September 21, 2024 02:48
Advertisement

-Advertisement-

މޫނިސާގެ ދެމަފިރިން ލޯބިވާ ދަރިފުޅު ޒިވިއަން އާއެކު

ލޭއަޅާ މިމަންމަގެ އުންމީދަކީ ދަރިފުޅުގެ އޮޕަރޭޝަން ކާމިޔާބުވުން!

ރ.އަނގޮޅިތީމަށް އުފަން މޫނިސާ ރަޝީދު އަކީ ތެލަސީމިއާ ބަލީގެ ސަބަބުން ގަޔަށް ލޭ އަޅަންޖެހޭ، ހިތްވަރުގަދަ މަންމައެކެވެ. ގދ. ނަޑެއްލާ އަށް އުފަން އަޝްރަފް އިބްރާހީމް އާއި މޫނިސާގެ ދަރިފުޅު ޒިވިއަން ބިން އަޝްރަފް އިބްރާހީމް އުމުރަކީ އެއްއަހަރާއި ފަސްމަހެވެ.

ބަލިހާލަތުގަ ހޯދި ދަރިފުޅުގެ ސިއްޙީ މައްސަލަތަކެއް

'ޒީޓައިމްސް' އަށް ދިން އިންޓަވިއުގައި މޫނިސާ ކިޔައިދިންގޮތުގައި މިދިޔަ އަހަރު ފެބުރުއަރީމަހު ޒިވިއަން އުފަންވިއިރު، ސިއްހީ ބޮޑެތި މައްސަލަތަކެއް ހުރިކަމަށް އެއިރުއްސުރެ ޑޮކްޓަރުން އަންނަނީ ބުނަމުންނެވެ. ވޭނާއި ކެކުޅުމުގައި ލިބުނު ދަރިފުޅަކީ ބަލި ކުއްޖެއްކަން އެނގުމުން މޫނިސާގެ ދެމަފިރިންނަށް ލިބުނީ ފުން ހިތާމައެކެވެ. ޒިވިއަންގެ ހިތުގެ މައިނާރު ނެތްކަމަށާއި 3 ލޯވަޅު ހުރިކަމަށް އެއިރު ޑޮކްޓަރުން ވަނީ ބުނެފައެވެ.

Advertisement

" އަޅުގަނޑުގެ ހަށިގަނޑުގައި ދަގަނޑުގެ ލެވެލް 500 މިލިގްރާމަށް ވެއްޓުމުން ނޫނީ ކުއްޖަކު ނުހޯދުމަށް ޑޮކްޓަރުން ބުނެފަ އޮތީ. އެކަމަކު އެކަން ކާމިޔާބު ކުރުމަށް މަސައްކަތްކުރިއަސް ދަގަނޑުގެ ލެވެލް ދަށެއް ނުވި. ކައިވެންޏަށް 3 އަހަރު ވީތަނުން ބަނޑުބޮޑުވީ. އެއިރުވެސް ދަގަނޑުގެ ލެވެލް ހުރި 5000 މިލިގްރާމުގަ. ބަނޑުބޮޑުވީމަ ވަރަށް އުފާވި އެކަމަކު އެހާ ބިރުގަތް. ބަނޑަށް ފުރަތަމަ ފަސްމަހު ހަފްތާއަކު އެއްފަހަރު ގަޔަށް ލޭ އަޅަން ޖެހުނު. އޭގެ ފަހުން ހަފްތާއަކު 2 ފަހަރު. ބަނޑަށް 7 މަހުގައި މާލެ ބަދަލުވެ އައިޖީއެމްއެޗަށް ގަވާއިދުން ދައްކަމުން ދިޔައީ" އެއިރުގެ ހަނދާންތައް އާކުރަމުން މޫނިސާ ކިޔައިދިނެވެ.

ލޭ އަޅަން ހޮސްޕިޓަލަށް ދިޔަ ދުވަހަކު މައްސަލަތަކެއް ފާހަގަވެގެން އެމަޖެންސީ ސިޒޭރިއަން ހަދައި ދަރިފުޅު ނެގިއިރު އޮކްސިޖަން ނުހިފަހައްޓާކަމަށާއި، ވިންދު އަވަސްވުމުން ފަރުވާ ދިނީ އެންއައިސީޔޫގަ ކަމަށް މޫނިސާ ބުންޏެވެ. އެއިރު ޒިވިއަން ދުނިޔޭގަ ހުންނާނެ ކަމުގެ އުންމީދެއް ނެތެވެ. އެހާވެސް ބައްޔެވެ.

އައިޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު އޭޑީކޭ އިން ފަހުން ފަރުވާދިންއިރު ޒިވިއަން އަށް 6 މަސް ވުމުން އޮޕަރޭޝަންތަކެއް ކުރުމަށް ޑޮކްޓަރުން ލަފާދިނެވެ. ޑޮކްޓަރުންގެ ލަފައާއެކު ޒިވިއަންގެ އުމުރުން 7 މަހުގައި އިންޑިއާއަށް ދިޔަ ކަމަށް މޫނިސާ ވަނީ ބުނެފައެވެ.

" އެއިރު ދިޔައިމަ ޓެސްޓެއް ހެދީ ފައިވަޅުގަ ލޯވަޅުހަދައިގެން. ނާރުތައް ބަލާފަ ބުނީ މާކުޑަވީމަ އެއިރު އޮޕަރޭޝަން އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުން ނުކުރެވޭނޭ. އެކަމަކު ޔޫކޭ ހިސާބުން ކުރެވިދާނެކަމަށް. 15 ގަޑިއިރު ހޭދަވާނެ ކަމަށް އޮޕަރޭޝަންގަ ބުނީ. އެހެންވެ އެއިރު ނުކުރެވުނީ. އެއީ 7 މަހުގަ. އެއިރު ބުނީ އަނެއްކާ 6 މަސް ފަހުން އަންނަން. އެހެންވެ އޮޕަރޭޝަން ކުރެވޭތޯ މިއަދު މިއައީ އިންޑިއާ އަށް". މިވަގުތު އިންޑިއާގަ ހުރި މޫނިސާ ކިޔައިދިނެވެ.

އުމުރާއި ބަލާއިރު ތަފާތު

މޫނިސާ ކިޔައިދިންގޮތުގަ ޒިވިއަން އަށް އެއްވެސް ވަރަކަށް އަޑުއަޑުލައްވާ ވާހަކަ ނުދެއްކެއެވެ. 'ތާތާތަ' މިގޮތަށް އަޑުލައްވަން ފެށީވެސް މިހަފްތާތެރޭގައެވެ. އަދި ދަރިފުޅަށް ކާން ދިނުމުގައިވެސް ވަރަށް ވިސްނަންޖެހޭ ކަމަށް ވަނީ ބުނެފައެވެ. ހަރަކާތްތެރިވެ އުޅުމުގައިވެސް އެއުމުރުގެ އެހެން ކުދިންނާ ތަފާތެވެ.

" ދަރިފުޅަށް އެއްއަހަރާ ފަސްމަސް މިވީ. އެކަމަކު މިކްސްޖަރުން ވަރަށް ހިމުންކޮށް މުގުރާފަ ވަރަށް ދިޔާކޮށް ކާންދޭންޖެހެނީ. ކިރިޔާ ހިކިފަހުއްޓަސް ހޮޑުލާނީ. ނޭފަތުން ހޮޑުވެސް އަންނާނީ. އެހެންވެ ވަރަށް އުދަގޫ. ވާހަކަ ނުދެއްކޭތީ ސްޕީޗް ތެރަޕިސްޓަކަށް ދައްކައިފިން. ސްޕީޗްތެރަޕީ ފަށަން ބުނީ. 9 މަހުގެ ބޭބީ އެއްގެ ހުންނަ ވަރަށޯ ބުނީ ވިސްނުން ހުރީ. ގޮވިއަސް އެއްވެސް ވަރަކަށް ބަލާނުލާ. އެކަމަކު އަޑުއިވޭ. ސަމާލުކަން ނުދެވެނީ". މޫނިސާ އަސަރާއެކު ކިޔައިދިނެވެ.

ޒިވިއަންގެ ހާލަތު ބަޔާންކޮށް ދީފައިވާ ލިޔުން

ބޮޑެތި އޮޕަރޭޝަންތަކެއް ކުރަންޖެހުން

ޒިވިއަންގެ ފުއްޕާމޭގެ މައިނާރު ފެންނަން ނެތްއިރު، ކުދިކުދި ނާރުތަކުގެ ތެރެއިން ބައެއް ނާރުތައް ހުރީ ބެދިފަކަމަށާއި، އެހުރިހާ ނާރުތައް ރަނގަޅުކުރަންޖެހޭ ކަމަށް ވަނީ ބުނެފައެވެ.

" ގިނަ އޮޕަރޭޝަންތަކެއް ކުރަންޖެހޭ ކަމަށް ޑޮކްޓަރު ވިދާޅުވި. އެހުރިހާ ނާރުތަކެއް ރަނގަޅުކޮށްފަ ލޯވަޅު ބެއްދުމުގެ އޮޕަރޭޝަން ކުރާއިރު އަދި ނޭނގޭ އެއްފަހަރާކަމެއް އޮޕަރޭޝަން ކުރާނީ. ނޫނީ ވަކިވަކިން ކަމެއް. އޮޕަރޭޝަން ކުރަންފެށީމަ އެނގޭނީ".

އެދެނީ ދީލަތި އެހީއަށް

ޒިވިއަންގެ ބޭސްފަރުވާ އަށް އާސަންދަ ވަނީ ހަމަޖެހިފައެވެ. އެހެންނަމަވެސް މޫނިސާ އަކީ ކޮންމެ 15 ދުވަހަކުން ލޭ އަޅަންޖެހޭ މީހަކަށް ވުމުން ލޭއެޅުމަށް ރާއްޖެއިން ބޭރުގަ ބޮޑެތި ޚަރަދުތަކެއް ކުރަންޖެހޭތީ އެހީއަށް އެދެންޖެހުނީ ކަމަށް ވަނީ ބުނެފައެވެ. އަދި ދަރިފުޅުގެ ބޭސްފަރުވާ އަށް އިންޑިއާގައި ހޭދަވާނެ މުއްދަތެއް ނޭނގޭ ކަމަށް ވަނީ ބުނެފައެވެ.

އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުން އެކައުންޓް ނަންބަރާއި ނަން ދިމާވޭތޯ ޔަގީންކުރުމަކީ މޫނިސާގެ ވަރަށްބޮޑު އެދުމެކެވެ. އެއީ ޒިވިއަން ގޮވައިގެން މިދިޔައަހަރު އިންޑިއާ އަށް ދިޔައިރު އާންމުންގެ އެހީތެރިކަމަށް އެދުމުން، ނުބައި އެކައުންޓު ނަންބަރެއް ޖަހައިގެން ޕޯސްޓެއް ތައްޔާރުކުރުމަށްފަހު އޭގެ ނާޖާއިޒު ފައިދާ އެހެންބަޔަކު ނަގާފަވާކަމަށް ވަނީ ބުނެފައެވެ.

'ޒީޓައިމްސް' އިން އެދެނީ ޒިވިއަންގެ އޮޕަރޭޝަން ކާމިޔާބުވެ އުފާވެރި ހަޔާތެއް މިންވަރު ކުރެއްވުމެވެ.

ވައިބަރ އިން މޫނިސާ އަށް ގުޅޭނެ ނަންބަރު: 7688890

އެކައުންޓު ނަންބަރު: މޫނިސާ ރަޝީދު/ 7703532049101

+1
0
+1
2
+1
0
+1
0
+1
0
+1
1
+1
36

Advertisement

ގުޅުންހުރި ލިޔުންތައް