September 20, 2024 22:33
Advertisement

-Advertisement-

ރަސޫލާ ﷺ ގެ ސީރާ: އަބޫޖަހުލަށް އަލިފާން ވަޅުގަނޑެއް ފެނުން

ރަސޫލުﷲ ﷺ ގެ ސީރާ ސަތާރަވަނަ ބައި: ރަސޫލުﷲ ﷺ އަށް ގޯނާކުރުން  

އިސްލާމް ދީނަށް ވަން މީހުންނަށް އަނިޔާކުރަމުން ދިޔައިރު ޤުރައިޝްގެ މުޝްރިކުން ރަސޫލާ ﷺ އަށް ތަފާތު ގޮތްގޮތަށް ގޯނާ ކުރިއެވެ. މައްކާގެ މުޝްރިކުން އެކިވަރުގެ ޖިސްމާނީ އަނިޔާ އެކިފަހަރު އެކަލޭގެފާނަށް ދިނެވެ. އެކަމަކު އެއިން އެއްވެސް ހަމަލާއަކުން އެކަލޭގެފާނަށް ބޮޑު ގެއްލުމެއް ލިބިވަޑައިނުގަނެއެވެ. ބައެއް ފަހަރު ﷲ އެކަލޭގެފާނަށް ހިމާޔަތްދެއްވިއެވެ. އަނެއްބައިފަހަރު އެކަލޭގެފާނަށް ހިމާޔަތް ލިބިވަޑައިނުގަންނަވައެވެ. މިކަމުގައި ފޮރުވިފައިވާ ޙިކުމަތް ދެނެވޮޑިގެންވަނީ ﷲ އެވެ. ރަސޫލާ ﷺ އަވަހާރަކޮށަލަންވެސް އެމީހުން ރޭވިއެވެ. އެގޮތުން އެކަލޭގެފާނު އަވަހާރަކޮށްލަން ރޭވި އެންމެބޮޑު ރޭވުމާއި ގުޅިގެން އެކަލޭގެފާނު މަދީނާއަށް ހިޖުރަކުރެއްވިއެވެ. މުޝްރިކުން އެކަލޭގެފާނަށް އެންމެބޮޑަށް ގޯނާކޮށް ގެއްލުންދިނީ ނަފުސާނީގޮތުންނާއި ޖަޒުބާތުންނެވެ.

އެއްފަހަރު އަބޫޖަހުލު އޭނާގެ ބައިވެރިން ގާތު ފޮނިކަނޑަމުން ބުންޏެވެ. ރަސޫލާ ﷺ ސަޖިދައިގައި އޮންނަވަނިކޮށް އޭނާ އަށް ފެނިއްޖެނަމަ އެކަލޭގެފާނުގެ ކަރުފުޅަށް ފައިން އަރާނެކަމުގައި ލާތާއި އުއްޒާ ގަންދީ އަބޫޖަހުލު ބުންޏެވެ. އަދި އެކަލޭގެފާނުގެ ހަށިކޮޅަށް ވެލިޖަހާނެ ވާހަކަވެސް ހުވާކޮށްފައި އޭނާ ބުންޏެވެ. އަބޫޖަހުލު މިފަދައިން އަމަލުކުރަން ބޭނުންވީ ރަސޫލާ ﷺ ގެފުޅު ކައިރީގަ ނަމާދުކުރައްވާތީއެވެ. އެކަލޭގެފާނު ގެފުޅު ކައިރީގަ ސަޖިދަކުރެއްވުން އެކަމުން އޭނާއަށް އުނދަގޫވާލެއް ބޮޑުކަމުންނެވެ. ކޮންމެއަކަސް ހަމައެދުވަހު ރަސޫލާ ﷺ ގެފުޅު ކައިރިއަށް ވަޑައިގެން ނަމާދުކުރަން ފެއްޓެވިއެވެ. އެހިނދު އަބޫޖަހުލު އެކަލޭގެފާނަށް ހަމަލާދިނުމަށްޓަކައި އެކަލޭގެފާނާއި ދިމާއަށް ހިނގައިގަތެވެ. އެކަމަކު އޭނާއަކަށް އެކަލޭގެފާނާއި ކައިރިއެއްނުވެވުނެވެ. މަންޒަރު ބަލަން ދުރުގައި ތިބި މީހުންނަށް ފެނުނީ ރަސޫލާ ﷺ އަރިހަށް ދިއުމަށްޓަކައި އޭނާއަށް ވައްތަރުޖެއްސިތަނެވެ. އެކަލޭގެފާނު ސަޖިދައަށް ވަޑައިގަތުމުން އަބޫޖަހުލު އެކަލޭގެފާނާ ދިމާއަށް ދިޔައެވެ. އެކަމަކު ތަންކޮޅަކަށްގޮސް ހުއްޓުމަށްފަހު ދެއަތުން ކޮއްޕާ ފަހަތަށްދާން އުޅޭތަން ފެނުނެވެ. ދެން އަބޫޖަހުލު އެނބުރި އައުމުން އޭނާގެ ބައިވެރިން ކަން ހިނގައިދިޔަގޮތް އަހާ އޮޅުންފިލުވިއެވެ. ޖަވާބުގައި އޭނާ ބުނިގޮތުގައި އޭނާއާއި ރަސޫލާ ﷺ އާދެމެދު އަލިފާން ވަޅުގަނޑެއް ހުރިތަން އޭނާއަށް ފެނުނެވެ. އަދި އެވަޅުގަނޑުގެ މަތިން ފިޔަތަކެއް އޭނާއަށް ފެނުނެވެ.

Advertisement

ނަމާދުން ނިމިވަޑައިގެން ރަސޫލާ ﷺ މުސްލިމުން ގާތު ވިދާޅުވިގޮތުގައި އެއަލިފާނަކީ މަލާއިކަތުން ގެންނެވި އެއްޗެކެވެ. ވަޅުގަނޑުމަތިން އަބޫޖަހުލަށް ފެނުނު ފިޔައަކީ މަލާއިކަތުންގެ ފިޔަފުޅުތަކެވެ. އަދި އެކަލޭގެފާނު ވިދާޅުވިގޮތުގައި އަބޫޖަހުލު އިތުރަށް ކުރިއަށް ފިޔަވަޅެއް އެޅިނަމަ މަލާއިކަތް ބޭކަލުން އޭނާއެއްކޮށް ކުދިކުދި ކޮށްލެއްވީހެވެ. މިހާދިސާއާއި ގުޅިގެން އަބޫޖަހުލުގެ ނުބައިކަން ބަޔާންކުރައްވައި ޢަލަޤު ސޫރަތުގެ ފަހު ބައި ﷲ ބާވައިލެއްވިއެވެ.

ޢަލަޤު ސޫރަތުގެ 6 ވަނަ އާޔަތުން ފެށިގެން ނިމެންދެން މާނަޔާއެކު

ހަމަހިލާ އެހެނެއް ނުވާނެއެވެ. ހަމަކަށަވަރުން، އިންސާނާ އަނިޔާވެރިކަމުގައި ހައްދުފަހަނަޅައިދާކަން ކަށަވަރެވެ.

އޭނާ އަމިއްލައަށް ފުދިގެންފިކަމަށް އޭނާއަށް ފެނުމުންނެވެ.

ހަމަކަށަވަރުން، އެނބުރިދިއުންވަނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟުރަތަށެވެ.

ނަހީކޮށް މަނާކުރާ މީހާ ތިބާ ދުށިންހެއްޔެވެ؟

އަޅަކު ނަމާދުކުރި ހިނދު

ތާބިޢީ ބޭކަލެއްކަމުގައިވާ އުރުވާ އިބުނު ޒުބައިރު، ޢަބުދުﷲ އިބުނު އަމްރު އިބުނު ޢާސް އަރިހު ރަސޫލާ ﷺ އަށް ލިބިވަޑައިގެންނެވި އެންމެބޮޑު އަނިޔާއަކީ ކޮބައިތޯ އެއްސެވިއެވެ. ޖަވާބުގައި އެކަލޭގެފާނު ވިދާޅުވިގޮތުގައި އެއްދުވަހަކު ގެފުޅު ކައިރީގަ ރަސޫލާ ﷺ ނަމާދުކުރައްވަނިކޮށް ޢުޤުބާ އިބުނު އަބީ މުޢީޠު އެކަލޭގެފާނަށް ގޯނާކުރިއެވެ. މީނާ އެކަލޭގެފާނު ނަމާދުކުރައްވަނިކޮށް ފަހަތްޕުޅުން އައިސް އެކަލޭގެފާނުގެ ފޮށާކޮޅު ނަގައި އެފޮށާކޮޅު އެކަލޭގެފާނުގެ ކަރުފުޅުގައި ބައްދައި ނޭވާނުލެއްވޭނޭހެން ބާރުކުރަންފެށިއެވެ. އެކަލޭގެފާނު ހާސްފުޅުވެގެން ތެޅިވަޑައިގަތުމުން އެއްވެސް މީހަކު އެކަމާ އަޅާނުލިއެވެ. މިޚަބަރު އަބޫބަކުރުގެފާނަށް ލިބިވަޑައިގަތުމާއެކު އެކަލޭގެފާނު ގެފުޅަށް ވަޑައިގެން ޢުޤުބާއަށް ހަމަލާދެއްވައި އޭނާ ދުރުކުރެއްވިއެވެ. ދެން އަބޫބަކުރުގެފާނު ޢުޤުބާއަށް މުޚާޠަބުކޮށް ވިދާޅުވިއެވެ. 'މީހަކު ތިމާގެ ރައްބުއަކީ ﷲ އޭ ބުނުމުން ކަލޭމެން އެމީހަކު  މަރާނަން ހެއްޔެވެ؟ އަބޫބަކުރުގެފާނުގެ އިބާރާތުން ﷲ މިކަމާގުޅޭގޮތުން ވަޙީ ބާވައިލެއްވިއެވެ. އެއީ ޣާފިރު ސޫރަތުގެ 40 ވަނަ އާޔަތެވެ.

އާޔަތް

ރަސޫލާ ﷺ އަށް ޢަދާވާތްތެރިވި މީހުން މައިގަނޑު ދެބަޔަކަށް ބެހެއެވެ. އެއީ އަޚުލާގާއި ސުލޫކުގައި ތަންކޮޅެއް މާތް މީހުންނާއި އަޚުލާގާއި ސުލޫކު ނުބައި މީހުންނެވެ. އަޚުލާގާއި ސުލޫކުގައި މާތްކަމަށް ފެނުނު ގިނަ ބޭކަލުންނަށް ﷲ ތެދުމަގު ދެއްކެވިއެވެ. އޭގެތެރޭގައި އަބޫ ސުފިޔާންއާއި ޚާލިދު ބިން ވަލީދު ހިމެނެއެވެ. އަޚުލާގާއި ސުލޫކެއްނެތް ނުބައި މީހުންގެތެރޭ ޢުޤުބާއާއި އަބޫލަހަބު ހިމެނެއެވެ.

ރަސޫލާ ﷺ އަށް ޖަޒުބާތުގެ އަނިޔާ ނުވަތަ އިމޯޝަނަލް ޓޯޗަރ ވަރަށްބޮޑަށް ލިބިވަޑައިގަތެވެ. ބުޚާރީ މުސްލިމުގައި އިބުނު މަސްޢޫދު ރިވާކުރެއްވި ކަމުގައިވެއެވެ. އެއްފަހަރަކު ރަސޫލާ ﷺ ގެފުޅުކައިރީގައި ނަމާދުކުރެއްވިއިރު އެހިސާބުގައި އަބޫޖަހުލު އޭނާގެ ބައިވެރިންނާ ވާހަކަދައްކަން ހުއްޓެވެ. އަދި އަބޫޖަހުލު އެމީހުންގެ ކިބައިގައި ހިތްވަރުހުރިވަރެއް ބަލަން ސުވާލުކުރިއެވެ. އެގޮތުން އޭނާ ބެލީ އޭގެ އެއް ދުވަސްކުރިން ގުރްބާންކުރެވިފައިވާ ޖަމަލެއްގެ ކުނިވެފައިވާ ގޮހޮރުތައް ގެނެސް ރަސޫލާގެ ބުރަކަށިކޮޅަށް އަޅަންކެރޭނެ މީހަކު ހުރިތޯއެވެ. އެވަގުތު ޢުޤުބާ ތެދުވެ އެކަންކުރާނެ ކަމަށް އިއުލާންކުރިއެވެ. ދެން އޭނާ ގޮނޑަށް ގޮސް ކުރީ ދުވަހު ކަތިލެވުނު ޖަމަލުގެ ކުނިވެފައިވާ ގޮހޮރާއި އެފަދަ އެހެން ބައިތައް ނެގިއެވެ. އެއަށްފަހު ރަސޫލާ ﷺ ސަޖިދައިގައި އޮންނަވަނިކޮށް އެކަލޭގެފާނުގެ ބުރަކަށިކޮޅަށް އެތަކެތި އެޅިއެވެ. ޖަމަލުގެ ގޮހޮރާއި އެފަދަ ސާމާނުތަކުގެ ބަރުކަމުން ސަޖިދައިން އެކަލޭގެފާނަށް ތެދުވެވަޑައިގެންނެވޭވަރުވެސް ނުވިއެވެ. މަސްޢޫދު ބަޔާންކުރެއްވިގޮތުގައި ދެން މިމަންޒަރުބަލަން ތިބި މުޝްރިކުންތައް ފޯރިނަގާ ބިނދިބިނދިފައި ހުނެވެ. އެކަމަކުވެސް މިހާލަތުގައި އެކަލޭގެފާނަށް އެހީތެރިވާނެ ހިތްވަރެއް މަސްޢޫދުގެ ކިބައިގައި ނެތްކަމަށް އެކަލޭގެފާނު ވިދާޅުވިއެވެ. ސަބަބަކީ އެކަލޭގެފާނު އާދައިގެ އަޅަކަށްވުމެވެ.

ދެން ރަސޫލާ ﷺ އޮތްގޮތަށް ސަޖިދައިގައި އޮންނަވަނިކޮށް ބަޔަކު މީހުން ގޮސް އެކަލޭގެފާނުގެ ދަރިކަނބަލުން ފާޠިމަތަށް މިޚަބަރު ދިނެވެ. އެހިނދު އެކަމަނާ އެކަމަނާގެ ތުއްތު ހާލުކޮޅުގައި ރޮމުން ބައްޕާފުޅު އަރިހަށް ވަޑައިގަތެވެ. އެއަށްފަހު އެކަމަނާ އެކަލޭގެފާނުގެ ބުރަކަށިކޮޅުން ކުނިވެފައިހުރި ގޮހޮރުތައް ނެންގެވިއެވެ. ދެން އެކަލޭގެފާނު ކޮޅަށް ތެދުވެވަޑައިގެން އެމީހުންނާ ދިމާއަށް އެނބުރިވަޑައިގެން ހުންނަވާ ދެއަތްޕުޅު އުފުއްލައިވައިގެން ﷲ އަށް ދުޢާ ދެންނެވިއެވެ. ރަސޫލާ ﷺ ދުޢާކުރައްވާ މަންޒަރު ފެނުމުން އެމީހުން ބިރުގަނެ ހަނުތިއްބެވެ. މިދުޢާގައި އޭގެތެރެއިން ކޮންމެ މީހެއްގެ ނަން ތިން ފަހަރު ވިދާޅުވެ ﷲ އަށް ދެންނެވިއެވެ. އިބުނު މަސްޢޫދު ވިދާޅުވިގޮތުގައި އެކަލޭގެފާނު މިބަޔާންކުރާ މުޝްރިކުންގެ ނަންތައް ދުޢާގައި ވިދާޅުވިއެވެ.

އަބޫޖަހުލު އިބުނު ހިޝާމް، އުޠްބާ އިބުނު ރާބިއާ، ޝައިބާ އިބުނު ރާބިޢާ، ވަލީދު އިބުނު އުޤުބާ، އުމައްޔަ އިބްނު ޚަލަފް، އުޤުބާ އިބުނު އަބީ މުޢީޠު. އިބުނު މަސްޢޫދު ވިދާޅުވިގޮތުގައި މިހުރިހާ މީހުން ވަރަށް ނިކަމެތިކޮށް ބަދުރު ހަނގުރާމައިގައި މަރުވެގެންދިޔަތަން އެކަލޭގެފާނު ދެކެވަޑައިގަތެވެ.

ނުނިމޭ

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ވަނީ ގެނެސްދީފައެވެ.

+1
3
+1
16
+1
6
+1
4
+1
4
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް