ޢަރަބިބަހުގައި ލިޢާން ނެގިފައިވަނީ ލަޢުން މިބަހުންނެވެ. ލަޢުނަކީ މާތް ﷲގެ ރަޙްމަތާއި އޯގާތެރިކަމުން ބޭރުކޮށްލުމެވެ. މާތްﷲ ވަޙީކުރައްވަނީ : "أُولَـئِكَ يَلعَنُهُمُ اللّهُ وَيَلْعَنُهُمُ اللَّاعِنُونَ" (البقرة 159). މާނައީ: "އެއުރެންނަށް ﷲ ލަޢުނަތް ލައްވާނެތެވެ. އަދި ލަޢުނަތްދޭ މީހުންވެސް އެއުރެންނަށް ލަޢުނަތް ދޭނެތެވެ." މިއާޔަތުގައި "ލަޢުނަތް ދޭނެތެވެ" ބުނެވޭބަހުގެ މާނައަކީ މާތްﷲގެ ރަޙްމަތުން ދުރުކުރެވުމެވެ. ނުވަތަ ބޭރުކޮށްލުމެވެ. ލިޢާން ކިޔުނީވެސް މާތްﷲގެ ރަޙްމަތުން ދުރުކުރެވޭތީއެވެ.
ލިޢާންއަކީ ތިމާގެ އަމިއްލަ ނަފްސު ފިޔަވައި އިތުރު އެއްވެސް ހެއްކެތްނެތި އަނބިމީހާއަށް ޒިނޭކުރިކަމުގެ ތުހުމަތުކުރުމެވެ. ނުވަތަ އަނބިމީހާ ވިހޭ ދަރިއަކީ ތިމާގެ ދަރިއެއްނޫންކަމަށް ބުނުމުން، އެކަމާ އަނބިމީހާ އިންކާރު ކުރުމުން، އެދެމީހުންގެ ތެދުވެރިކަން ސާބިތުކުރުމުގެ ގޮތުން ކުރެވޭ ހުވާގައި ފަސްވަނަފަހަރު، އެމީހަކު އެއީ ދޮގުވެރިއެއްކަމުގައިވާނަމަ، މާތްﷲގެ ލަޢުނަތް އަމިއްލަ ނަފްސައް ލައްވާނެތޭ ބުނުމެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. وَالَّذِينَ يَرْمُونَ أَزْوَاجَهُمْ وَلَمْ يَكُن لَّهُمْ شُهَدَاءُ إِلَّا أَنفُسُهُمْ فَشَهَادَةُ أَحَدِهِمْ أَرْبَعُ شَهَادَاتٍ بِاللَّهِ ۙ إِنَّهُ لَمِنَ الصَّادِقِينَ .وَالْخَامِسَةُ أَنَّ لَعْنَتَ اللَّهِ عَلَيْهِ إِن كَانَ مِنَ الْكَاذِبِينَ . وَيَدْرَأُ عَنْهَا الْعَذَابَ أَنْ تَشْهَدَ أَرْبَعَ شَهَادَاتٍ بِاللَّهِ ۙ إِنَّهُ لَمِنَ الْكَاذِبِينَ . وَالْخَامِسَةَ أَنَّ غَضَبَ اللَّهِ عَلَيْهَا إِن كَانَ مِنَ الصَّادِقِينَ. وَلَوْلَا فَضْلُ اللَّهِ عَلَيْكُمْ وَرَحْمَتُهُ وَأَنَّ اللَّهَ تَوَّابٌ حَكِيمٌ." (النور 10). މާނައީ: "އަދި އެއުރެންގެ އަމިއްލަ ނަފްސުތައް މެނުވީ ހެކިދޭބަޔަކު އެއުރެންނަށް ލިބިގެންނުވާ ޙާލު، އެއުރެންގެ އަނބީންނަށް ޤަޛްފުކުރާ މީހާ (ދަންނާށެވެ!) ފަހެ، އެއިން ކޮންމެ މީހަކު، ﷲ ގަންދީ ހަތަރު ހުވައިން ހުވާކުރުން ހުއްޓެވެ. ހަމަކަށަވަރުން، އޭނާއީ ތެދުވެރިންގެ ތެރެއިންވާ މީހަކު ކަމަށެވެ. އަދި ފަސްވަނަ ހުވާކުރުން ހުއްޓެވެ. އޭނާއީ ދޮގުވެރިންގެ ތެރެއިންވާ މީހަކު ކަމުގައިވާނަމަ، ހަމަކަށަވަރުން، ﷲގެ ލަޢުނަތް އޭނާގެ މައްޗައް ހުރިކަމެކެވެ. ހަމަކަށަވަރުން، އޭނާއީ ދޮގުވެރިންގެ ތެރެއިންވާ މީހެއްކަމަށް ﷲ ގަންދީ އެކަނބުލޭގެ ހަތަރު ހުވައިން ހުވާކުރުމުން، އެކަނބުލޭގެ ކިބައިން ޢުޤޫބާތް (އެބަހީ: ޙައްދުޖެހުން) ކެނޑޭނެތެވެ. އަދި ފަސްވަނަ ހުވާކުރުން ހުއްޓެވެ. އޭނާއީ ތެދުބުނާ މީޙުންގެ ތެރެއިންވާ މީހަކު ކަމުގައިވާނަމަ، ހަމަކަށަވަރުން، ﷲގެ ކޯފާ އެކަނބުލޭގެ މައްޗައް ހުރިކަމަށެވެ."
މިއާޔަތް ބާއްވައި ލެއްވުނު ސަބަބު ބަޔާންކުރައްވައި ابن عباس ގެ ކިބައިން ބުޚާރީ ރިވާކުރައްވައިފައިވެއެވެ. هلال بن أمية އޭނާގެ އަނބިކަނބަލުން ޝަރީކު ބިން ސަމްޙާއު އާ ޒިނޭކުރިކަމުގެ ގަޛްފު ކީރިތި ރަސޫލާގެ އަރިހުގައި ކުރެއްވިއެވެ. އެހިނދު ކީރިތި ރަސޫލާ صلى الله عليه وسلم ހިލާލު ބިން އުމައްޔާއަށް ޙަދީޘްކުރެއްވިއެވެ. ހެކިން ގެންނާށެވެ. ނޫންނަމަ އޮތީ ކަލޭގެފާނުގެ ބުރަކައްޓަށް (ޤަޛްފުގެ) ޙައްދެވެ. هلال بن أمية ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. ތިމަންމެންގެ ތެރެއިން މީހަކަށް އެމީހެއްގެ އަނބިމީހާ ނުބައިކަމެއް ކުރަނިކޮށް ފެނިއްޖެނަމަވެސް ހެކިބަސް ގެންނަން ޖެހޭނެތޯއެވެ؟ ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ޒިނޭކުރިކަމަށް ސާބިތުކުރެވޭ ހެކިން ގެންނާށެވެ. ނޫންނަމަ އޮތީ ޙައްދެވެ. މިބަސްފުޅު ތަކުރާރު ކުރެއްވިއެވެ. އެހިނދު هلال بن أمية ދެންނެވިއެވެ. ޙައްޤުގޮތުގައި ނަބީކަމާއިގެން ކަލޭގެފާނު ފޮނުއްވެވި އިލާހު ގަންދެއްވައި ދަންނަވަމެވެ. އަޅުގަނޑަކީ، (މިމައްސަލާގައި) ތެދުވެރިއަކީމުއެވެ. (ޤަޛްފުގެ) ޙައްދުން އަޅުގަނޑުގެ ބުރަކަށި މިންޖުކޮށްދެނިވި އާޔަތެއް މާތްﷲ ބާވައިލައްވާހުށިކަމެވެ". ފަހެ މިވާހަކައާ ވިދިގެން މި އާޔަތް ބާވައިލެއްވުނެވެ. ޖުމުހޫރު ޢިލްމުވެރިންގެ އަރިހުގައި އެންމެ ފުރަތަމަ ކުރެވުނު ލިޢާންއަކީ މިއެވެ.
