September 20, 2024 16:29
Advertisement

-Advertisement-

އިންސާނީ ޙައްޤުތަކުގެ ތެރެއިން ކުޑަކުދިންގެ ޙައްޤުތައް

އިސްލާމްދީނަކީ ހުރިހައި އިންސާނުންގެ ޙައްޤުތައް ރައްކާތެރުކިރާ ދީނެކެވެ. މިގޮތުން އަނބިންގެ ޙައްޤުތައް، ފިރިންގެ ޙައްޤުތައް، މައިންބަފައިންގެ ޙައްޤުތައް، އަވަށްޓެރިންގެ ޙައްޤުތައް، އަދި ކުޑަކުދިންގެ ޙައްޤުތައްވަނީ ރައްކާތެރި ކުރައްވާފައެވެ.

އިސްލާމްދީނުގައި ކުޑަކުދިންގެ ޙައްޤުތަކަށް ރައްކާތެރިވުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވެއެވެ. މިޙައްޤުތައް އަދާ ކޮށްދޭންޖެހެނީ ހަމައެކަނި ދުނިޔެއަށް އުފަންވުމުން އެކަންޏެއް ނޫނެވެ. މަންމަގެ ބަނޑުގައި ކުއްޖާ އޮއްނަ އެންމެ ފުރަތަމަ މަރުހަލާއިން ފެށިގެންވެސް މިޙައްޤު އަދާކުރަންޖެހެއެވެ. މިގޮތުން ކުޑަދަރިފުޅަށްޓަކައި، މައިމީހާ ރަނގަޅު ކާނާ ކެއުމާއި، ދަރިފުޅަށް ލިބިދާނެ ހުރިހައި ގެއްލުމަކުން ރައްކާތެރިވާންޖެހެއެވެ. މިކަމުގެ ހެއްކަކީ، މައިމީހާ ރަމަޟާންމަހު ރޯދަ ދޫކުރުމުގެ ހުއްދަލިބެގެންވެއެވެ. ފާޙިޝް ޢަމަލުތަކުގެ ސަބަބުން މާބަނޑުވީ އަންހެނާ ވިހެއުމުގެ ކުރިން ޙައްދު ޖެހުން ނަހީ ކުރެއްވިއެވެ. ހަމައެހެންމެ ބަލިވެއިން އަންހެންމީހާއަށް އޯގާތެރިވުމަކީ ފިރިމީހާ އަދާކުރަންޖެހޭ ހައްޤެކެވެ.  

ކުޑަދަރިފުޅަށް ގާތުންކިރުދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ދަރިފުޅު ހެދިބޮޑުވުމާއި، ޅަފަތުގައި ހެޔޮ ޞިއްޙަތެއްގައިވުމަށްޓަކައި މައިމީހާގެ ކިރަކީ ދަރިފުޅުގެ އެންމެ މުހިންމު ކާނާއެވެ. ގާތުން ކިރުދިނުމުގެ ސަބަބުން މަންމައާއި ދަރިފުޅުގެ ގުޅުން ގާތްކޮށްދެއެވެ. މައިމީހާގެ ހިތުގައި ދަރިފުޅަށްޓަކައި ލޯބި އިތުރުވެގެންދެއެވެ. މިހުރިހައި ކަމެއް ދަރިފުޅަށް ހޯދައި ދިނުމަށްޓަކައި ގާތުން ކިރުދިނުމަކީ  ކުޑަ ދަރިފުޅަށްޓަކައި އަދާކުރަންޖެހޭ ޙައްޤެކެވެ. މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވަނީ: "މައިން، އެކަނބަލުންގެ ދަރިންނަށް ކިރުދޭހުށީ، ފުރިހަމަ ދެއަހަރުގެ މުއްދަތަށެވެ. އެކަންއޮތީ، ކިރުދިނުން ފުރިހަމަކުރުމަށް ގަސްތުކޮށްފި މީހަކަށެވެ." (البقرة 76).

Advertisement

ދަރިންނަށް އަދާކޮށް ދޭންޖެހޭ ޙައްޤުތަކުގެ ތެރެއިން ރަނގަޅު ތަރުބިއްޔަތާއި، ރިވެތި އަޚްލާޤު ދަސްކޮށް ދޭންޖެހެއެވެ. އެކުދިންނަކީ ދީންވެރި، އަޚްލާޤު ރަނގަޅު، ޤައުމަށް ފައިދާ ކުރަނިވި ބަޔަކަށް ހެދުމަކީ މައިން ބަފައިން އަދާކުރަންޖެހޭ ހައްޤުތަކެކެވެ. ކީރިތި ޤުރުއާނުގައި ލުޤްމާންގެފާނު، އެކަލޭގެފާނުގެ ދަރިކަލުންނަށް ރިވެތި އަޚްލާޤު ދަސްކޮށް ދެއްވިވާހަކަ އައިސްފައިވެއެވެ. މާތްﷲ ވަޙީކުރައްވަނީ: "އޭ ދަރިފުޅާއެވެ! ތިބާ ނަމާދު ޤާއިމު ކުރާށެވެ! އަދި ހެޔޮކަންތަކަށް އަމުރުކުރާށެވެ! އަދި ނުބައިކަންތައް ނަހީކުރާށެވެ! ތިބާއަށްޖެހޭ މުޞީބާތަށް ކެތްކުރާށެވެ! ހަމަކަށަވަރުން އެކަންވަނީ، ޢަޒުމް ކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންނެވެ." (لقمان 18).

ކުޑަކުދިންގެ ޙައްޤުތަކުގެ ތެރެއިން، އެކުދިންނަށް ކުރަންޖެހޭ ޚަރަދުތައް ކުރުމަކީ ބައްޕަ އަދާކުރަންޖެހޭ ޙައްޤެކެވެ. މީގެ ތެރޭގައި އެކުދިންނަށް ކާންދިނުމާއި، އަންނައުނު ދިނުމާއި، ތަޢުލީމު ދިނުން ހިމެނެއެވެ. ކުއްޖާ ހެޔޮ ޞިއްޙަތާއި، ރަނގަޅު މާހައުލެއްގައި ބޮޑު ކުރުމަކީވެސް މައިންބަފައިން އަދާކުރަންޖެހޭ ޙައްޤެކެވެ. އަދި މިނޫނަސް އެކުއްޖާއަށް ކުރަންޖެހޭ ހުރިހައި ޚަރަދެއް ކުރަންޖެހޭނެއެވެ. ދަރިފުޅަށް ކުރަންޖެހޭ ޚަރަދުނުކޮށް ހުރުން ބައްޕައަށް ހުއްދަވެގެންނުވެއެވެ.

ކުޑަކުދިންގެ ޙައްޤުތަކުގެ ތެރެއިން އެކުދިންނަށް މުދާ ލިބުންވެއެވެ. ޖާހިލިއްޔަ ޒަމާނުގައި ކުޑަކުދިންނަށް ވާރުތަ މުދަލުން އެއްވެސް އެއްޗެއް ނުލިބެއެވެ. ނަމަވެސް އިސްލާމްދީން އައުމަށްފަހު މިޙައްޤު ރައްކާތެރިކުރެއްވިއެވެ. މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގާވަނީ: "މައިންބަފައިންނާއި، ތިމާގެމީހުން ދޫކުޅަ ތަކެތީގެ ތެރެއިން، ފިރިހެނުންނަށް ބައެއްވެއެވެ. އަދި، މައިންބަފައިންނާއި ތިމާގެމީހުން ދޫކުޅަ ތަކެތީގެ ތެރެއިން އަންހެނުންނަށްވެސް ބައެއްވެއެވެ. އެދޫކުޅަ ތަކެތީގެ ތެރެއިން މަދު އެއްޗަކުންނާއި، ގިނަ އެއްޗަކުންވެސް ކަނޑައެޅިގެންވާ ބައެއް ގޮތުގައެވެ." (النساء 7). ހަމައެހެންމެ ކުޑަކުދިންގެ މުދާވަނީ އިސްލާމްދީނުގައި ރައްކާތެރި ކުރައްވާފައެވެ. އެކުދިންގެ މުދައު ޙައްޤުނޫން ގޮތުގައި ބޭނުންކުރުން ހުއްދަވެގެން ނުވެއެވެ.

އިސްލާމްދީނުގައި ކުދިންނަށް އަދާކޮށްދޭންޖެހޭ ޙައްޤުތައް އަދާކޮށްނުދީ ހުރުން ހުއްދަވެގެންނުވެއެވެ. އެއީ މައިންބަފައިން އަދާކޮށްދޭންޖެހޭ ޙައްޤުކަމުގައި ވިޔަސް، ނުވަތަ ދައުލަތުން ނުވަތަ މުޖުތަމަޢުގެ އެހެން އަފްރާދުންކަމުގައި ވިޔަސްމެއެވެ. މިގޮތުން ކުޑަކުދިންދެކެ ލޯބިވުމާއި، އެކުދިންނަށް އަޅައިލުމާއި، އޯގާތެރިވުމާއި، އަދި ރަނގަޅު ކާނާ ދިނުމާއި، ކިޔަވާ ދިނުމާއި، ބޭސްފަރުވާކުރުން ހިނމެނެއެވެ. އެކުދިންނަށް ޖެހިދާނެ ބަލިތަކުން ރައްކާތެރި ކުރުމަށްޓަކައި ދެވޭ ވެކްސިން ދިނުމަކީވެސް މިކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ހަމައެހެންމެ ޖިސްމާނީ އަދި ނަފްސާނީ ގެއްލުންތަކުން ކުޑަކުދިން ރައްކާތެރިކޮށް ރަނގަޅު މާހައުލެއްގައި އެކުދިން ގެންގުޅުމަކީ މައިންބަފައިން އަދާކޮށްދޭންޖެހޭ ޙައްޤެކެވެ.

 

ނޯޓް: މިލިޔުން ވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ނެރުނު 'ހިދާޔަތުގެ އަލި' މަޖައްލާގައި ޝާއިޢުކޮށްފައެވެ. ޒީޓައިމްސްގައި އަލުން މިލިޔުން ޝާއިޢުކުރުމުގެ ބޭނުމަކީ ކިޔުންތެރިންނަށް މުހިންމު މައުލޫމާތު ތަކެއް ގެނެސްދިނުމެވެ. 

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް