މާލެސިޓީ ކައުންސިލުގެ ތަރުޖަމާނު އަދި ނޫސްވެރިޔާ މަރްޔަމް ޝިއުނާ (ނަންނަ) އަކީ ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރި ޒުވާނެކެވެ. މިދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހަކީ ދިރިއުޅުމަށް ބޮޑު ބަދަލެއްގެނުވި އެކްސިޑެންޓް ހިނގި ދުވަހެވެ. އެދުވަހު އޮފީހުގަ ހުރެފަ ހުޅުމާލެ ދިއުމަށް ސައިކަލުގައި ޝިއުނާ ދިޔައީ ޗައިނާ އެމްބަސީ ގޯޅިން ބޭރުމަގަށް ނުކުތުމަށެވެ.
އެކްސިޑެންޓް ވީ ކިހިނެއް؟
" ގޯޅި އަޅާއިރު ސީދާ ނީދެދާނެ ލޭނުގަ. އެކްސިޑެންޓުގެ ސީސީޓީވީ ފުޓޭޖު ބެލީމަ އެނގޭނީ ކާކުގެ މައްސަލައެއްކަން. ފަހަތުން އައި ކާރެއް ކުރިއަށް އަރައިގެން އޭގަ މިޖެހުނީ. ވަރަށް ބާރަކަށް ނޫން އަޅުގަނޑު ދުއްވީ. ގޯޅިން އަޅާއިރު އެވަރަށް ނުވެސް ދުއްވޭނެއްނު. ސައިކަލު ދުއްވާތާ 7 އަހަރު ވަރުވީ. މިއީ ފުރަތަމަ އެކްސިޑެންޓް" ޝިއުނާ ކިޔައިދިނެވެ.
މި އެކްސިޑެންޓްގައި ކާރަށް ބޮޑު ގެއްލުމެއް ލިބިފަހުރިކަން ފޮޓޯއިން ވަނީ ފެނިފައެވެ. ޝިއުނާ ވަނީ ވަރަށް ތަފްސީލުކޮށް ކަންހިނގި ގޮތް 'ޒީޓައިމްސް' އަށް ކިޔައިދީފައެވެ.
" ވެއްޓި ޖެހުނީމަ ކާރު ކުރިއަށް ދުއްވާލިކަން އެނގޭ. ދެން ވީގޮތެއް ނޭނގޭ. ކުޑަކޮށް ބޯއެނބުރި އެކަމަކު ހޭހުރި. ކާރަށް ވެފަހުރި ގެއްލުން ފެނުނު. އެއީ ޓެކްސީއެއް. ފަހަތަށް ގެއްލުން ލިބިފަހުރީ، އެތަނުން އައި މީހުންތަކެއް އަޅުގަނޑު ނަގާފަ ބުނި ކޮންތާކަށްހޭ ގެންދަންވީ. ޕީޕީއެމް އޮފީސް ދޮރު ފެންނާތީ ދައްކާފަ ބުނިން އެތަނަށް ވަންނާށޭ. އެތާގަ އުޅޭނެތާ މީޑިއާގަ އުޅުނީމަވެސް ދަންނަ މީހުން. މަންމަވެސް މަސައްކަތްކުރަން ދާތަނެއްވީމަ މަންމައަށްވެސް އަވަހަށް އަންގާނެތީ އެތަން ދެއްކީ. އެތަނަށް ވެއްދިއިރު ބުނިން ވަރަށް ބޮޑަށް އުނަގަނޑަށް ގޮތެއްވެއޭ. އުނަގަނޑު ކަންނޭގޭ ފަޅައިގެންގޮސް ހުރީ. ދެން އަންހެންކުއްޖަކު ބަލާފަ ބުނި ވަރަށްބޮޑަށް ރަތްވެފަ ހުރިކަމަށް".
މަންޒަރު ދުށް މީހުންނާ ހަވާލާދީ ޝިއުނާ ބުނީ ޕީޕީއެމް އޮފީހަށް އޭނާ ވެއްދިއިރު އެކްސިޑެންޓްވި ޓެކްސީ މަޑުކޮށްގެން އޮތް ކަމަށެވެ. އަދި ފުލުހަކު އެޓެކްސީ ޑްރައިވަރާ ވާހަކަދައްކަން ހުރިކަމަށެވެ. އެކަމަކު ހޮސްޕިޓަލަށް ގެންދިއުމަށް އެ އޮފީހުން ނެރުނުއިރު ފުލުހެއްވެސް ޓެކްސީއެއްވެސް ފެންނަން ނެތް ކަމަށެވެ.
" މިބަލަނީ ސީސީޓީވީ އަށް އަރާފަ ހުންނާނެކަމަށް. މެންދުރުގަޑީގަ ވަރަށް ސާފުކޮށް ފެންނާނެ ވީޑިއޯއިން ވެސް. އެސީނަކަށް އަޅުގަނޑަކަށް އެޓެންޑް ނުވޭ ފުލުހެއް. ޗެކްޕޯސްޓްގަ އިން ފުލުހެއް. އެތާގަ އިން ފުލުސްމީހާގެ ޒިންމާއަކީ 24 ގަޑިއިރު އެތާގަ އިނުން ކަމުގަވިއަސް ޓޯކީއިން ވެސް ގޮވާލެވޭނެ ޓްރެފިކް ޕޮލިހަށް. މިތާގަ އެކްސިޑެންޓެއް ހިނގައިފިކަމާއި އަނިޔާވިކަން. އެންމެބޮޑު ކަންބޮޑުވުމަކީ ފުލުހުން އެޓެންޑްނުވުން. އާންމުމީހަކު އެކްސިޑެންޓްގަ އަނިޔާލިބޭ މީހާ އުފުލާގޮތުން އިތުރަށް އަނިޔާވެދާނެ. އެކަމަކު ފުލުހެއްވިއްޔާ އެނގޭނެތާ އެކްސިޑެންޓްތަކުގަ އަނިޔާވާމީހާ ނަގާނެގޮތް".
މައްސަލަ ބަލަން ފެށުން
އެއަށްފަހު ޝިއުނާ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. ހުޅުމާލެ ހޮސްޕިޓަލަށް ވެއްދުމުން ކުލަހެދުމުގަ ހުރި ފުލުހަކު އައިސް އޭނާގެ މަންމައާއި ސުވާލު ކުރިކަމަށާއި އެކަމަކު އެއިރު އޭނާގެ ބަޔާން ނުނަގާކަމަށް ވަނީ ބުނެފައެވެ. އެކްސިޑެންޓް ހިނގިތާ 8 ވަނަ ދުވަހު ހޮސްޕިޓަލަށް ފުލުހުން އައިސް ޝިއުނާ އާއި ބައްދަލުކޮށް މައްސަލަ ބަލަމުންދާކަމަށް މައުލޫމާތު ދީފައިވާކަމަށް ވަނީ ބުނެފައެވެ. އަދި އެކްސިޑެންޓްގެ މައްސަލަ ބަލަން ފެށީ، ރަސްމީކޮށް މައްސަލަ ހުށަހަޅައިގެން ސައުވީސް ގަޑިއިރު ވީއިރުވެސް މައްސަލަ ފައިލްކޮށްފަ ނެތުމުން، ނުރަސްމީކޮށް ފުލުހުންގެ މީހަކަށް ގުޅައިގެން ކުރި މަސައްކަތުން ކަމަށް ވަނީ ފާހަގަކޮށްފައެވެ.
މިއެކްސިޑެންޓްގެ ތަހުގީގު ކުރިއަށްދާގޮތާއި ގުޅޭގޮތުން 'ޒީޓައިމްސް' އިން ފުލުހުންގެ މީޑިއާ އޮފިޝަލަށް ސުވާލު ދެންނެވުމުން ވިދާޅުވީ، މިމައްސަލަ ފުލުހުންނަށް ހުށަހަޅައިފައިވާ ކަމަށާއި، މިމައްސަލައާއި ގުޅިގެން އެ ސަރަހައްދުގެ ސީސީޓީވީ ކެމެރާ ވީޑިއޯތައް ބެލުމުން އެކްސިޑެންޓްވި ކާރު ދެނެގަނެވިފައިވާ ކަމަށެވެ. އަދި 33 އަހަރުގެ އަންހެނަކަށް އަނިޔާވެ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށާއި، މިމައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.
ހުޅުމާލެ ހޮސްޕިޓަލަށް ބޮޑު ތުހުމަތެއް
"އެޑްމިޓްކޮށްފަ އެކްސްރޭ ނެގީ ހުޅުމާލޭ ހޮސްޕިޓަލުން. ޑޮކްޓަރ ބުނި އަޅުގަނޑުގެ މައިބަދައިގަ އެބައިނޭ ރެނދެއްލާފަ. އެރެނދު ބެދޭނޭއޭ އޭގެ ޒާތުގަ. އެކަމަކު ހަރަކާތް ނުކުރަން ބުނެފައޮތީ. އަދި ފާޚާނާ އަށް ދާންވެސް އެނދުމަތީގައޭ އޮންނަންޖެހޭނީ ޑޮކްޓަރު ބުނީ. އެހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންގެ ކޮމިއުނިކޭޝަން އެރަރ އެއް ދިމާވީ".
އެޑްމިޓްކޮށްފަ އޮއްވާ ފާޚާނާ އަށް ދާންޖެހުނުކަމުގެ އިހުސާސް ކުރެވުނުކަމަށް ވަނީ ބުނެފައެވެ.
" އެކްސްރޭ އަށް ވެއްދިއިރު ނުހިނގުނަސް ދެފައިމައްޗަށް ކޮޅަށް ހުރިން މީހުންގެ އެހީއާއެކު. ޑޮކްޓަރ ހަރަކާތްކުރަން މަނާކޮށްފައޮއްވާ ނަރުހުން އައިސް ބުނީ ތިމަންނަމެން މިޖަހަނީއޭ ޕެއިންކިލަރ. އެޖެހީމަ އޭގެ އެހީގަ ތަދުކެނޑިފަހުރި ގަޑީގަ ހިނގާފަ ދާށޭ ފާޚާނާއަށް. އަޅުގަނޑު ބުނިން އަޅުގަނޑަކަށް ނުހިނގެއޭ. އެއިރު އަޑުން އަޑުނަގާފަ ރުއިން ތަދުވާތީ. ރޯތީވެ އެހީތެރިންގެ އެހީތެރިކަމާއެކު ނަރުހުން އަޅުގަނޑު އެރުވީ ވީލްޗެއަރ އަށް. ވީލްޗެއަރ އިން ނަގާފަ ފާޚާނާ ތަށި މަތީގަ ބޭންދީ ހަމަ ރޮއެރޮއެހުއްޓާ. ފާޚާނާ އަށް ނުދެވުނު ތަދުވާތީ.. ދެން އަނެއްކާ ނަގާފަ ބޭންދީ އެއްކަލަ ގޮނޑީގަ. ދެން ގެނެސް އެނދަށް ލީ. އެގޮތަށް 3 ފަހަރު ފާޚާނާއަށް ގެންދިޔަ އެރޭ". ޝިއުނާ ކިޔައިދިނެވެ.
ފާޚާނާ އިން ގެނެސް އެނދުގަ ބާއްވާފަ އޮއްވާ އިރުކޮޅަކުން އުނގަނޑުން ތިރީގެ އިހުސާސް ކެނޑުނުކަމަށް ވަނީ ބުނެފައެވެ. ހާސްވިވަރުން ޑޮކްޓަރަށް ގުޅައިގެން ގެނެސް ވީގޮތް ހިއްސާކުރިކަމަށް ވަނީ ބުނެފައެވެ.
" ފާޚާނާ އަށް ގެންދިޔަފަހުން ވައަތުފައިގެ ޙިއްސު ދިޔައީ. މިއޮތް ހާލަތުގަ މިހާރު ނޭގޭ ފާޚާނާއަށް ދެވުނަސް ނުދެވުނަސް. އެއްވެސް ވަރަކަށް ވައަތުފައި ހަރަކާތް ނުކުރޭ. ޑޮކްޓަރ ވަރަށް ކަންބޮޑުވެފަ ބުނީ ކާކުހޭ ނެގީ އެނދުން. އަޅުގަނޑު ބުނިން ނަރުހުންނޭ. ވިދާޅުވިއޭ ޑޮކްޓަރުގެ އިރުޝާދާއެއްގޮތަށޭ. ޑޮކްޓަރ ވަރަށް ހިތްހަމަނުޖެހިފަ ދިޔައީ. ނަރުހުންގެ ކޯޑިނޭޓަރ އައިސް ވަކިން އަޅުގަނޑާއި ބައްދަލުކޮށްފަ ކަންބޮޑުވެ ވާހަކަދެއްކި. އަޅުގަނޑުގެ އެހީތެރިން މައްސަލަޖެއްސި".
ހުޅުމާލެ ހޮސްޕިޓަލުން އިހުމާލުވެފަވާކަމަށް ޝިއުނާ ބުނެފަވާތީ މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދާލުމަށް 'ޒީޓައިމްސް' އިން ގުޅުމުން ހުޅުމާލެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިތުރު މައުލޫމާތު ސާފުކުރުމަށްފަހު ގުޅާނެކަމަށެވެ. ރިޕޯޓް ޝާއިޢުކުރުމާ ހަމައަށް ހޮސްޕިޓަލުން މައުލޫމާތު ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް ހުޅުމާލެ ހޮސްޕިޓަލުން ބަލިމީހާއަށް ދީފައިވާ ލިޔުމުގައި ނަރުހުން ބުނެގެން ފާޚާނާ އަށް ބަލިމީހާ ގެންދިޔަކަން ފާހަގަކޮށްފައިވެއެވެ. އަދި މައިބަދައިގެ އޮޕަރޭޝަނެއް ކުރުމަށް އިރުޝާދު ދީފައިވެއެވެ.
އެކްސިޑެންޓަށްފަހު ހުޅުމާލޭ ހޮސްޕިޓަލުގަ 1 ދުވަހު ފަރުވާ ހޯދިއިރު މިދިމާވި މައްސަލައިގެ ސަބަބުން އާއިލާއިން ބޭނުންވެގެން ޝިއުނާ ގެންދިޔައީ ޓްރީޓޮޕް ހޮސްޕިޓަލަށެވެ. ޓްރީޓޮޕްގަ ފަރުވާދޭތާ މިއަދު މިއީ 8 ވަނަ ދުވަހެވެ. އަވަސް ފަރުވާއެއް ލިބޭތޯ ރާއްޖެއިން ބޭރަށް ޝިއުނާ ގެންދިއުމަށް އާއިލާއިން ދަނީ މަސައްކަތްކުރަމުންނެވެ. ސްޓްރެޗަރގަ ގެންދަން ޖެހޭތީ ފުލައިޓުން ޖާގަ ލިބުނީ މިމަހުގެ 7 ވަނަ ދުވަހަށް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ބޭސްފަރުވާ އަށް އެހީތެރިކަމަށް އެދި އާސަންދަ އަދި އެންސްޕާއަށް ހުށަހަޅައިފައިވީ ކަމުގަވިއަސް އަދި އެހީތެރިކަން ހަމަނުޖެހޭ ކަމަށް ޝިއުނާ ވަނީ ބުނެފައެވެ.
ލިބުނު ގެއްލުން
" ޖުލައި 26 ވަނަ ދުވަހުގެރޭ ޓްރީޓޮޕަށް ގެނައީ. ހުޅުމާލެ ހޮސްޕިޓަލުން ބެލި ޑޮކްޓަރ ބުނަނީ މޫވްކުރުމުގެ ތެރޭގަ ގެއްލުން ލިބުނުތަން ފުޅާވެފަވެސް ހުރެދާނޭ. ނާރު ހަލާކުވެގެން ލޭ އެޅިފަވެސް ހުރެދާނޭ. ފިޒިއޮތެރަޕީވެސް ދެމުން ދަނީ. އިލެކްޓްރިކް ޝޮކް ދީގެން ނާރުގެ ޓެސްޓްހެދިއިރުވެސް ވައަތުފައި މައްޗަށް ނާރާ. އެކަމަކު ކަނައަތުފައިގެ ތަދު ކުޑަކޮށް އިހުސާސްވޭ". ހޮސްޕިޓަލުގައި އޮވެ އިންޓަވިއު ދެމުން ޝިއުނާ ކިޔައިދިނެވެ.
ޓްރީޓޮޕްގެ ޑޮކްޓަރުންނާއި ހަވާލާދީ ޝިއުނާ ބުނީ ވައަތުފައިގެ ފަލަމަސްގަނޑުގެ ނާރުތަކާއި މަސްގަނޑުގެ ބާރު ގޮސްފައިވާކަމަށާއި، ހިނގޭނެ ކަމުގެ އުންމީދު ޑޮކްޓަރުން ކަނޑާނުލާ ކަމަށެވެ. އެހެންނަމަވެސް ހިނގޭނެ ދުވަހެއް ނޭނގޭކަމަށް ޑޮކްޓަރުން ބުނެފައިވާކަމަށެވެ.
އެކަނިވެރިމައެއް
ޝިއުނާގެ އެންމެ ބޮޑު ހިތާމައަކީ އެކްސިޑެންޓަށްފަހު ހިނގޭނެ ދުވަހެއް ނޭގި ބަލިއެނދުގައި އޮންނަންޖެހި ދަރިފުޅަށް ބޭނުންވާ އަޅާލުމާއި ލޯބި ނުދެވުމެވެ.
" އަޅުގަނޑު ބޭނުމެއް ނޫން ދިގުމުއްދަތަކަށް އެނދުމަތިވެފަ އޮންނަން. ޒިންމާދާރު މަގާމެއްގަ ހުރި މީހެއް އަޅުގަނޑަކީ. މީޑިއާގަވެސް ހަރަކާތްތެރިކޮށް އުޅޭ. ދަރިފުޅުގެ ހުރިހާ ޒިންމާއެއް އަމިއްލައަށް ނަގާ އެކަނިވެރިމައެއް. ދަރިފުޅަށް 8 އަހަރު. ބޭނުމެއް ނުވާނެތާ ބަލިއެނދުގަ މިހެން އޮންނަން. ދަރިފުޅު އެބޮޑުވަނީ އަޅުގަނޑު ކައިރީގަހުރެ. އަޅުގަނޑު އޮފީހަށް ދާއިރު ދަރިފުޅުބެލީ މަންމަ. އެހެންވެ މަންމައާއި މާމަ ނެތީމަ ދަރިފުޅު ކިހާ ދެރަވާނެ. މަންމަ ފަރާތުގެ ބޮޑުދައިތަ ވަރަށް ލޯބިން މިވަގުތު ދަރިފުޅު ބެލިއަސް އަޅުގަނޑު ދޭގޮތަކަށް ދަރިފުޅަށް ބޭނުންވާ ލޯތްބާއި އަޅާލުން އާއިލާ މީހުންނަށް ނުދެވޭނެތާ. އެއީ ވަރަށްބޮޑު ކަންބޮޑުވުމެއް".
އެދެނީ ހެޔޮ ދުޢާއަށް
ޝިއުނާގެ އުންމީދަކީ އޭނާއަށް ހިނގޭނެ ދުވަހެއް މާތް ﷲ ގެ އިރާދަފުޅުން ވީހާވެސް އަވަހަކަށް މެދުވެރިކުރެއްވުމެވެ. އަދި އެދެނީ ކޮންމެ މީހެއްގެ ކުށަކުން ހިނގި އެކްސިޑެންޓެއްވިއަސް އެކްސިޑެންޓް ހިނގިގޮތް ފުލުހުން ބަލައިދިނުމަށްފަހު ހާމަކޮށްދިނުމަށެވެ.
އިންޓަވިއު ނިންމާލަމުން ވަނީ އެއްވެސް މީހަކަށް ހިތްބުރަކަމެއް ނެތް ކަމަށާއި، އަވަސް ޝިފާއެއް މިންވަރު ކުރައްވާތޯ ހެޔޮ ދުޢާ ކޮށްދިނުމަށް އެދިފައެވެ.
ނޯޓް: ޝިއުނާގެ ހާލަތާއި ގުޅޭގޮތުން ހުޅުމާލެ ހޮސްޕިޓަލު އަދި ޓްރީޓޮޕް ހޮސްޕިޓަލުގެ ލިޔުން ޒީޓައިމްސް އަށް ވަނީ ލިބިފައެވެ. އެހެންނަމަވެސް ބަލިމީހާގެ އެދުމުގެމަތިން އެލިޔުންތައް އާންމުނުކުރީ އެލިޔުމުގައި ބަލި ހާލަތާއި ގުޅޭގޮތުން ތަފްސީލީ މައުލޫމާތުތަކެއް ހިމެނޭތީއެވެ.
ޖުމްލަ 7 ކިޔުންތެރިންގެ ހިޔާލު
އަވަސް ޝިފާއެއް މިންވަރުކުރައްވާށި- އާމީން
avas shifa akah edhen
އަވަސް ށިފާއެއް މިންވަރު ކޮށް ދެއްވަވާދޭވެ އާމީން
Maaiy Allah ge rah’mathaa eku
Shiunaa ah he-yo shifaaeh minvaru kuravvaashi! Adhi Shiunaa ge gadha hivvaru ithuru kodhdhevvaashi! Shiunaa ah he-yo ufaaveri adhi barakaaththeri kamun furigenvaa musthaqubaleh dhevvaashi. Aameen!
ރާއްޖެއިން ބޭރު ކޮން ޤައުމަކަށް ގެންދަނީ؟
އަވަސް ޝިފާއެއް މިންވަރު ކުރައްވާށި. އާމީން
މާތް الله ޝިއުނާ އަށް ފުރިހަމަ ސިއްޙަތާއި ޢާފިޔަތުގެ ނިޢުމަތް މިންވަރުކުރައްވާދޭވެ! الله سبحانه وتعالي ޝިއުނާ ގެ ޢުމުރު ދިގުކުރައްވާ
ޢުމުރުގާ ބަރަކާތް ލައްވާނދޭވެ! امين
ކޮމެންޓްސް ބަންދުކުރެވިފައި