ލިޢާންކުރުމުގެ ސަބަބުން ފިރިމީހާއާއި އަނބިމީހާގެ ކިބައިން ޙައްދުގެ ތަޢުޒީރު ނެތިގެން ދާނެއެވެ. އެހެނީ އެދެމީހުންކުރެ ތެދުހަދަނީ ކާކުކަމެއް ޤާޟީއަށް ނޭނގޭނެތީއެވެ. ލިޢާންކުރުމަށްފަހު އެދެމަފަރިން އެއްދާންކުރުން ޙަރާމްވެގެންދެއެވެ. އަދި އެދެމީހުންގެ ކައިވެނީގެ ގުޅުން ކެނޑިގެންދާނެއެވެ. ލިޢާންކުރާ ދެމީހުނަށް ދުވަހަކުވެސް ކައިވެންޏެއް ނުކުރެވޭނެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. " المتلاعنان لا يجتمعان أبدا" (رواه أبو داود، حديث رقم: 2250، وصححه الألباني في سنن أبي داود، ص341). މާނައީ: ލިޢާންކުރެވޭ ދެމީހުންނަށް ދުވަހަކުވެސް ކައިވެނި ނުކުރެވޭނެއެވެ."
އަދި މިދެމީހުން ތަފްރީޤުކުރުމަކީ ވާޖިބުކަމެކެވެ. އެކަންކުރާނީ ޤާޟީގެ ބެލުމުގެ ދަށުންނެވެ. އަދި އެދަރިފުޅަކީ ފިރިހެންމީހާގެ ދަރިއެއްނޫންކަމަށް ނިމިގެންދާނެއެވެ. އޭނަގެ ކިބައިން ދަރިފުޅުގެ ނަސަބު ނެތިގެން ދާނެއެވެ. ޝަރުޢީ ދަރިއަކަށް އަންނަ ޙުކުމްތައް އެކުއްޖާއަކަށް ނާންނާނެއެވެ. އެގޮތުން މުދާ ވާރުތަވުމާއި، ޚަރަދުދިނުން ހިނމެނެއެވެ. އަދި ދެމަފިރިން ދެމެދުގައިވެސް މުދާ ވާރުތައެއް ނުވާނެއެވެ.
ލިޢާންކުރުމަކީ އިސްލާމްދީނުގައި ހުއްދަކަމެކެވެ. އެކަން ކުރިން ބަޔާންވެގެން ދިޔަ އާޔަތުން އެނގެއެވެ. ނަމަވެސް ލިޢާންކުރެވޭ ފިރިމީހާއާއި އަނބިމީހާއަކީ ތެދުބަސް ބުނާ ބަޔަކަށް ވާންޖެހެއެވެ. އެހެނީ މިކަމުގައި ދޮގު ހަދައިފިނަމަ މާތްﷲގެ ލަޢުނަތް އެމީހަކަށް ލައްވާނެތީއެވެ. މާތްﷲގެ ރަޙުމަތުން ބޭރުކޮށްލެވޭނެތީއެވެ. މާތްﷲގެ ރަޙުމަތުން ބޭރުކުރެވުމަށްވުރެ ދެރަ ނިކަމެތިކަމެއް އިންސާނަކަށްނެތެވެ. އިންސާނުންނާއި ދުނިޔޭގައިވާހާ މަޚުލޫޤުންނެއް ދުނިޔޭގައި އުޅުމަށްޓަކައި މާތްﷲގެ ރަޙުމަތާއި އޯގާތެރިކަން ބޭނުންވެއެވެ. ވީމާ ތިމާ ޙައްޤުތެދު ބުނުމަށް ނޫނީ ލިޢާން ނުކުރާށެވެ. އަދި ލިޢާންކުރެވޭ ވަގުތުގައިވެސް ﷲ އަށް ބިރުވެތިވެ ތެދުބުނާށެވެ. ދުނިޔޭގެ ލަދަށްވުރެ އާޚިރަތުގެ ޢަޛާބު މާބޮޑުވާނެއެވެ. ވީމާ އެކަމަށް ރައްކާތެރިވާށެވެ.
ނޯޓް: މިލިޔުން ވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ނެރުނު 'ހިދާޔަތުގެ އަލި' މަޖައްލާގައި ޝާއިޢުކޮށްފައެވެ. ޒީޓައިމްސްގައި އަލުން މިލިޔުން ޝާއިޢުކުރުމުގެ ބޭނުމަކީ ކިޔުންތެރިންނަށް މުހިންމު މައުލޫމާތު ތަކެއް ގެނެސްދިނުމެވެ.