِفَ وَأَنَا أَبْكِيْ، فَقَالَ: (مَا لَكِ أنَفِسْتِ). قُلْتُ: نَعَمْ، قَالَ: (هَذَا أَمْرٌ كَتَبَهُ الله عَلَى بَنَاتِ آدَمِ) رواه البخاري وغيره. މާނައީ: "ޙައްޖުގެ ތެރޭގައި ޢާއިޝަތުގެފާނު ޙައިޟުވުމުން އެކަމަނާއަށް ކީރިތިރަސޫލާ ބަޔާން ކޮށްދެއްވާފައިވެއެވެ. "އެކަމަނާ ވިދާޅުވެފައިވެއެވެ." "ތިމަންކަމަނާ ފޭލިގޭގައި ކީރިތި ކުރައްވަން އިންނަވަނިކޮށް ތިމަންކަމަނާގެ އަރިހަށް ކީރިތރަސޫލާ ވަދެވަޑައިގެންނެވިއެވެ." "އަދި އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ." "ކަމަނާ ޙައިޟުވެވަޑައިގަތީތޯއެވެ." ތިމަންކަމަނާ ދެންނެވީމެވެ، "އާދޭހެވެ." "ޙަދީޘް ކުރެއްވިއެވެ." ޙައިޟްއަކީ ﷲ ޞުބުޙާނަހޫ ވަތަޢާލާ އާދަމުގެފާނުގެ ދަރިންކުރެ އަންހެނުންގެ މައްޗައް ލައްވާފައިވާކަމެކެވެ."

ރަމަޟާންމަހު ނުވަތަ ޙައްޖުގެ އަޅުކަމުގައި ވަނިކޮށް ޙައިޟް ވެއްޖެނަމަ ބައެއް އަންހެން ބޭފުޅުން އެކަމާ ވަރަށް ހިތާމަ ކުރައްވައެވެ. އެހެނީ ޙައިޟްވެރިޔާއަށް ރޯދަ ހިފުމާއި، ނަމާދު ކުރުމާއި ޠަވާފުކުރުމަކީ ޝަރީޢަތުގައި ޙަރާމްކަމެކެވެ. އަދި އެކަމުގެ ސަބަބުން ރަމަޟާންމަހާއި ޙައްޖުގެ އަޅުކަމުގެ ހެޔޮ ޘަވާބާއި ދަރުމަ މަޙުރޫމު ވެގެންދާނެކަމަށް ބައެއް އަންހެންބޭކަނބަލުން ދެކެވަޑައިގަންނަވައެވެ.

ނަމަވެސް ޙައިޟް ވުމަކީ އަންހެން ބޭފުޅުން އެކަމާ ހިތާމަ ކުރައްވަންވީ ކަމެއްނޫނެވެ. އެހެނީ ކީރިތި ރަސޫލާ ޙަދީޘްކުރައްވަނީ: (إِذَا مَرِضَ الْعَبْدُ أَوْ سَافَرَ كُتِبَ لَهُ مِثْلُ مَا كَانَ يَعُمَلُ مُقِيْمًا صِحَيْحًا) (رواه البخاري) މާނައީ: " އަޅާ ބަލިވެއްޖެނަމަ ނުވަތަ ދަތުރުމަތީގައިވާނަމަ އޭނާ ހެޔޮ ހާލުގައި ހުރިއިރު އަދި ރަށުގައި ޤާއިމްވެ ހުރިއިރު ކޮށް އުޅުނު ޢަމަލުތަކުގެ އަޖުރަ ލިބޭނެއެވެ." އެބަހީ ޘަވާބު ލިބޭނެއެވެ.

Advertisement

މިޙަދީޘުން " ބަލިވެއްޖެނަމައޭ " ބުނެވޭ ބަހުގެ މާނައިގައި ޙައިޟްވެރިން ހިމެނެއެވެ. އެހެނީ އާއްމު ގޮތެއްގައި އާދަވެ އަންހެނަކު ކުރަމުން އަންނަ އަޅުކަމެއް ނުކުރެވޭނެ ޝަރުޢީ ޢުޛުރެއްކަމުގައި ޙައިޟް ވާތީއެވެ. މިހެންކަމުން ޠާހިރު ކަންމަތީ ހުރި ދުވަސްތަކުގައި ކުރަމުންއައި ހެޔޮ ކަންތައް ޙައިޟްގެ ސަބަބުން ނުކުރެވުނު ނަމަވެސް މާތްﷲ ޞުބުޙާނަހޫ ވަތަޢާލާ އެމީހަކު ޙައިޟްގެ ދުވަސްވަރުގައި އެކުޅަ ހެޔޮ ޢަލަމުތަކުގެ ދަރުމަ އާއި ޘަވާބު ދެއްވާނެކަން އަންނަނިވި ޙަދީޘުންވެސް ޘާބިތުވެއެވެ.

فَلَقَدْ أَعْلَنَ الرَّسُوْلَ صَلَّى الله عَلَيْهِ وَسَلَّمَ عَلَى رُؤُوْسِ أَصْحَابِهِ وَهُمْ فِي الْجِهَادِ أَنَّ مَنْ كَانَ مُشْتَاقًا لِلْجِهَادٍ صَادِقِ النِّيَّةَ فِيْ ذَلِكَ وَلَمْ يُمْنَعَهُ سِوَى الْعُذْرٍ فَإِنَّ لَهُ مِثْلُ أَجْرٍ مَنْ خَرَجَ لِلْجِهَادِ دُوْنَ فَرْقٍ، فَرَوَى الْبُخَارِيْ مِنْ حَدِيْث أَنَسْ أَنَّ رَسُوْلُ الله صَلَّى الله عَلَيْهِ وَسَلَّمَ قَالَ : ( إِنَّ بِالْمَدِيْنَةِ رِجَالًا مَا قَطَعْتُمْ وَادِيًا، وَلَا سَلَكْتُمْ طَرِيْقًا إِلاَّ شَرِكُوْكُمْ فِي الْأَجْرِ، حَبْسَهُمُ الْعُذْرَ). މާނައީ: " ކީރިތި ރަސޫލާ صلى الله عليه وسلم  އެކަލޭގެފާނުގެ އަޞްޙާބުން ޖިހާދުގައި އުޅުއްވިއިރު އިޢުލާންކުރެއްވިއެވެ. "ޖިހާދު ކުރާހިތްވެހުރެ އެކަމަށް ތެދުހިތުން ނިޔަތްގަނެ، ހަމައެކަނި ޢުޛުރަކާހުރެ ތިމަންމެންނާ ބައިވެރިވެވަޑައިނުގެންނެވުނު ބޭކަލުންނަށް، ޖިހާދަށް ނުކުމެވަޑައިގަތް ބޭކަލުންނަށް ހުރި ދަރުމަޔާ ޘަވާބު ލިބޭނެއެވެ." މިޙަދީޘްތަކުން އެނގެނީ އިންސާނާ ހެޔޮ ޢަމަލު ކުރަން ބޭނުންވެ، ޢުޛުރެއް މެދުވެރިވެގެން އެކަން ނުކުރެވުނު ނަމަވެސް އެކަމުގެ ދަރުމައާއި ޘަވާބު ﷲ ޞުބުޙާނަހޫ ވަތަޢާލާ ދެއްވާނެކަމެވެ.

މިހެން މިކަން އޮތް ނަމަވެސް ޙައިޟްގެ ދުވަސްވަރު އައުމުން މުޅިންހެން ހެޔޮ ޢަމަލުކުރުމުން ދުރުވުމަކީ ރަނގަޅު ކަމެއް ނޫނެވެ. އެހެނީ އެގޮތައް ކަންތައް ކުރުމުގެ ސަބަބުން އަޅުކަން ކުރުމަށް ފަރުވާކުޑަވެ ދީނާ ދުރުވާ ގޮތް މެދުވެރިވެއެވެ. މިކަމުގެ ނަތީޖާއަކީ ޙައިޟުގެ ދުވަސްވަރު ނިމުމަށްފަހުވެސް ކަންނެތްކަމާ ޣާފިލްކަން ތިމާގެ ކިބައިގައި އަށަގަތުމެވެ. ޙައިޟްގެ ދުވަސްވަރަކީ އެއްކޮށް އަޅުކަންތަކާ ދުރުވާ ދުވަސްތަކެއްކަމުގައި ނަހަދާށެވެ. އެދުވަސްވަރު ވެސް ކުރެވޭ ހެޔޮކަންތައް ކުރުމުގައި ދެމިހުރެވޭތޯ ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ﷲއަށް ޛިކުރު ކުރުމާއި ޤުރުއާން އަޑުއެހުމާއި، ދުޢާކުރުމާއި އިސްތިޢްފާރުކުރުން އަދި އެކި ޢިލްމުވެރިންގެ ދީނީ ނަސޭހަތް އަޑު އެހުމުގައި ވަގުތު ހޭދަކުރެވިދާނެއެވެ. ޚާއްޞަ ގޮތެއްގައި ރަމަޟާންމަހު މިކަމަށް ފަރުވާ ބެހެއްޓުމަށް ޚައްޞަ ސަމާލުކަމެއް ދެންވާނެއެވެ. އެހެނީ، ރަމަޟާންމަހު ކުރާ އަޅުކަމާއި ހެޔޮކަންތައް އެހެން މަސްމަހު ކުރާ އަޅުކަމާއި ހެޔޮކަމަށްވުރެ  ޘަވާބު އިތުރުވާނެތީއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ، އެކަލާނގެ އަޅުތަކުންނަށް އިތުރު ޘަވާބާއި ބަރަކާތް ހޯދައި، ފާފަތައް ފޮހެވި ދަރަޖަ މަތިވެރިވުމުގެ ފުރުސަތު ލިބޭ މަހެއްގެ ގޮތުގައި ރަމަޟާން މަސް ކަނޑައަޅުއްވާފައެވެ. އަދި އެދަރުމައާއި ޘަވާބުވަނީ ހަމައެކަނި ފިރިހެނުންނަށްޓަކައި ލައްވާފައިވާކަމެއްގެ ގޮތުގައެއްނޫނެވެ. ރަމަޟާންމަހަކީ ދެޖިންސަށް ﷲ ޞުބުޙާނަހޫ ވަތަޢާލާ ލައްވާފައިވާ ބަރަކާތުގެ މައްސަރެކެވެ. ވީމާ އަންހެން ބޭފުޅުންވެސް މިމަހުގެ ހެޔޮ ދަރުމައާއި ޘަވާބު ހޯދުމަށްޓަކައި މަސައްކަތް ކުރުމަކީ ކުރަންޖެހޭ ކަމެކެވެ.

 

ނޯޓް: މިލިޔުން ވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ނެރުނު 'ހިދާޔަތުގެ އަލި' މަޖައްލާގައި ޝާއިޢުކޮށްފައެވެ. ޒީޓައިމްސްގައި އަލުން މިލިޔުން ޝާއިޢުކުރުމުގެ ބޭނުމަކީ ކިޔުންތެރިންނަށް މުހިންމު މައުލޫމާތު ތަކެއް ގެނެސްދިނުމެވެ. 

+1
1
+1
1
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް