January 18, 2025 15:13
Advertisement

-Advertisement-

ކުނަހަންދޫ ކޯޑި/ ފޮޓޯ: އައިމިނަތު އަމީނާ (އަނާ)

ކުނަހަންދޫ ޢީދު ކޯޑި ޗާލެއް ނޫންތަ؟

ބޮޑު ޢީދަކީ ޒަމާނުއްސުރެ ދިވެހިން ވަރަށް ކުލަގަދަކޮށް ތަފާތު ކުޅިވަރުތައް ކުރިއަށްގެންދާ ޢީދެކެވެ. މިގޮތުން ކޮވިޑުގެ ބަލިމަޑުކަމަށްފަހު މިފަހަރުގެ ޢީދު ފާހަގަކުރެވުނީ ގިނަ ރަށްރަށުން ވަރަށް ފޯރީގަ ސަގާފީ ކުޅިވަރުތައް ކުރިއަށްގެންދިޔަ ޢީދެއްގެ ގޮތުގައެވެ.

ކޯޑި އަކީ ރަށްފުށުގައި، ބޮޑު ޢީދުގައި ކުޅެއުޅޭ ކުޅިވަރެކެވެ. ކޯޑި ކުޅޭއިރު ފިރިހެނުންނާއި އަންހެނުން ވަކިން ކޯޑި ތައްޔާރުކުރާ ރަށްތައްވެސް ހުރެއެވެ. ރަށްރަށުގައި ކުރިއަށްގެންދާ ހަރަކާތްތައް ކުރިން އެހާ އާންމުކޮށް ފެންނަން ނުހުރެއެވެ. އެހެންނަމަވެސް ކޮންމެ ރަށެއްގައި ކުރިއަށްގެންދާ ކުޅިވަރުތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ފަސޭހައިން ފަހަކަށްއައިސް ބަލާލެވެން ހުރެއެވެ.

ކުނަހަންދޫ ކޯޑި/ ފޮޓޯ: އައިމިނަތު އަމީނާ (އަނާ)

މިފަހަރުގެ ޢީދުގައި އަޅުގަނޑުގެ ލޮލުގައި އަޅައިގަތް އެންމެ ތަފާތު ރީތި ކޯޑިތަކުގެ ތެރޭގައި ލ. ކުނަހަންދޫގެ ކޯޑި ހިމެނެއެވެ. މި ކޯޑީގެ ހަގީގަތް ބަލާލުމުގެ ޝައުގު، ފޮޓޯ ފެނުމާއެކު އުފެދުނެވެ. ކޯޑީގަ އެންމެ ފާހަގަކުރެވެނީ ފަންވަތް ބޭނުންކޮށްގެން ގަތާފަހުރި ތަފާތު ޑިޒައިންތަކެވެ. މިމަސައްކަތުގައި އިސްކޮށް އުޅުނު ކުނަހަންދޫގެ ރައްޔިތެއް ކަމުގައިވާ އަހުމަދު ހުސައިން 'ޒީޓައިމްސް' އަށް މައުލޫމާތު ދިންގޮތުގައި އޭނާ އަކީ ވޭތުވެދިޔަ 20 އަހަރު އެރަށުގައި ތައްޔާރުކުރި ކޯޑިތަކުގެ މަސައްކަތުގައި ހަރަކާތްތެރިވެފައިވާ މީހެކެވެ.

Advertisement

"އަޅުގަނޑު ކޮންމެ ފަހަރަކު ކޯޑީގެ ހުރިހާ މަސައްކަތެއް ކުރަނީ. އެހެން އަހަރުތަކާ ތަފާތުކޮށްލީ މިފަހަރު ކޯޑި. ކައުންސިލުން އަޅުގަނޑާއި ހަވާލުކުރީ ފެންނަގޮތަކަށް ކޯޑި ތައްޔާރުކުރަން. ވޭތުވެދިޔަ ހުރިހާ އަހަރުތަކާ ތަފާތުކޮށް މިފަހަރު ކޯޑި ދައްކަދޭނަމޭ އަޅުގަނޑު ބުނިން". އަހުމަދު ކިޔައިދިނެވެ.

އޭނާގެ އެންމެބޮޑު ބޭނުމަކަށްވީ އަތްތެރިމަސައްކަތް ދަންނަ މީހުން ކުނަހަންދޫގައި ތިބިކަން ރާއްޖޭގެ އެހެން ރަށްރަށަށް ވެސް އެންގުންކަމަށް ވަނީ ބުނެފައެވެ.

"ވިއުމުގެ މަސައްކަތް އަމިއްލައަށް ކުރީ. ކައުންސިލުން އަޅުގަނޑާ ހަމައަށް ބޮންތިފަން ގެނެސްދިނީ. އަމިއްލަ ހިޔާލަށް ކޯޑި ތައްޔާރުކުރީ އެއްވެސް މީހެއްގެ ކައިރިން ދަސްކޮށްގެނެއް ނޫން. ވިއުމަށް ބޭނުންކުރީ ބޮންތިފަން. އެންމެ ފުރަތަމަ ތައްޔާރުކުރީ ސީދާ ކޯޑިގަޑު. ދެކުލައިގަ އެހެރީ. އެއީ ކަޅުފަނާއި ދޮންފަން ބޭނުންކޮށްގެން. އެއްބުރު ނިންމާފަ އަނެއްބުރު އެގޮތަށް ގުޅުވާފަ އެހެރީ. ކޮންމެ ބެންޑެއް ވަކިން ވިއެފަ އެހެރީ" ކޯޑީގެ ތަފްސީލް ހާމަކުރަމުން އަހުމަދު ކިޔައިދިނެވެ.

މިމަސައްކަތް އަހުމަދު ނިންމާލީ 2 ދުވަސްތެރޭގަ ކަމަށް ވަނީ ބުނެފައެވެ. ކޯޑި ނިންމުމަށްފަހު އިތުރަށް ފުރިހަމަ ކުރުމަށް ވަށައިގެން ވަނީ ގުދުރަތީ މާ ހަރުކޮށްފައެވެ. އަތްތެރިމަސައްކަތް ކުރާ އަހުމަދުގެ އުންމީދަކީ އަންނަ އަހަރު މިއަށްވުރެ ތަފާތު ކޯޑިއެއް ތައްޔާރު ކުރުމެވެ. ކޮންމެއަކަސް ކުނަހަންދޫ ކޯޑިން މިވަނީ އަހުމަދުގެ އަތްތެރިމަސައްކަތުގެ ހުނަރު ފާހަގަވެފައެވެ. 

+1
1
+1
12
+1
12
+1
1
+1
3
+1
3
+1
0

Advertisement

ގުޅުންހުރި ލިޔުންތައް