ބަލަބަލާތިއްބާ އެކްސިޑެންޓްތަކުގައި މަރުވަމުން މިދަނީ ކިތައް މީހުންތޯ އެވެ. މުޅި އުމުރަށް ހިތާމަކުރާފަދަ ބޮޑެތި ގެއްލުންތައް އެކްސިޑެންޓްތަކުގައި އެތައް ބަޔަކަށް ވަނީ ލިބިފައެވެ. އެހެންނަމަވެސް މިލިބޭ އަނިޔާތަކާއި މަރުވާ މީހުންނަށް ވިސްނުމެއްނެތި ބާރު ސްޕީޑުގައި ދުއްވާ މީހުން ވަރަށް ގިނަ އެވެ. އަދި އަގުބޮޑެތި އުޅަނދުތައް ސިކުންތުކޮޅެއްގެެތެރޭގައި އެވަނީ ފުނޑުފުނޑުވެފައެވެ.
ނިކަން ވިސްނަބަލާށެވެ. އިއްޔެ މާލޭގައި ހިނގި އެކްސިޑެންޓްގައި ވެސް އެވަނީ ޒުވާނަކު ނިޔާވެފައެވެ. އަދި އިތުރު ޒުވާނުންނަށް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. ފުލުހުން މިހާތަނަށް އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު މި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑުގައި ދުއްވި ކާރެއް އެމަގުން ދުއްވި އެހެން ކާރެއްގައި ޖެހި ކޮންޓްރޯލު ނުވެގޮސް ބަހެއްގައި ޖެހިގެންނެވެ. މިއެކްސިޑެންޓް ހިނގިގޮތް ފެންނަ ވީޑިއޯއިން ވެސް ފެންނަގޮތުގައި ކާރު ދުއްވާފައިވަނީ ބާރުމިނުގައެވެ. އެމަގަކީ ދެކޮޅަށް ދުއްވާ މަގެކެވެ. އަދި އެއީ ކަސްރަތުގެ ބޭނުމަށް ގިނަބަޔަކު ދުވަން ދާ ސަރަހައްދެކެވެ. މި އެކްސިޑެންޓްގައި ވެސް ދުވަން ދިޔަ ދެމީހަކު ސަލާމަތްވީ ކިރިޔާއެވެ. މި ދެމީހުން ދުވަން ބޭނުންކޮށްފައިވަނީ ދުވާރެއް ނޫނެވެ.
މަގުމަތި ބޭނުންކުރާ އެންމެން ވެސް ސަމާލުކަން ދޭންޖެހެއެވެ. މަގުމަތީގައި ހިނގާ މީހުންނާއި ދުވާ މީހުންވެސް، މަގުގެ ދެފަރާތުގައި ހިނގަން އޮންނަ ދުވާރު ބޭނުން ކުރަންޖެހެއެވެ. އަދި މަގު ހުރަސްކުރަން ރަނގަޅީވެސް ހިނގާ މީހުން މަގު ހުރަސްކުރުމަށް ޚާއްސަކޮށްފައި ހުންނަ ކަފިހިހުރަސް މަތިންނެވެ.
ވެރިރަށް މާލެ އާއި ހުޅުމާލޭގައި އާދަޔާޚިލާފަށް ބާރުމިނުގައި ސައިކަލާއި ކާރު ދުއްވާތަން ފެނެއެވެ. ބައެއް ފަހަރަށް ބަސް ވެސް ބާރުމިނުގައި ދުއްވާތަން ފެނެއެވެ. އެއްގަމު އުޅަނދު ދުއްވަންޖެހޭ ވަކި ބާރުމިނެއް ކަނޑައަޅައިފައިވާއިރު ސަމާލުކަން ނުދިނުމުގެ ސަބަބުން ގިނަފަހަރަށް ގެއްލުން މިލިބެނީ ކުށެއް ނެތް މީހުންނަށެވެ. ފަހަކަށް އައިސް ބޮޑެތި ބަސްތައް ގިނަ އަދަދަކަށް ދުއްވާއިރު، ސްޕޯޓްސް ކާރު ފަދަ ބާރު ސްޕީޑުގައި ދުއްވާ ގިނަ އަދަދެއްގެ ކާރުތައް މާލެ ސަރަހައްދުން ދަނީ ފެންނަމުންނެވެ.
ބައެއް މީހުންގެ ވިސްނުން ހުންނަގޮތުގައި ބާރަށް ދުއްވުމަކީ ލިބޭ އުފަލެކެވެ. އެއީ ކުރެވޭ މޮޅު ކަމެކެވެ. އެއްވެސް ހާލެއްގަ މިއީ މޮޅުކަމެއް ނޫނެވެ. އަދި ބާރަށް ދުއްވުމަކީ ކުރަން ހެޔޮވާވަރު ކަމެއް ނޫނެވެ. އެއީ އެކަމުގެ ސަބަބުން ތިމާގެ އަމިއްލަ ފުރާނައަށް ނުރައްކާވުމުގެ އިތުރަށް މަގުމަތި ބޭނުންކުރާ އެހެން އެންމެންނަށް އޭގެ ނުރައްކާ ވެދާނެތީއެވެ.
ބުރިޖުގަވެސް އެތައް އެކްސިޑެންޓްތައް ހިނގާފަވާއިރު އާދަޔާޚިލާފަށް ބާރަށް ދުއްވާ މީހުންނާމެދު ފިޔަވަޅު އެޅެން އެބަޖެހެއެވެ. ފުލުހުން ވެސް މިހާރަށްވުރެ ބޮޑަށް މަގުމަތި ބަލަހައްޓަން އެބަޖެހެއެވެ. އަދި ހޭލުންތެރިކަން ވެސް އުފައްދަން އެބަޖެހެއެވެ. މަގުމައްޗަކީ އެންމެންނަށް ވެސް ބޭނުންކުރެވޭނެ ފަދަ ރައްކާތެރި ތަނަކަށް ހެދުމަށް އެންމެން އެކީ މަސައްކަތް ކުރަން އެބަޖެހެއެވެ. އެހެންނޫނީ ގެއްލުން ލިބޭނީ ކިތައް މީހުންނަށް ކަމެއް ބުނަން ނޭނގެއެވެ.
މަގުމަތީގެ އަމާންކަން ކަށަވަރު ކުރެވޭނީ މަގުގެ ބޭނުންކުރާ ކުދިބޮޑު އެންމެން އެކަމަށް ސަމާލުކަން ދީގެންނެވެ. ކުށެއްނެތް ބައެއްގެ ފުރާނަ ގެއްލުމުގެ ކުރިން ފަރުދީ ޒިންމާ އަދާކުރަން އެބަޖެހެއެވެ. ވަގުތު ބޭކާރުވުމުގެ ކުރިން ވިސްނާށެވެ.