November 23, 2024 06:30
Advertisement

-Advertisement-

ކުރުވާހަކަ: ޓީޗަރ

މިއަދަކީ މިއުޒިކް އެކަޑަމީއަށް އުފާވެރި ދުވަހެކެވެ. އައު ބެޗްތަކަކާއިއެކު އައު ސިލަބަސްތަކެއް ފެށުނު ދުވަހެވެ. އައު މޫނުތަކުގައިވަނީ އުފާވެރިކަމެވެ. ޓީޗަރު ކްލާހަށް ވަންއިރު މަދު ކުއްޖެއް ފިޔަވާ ހުރިހާ ކުދިން ހަމައެވެ. ކޮވިޑްގެ ދުވަސްވަރަށްވާތީ ޓީޗަރުވެސް އަދި ދަރިވަރުންވެސް ތިބީ މާސްކް އަޅައިގެންނެވެ.

ތެޅެމުން ފޮޅެމުން ގޮސް ބޮޑު، ބަރު ދޮރުގައި އަޒެލް ޖެހިގަތީ ގަޑިޖެހިގެން އާދެވުނީމައެވެ. 9 އަހަރުގެ އަޒެލްއަށް އެ ދޮރު ހުޅުވަން ބޮޑު ތަކުލީފަކަށްވިއެވެ. އެވަގުތު ޓީޗަރު ގޮސް ދޮރުހުޅުވިއެވެ. އަޒެލް ވައަތުގެ ނުފުށުން އޭނާ އަޅައިގެން ހުރި ނަންބަރު އައިނު ލޮލަށް ފައްތާލިއެވެ. ރީތި ރީތި މަޑުމަޑު މިއުޒިކެއް އެވަގުތު ކުޅެލިކަހަލައެވެ.

''މީ ކޮން ކުއްޖެއް'' ޓީޗަރު ގޮނޑީގައި އިށީންނަމުން އަހާލިއެވެ. އަޒެލްއަށް ޓީޗަރަށް ބެލެނީ ގަސްތަކު ނޫނެވެ. އެފަދަ ރީތި އެހެން ޓީޗަރެއް އަޒެލް އަދި މިހާތަނަށް ނުދެކެއެވެ.

Advertisement

''ކޮން ނަމެއް ކިޔަނީ'' އަނެއްކާވެސް ޓީޗަރު އަޒެލްއާއި ސުވާލުކުރިއެވެ.

''އަޒެލް'' ދަތްދޮޅީގައި އަތްވިއްދައިގެން އިނދެ އަޒެލް ބުނެލިއެވެ.

ޓީޗަރު ހާޒިރީ މާކްކުރަމުން ދިޔައެވެ. އަޒެލްއަށް އިނދެވުނީ ދަތްދޮޅީގައި އަތްވިއްދައިގެން އޭރުވެސް އިންގޮތަށެވެ. އަޒެލް މީގެ ކުރިންވެސް އެތައް ކްލާސްތަކަށް ހިނގައްޖެއެވެ. އެކަމަކު މިހާ ރީތި ޓީޗަރެއް ނުދެކެއެވެ. މާސްކް އަޅާފައި ހުރުމުން ފެންނަން ހުރީ ހަމަ އެކަނި ލޮލާއި ބުމައެވެ. އެކަމަކުވެސް އެ ފަން އިސްތަށިގަނޑުގައިވެސް ބުނަން ނޭނގޭފަދަ އަޖައިބެއް ވެއެވެ. އިސްކޮޅުގައި ގައިމުވެސް 5 ފޫޓް ހަމަވާނެއެވެ. ލައިގެން ހުރީވެސް މަޑުމަޑު ހުދުކުލައަކަށްދާ ރީތި ރީތި ހެދުމެކެވެ. ޓީޗަރުގެ ކޮންމެ ހަރަކާތެއް، ކޮންމެ އިޝާރާތެއް އަދި ކޮންމެ ކަމެއްވެސް އަޒެލްގެ ހިތުގައި ދިޔައީ ބިންވަޅު ނެގެމުންނެވެ.

ކްލާސް ފެށިއްޖެއެވެ. ފުރަތަމަ އޮތީ ވޮއިސް ޓްރެއިނިންގ އެކްސަސައިޒެވެ. ޓީޗަރާއެކީ 2 ގަޑިއިރު ހޭދަކުރަން މިއަދުވަނީ ހަމަޖެހިފައެވެ. އެއީ މިފަހަރުގެ ޓްރެއިނިންގ ކްލާސްތައް ހަމަޖައްސާފައިވާގޮތެވެ. ޓްރެއިނިންގތައް ނިމޭނީ 1 މަސްދުވަސްތެރޭގައެވެ. 1 މަސްވާއިރު އެންމެ ރީތިކޮށް ލަވަކިޔާ ކުއްޖަކަށް ލަވައެއް ރެކޯޑްކުރުމުގެ ފުރުސތު ލިބެއެވެ. އެލަވަ މިއުޒިކް އެކަޑަމީން ކޮންމެ އަހަރަކު ނެރޭ އަލްބަމުގައި ހިމަނައެވެ. އެއީ އެތަނަށް ޓްރެއިނިންގއަށްދާ ކޮންމެ ކުއްޖަކަށްވެސް ލިބޭ ފަޚުރެކެވެ. ޚާއްސަކޮށް އެކުދިންގެ މައިންބަފައިން އެކަމާމެދު ފަޚުރުވެރިވަނީ އިންތިހާއަށެވެ.

އެހެންކަމުން ކޮންމެ ކުއްޖަކުވެސް ބަލަނީ އެންމެ މޮޅަށް ލަވަ ކިޔޭތޯއެވެ. އަޒެލްއަކީވެސް އެފަދަ ކުއްޖެކެވެ. މީގެ ކުރިން އެތައް މުބާރާތްތަކެއްގައި ބައިވެރިވެ ފަޚުރުވެރި 1ވަނަ ހޯދިއެވެ. މިއުޒިކް އެކަޑަމީއަށް އައީވެސް އެ ނިޔަތުގައެވެ. ނަމަވެސް އެ ކުޑަކުޑަ ހިތަށް ހެރުނު ތީރާއިއެކު މިފަހަރު އެއްވަނަ ހޯދިދާނެކަމާމެދު ޝައްކެވެ.

ވޮއިސް ޓްރެއިނިންގ އެކްސަސައިޒް ނިމުމާއެކު ކޮންމެ ކުއްޖަކުވެސް އެއް ލަވަ ކިޔަން ޖެހުނެވެ. އަޒެލްއަށް ކިޔާނެ ލަވައެއް ނުވިސްނުނެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގެ ގާތްގަނޑަކަށް ހުރިހާ ލަވަތަކެއްހެން ހިތުދަސް އަޒެލްގެ ހަނދާނަކަށް އެންމެ ލަވައެއްވެސް ނައެވެ. މައިކްކައިރީ އިރުކޮޅަކު ހުރުމުން ޓީޗަރު ގޮނޑިން ތެދުވެގެން ގޮސް އަޒެލް ކައިރީ ހުއްޓިލިއެވެ. ޓީޗަރު ޖަހައިގެން ހުރި ސެންޓްވެސް އަޒެލްއަށް ވަރަށް ކަމުދިޔައެވެ. ދެލޯ މަރާލައިގެން ހުރެވުނީއެވެ.

'' ކޮން ލަވައެއް އަޒެލް ކިޔަނީ'' ޓީޗަރު އެހިއެވެ.  

އަޒެލް ލޯ ހުޅުވާލިއެވެ. ކިޔާނެ އެއްވެސް ލަވައެއް އަޒެލްއަކަށް ނުވިސްނުނެވެ. ހަނދާނަކަށްވެސް ނާދެއެވެ. އެހެން ބުނަންވެސް އަޒެލްއަކަށް ފަސޭހައެއް ނޫނެވެ.

'' ޓީޗަރ ދޭންވީތަ ލަވައެއް'' ޓީޗަރ ވަރަށް ލޯބިން އަހާލިއެވެ.  އަޒެލް އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

އަޒެލް ގާތުގައި ހުރެގެން ޓީޗަރު ލަވައެއް ކިޔަން ފެށިއެވެ. ޓީޗަރުގެ އަޑުވެސް އެހާމެ ރީއްޗެވެ. ކިޔާގޮތް އެހާމެ ފުރިހަމައެވެ. އަޒެލް ޓީޗަރުގެ ފަހަތުން އެލަވަ ކިޔަން ފެށިއެވެ. ޓޯން ގެންގުޅެންވީ ގޮތް ކިތަންމެ މޮޅަށް އެނގުނަސް އަޑު ކޮންޓްރޯލުން ނެއްޓި މާ ހައި ޓޯނެއްގައި ލަވައިގެ ބާކީބައި ކިޔަން ފެށުނެވެ. އަޒެލްގެ ހިތާ ސިކުނޑީގައިވަނީ ޓީޗަރެވެ. އެހެން އެއްވެސް ކަމަކަށް ''ފޯކަސް'' ނުކުރެވެއެވެ. ޓީޗަރު އަޒެލްއަށް ލަވަ ކިޔަންވީ ގޮތް ބުނެދެމުން ދިޔައެވެ. އަޒެލް ވިސްނުންތެރިކަމާއެކު ޓީޗަރު ކިޔައިދެމުންދިޔަ ބައިތައް ނަގައިގަންނަމުންދިޔައެވެ.

ހަނދާނަށް އަންނަމުންދިޔައީ އަޒެލްގެ މަންމަ އެލަވަ ކިޔައިދޭ ގޮތެވެ. އެ ރީތި މޫނެވެ. މަންމަ ފެނުމުން އަޒެލްގެ މުޅި ދުނިޔެ ވަށައިގެން ރީތި ރީތި މިއުޒިކެއް ކުޅެލާކަހަލައެވެ. އަޒެލްއަކީ އޭނާގެ މަންމަގެ އެންމެ ބޮޑު ''ފޭން''އެވެ. އަބަދުވެސް މަންމައަށް ހުޝާމަދުކޮށް އަޒެލް ތަޢުރީފްކުރެއެވެ. އެއީ މި ދުނިޔެއިން އަޒެލްއަށް އެންމެ ރީތި ''އަންހެން މީހާ''އެވެ. އެކަމަކު އެ މަންމަ އަޒެލްއާއި ވަކިވިތާ އެތައް އަހަރެއްވެއްޖެއެވެ. ބައްޕަގެ އެކަނިވެރިކަން ފިލަނީ އަޒެލް ގާތުގައި ހުންނާތީއެވެ. އަޒެލް ބޭނުންވަނީ ބައްޕައަށް ޓީޗަރު ދައްކާލުމަށެވެ. ފަހަރެއްގައި އެއީ އޭނާއަށް އެކަނި ހީވާ ހީވުމަކަށްވެދާނެތީއެވެ.

ކްލާސް ނިންމާފައި ނުކުންނަމުން އަޒެލް ޓީޗަރަށް ގަނޑުކޮޅެއް ދިނެވެ. ޓީޗަރު އެގަޑީގައި ބިޒީވުމުން ގަނޑުކޮޅު ލީ ދަބަހަށެވެ. ހުރިހާ ކުދިން ނުކުމެ ސަފު ހަދައިގެން ތިބީ ބެލެނެވެރިން އަންނަން ދެނެވެ. އަޒެލްވެސް ހުރީ ބައްޕަ އަންނާނެ އިރަކަށް ކެތްމަދުވެފައެވެ.

އެވަގުތު ޓީޗަރު ނުކުންނަ ތަން ފެނުނެވެ. ވަރަށް ރީތިކޮށް ހިނގާލާފައި އަންނަނީ އަޒެލްމެން ތިބި ދިމާލަށެވެ. އަޅާފައިވާ އަވިއައިނުވެސް ވަރަށް ރީއްޗެވެ.

''ޓީޗަރ.. ޔޫ ލުކް އެމޭޒިންގ'' އަޒެލް ލޯތްބާއިއެކު ބުނެލިއެވެ.

ޓީޗަރު ހީލާފައި ހިނގައިގަތީ ކުރިއަށެވެ. ދަބަހުގައި އޮތް ގަނޑުކޮޅު ނަގަމުންނެވެ. އޭގައި އަޒެލް ކުރަހާފައިވަނީ 4 ހިތެވެ. ނޫކުލަ ޖައްސާފައިވާ އެ ހިތްތަކުގެ ތިރީގައި އޮތީ ސުވާލެއް ކޮށްފައެވެ. ''އަޅުގަނޑުގެ މަންމައަށް ވެވިދާނެތޯ'' އެވެ. ޓީޗަރ އެނބުރި އަޒެލްއަށް ބަލާލިއެވެ.

އަޒެލް ހުރީ ކަރުނައިން ފުރިފައިވާ ދެލޮލުން ޓީޗަރަށް ބަލަހައްޓައިގެންނެވެ. މަންމަ ނިޔާވިފަހުން އެތަކެއް އަހަރުތަކެއް ވެއްޖެއެވެ. އެކަމަކު އެ ތުއްތު ހިތަކުން މަންމަގެ ސޫރަ، މަންމަގެ ހަނދާންތައް ނުފިލިއެވެ.

+1
2
+1
0
+1
5
+1
4
+1
0
+1
0
+1
2

Advertisement

ގުޅުންހުރި ލިޔުންތައް