September 20, 2024 22:25
Advertisement

-Advertisement-

ރަސޫލާ ﷺ ގެ ސީރާ: ހަބުޝްކަރައަށް ހިޖުރަކުރެއްވުން

މުސްލިމުންނަށް ކުރެވޭ އަނިޔާއާއި ދުއްތުރާތަކަށް ނިމުމެއް ނައުމުން މުސްލިމުންގެ ތެރެއިން އެކަމަށް އެދޭ މީހުން އަވަށްޓެރި ހަބުޝްކަރައަށް ހިޖުރަކުރުމަށް ރަސޫލާ ﷺ އެކަލޭގެފާނުގެ ޞަހާބީންނަށް ހުށަހެޅުއްވިއެވެ. ހަބުޝްކަރައަކީ މިހާރުގެ އިތިއޮޕިއާއެވެ. އެކަލޭގެފާނު ވިދާޅުވޮގޮތުގައި ހަބުޝްކަރައިގެ ރަސްގެފާނަކީ ނަސާރާއެކެވެ. އަދި އޭނާއަކީ އަދުލުވެރި ރަސްކަލެއްކަމުގައި އެކަލޭގެފާނު ވިދާޅުވިއެވެ. މިކަން ހިނގީ ރަސޫލާ ﷺ އިސްލާމް ދީނަށް ގޮވައިލައްވަން ފެއްޓެވިތާ ފަސްވަނަ އަހަރުގެ ރަޖަބު މަހުއެވެ.

ދާދިފަހަކާއި ޖެހެންދެން އެއްތަނުން އަނެއްތަނަށް ދަތުރު ކުރުމަކީ ބޮޑުކަމެކެވެ. އެހެންކަމުން ކުރީޒަމާނުގައި ހިޖުރަކުރުމަކީ ނިހާޔަތަށް ތަކުލީފުބޮޑު ކަމެކެވެ. އެކަމަކު ލިބެމުންދިޔަ އަނިޔާގެ ކުރިމަތީގައި ދަތިއުނދަގޫ ކަންކަން ކުރަން މުސްލިމުންނަށް މަޖުބޫރުވުމުގެ ނަތީޖާއަކީ ހިޖުރަކުރަން ފެށުމެވެ.

ރަސޫލާ ﷺ ގެ ހުށަހެޅުއްވުމާއި އެއްގޮތަށް ފުރަތަމަ ހިޖުރަކުރެއްވީ ފަނަރަ މީހުންނެވެ. އެއީ 11 ފިރިހެނުންނާއި 4 އަންހެނުންނެވެ. އެންމެ ފުރަތަމަ ހިޖުރަކުރެއްވި ބޭކަލަކީ ޢުޘްމާން އިބުނު ޢައްފާންއެވެ. އެކަލޭގެފާނުގެ އަނބިކަނބަލުން ރުޤައްޔާއަކީ ރަސޫލާ ﷺ ގެ ދަރިކަނބަލެކެވެ. ދެވަނައަށް ހިޖުރަކުރެއްވީ ޢުޘްމާން އިބުނު މަޒްޢޫންއެވެ. ދެން ޢަބުދުއްރަޙުމާން އިބުނު އައުފްއާއި ޒުބައިރު އިބުނު އައްވާމްއާއި މުސްޢަބު އިބުނު އުމައިރުއާއި އަބޫ ސަލަމައާއި އެކަލޭގެފާނުގެ އަނބިކަނބަލުން އުއްމި ސަލަމައެވެ. އަބޫ ސަލަމައަކީ ހިޖުރަކުރެއްވި ބޭކަލުންގެތެރެއިން ފުރަތަމަ އަވަހާރަވި ބޭކަލެވެ. އެކަލޭގެފާނު އަވަހާރަވުމާއި ގުޅިގެން ހުވަފަތްވި އަނބިކަނބަލުން އުއްމި ސަލަމަ ހާލުގައިޖެހިވަޑައިގަތެވެ.

Advertisement

ފުރަތަމައިނުން ހިޖުރަކުރެއްވި ބޭކަލުންނާބެހޭގޮތުން އޮތް އެއް ރިވާ ބުނާގޮތުގައި އެބޭކަލުން ހިޖުރަކުރެއްވީ ސިއްރިޔާތުގައެވެ. އެގޮތުން އެބޭކަލުން ފުރަތަމަ ވަޑައިގަތީ ޖުއްދާ ނުވަތަ މިހާރުގެ ޖިއްދާއަށެވެ. އެރަށުން ނަވެއްގައި އެބޭކަލުން ހަބުޝްކަރައަށް ދަތުރުކުރެއްވިއެވެ. އަލްޠަބަރާނީގެ ހަދީޘްފޮތް މުޢުޖަމްގައި އޮތް ރިވާ ބަޔާންކުރާގޮތުގައި މިބޭކަލުން ހިޖުރަކުރެއްވީ ފާޅުގައި އެކަން އިއުލާންކުރައްވައިގެންނެވެ. އެގޮތުން ޢާމިރު އިބުނު ރާބިޢަތްއާއި އެކަލޭގެފާނުގެ އަނބިކަނބަލުން ލައިލާގެ ވާހަކަ އައިސްފައިވެއެވެ. މިރިވާގައި ލައިލާ ދަތުރަށް ތައްޔާރުވެވަޑައިގަތުމުގެ ގޮތުން ޖަމަލަށް ފޮށިތަންމަތި ބަރުކުރައްވައި ދަތުރުފައްޓަވަނިކޮށް ޢުމަރުގެފާނު ވަޑައިގަތެވެ. މިއީ ކޮންދަތުރެއްތޯ ސުވާލުކުރެއްވުމުން ލައިލާ ކޯފާވެހުންނަވައި ހަޅޭއްފުޅުލައްވައި ވިދާޅުވިއެވެ. މިއީ ތިބާޔާހުރެކުރާ ދަތުރެކެވެ. މިއީ ތިބާ އަހަރެމެންނަށް ބިރުދައްކައި އަނިޔާވެރިވުމުން ސަލާމަތުން ތިބެ ﷲ އަށް އަޅުކަންކުރެވޭނެ ތަނަކަށް ކުރާ ދަތުރެކެވެ.

ހައިރާންވެ ހުންނަވައި އޯގާތެރިކަމުގެ ރާގުގައި ޖަވާބުދެއްވައި ޢުމަރު ވިދާޅުވިއެވެ. 'ކަންތައްތައް އެހިސާބަށް ދިޔައީހެއްޔެވެ؟' ދެން ޢުމަރު ލައިލާއަށް ހެޔޮ ދުޢާކުރައްވައި ތިބާޔާއެކުގައި ﷲ ވޮޑިގެންވޭ ވިދާޅުވެ ވަޑައިގަތެވެ. ޢުމަރުގެފާނުގެ މިއަމަލުން ލައިލާއަށް ވަރަށްބޮޑު ހައިރާންކަމެއް ލިބިވަޑައިގަތެވެ. ސަބަބަކީ މީގެކުރިން އެކަލޭގެފާނުގެ ކިބައިން މިފަދަ ކަމެއް ފެނިފައިނުވުމެވެ. ދެން އެކަމަނާގެ ފިރިކަލުން ޢާމިރު ގެއަށް ވަޑައިގަތުމުން ޢުމަރުގެފާނު ކަންތައްކުރެއްވިގޮތުގެ ވާހަކަ ލައިލާ ވިދާޅުވިއެވެ. ރައްދުގައި ޢާމިރު ވިދާޅުވިގޮތުގައި ޢުމަރު އެބެއިކަލުންނަށް ހަމްދަރުދީވެ އިސްލާމް ދީނަށް ވެދެވަޑައިގަތުމަކީ ނުވާނެކަމެކެވެ. އަދި ހުވާކުރައްވައި ވިދާޅުވިގޮތުގައި ޢުމަރު އިސްލާމް ދީނަށް ވަޑައިގަންނަވާނަމަ އޭގެކުރިން އެކަލޭގެފާނުގެ ބައްޕަގެ ގޭގައި ގެންގުޅޭ ހިމާރުތައް އިސްލާމްވާނެއެވެ. އެކަމަކު ކަން ހިނގީ އެހެނެއްނޫނެވެ. ދެއަހަރުތެރޭ ޢުމަރުގެފާނު އިސްލާމްވެވަޑައިގަތެވެ. މިކަމުން ލިބޭ ފިލާވަޅަކީ މީހުން ކުށްވެރިކޮށް އެމީހުން ނަރަކަވެރިންނަށް ހަދަންނުވާނޭކަމެވެ.

ފުރަތަމަ ހިޖުރަކުރެއްވި މުސްލިމުންގެތެރޭގައި ހިމެނިވަޑައިގަތީ މުޅިންވެސް ޤުރައިޝުންގެ ބޮޑުންނެވެ. އެބޭކަލުންނަށް ހިޖުރަކުރެއްވުނީ އެކަމަށް ބޭނުންވާ ތަނަވަސްކަން އެބޭކަލުންގެ ކިބައިގައި ހުރެގެންނެވެ. އެކަމަކު ހިޖުރައަށް އެންމެބޮޑަށް ބޭނުންވެފައިތިބި މުސްލިމުންނަށް އެފުރުސަތެއް ނުލިބުނެވެ. ސަބަބަކީ އެމީހުން އަޅުންކަމުގައިވެ ތަނަވަސްކަންނެތުމެވެ. އަނިޔާއާއި މުސީބާތުގެ ވަގުތުގައި އެކަމުން މިންޖުވުމުގެ ކުޅަދާނަކަން ހުރި މީހުން އެކަން ކުރަންވީކަން މިހާދިސާއިން އެނގެއެވެ.

ހަބުޝްކަރައަށް ހިޖުރަކުރި މުސްލިމުންގެ ހަޔާތުން ލިބޭ ފިލާވަޅު

ޣައިރު މުސްލިމް ހުރިހާ ގައުމެއް އެއްގޮތް ނޫންކަން އެނގެއެވެ. ބައެއް ގައުމުތަކުގައި އޮންނަނީ އަމާން ސުލްހަވެރި ވެށްޓެކެވެ. އެހެންވެ ކޮންމެ ބިމަކަށް ހިޖުރަކުރަން ނުޖެހެއެވެ. އަދި ހިޖުރަކުރަންޖެހެނީ ސުލްހަވެރިކަން އޮވެ އެތަނުގައި ﷲ އަށް އަޅުކަންކުރެވެން ހުރި ތަންތަނަށެވެ. އަދި އެތަންތަނުގައި މުސްލިމުން ދިރިއުޅޭއިރު އުޅެންވާނީ އެތަނުގެ ޤާނޫނުތަކަށް ތަބާވެގެންނެވެ.

ނުނިމޭ..

ނޯޓް: މިއީ ޑރ. ޔާސިރު ޤާޟީ އެމެރިކާގެ ޓެނީސީ ސްޓޭޓްގެ މެމްފިސްގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 2015 ވަނަ އަހަރުގެ މާރިޗު މަހަށް ގެނެސްދެއްވި ސިލްސިލާ 'ރަހުމަތައްލިލްޢާލަމީން' ގެ ދިވެހި ތަރުޖަމާއެކެވެ. އެމެރިކާގެ ޢިލްމުވެރިއެއްކަމަށްވާ ޢަބްދުއްރަޙުމާން ޖަންގު ހުށަހަޅުއްވާފައިވާ ސީރާއިން މިތަރުޖަމާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާނެއެވެ. މިސީރާ ދިވެހި ބަހުން އެކުލަވާލީ އަޙުމަދު ފަޔާޟު ޙަސަންއެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހަކު 'ޒީޓައިމްސް' ވެބްސައިޓް މެދުވެރިކޮށް މި ސީރާގެ ބައިތައް ވަނީ ގެނެސްދީފައެވެ.

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް