ހެޔޮބަހަކީ ސަދަޤާތެކެވެ. އެއީ މުޖުތަމައަށް އޭގެ ހެޔޮ އަސަރު ކުރާލެއް ބޮޑުކަމުންނެވެ. ހެޔޮ ބަހަކީ ރަނގަޅު ގަހަކުން ނުކުންނަ ފައިދާހުރި މޭވާއެކެވެ. އެއީ ހިނިތުންވުން ގެނެސްދޭ ކަމެކެވެ.
ހެޔޮބަސް ބުނެ އުޅުމަކީ ވާހަކަދައްކާ މީހާގެ ޝަހުސިއްޔަތު އަންގައިދޭ ކަމެކެވެ. އެއީ އޭނާގެ ފޭރާމެވެ. އެއީ މީސްތަކުންގެ ހިތްތައް ހުޅުވައިދޭ ތަޅުދަނޑިއެވެ. އެއީ މާތް ﷲ ގެ ހަޟްރަތަށް އޭނާގެ މެސެޖްތައް ގެންގޮސްދޭ ސަފީރެވެ. ހެޔޮބަހެއް މެނުވީ މާތް ﷲ ގެ ހަޟްރަތަށް ނުފޯރާނެއެވެ.
" ހެޔޮބަހެއް ބުނުމަކީ ބޮޑު ހޭދައެއް ކުރަންޖެހޭ ކަމެއް ނޫން. އޭގައި ހިމެނޭނީ އެބަސް ބުނާ މީހާއަށާއި، އަޑުއަހާ މީހާއަށް މަންފާ އާއި ލާބަ. އެބަހުގައި ފުރައްސާރަކުރުމެއް، ނެތިމޮށުމެއް، ހުތުރު އެއްޗެހި ކިޔުމެއް ނުހިމެނޭނެ. ހެޔޮ ބަހަކީ، މާތް ﷲ ހަނދުމަކުރުމާއި، ތަހްލީލާއި، ތަޙްމީދާއި. ތަސްބީހަ ކިޔުން. އެއީ ފައިދާކުރަނިވި ޢިލްމެއް ފެތުރުމާއި، ހެޔޮކަންތަކަށް އަމުރުކުރުމާއި، މުންކަރާތްތައް ނަހީކުރުން. އެއީ މީސްތަކުންނަށް ނަސޭހަތްދިނުމާއި ސީދާ މަގަށް މަގު ދެއްކުން"
ހެޔޮ ބަހަކީ ހެޔޮ ގަހެއް ފަދަ އެއްޗެކެވެ. އެ ގަހުގެ ހިޔާ ބޮޑެވެ. އެ ގަހުގެ މަންޒަރު ރީއްޗެވެ. އެގަހުގެ މޭވާ ފޮންޏެވެ. މިފަދަ ގަސް ހެދުމަށް ރަނގަޅު ބިމަކަށް ބޭނުންވެއެވެ. މި ރަނގަޅު ބިމަކީ، މާތް ﷲ އަށް އަޅުކަން ކުރާ ޞާލިޙު މުއުމިނާގެ ނަފްސެވެ. އެފަދަ ނަފްސެއްގެ ވެރިއަކަށް ވެވޭނީ މާތް ﷲ ގެ ޚަލްޤުތަކުންނާ އެކު ރިވެތިގޮތުގައި މުޢާމަލާތް ކުރާ މީހަކަށެވެ.
" އަޅުގަނޑުމެންގެ ދަރިން މިފަދަ ނަފްސުތަކެއްގެ ވެރި ބަޔަކަށް ހެދޭނީ، ޢާއިލީ ރަނގަޅު ތަރުބިއްޔަތާއި ރިވެތި ނަމޫނާ އާއި، މަދްރަސީ ރަނގަޅު ތަރުބިއްޔަތާއި ޞާލިޙު ރަނގަޅު ވެއްޓެއް، އެކުދިންނަށް ހޯދައިދީގެން. މި ތިން މާހައުލަކީ، ގަހެއް ރުކެއް ނުހެދޭ، ދިރުމެއް ނެތް މަރުވެފައިވާ ބިމެއް ފަދަ މާހައުލަކަށް ވެއްޖެނަމަ އަޅުގަނޑުމެންގެ ދަރިންގެ ހިތްތަކުގައި ހެޔޮބަސް ބުނުމުގެ އާދަ އަށައެއް ނުގަންނާނެ".
ނުބައި ބަސްތަކުގައި ހަރުދަނާކަމެއް ނުހުންނާނެއެވެ. އޭގެ ސަބަބުން މީސްތަކުންގެ މެދުގައި ފިތުނަފަސާދަ އުފެދޭނެއެވެ. އެފަދަ ބަސްތަކުގެ ސަބަބުން މީހުންނަށް މަގު އޮޅޭނެއެވެ. އެކަކު އަނެކަކާ ޖެހި، މޫނު ކެނޑޭނެއެވެ. މީހުން މަގުފުރެދި، ހައްގުގެ މަގަށް ހުރަސްއެޅޭނެއެވެ. މުޖުތަމައުން މިފަދަ ނޭދެވޭ އަމަލުތައް ފެނުމަކީ ހިތާމަހުރިކަމެކެވެ.
ނޯޓް: މައުލޫމާތު ނަގާފައިވަނީ ހުކުރު ޚުތުބާއިންނެވެ.