September 20, 2024 17:39
Advertisement

-Advertisement-

ހަސަދަވެރިވުމާއި ގުޅުންކަނޑައިލުމަކީ މުސްލިމުންގެ ގޮތެއް ނޫނެވެ!

ޙަޤީޤީ މުއުމިނުންނަކީ ހިތްތިރި ބައެކެވެ. ހެޔޮކޮށް ވިސްނާ ބައެކެވެ. އަނެކާއާއިމެދު ކުށްހީ ނުކުރާ ބައެކެވެ. މުސްލިމު އަޚާއާއިމެދު ރަނގަޅަށް ކަންތައްކުރާ ބައެކެވެ. އިސްލާމްދީނުގައި އަންގަވާފައިވަނީ އެއްބަޔަކު އަނެއްބަޔަކަށް ހެޔޮކޮން ހިތުމަށެވެ. އެއްބަޔަކު އަނެއްބަޔަކާއި ހުތުރުބަހުން މުޢާމަލާތުކޮށް ފުރައްސާރަކޮށްނުހެދުމަށެވެ. މާތްﷲގެ ވަޙީބަސްފުޅެއްގައި ވަނީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ފިރިހެނުން އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެއެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެފުރައްސާރަކުރެވުނު މީހުން މާހެޔޮކަންބޮޑުކަމުގައި ވެދާނެތެވެ! އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ޢައިބު ނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް ޢައިބު ނުކިޔާށެވެ!) އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަ ލަޤަބުތަކުން ނުގޮވާށެވެ! އީމާންވުމަށްފަހު ފާސިޤުވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެކަންތަކުން) ތައުބާނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ." (سورة الحجرات 11).

އެއްބަޔަކު އަނެއްބަޔަކާއި ރުޅިއައިސްގެން ތިބުންވަނީ ނަހީކުރައްވާފައެވެ. އެއްމުސްލިމަކު އަނެއްމުސްލިމަކާއި ވާހަކަނުދައްކައި ގިނަދުވަހު ހުރުންވެސް ވަނީ ނަހީކުރައްވާފައެވެ. ކީރިތި ރަސޫލާ ޙަދީޘްބަސްފުޅެއްގެ މާނައިގައިވަނީ: "ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކުދެކެ ރުޅިއައިސްގެން ނުތިބޭށެވެ! އަދި ތިޔަބައިމީޙުން އެއްބަޔަކު އަނެއްބަޔަކަށް ހަސަދަވެރި ނުވާށެވެ! އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ފުރަގަސްދީ ނަހަދާށެވެ! އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް މުޢާމަލާތުނުކޮށް ނުތިބޭށެވެ! އޭ، ﷲގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން އަޚެއްތަކެއްކަމުގައިވާށެވެ! އެއްވެސް މުސްލިމަކު އޭނާގެ އަޚާއާއި ދުރުހެލިވެ ވާހަކަ ނުދައްކައި ތިންދުވަހަށްވުރެ ދިގުމުއްދަތަކަށް ހުރުމީ، ހުއްދަކަމެއްނޫނެވެ." (متفق عليه)

ދެބައިމީހުންގެމެދުގައި ހަސަދަވެރިކަމާއި ނަފުރަތު އުފެދޭނެ ހުރިހައިކަމަކުން ދުރުހެލިވުމަށް އިސްލާމްދީނުގައިވަނީ ބާރު އަޅުއްވާފައެވެ. މިގޮތުން ކުށްހީކުރުން ނަހީކުރެއްވިއެވެ. އަނެކާގެ ސިއްރުތައް ހޯދުން ނަހީކުރެއްވިއެވެ. އެ ސިއްރުތަކުގެ ވާހަކަ ދެއްކުން ނަހީކުރެއްވިއެވެ. މިކަންކަން ނަހީކުރައްވައި މާތްﷲގެ ވަހީބަސްފުޅެއްގައި އައިސްފައިވެއެވެ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެތެރެއިން ގިނަކަންތައްތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖަސޫސް ނުކުރާށެވެ! އަދި އެއްބަޔަކު އަނެއްބަޔަކަށް ޣީބަނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ އަޚާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ. އަދި ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! ހަމަކަށަވަރުން، ﷲއީ، ގިނަގިނައިން ތައުބާ ޤަބޫލުކުރައްވާ ރަޙީމުވަންތަ ރަސްކަލާނގެއެވެ. (سورة الحجرات 12). ދޮގު ޚަބަރަކައިގެން އަންނަމީހާގެ ބަހުގެ ތެދުކަން ހޯދުމަށް އަމުރުކުރެއްވިއެވެ. މިކަމުން ރައްކާތެރިވުމަށް އަންގަވައި މާތްﷲ ވަޙީކުރައްވަނީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގާތަށް ފާސިޤަކު ޚަބަރަކައިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދުބަލައި، ޙަޤީޤާތް ހޯދާށެވެ! (އެއީ) ނޭނގިތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުންދެވިދާނެތީއެވެ." (سورة الحجرات 6).

Advertisement

އަޅުގަނޑުމެންގެ މުޖުތަމަޢުގައި މީހުންގެ އަބުރާއިބެހުންވަނީ ގިނަވެފައެވެ. އެކަކަކު އަނެކެއް ފަޟީޙަތްކުރުންވަނީ ގިނަވެފައެވެ. ހަޑި ހުތުރުބަސް ބޭނުންކުރުމާއި، ރުޅިވެރިކަމުގައި ވާހަކަ ނުދައްކާ ހުންނަ މީހުން މިކުޑަ މުޖުތަމަޢުގައިވެސް ދަނީ ގިނަވަމުންނެވެ. އަނެކާގެ ސިއްރުތައް ހޯދައި އެކަން ފަޟީހަތްކުރެއެވެ. މިހުރިހައި ކަމެއްކުރަނީ ތިމާގެ އަމިއްލަ އެދުމަށެވެ. ތިމާގެ ބޭނުންތައް ފުއްދުމަށްޓަކައި އަނެކާއަށް ގެއްލުން ދިނުމަށްޓަކައެވެ. މިއީ ކިހައި ނުބައިކަމެއްކަން ދީނުގައި އެހާ ފުރިހަމައަށް އައިސްފައިވާ އިރުވެސްމެއެވެ. މިކަންކޮށް ތައުބާނުވާ މީހުންނަށްހުރި އަޛާބުގެ ވާހަކަތައް ބަޔާންވެގެން އައިސްފައިވާއިރުވެސްމެއެވެ. ބުއްދިވެރިންގެ ގޮތަކީ ތިމާގެ އަމިއްލަ އެދުމާއި، ދުނިޔޭގެ އުފަލަށްޓަކައި އާޚިރަށް ގެއްލުވައި ނުލައި މީހުންނެވެ. ތިމާގެ އަޚާއާއިމެދު ހެޔޮކޮށްހިތައި މީހުންނެވެ. އަނެއް އަޚާއާއިމެދު ދޮގު ވާހަކަ ނުދައްކައި މީހުންނެވެ. އަނެކާގެ އަބުރަށް ރައްކާތެރިވާ މީހުންނެވެ. އަނެކާއާއިމެދު ހެޔޮކޮށް މުޢާމަލާތުކުރާ މީހުންނެވެ.

 

ނޯޓް: މިލިޔުން ވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ނެރުނު 'ހިދާޔަތުގެ އަލި' މަޖައްލާގައި ޝާއިޢުކޮށްފައެވެ. ޒީޓައިމްސްގައި އަލުން މިލިޔުން ޝާއިޢުކުރުމުގެ ބޭނުމަކީ ކިޔުންތެރިންނަށް މުހިންމު މައުލޫމާތު ތަކެއް ގެނެސްދިނުމެވެ. 

+1
0
+1
0
+1
3
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް