September 20, 2024 22:41
Advertisement

-Advertisement-

ރަސޫލާ ﷺ ގެ ސީރާ: ދީނަށްޓަކައި ފުރަތަމަ ޝަހީދުވި ދެބޭފުޅުން

ޚައްބާބު އިބުނު އަލްއަރަތުއަކީ އެންމެފުރަތަމަ އިސްލާމްވި ބޭކަލުންގެތެރެއިން ބޭކަލެކެވެ. އެކަލޭގެފާނަށްވެސް ވަރަށްބޮޑެތި އަނިޔާލިބުނެވެ. އެކަލޭގެފާނު އިސްލާމްވި ޚަބަރު ލިބުމާއެކު އެކަލޭގެފާނުގެ ސާހިބު މީހާ އުއްމި އަންމާރު މީހުން އެއްކޮށްގެން އެކަލޭގެފާނުގެ ގައިގައި ތެޅިއެވެ. އަދި އެކަލޭގެފާނުގެ ބުރަކަށީގައި ދޮން ދަގަނޑު ޖައްސައި ބުރަކަށި ފިއްސިއެވެ. ޚައްބާބަށް އަނިޔާކުރި ވަގުތެއްގައި އެކަލޭގެފާނުގެ ރުއިމުގެ އަޑު ރަސޫލާ ﷺ އެއްސެވިއެވެ. އަދި ޚައްބާބަށް މަދަދުދެއްވުން އެދި ﷲ އަށް ދުޢާ ދެންނެވިއެވެ. ދެތިން ދުވަސް ފަހުން އުއްމީ އަންމާރަށް ބިރުވެރި ބައްޔެއްޖެހުނެވެ. އެބަލީގައި ބޭސްވެރިން ލަފާދިނީ އޭނާގެ ހަން އަންދައިގެން ފަރުވާކުރުމަށެވެ. އެންމެފަހުން އޭނާ މަރުވީ ހަންގަނޑު އަންދަން ދިން ފަރުވާގައި ހަށިގަނޑު ފިހިގެންނެވެ. އެއްފަހަރަކު ލިބެމުންދިޔަ އަނިޔާއަށް ކެތްނުކުރެވިގެން ޚައްބާބު ދުވެގޮސް ރަސޫލާ ﷺ އަރިހުގައި ޝަކުވާދެންނެވިއެވެ. އެކަލޭގެފާނު ގެފުޅުކައިރީ އިންނަވަނިކޮށް ޚައްބާބު ވަޑައިގެން ދެންނެވިއެވެ. 'އޭ ރަސޫލާ ﷺ ކިހާ ދުވަހަކަށްތޯ؟..ކިހާ ދުވަހަކަށްތޯ އަޅުގަނޑުމެން މިއަނިޔާ ތަހައްމަލުކުރަންވީ؟ ކަލޭގެފާނު ﷲ އަށް ދަންނަވައިގެން އަޅުގަނޑުމެން ޢިއްޒަތްތެރި ކުރައްވައި އަޅުގަނޑުމެން މިއަނިޔާއާއި މިނިކަމެތިކަމުން ސަލާމަތްނުވެވޭނެތޯ؟' ޖަވާބުގައި ރަސޫލާ ﷺ ވިދާޅުވިއެވެ. 'ހަމަކަށަވަރުން ކުރީގެ މީސްތަކުންނަށް ލިބުނު އަނިޔާ ތިޔަބައިމީހުންނަށް ލިބުނު އަނިޔާއަށްވުރެ މާބޮޑު. އެކަމަކު އެމީހުން ﷲ އަށް އަޅުކަންކުރުމުން ދުރުހެލިނުވޭ. މިކަން ﷲ ނިންމަވައިދެއްވާނެކަން ތިމަންކަލޭގެފާނު އަންގަން'.

ޒަމާންތަކެއްފަހުން ޢުމަރުގެފާނުގެ ޚަލީފާކަމުގައި އެކަލޭގެފާނު ޚައްބާބާއި ބައްދަލުވެވަޑައިގަތެވެ. އެހިނދު އުއްމި އަންމާރު އެކަލޭގެފާނަށް ދިން އަދަބުގެ ވާހަކަ ތަފުސީލުކޮށްދެއްވުމަށް ޢުމަރުގެފާނު އެދިވަޑައިގަތެވެ. ޖަވާބުގައި އެއްޗެއް ވިދާޅުނުވެ އެކަލޭގެފާނު ހެދުންކޮޅު ނަންގަވައި ދެއްކެވީ ބުރަކަށިފުޅެވެ. މިތަން ދެކެވަޑައިގަތުމަށްފަހު ޢުމަރުގެފާނު ވިދާޅުވިގޮތުގައި ދެވަނަ މީހެއްގެ ހަށިގަނޑުން އެވަރުގެ ކަމެއް އެކަލޭގެފާނު ދެކެވަޑައިނުގަނެއެވެ. އަދި އެކަލޭގެފާނު ޚައްބާބު އިއްޒަތްތެރިކުރެއްވިއެވެ. ޚައްބާބުގެ ވާހަކައަކީ އީމާންކަމުގެ ލާމަސީލު ނަމޫނާއެކެވެ. އިސްލާމީ ތާރީޚު މިފަދަ ބޭކަލުންގެ ވާހަކައިން ބިންވަޅު ނެގިފައިވެއެވެ.

އާރެއްބާރެއްނެތް ނިކަމެތި މުސްލިމުންނަށް ޤުރައިޝުން ދިން އަނިޔާގައި ފުރާނައިން ޤުރްބާންވެވަޑައިގަތް ފުރަތަމަ ޢާއިލާއަކީ ޔާސިރާއި ސުމައްޔާގެ އެވެ. މިދެކަނބަލުންގެ ދެބޭފުޅުންކަމަށްވާ ޢަބުދުﷲ އާއި ޢައްމާރުވެސް މިއަނިޔާގައި ޝާމިލުވިއެވެ. މިޢާއިލާއަށް އަދަބުދީ އަނިޔާކުރީ އެބޭފުޅުން އެކެއްއަނެކެއްގެ ކުރިމަތީގައެވެ. މިޢާއިލާއަކީ ޤުރައިޝް ވަންހައަށް ނިސްބަތްވި އަޅު ޢާއިލާއެކެވެ. އެބޭފުޅުންގެ ގަބީލާއަކީ ބަނޫ ބަކުރުއެވެ. ޔާސިރާއި ސުމައްޔާއަކީ ދީނަށްޓަކައި ފުރަތަމަ ޝަހީދުވި ދެބޭފުޅުންނެވެ. ބުނެވޭގޮތުގައި މުޝްރިކުން އެންމެ ރަހުމުކުޑަކޮށް އަނިޔާކުރީ މިޢާއިލާއަށެވެ. ޔާސިރުގެ ޢާއިލާ ވޭނާއި ކެކުޅުމުގައި ތިއްބަވަނިކޮށް ކީރިތި ރަސޫލާ ﷺ އަށް އެތަނަށް ވަޑައިގެންނެވުނެވެ. އެވަގުތު އެކަލޭގެފާނަށް ލިބިވަޑައިގަންނަވާނޭ ހިތްދަތިކަން ތަސައްވުރުކޮށްލައްވާށެވެ. އެވަގުތު ކެތްތެރިވެވަޑައިގަތުމަށް ރަސޫލާ ﷺ ޔާސިރުގެ ޢާއިލާއަށް ނަސޭހަތްތެރިވެވަޑައިގަތެވެ. އެކަލޭގެފާނުގެ ވިދާޅުވިގޮތުގައި ހަމަކަށަވަރުން ޔާސިރުގެ ޢާއިލާއަށް ﷲ ހަމަޖައްސަވާފައިވާ ތަނަކީ ސުވަރުގެއެވެ.

Advertisement

ބުނެވޭގޮތުގައި އަނިޔާގައި ވަނިކޮށް ސުމައްޔާއަށް އަބޫޖަހުލު ފެނިވަޑައިގަތުމުން އެކަމަނާ އޭނާއަށް އެއްޗެތި ވިދާޅުވިއެވެ. އެކަމާގުޅިގެން އަބޫޖަހުލު ދުނި ދަގަނޑެއް އެކަމަނާގެ ކުރިމަތިފަރާތަށް ހަރާ އެކަމަނާ ޝަހީދުކުރިއެވެ. އަބޫޖަހުލު މިލާއިންސާނީ އަމަލުހިންގީ ސުމައްޔާގެ ދެބޭފުޅުން ޢަބުދުﷲ އާއި ޢައްމާރުގެ ކުރިމަތީގައެވެ. ދެން އެމީހުން ޝަހީދުކުރީ ޢަބުދުﷲ އެވެ. ޢައްމާރަށް ލިބެމުންދިޔަ އަނިޔާއަށް ކެތްނުކުރެއްވިގެން މުޝްރިކުން އެދުނުގޮތަށް ދޫދެއްވައި އެމީހުން ބޭނުންވި އެއްޗެހި ވިދާޅުވިއެވެ. ދެން އެމީހުން އޭނާ މިނިވަންކުރުމުން ދުވެވަޑައިގަތީ ކީރިތި ރަސޫލާ ﷺ އަރިހަށެވެ. އެއަށްފަހު ކީރިތިކުރައްވަމުން ދެންނެވިގޮތުގައި އޭނާއަށް ކުފުރުގެ ބަހެއް ވިދާޅުވެވިއްޖެއެވެ. އަދި އޭނާއަށް ވާނެގޮތަކާމެދު ސުވާލުކުރެއްވިއެވެ. ދެން ކީރިތި ރަސޫލާ ﷺ ޢައްމާރާ ސުވާލުކުރެއްވިއެވެ. 'ތިބާގެ ހިތުގައިވާ އީމާންކަން ތިބާއަށް ފެންނަނީ ކޮންގޮތަކަށް ހެއްޔެވެ؟' އަދި އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ. 'އެމީހުން ތިބާ ގެންގޮސްފިނަމަ، ތިޔަގޮތަށް ދެންވެސް ކަންކުރޭ!'

މިހާދިސާއާއި ގުޅިގެން ﷲ ނަހުލު ސޫރަތް ބާވައިލެއްވިއެވެ. ނަހުލު ސޫރަތުގައި ﷲ އަންގަވަނީ އަނިޔާގައި މުސްލިމެއްގެ ދުލުން ކުފުރުގެ ބަސް އައިކަމުގައިވިޔަސް އަދި މަޖުބޫރު ހާލުގައި ކުފުރުގެ ބަސް އައިކަމުގައިވިޔަސް އެމީހަކަށް ﷲ ޢަފޫކުރައްވާނެކަމަށެވެ. ފަހުން ޢައްމާރު ވެވަޑައިގަތީ ނަންއަރާހުރި ޞަޙާބީއަކަށެވެ. ޢަލީގެފާނުގެ ޚަލީފާކަމާހަމައަށް އެކަލޭގެފާނު ދުނިޔޭގައި ހުންނެވިއެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވިގޮތުގައި ޢައްމާރުގެ ހިތްޕުޅުވަނީ ޢީމާންކަމުންފުރި އެކަލޭގެފާނުގެ ކަރުފުޅާހަމައަށް އައިސްފައެވެ.

އަނިޔާ ލިބުނު މުސްލިމު އަޅުންގެތެރޭގައި ޞުހައިބު އައްރޫމީވެސް ހިމެނެއެވެ. ޞުހައިބުގެ ސާހިބަކީ މައްކާގެ ބޮޑެއްކަމުގައިވި ޢަބުދުﷲ ބިން ޖުދުޢާންއެވެ. ޖުދުޢާން މަރުވުމުގެ ކުރިން އޭނާގެ މުދާތައް ސުޙައިބަށް ދޭން ނިންމިއެވެ. ނަތީޖާއަކަށްވީ ޖުދުޢާން މަރުވުމުން ޞުހައިބަށް ބޮޑު ތަނަވަސްކަމެއް ލިބުމެވެ. ދެން އޭނާ އަވަހަށް މަދީނާއަށް ހިޖުރަކުރިއެވެ. އޭނާ ހިޖުރަކުރަން އުޅޭކަން ގުރައިޝުންނަށް އެނގުމުން އެމީހުން އައިސް ޞުހައިބު ވަށައިލުމަށްފަހު އޭނާ އަތުގައި ހުރި މުދަލާއި ފައިސާ ދޫކޮށް ދިއުމަށް މަޖުބޫރުކުރިއެވެ. ދެން އޭނާ އެތަކެތި ދޫކުރުމަށްފަހު މަދީނާއަށް ދަތުރުކުރީ ހުސްއަތާއެވެ. ޞުހައިބަކީ ފައިމަގުގައި މަދީނާއަށް ހިޖުރަކުރި ހަމައެކަނި މީހާއެވެ. ބުނެވޭގޮތުގައި އޭނާ މަދީނާއަށް ވަނީ ބިމުގައި ހަތަރެސްފައި ޖަހައިގެންނެވެ. ފަހުން ޞުހައިބު ހިމެނިވަޑައިގަތީ ދަރަޖަ މަތިވެގެންވާ ވަރުގަދަ ސަހާބީ ބޭކަލަކަށެވެ.

ބިލާލާއި ޢައްމާރާއި ޞުހައިބުގެ ވާހަކަ ރަސޫލާ ﷺ ގެ ސީރާގައި އަންނަނީ އެކުއެކީގައެވެ. މިއީ ވަރަށް ގާތްކޮށް އުޅުއްވި ތިން ބޭކަލުންނެވެ. އެބޭކަލުންގެ މަތިވެރިކަމުގެ ވާހަކަ ޤުރްއާނުގައި އައިސްފައިވެއެވެ. އެއްފަހަރަކު ޤުރައިޝްގެ ބޮޑުން ރަސޫލާ ﷺ ގެ ދައުވާތާމެދު ވިސްނައި އެކަލޭގެފާނާއި މަޝްވަރާކުރަމުންއައެވެ. އެމީހުން ދީނަށް ވަނުމާމެދު އެކަލޭގެފާނު ހުންނެވީ ބޮޑު އުއްމީދެއްގައެވެ. އެގޮތުން ޤުރައިޝްގެ ބޮޑުން ރަސޫލާ ﷺ އާއި މަޝްވަރާކުރަނިކޮށް ބިލާލާއި ޢައްމާރާއި ޞުހައިބު އެކުގައި ވަޑައިގަންނަވާތަން ފެނުނެވެ. އެހިނދު އަބޫޖަހުލު ރަސޫލާ ﷺ އަށް ޝަކުވާދެންނެވިއެވެ. އެކަލޭގެފާނު ޤުރައިޝްގެ ބޮޑުން އިސްލާމް ދީނަށް ވައްދަވަން ބޭނުންފުޅުކަމަށްވާނަމަ މިތިން ބޭކަލުން ދީނުން ބޭރުކުރުމަށް އެދިދެންނެވިއެވެ. އަދި އެކަހަލަ  ދެރަ ނިކަމެތި އަޅުންގެ ދީނަކަށް އިސްލާމް ދީން ވެގެންނުވާނެކަމަށް ޝަކުވާދެންނެވިއެވެ. އެހިނދު ކަންއޮތީ އެހެން ނޫންކަމާއި އެބެއިކަލުންގެ މަތިވެރިކަމުގެ ވާހަކަ ﷲ އަންޢާމް ސޫރަތުގައި ބާވައިލެއްވިއެވެ.

 

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ވަނީ ގެނެސްދީފައެވެ.

+1
0
+1
0
+1
3
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް